ފުލުހަކު މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: ޕޮލިސް
ވަގަށް ނަގާފައި އޮތް ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ޖަހައިގެން ވަންވޭއާ ޚިލާފަށް މާލޭގައި ދުއްވި ސްރީލަންކާގެ ދެ ފިރިހެނަކު ރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 29 އަހަރާއި 25 އަހަރުގެ ދެ މީހެކެވެ. ރޭ ދަންވަރު 02:14 ހާއިރު ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ޚިލާފަށް ވަދެގެން ދިޔަ ސައިކަލެއް، މާލެ ތެރޭ ޕެޓްރޯލް ކުރަމުން ދިޔަ ބީޓުގެ ފުލުހުންނަށް ފާހަގަވެގެން ހުއްޓުވީއެވެ.
ފުލުހުން ބުނީ ސައިކަލު ހުއްޓުވައި ބެލިއިރު ދުއްވަން އިން މީހާ އަތުގައި ލައިސަންސް ނެތުމުން އެ ސައިކަލު ޓޯ ޔާޑަށް ގެންދިޔަ ކަމަށެވެ. ޓޯ ޔާޑުގައި އިތުރަށް ފާސްކުރި އިރު، ސައިކަލުގައި ޖަހާފައި އިން ނަންބަރު ބޯޑާއި އެ ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރާ ދިމާނުވާކަން ފާހަގަކުރެވުނު ކަމަށް މައުލޫމާތުދެ އެވެ.
ސިސްޓަމް މެދުވެރިކޮށް ސައިކަލުގެ އަސްލު ނަންބަރުތައް ބެލި ބެލުމުން، އެއީ ވަގަށް ނަގާފައި އޮތް ސައިކަލެއްކަން ކަށަވަރުވިއެވެ. ވަގު އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އެ ދެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް