ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު --
ޔޫއޭއީގެ ދުބާއީން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީ މަތިންދާބޯޓެއް ވައްޓައިލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ރާއްޖެ އައީ އެ ދެމީހުން ހައްޔަރު ކުރި ޔޫއޭއީން ފޮނުވާލުމުންނެވެ. އެމީހުން މިއަދު ރާއްޖެ އައުމާއި އެކު ދިވެހި ފުލުހުން ވަނީ އެ ދެ މީހުންނާ ސުވާލުކުރަން ފަށާފައި އެވެ.
ފުލުހުން މީޑިއާގައި ބުނީ ރާއްޖެ އައީ ޔޫއޭއީން ފޮނުވައިލި ދެ ޕައިލެޓުން ކަމަށާއި، އެ ދެ މީހުންގެ ފަރާތުން މަޢުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ. ފުލުހުން ބުނީ އެ ދެމީހުން އަދި ހައްޔަރު ނުކުރާ ކަމަށެވެ.
އިތުރަށް ބުނީ ސުވާލުކޮށް ސާފުކުރަން ޖެހޭ މައުލޫމާތު ސާފުކުރުމަށްފަހު ދެ ޕައިލެޓުންނާ މެދު ފިޔަވަޅެއް އަޅަން ނިންމައިފި ނަމަ އެ ކަމެއް ނިންމުމުން ފުލުހުން ހާމަކުރާނެ ކަމަށް ބުންޏެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަން ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން ޢާއިލާއަށް އެންގީ މި މަހުގެ 8 ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ. އެ ދެމީހުންނަކީވެސް ފްލައި ދުބާއީގައި މަސައްކަތް ކުރި އަދި ފްލައިޓު ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމުކުރާ އޮމާންގެ ކޯޕައިލެޓާއި އެއް އިމާރާތެއްގައި ދިރިއުޅޭ ބައެކެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިނގި މި ހާދިސާގައި 170 އަށް ވުރެ ގިނަ ފަސިންޖަރުންނާއި ކްރޫން ތިބި ބޯޓު ސައޫދީ އެއާ ސްޕޭސް ތެރެއިން ދަތުރުކުރަނިކޮށް ކޯ-ޕައިލެޓް އެ ބޯޓު ވައްޓައިލަން މަސައްކަތްކުރި ކަމަށް އިސްތިޢުމާރީ އިޒްރޭލުގެ އޮފިޝަލުން ބުނެފައިވެއެވެ. ނަމަވެސް އެ ފްލައިޓު ވަނީ ސައުދީގެ އެއާޕޯޓަކަށް ޖައްސާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް