ދެމީހުންނަށް ބަލަން ފައްވާޒް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެވްލިންގެ މޫނުމަތިން ފެންނަން ހުރި އަސަރުތައް ދެނެގަންނާކަށް ފަސޭހައެއްނުވިއެވެ.
ހަދީޖާވެސް ވާނުވާ ނޭނގި ފައްވާޒްގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
ކިހިނެއްވީބާ؟ ހާއްސްވެފައި ހުރި ގޮތަކައް ފައްވާޒްއަށް ބުނެވުނެވެ.
ހީވަނީ އެވީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިހެން...، ވެދާނެ ވަރުބަލިވެފަ ހުރީކަމަށްވެސް..، ހަދީޖާ ބުނެލިއެވެ.
އެކަމަކު އެވީ އަށް ކޮންމެވެސް ކަމެއް ވެއްޖެ އެހެންނޫންނަމަ އޭނަ އަހަރެން ފެންނަން ހުއްޓަ އެހެން ނުދާނެ..، ފައްވާޒް ހާސްކަމާއެކު ބުނެލިއެވެ.
ދެން އެހާ ބޮޑަށް ނުވިސްނަވާ އެވީމެން ނިކުތީމަ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން އަހަރެންނަށް ފެންނަނީ..، ފައްވާޒް ހާސްވެފައި ހުރިވަރު ފެނުމުން ބުނެލިއެވެ.
ހަދީޖާ އެހެން ބުނެލުމުން ފައްވާޒްވެސް އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. އޭރުވެސް އެވްލިންއާއި ދޭތެރޭ އެކިގޮތްގޮތަށް ފައްވާޒްއަށް ވިސްނެނެނީއެވެ.
**
ކޮޓަރިތެރެއަށް ވެރިވެފައިވަނީ ނިދާ ބޮކީގެ ފަނޑު އަލި ކަމެވެ.ފަތިހުގެ ހަމަހިމޭން އެވަގުތު ހަލަބޮލި މާލެ ތެރެއިންވެސް ދުއްވާ އެއްޗެއްގެ އަޑު އިވެނީ މަދުފަހަރަކުއެވެ.
ގައިމަތީ އަޅާފައިވާ ބްލޭންކެޓް އެއްފަރާތްކޮއްލަމުން ތެދުވެ އުޅާހަށް ދެމިލައި ފާހާނާއާއި ދިމާއަށް ހިނގައިގަތެވެ.
މިއަދަކީ ތަމަންގެ ހަޔާތުގައިވެސް އަންނާނެ ބޮޑު ދުވަހެއްކަމުން އެކަމާ ވިސްނި ރޭގައި ނިދުނީވެސް އެހާ ލަހުންނެއެވެ.
ފާހާނާއަށް ވަދެ ނިކުމެ ތަމަން ފަތިސްނަމާދު ކޮށް ނިމުމުން މުސައްލަމަތީ އިނދެ ދެއަތް އުފުލާލީ އޭނަ ހެއްދެފަރާތައް ދުއާ ދެއްނެވުމަށްޓަކައެވެ.
ލޯބިވާ ދޮންތައަށް ފުރިހަމަ ސިއްހަތެއްދެއްވައި ދިރިއުޅުމަށް އައިސްފައިވާ އަދިރިކަން ފިއްލަވާ އުވާވެރި ދުވަސްތަކެއް މިންވަރު ކުރެވުމަށް އެދި ދުއާ ކުރެވުނު އިރު ތަމަންގެ ދެލޮލުން ކަރުނަ ނިރާލައިފިއެވެ.
އެކަލާންގެއީ ހުރިހާ އަޅުންގެ ދުއާވެސް އިޖާބަ ކުރައްވާ ރަސްކަލާންގެއެވެ.
ދުނިޔެ އެކި ދުވަހު ދައްކާނީ އެކި ކުލައެވެ. ކަޅު އަދިރި ދުވަސްތަކަކަށްފަހު އުޖާލާ ދުވަހެއް ދައްކަވާނެ ދުވަހެއްގެ އިންތިޒާރުގައި އެހިތްވަނީ ކެއްމަދުވެފައެވެ.
ދުއާ ކޮށް ނިމުމުން މޫނުގައި ދެއަތް ފިރުމާލުމަށްފަހު މުސައްލަ އޮޅާލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އޭރު ގަޑިން ފަސްގަޑި ސާޅީސް ފަހެއް ވެއްޖެއެވެ.
**
އާދުވަހަކައް އިރު ފެނުން ތޮޅިލީ މާކިންގެ ހިތުގެ ވިންދު އަވަސް ކުރުވަމުންނެވެ. މިއަދަކީ މާކިންގެ ހަޔާތުގައިވެސް ބޮޑު ދުވަހެކެވެ. އެތައް އަހަރަކު އިންތިޒާރު ކުރަމުން އައި ކަންތަކަށް ނިމުމެން ގެންނަން އެހިތްވަނީ ކެންމަދުވެފައެވެ.
ފެންވަރާލައިގެން ފާހާނައިން ނިކުތްގޮތަކައް ޓީޝާޓް ބޮލުން ވައްޓާލަމުން މާކިން ކޮޓަރިން ނިކުންނަން ހިނގައިގަތީ އަވަހަށް ތަމަންގެ ގާތަށް ދިއުމަށެވެ.
މާކް!! އަވަސް އަރުވާލާފައި ގޭން ނިކުންނަން ދިޔަ މާކިން ފެނުމުން ތާރާ ގޮވާލިއެވެ.
ކޮންތާކަށް ހާދަ ހެދުނަކާ .. މިއަދު އޮފީހަށް ނުދާ ދުވަހެއްތަ؟..، ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރެ މާކިން ގޭދޮރުން ނިކުންނަތަން ފެނި ތާރާ ބުނެލިއެވެ.
މިއަދު ސާޖެރީ ހަދަންދާންޖެހޭތީ އޮފީހަށް ނުދަން..، މާކިން ތާރާއާއި ދިމާލައް އެނބުރިލަމުން ބުނެލިއެވެ.
ދެން ކޮންތާކައް މިހާ ހެދުނާ ތިދަނީ ..، އާދޭ ކޮފީ ބޮއިގެންދާން ތިދާތާކަށް..،، ތާރާ އެހެން ބުނެލުމުން މާކިން ތާރާގެ ފަހަތުން ކާބަޔާ ދިމާއަށް ހިނގައިގަތެވެ.
ޑޮކްޓަރާ ބައްދަލު ކޮށްލަން ދާން މިއުޅުނީ..، މާކިން ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.
އެހެންތަ؟..،މާކް!! އަހަރެން ވަރަށް ބިރުގަނޭ..، ވަރަށް ހިތްތެޅޭ..، ތާރާ މާކިން ކައިރީ އިން ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.
ކީއްވެ..، މީ އެހާ ބޮޑުކަމެއްނޫނޭ..، ވަރަށް ކުޑަ ކުޑަ ކަމެއް..، އަހަރެންގެ ބޭބީ އެހާ ފިނޑިއެއްނުވާނެ..،އަހަރެން މިހާރު ބޭނުންވަނީ ބޭބީ އަވަހަށް ރަގަޅުވާން..، އެދުވަހަކުން އަހަރެން ހާދަ އުފާވާނޭ.، އަބަދު ތިގޮތަށް ބަލިވެ އުޅޭތީ އަހަރެން ހާދަ ދެރަވޭ..، މާކިން ތާރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
އަހަރެންވެސް ބޭނުން ރަގަޅުވާން..، މިހާރު އަހަރެންނަށް ރިމީއާއިވެސް ގިނަފަހަރު އަޅާނުލެވޭ..، މާކް ކަހަލަ މީހެއް އަހަރެންނަށް ލިބުނުކަން އެއީ އަހަރެންގެ ނަސީބު ..، ތާރާ ބުނެލިއެވެ.
ދެން އެހާ ބޮޑަށް ނުވިސްނާ ..، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަގަޅުވާނެ..، މާކިން ތާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ތާރާއާއި މާކިން ވާހަކާގައި ތިއްބައި ރިމީ ލޯ އުގުޅަމުން އައިސް ކާގެބައިގެ ދޮރުމަތީ ހުއްޓިލިއެވެ.
މަންމީ..، ރޮވޭ ކަހަލަ އަޑަކުން ތާރާ ފެނުމުން ރިމީ ގޮވާލިއެވެ.
އެއީ އަބަދުވެސް ރިމީގެ އާދައެވެ. ދުވާލުގަޑީ މަޖާކޮއްފައި ގޭތެރޭގައި އުޅުނަސް ހޭލާގަޑިގައި އަބަދުވެސް އޭނަގެ ކައިރީ ތާރާ ހުންނަން ޖެހޭނެއެވެ.
ރިމީ ތާރާއަށް ގޮވާލުމުން ތާރާ ގޮނޑިން ތެދުވަން އުޅުން ވަގުތު މާކިން ތާރާގެ އަތުގައި ހިފަހައްޓަމުން ތެދުވެ ރިމީއާއި ދިމާއަށް ހިނގައިގަތެވެ.
ޑެޑީގެ ޕްރިންސެސް އަވަހައް އާދޭ މިލްކް ތަށި ބޯލަން..، މާކިންއައިސް ރިމީ އުރާލަމުން އެހެން ބުނެ ތާރާއާއި ދިމާއަށް ހިނގައިގަތެވެ.
މާކިން އެހެން ބުނުމުން ތާރާ ގޮނޑިން ތެދުވެ ރިމީގެ މިލްކްތަށި ހަދާލާފައި ދިއްކޮލުމުން ވަރަށް ފަސޭހައިން ތަށީގައި ހިފާ ބޯންފެށިއެވެ.
ކުޑައިރުކޮޅަކުން ހުސްތަށި މޭޒްމަތީ ބަހައްޓަމުން ހިނިއައިސް މާކިންގެ މޫނަށް ރިމީ ބަލާލިއެވެ.
ހިނގާ އަވަހަށް ޑެޑިއާއި އެކު ފެންވަރަންދާން..، މާކިން އެހެން ބުނެލުމުން ރިމީ ދެއަތުން މާކިންގެ ކަރުގައި ވަށާލިއެވެ.
އެންމެ ކުޑައިރުން ފެށިގެންވެސް ރިމީއަކީ ކަންކަމުގައި މާބޮޑާހާކާ ކުއްޖަކަށް ނުވާކަން ވެސް އެއީ މާކިންގެ ނަސީބެވެ.
މަންމިވެސް އާދޭ..، މާކިން ރިމީ އުރާލައިގެން ތެދުވުމުން ތާރާއަށް ބަލައިލަމުން ބުނެލިއެވެ.
ރިމީ އެހެން ބުނެލުމުން ތާރާވެސް އެމީހުންނާއި އެކު ހިނގައިގަތްއިރު ރިމީގެ އެއްއަތުން ހުރީ ތާރާގެ ކަރުގައި އަޅުވާލާފައެވެ.
ކުޑަވަގުތުކޮޅެއް ކޮޓަރީ މަޑޫކޮއްލުމަށްފަހު ތާރާ ގާތު ބުނެލުމައްފަހު މާކިން ގޭން ނިކުންނަން ހިނގައިގަތެވެ.
ތަމަން އުޅޭ އެޕާޓްމެންޓާއި ހިސާބަށް ދެވުމުން ބޭރުގައި އިން ބެލްއަށް މާކިން ފިތާލާފައި ކުޑައިރުކޮޅަކު މަޑުކޮށްލިއވެ. އެތެރެއިން ތަމަން ދޮރު ހުޅުވުމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
އަހަރެން މިއަދު އެއްވެސް ޕޭޝަންޓެއް ނުބަލާ ގޮތަށް ހަމަޖައްސާފަ އިންނާނީ..، އެއްވެސް ކަމަކަށްވުރެ އަހަރެންނައް މިކަން މުހިންމު..، މިހާރު އަހަރެން މިދަނީ އެކޮޅުން ހުރިހާ ކަމެއް ހަމަޖައްސަން ..، ގަޑިއަށް ދޮންތަބޭ ދޮންތަ ގޮވައިގެން އަންނާތި..،އިސްތަށިގަނޑުގައި ފުނާ އަޅަން ހުރެ ފަހަތުން ކޮޓަރިއަށް ވަދުން މާކިންއަށް ތަމަން ބުނެލިއެވެ.
ތަމީ..،!! މާކިން ތަމަންއަށް ގޮވާލުމުން ތަމަން ފަސް އެބުރި ބަލާލިއެވެ. އެވަގުތު މާކިންގެ މޫނުފެނުމުން ތަމަންއަށް މާކިން އެއިނީ އެކަމާ ހާސްވެފަކަން ނަގައިގަނެވުނެވެ.
ދޮންތަބޭ..، އަހަރެން އިރާދަ ކުރެއްވއްޔާ ދޮންތައަށް ދެރަގޮތެއް ވިޔަކަ ނުދޭނަން ..، އެހެންވެ އަހަރެން މިސާޖެރީ ހަދުވަން އެހެން ޑޮކްޓަރަކާ ހަވާލް ނުކުރީވެސް ..، އަހަރެން އަހަރެންގެ ދޮންތައަށް ބަލާވަރަށް އެހެން މީހަކު ނުބަލާނެ.. އިރާދަ ކުރެއްވިއްޔާ އަހަރެން މިކަން ރަގަޅުކުރާނަން ..،ތަމަން އެހެން ބުނެލުމުން މާކިންގެ ހިތަށްވެސް ކުޑަނަމަވެސް ހަމަ ޖެހުމެއް ލިބުނެވެ.
**
ރޭގައި އައި ގޮތައް އަނެއްދުވަހު ދިހައެއް ޖެހި އިރުވެސް އެވްލިންއާއި ނާއިކްގެ ހަބަރެއްނުވުމުން ފައްވާޒްއަށް އިތުރަށް ކެތްވާ ގޮތެއްނުވިއެވެ.
އަނެއްކާ އެވީއަށް ކަމެއްވީބާވައެވެ. އެކި ވިސްނުމުގައި ހުރެ ފައްވާޒް އެކޮޓަރިއާއި ދިމާއަށް ހިނގައިގަތް ވަގުތު އެވްލިން ކޮޓަރިން ނިކުމެގެން އަންނާތީ ފެނުމުން ހުރި ފިޔަވަޅުމަތީގައި މަޑުކޮއްލިއެވެ.
ދުޅަވެފައިވާ ދެލޮލާއި ރަތްވެފައި ހުރި ނޭފަތުން އެވްލިން ކޮންމެސް ކަމަކާއި ރޮއިފައި ހުރިކަން ސިއްރެއްނުވިއެވެ
ދަރިފުޅާ ކިހިނެތްވީ؟ ދަރިފުޅު ބަލީތަ؟ ކީއްވެ އެހާ އަވަހަށް ތިއައީ ؟ އެވްލިންއަށް ވެފައި ހުރި ގޮތް ފެނުމުން ފައްވާޒް އެއްފަހަރާ އެތައް ސުވާލެއް ކުރަން ފެށިއެވެ.
ބައްޕާ..!! އެވްލިން އަސަރުން ފުރިގެންވީ އަޑަކުން އެހެން ބުނެލުމަށްފަހު ފައްވާޒްއާއި ގާތަށް ހިނގައިގަތެވެ.
އެވީ!! އެވްލިންގެ އެހަރަކާތް ފެނުމުން ފަހަތުން އައި ނާއިކްއަށް ބޭއިހްތިޔާރުގައި އެވްލިންއަށް ގޮވާލެވުނީ އެކަންކަން ބައްޕައާއި ހިސާބަށް ނުގެންދާނަމޭ ބުނެ އެވީ އެކަން ސިއްރުކުރަން ނޫޅުމުންނެވެ.
ނާއިކް އެހެން ގޮވާލުމުން އެވްލިން ނާއިކްއަށް ފުރަގަސްދީގެން ހުރެ އަތްހިތްލާލީ އެއްވެސް އެއްޗެއް އަޑުއަހަން ބޭނުންނުވާ ކަހަލަ ގޮތަކަށެވެ.
އަހަރެންނައް އެނގޭ ބައްޕަ އަހަރެންދެކެ ލޯބިވާވަރު..، އެކަމަކު ބައްޕާ ..، ކީއްވެ ބައްޕައަށް އެނގި ހުރެ މިގޮތަށް ކަންތައް ކުރީ ...، ބައްޕައަށް އެނގެއެއްނު ނާއިކް އަހަރެންދެކެ ލޯބިނުވާކަން ..، ނާއިކް ލޯބިވަނީ އެހެން މީހެއް ދެކެކަން..، އެދުވަހު އަހަރެންގާތު ތެދަށް ބުނިނަމަ އަހަރެން އެއްވެސް ޝަކުވާއެއް ނުކުރީމުހޭ..،
އެކަމަކު މިއަދު ..، އެވްލިން އެހެން ބުނެ ހުއްޓާލީ ގިސްލެވެން ފެށުމުންނެވެ.
ނޫނޭ ދަރިފުޅާ ތިހެން ނުބުނޭ ..، އަބަދުވެސް ނިކް ލޯބިވަނީ ދަރިފުޅުދެކެ..، ތިކަހަލަ އެއްޗެހި ހިތަށް ނާރުވާ ..، އެވްލިންއާއި ގާތަށް ޖެހިލަމުން ފައްވާޒް ވަރަށް ހާސްވެފައި ބުނެލިއެވެ.
ދޯ ދަރިފުޅާ ބުނޭ އެވީދެކެ ދަރިފުޅު ލޯބިވެޔޭ..،އެވީ މިގޭން ދިޔަ ނުދެއްޗޭ ދަރިފުޅާ..،ފައްޒާޒް މޮޔަވެފައިވާ މީހެއްހެން އައިސް ނާއިކްގެ އަތުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ.
ދެން އަހަރެން ބޭނުމެއްނޫން ނާއިކްގެ އަނގައިން އެއްވެސް ވާހަކައެއް އަޑުއަހާކައް..، ދެން އަހަރެން ނާއިކްއާއި އެކު އުޅޭކަށްބޭނުމެއްނޫން..، އެދުވަހުވެސް އަހަރެންނަށް އެއަޑު ނީވުންނަމަ އަހަރެން މުޅި އުމުރުގައިވެސް ހުންނާނީ މިގޮތަށް ވާނުވާނޭގި..، އަހަރެން ދެން މިދަނީ..، ދެދުވަސް ތެރޭ އަހަރެން ވަރިވާން ފޯމް ލާނަން ..، އެވްލިން އެހެން ބުނެލުމުން ފައްވާޒްއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެންހެންނެވެ.
ނޫނޭ ދަރިފުޅާ ..، ތިހެން ހެދީމަ ބައްޕަވެސް ކިހާ އެކަނިވާނެ..، ފައްވާޒް ހާސްވެފަ ހުރިވަރުން ބުނެލިއެވެ.
ބައްޕާ އަހަރެން ބައްޕަ ދެކެ އަބަދުވެސް ލޯބިވީ އަހަރެންގެ އުފަން ބައްޕަދެކެވާ ލޯބި..، އެއީ ތީ ނާއިކްގެ ބައްޕައަށް ވީތީކީ ނޫން ..، އަހަރެން ނާއިކްގެ ކައިރިން ވަރިވިޔަސް އަހަރެން ބައްޕަ ކައިރިއަށް އަންނާނަން ..، ބައްޕަ އަހަރެންނަށް ކަމެއް ކޮއްދީބަލަ..، އެވްލިން ގިސްލަމުން ބުނެލިއެވެ.
ބުނޭ ދަރިފުޅާ..، އަވަހަށްބުނޭ..، ދަރިފުޅު ބުނާ ކޮންމެ ކަމެއް ބައްޕަ ކުރާނަން ..،ފައްވާޒް އަވަސް އަވަހަށް ބުނެ؛ލިއެވެ.
ބައްޕަ އަހަރެންނަށްކަމެއް ކޮއްދެންޏާ މިކަމުގައި ނާއިކް ދެކެ ރުޅި ނާންނާތި..، ނާއިކް ބޭނުންވާ ކުއްޖާއާއި އިންނަން ބައްޕަ ނުގަބޫލް ނުވާތި..، އެވްލިން ފައްވާޒްގެ ދެއަތުގައި ހިފާލަމުން އެހެން ބުނެލި އިރުވެސް އެދެލޮލުން ކަރުނައާދެއެވެ.
ނުނިމޭ .
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް