ރަސްމާލެ މަޝްރޫޢާ ގުޅޭ ދޮގު ނުފެތުރުމަށް ހޯމް މިނިސްޓަރު އިލްތިމާސްކުރައްވައިފި

16 Oct 2026 | 16:59
ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ފަދައިން ދޮގު ވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން މިއަދު އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓަކީ ރަސްމާލެ މަޝްރޫޢުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ އެ މަޝްރޫޢު ހިންގާ ކުންފުނީގެ ޗެއާމަން އަލައްބާރުގެ އަމިއްލަ ސެކިއުރިޓީ ޓީމަށް ދީފައިވާ ކަމަށާއި، އެކަމަކީ ރާއްޖޭގެ އިސްލާމީ ވަޙްދަތަށް ނުރައްކަލެއް ކަމަށް ބުނެ ޒަމްޒަމް ފާރިޝް ކުރެއްވި ޕޯސްޓަކަށް ދެއްވި ރައްދެކެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަރަޙައްދުގެ ކޮންމެ އިންޗިއެއްގެ މައްޗަށް ވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިންގޭނެއެވެ. އެ ތަންތަނުގައި ސަލާމަތީ ބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު ދެމިއޮންނާނެ ކަމަށާއި، އެ ނޫން ގޮތަކަށް މި ސަރުކާރުން ނިންމުމެއް ނުނިންމާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރަސްމާލޭގެ އެއް ބަޔަކީ ވިޔަފާރީގެ އުސޫލުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް ފާހަގަކުރައްވައި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ 200 އަށް ވުރެ ގިނަ ރަށުގައި ވެސް ސެކިއުރިޓީ ބެލެހެއްޓެނީ އެ ބަޔަކު އަމިއްލައަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަން ޖެހޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ރަސްމާލޭގައި ވެސް ފުލުހުން އެ ދައުރު އަދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ވެސް މިރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއް. މިގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސްކަމެއް މިސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ހޯމް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓާ ގުޅުވައިގެން ރައްޔިތުން ތެރޭ ފިތުނަފަސާދަ އުފެދޭނެހެން ދޮގުވާހަކަ ފަތުރަމުން ދާއިރު ގައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް ދަންނަވަން. ކަންކަމުގެ މައުލޫމާތު ނެތްނަމަ އެ މައުލޫމާތު އެނގޭ ފަރާތްތަކުން ސާފުކުރުމަށް ދަންނަވަން."

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީ ކުރާ ރަސްމާލެއިން 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުންނާއި އިދިކޮޅު އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5,000 ހައުސިން ޔުނިޓް — ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ — ދައުލަތަށް ލިބޭނެއެވެ. އޭގެ އިތުރުން ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާ ޖަމާ ކުރެވޭނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި، އެސްއީޒެޑް ޤާނޫނު ނުވަތަ ޓޫރިޒަމް ޤާނޫނުގެ ދަށުން ޑިއުޓީ އިނާޔަތެއް ވެސް ޓެކްސް ލުޔެއް ވެސް ދީފައި ނުވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް