ދަރިފުޅާ އެވީއަށް ރަނގަޅަށް ބަލައްޗޭ ..، އެވީ ދެރަނުކުރާތި އިނގޭ..،ދޮންތަމެންނަށް ވަރަށް ސަލާން ބުނެދޭތި. ނާއިކްއާއި އެވްލިން އެތެރެއަށް ވަންނަންދާން ހިނގައިގަތުމުން ފައްވާޒްބުނެލިއެވެ.
ބައްޕަގެ ވާހަކަތަކުން ނާއިކް ހިތުގައި ޖެހުނަސް އެކަން ފޮރުވަމުން ކުރިއަށް ހިނގައިގަތެވެ.
މިހާރަކައް އައިސް ބައްޕައާއި ވާހަކަދައްކާއިރު އުނދަގޫކަމެއް ނާއިކްއަށް އިހުސާސް ކުރެވެއެވެ.
**
މާކިން ބަލާ އަންނާނެ ވާޙަކަ ބުނުމުން ތަމަން އަތްމަތި އަވަސްކޮއްލަމުން ގޭތެރޭ ފޮޅާ ސާފްކޮށް ނިމުމުން އަވަސްވެގަތީ ގެންގުޅޭ ހުރިހާ އެއްޗެއް ޕެކްކޮށްލުމަށެވެ.
ހުރިހާ ކަމެއްނިމުމުން އެދުގައި އިށީނދެ ހަމަޖެހިލުމަށްފަހު ނާއިކްގެ ނަންބަރަށް ގުޅާލީ ދެލޯ މަރާލަމުންނެވެ. އަދިވެސް އެއަޑު ޖެހުމުން ނަފްސް ހުއްޓުމަކަށް އާދެއެވެ.
ދެފަހަރު ގުޅިއިރުވެސް ފޯން ނިވާލާފައި އޮތުމުން އެގެ ދޫކޮށްލާ ކަމައް ބުނެ ނާއިކްގެ ފޯނައް މެސެޖްކޮއްލުމައްފަހު ސޯފާ މަތީގައި ފޯނު ބާއްވާފައި ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
މާކިން ބަލާ އަންނާނަމޭ ބުނިގަޑިއަށް ތަމަންއުޅޭ ބައިގެ ދޮރުގައި މާކިން ޖަހާލާފައި މަޑުކޮށްލިއެވެ.
އެތެރެއިން މާކިން ވަންނަން ތަން ދެއްކުމަށްފަހު ތަމަން ހިނގައިގަތެވެ.
ދޫކޮށްލާ ވާހަކަ ބުނެފިންތަ؟ތަމަން ކުރިއަށް ހިނގައިގަތުމުން މާކިން ބުނެލިއެވެ.
ނިކްއަށް ގުޅައިފިން.. އެކަމަކު ފޯނު އޮތީ ނިއްވާލާފަ އެހެންވެ އަހަރެން ކޮންމެ މަހަކު ކުލި ހަވާލް ކުރާ މީހާ ގާތު ބުނެފިން ..، މާކިންގެ ސުވާލަށް ޖަވާބުދެމުން ތަމަން ބުނެލިއެވެ.
އެހެންވިއްޔާ ހިނގާދާން..، މާކިން ކޮޓަރިއަށްވަދެ ތަމަންގެ ބޭގް އަތުން ހިފާލަމުން ބުނެލިއެވެ.
**
ފޮށި ހިފައިގެން ނާއިކްގެ ފަހަތުން އެވްލިން ގޭތެރެއަށް ވަންނަން އައިއިރު ފަޒްލާއާއި އާރިން ސިޓިންގްރޫމްގައި މަޑްކޮއްލައިގެން ތިއްބެވެ.
ފަޒްލާ އެކުދިންނައް ކެވޭ ގޮތަށް އެއްޗެއް ތައްޔާރު ކޮއްފިންތަ؟..، ނާއިކްމެންގެ ފަހަތުން ވަދުން ނާޒިމް ފަޒްލާއަށް ބުނެލިއެވެ.
ހިނިތުން ވެލައިގެން ހުރެ ގޭތެރެއަށް ވަތްން އެވްލިންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ފަޒްލާ ނާއިކްއަށް ބަލާލިއެވެ.
އެންމެ ލޯބިވި ކޮއްކޮއަށް އައިސް ހުރި ބޮޑު ބަދަލުން ފަޒްލާގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކުރިއެވެ.
ކައިވެނިކޮށްގެން އެއްއަހަރު ފާއިތުވެ ދިޔައިރުވެސް ނާއިކްގެ މޫނުމަތިން އޭނަ އެކަމާ ހިތާމަ ކުރާ ވަރު ސިއްރެއް ނުވިއެވެ.
ކުއްލިއަކަށް ލޯ ކުރިމައްޗައް ސިފަވާން ފެށީ އާޝާއާއި އެކު ހީހީފައި ގޭތެރޭ ސަކަރާތްޖަހަމުން ހެމުން ނާއިކް ދުވާ މަންޒަރެވެ.
އެދުވަހު އެތުންފަތް މަތީގައިވި ހިނިތުންވުން މިއަދު ފެންނާކަށް ނެތެވެ. ބޮޑު ދެލޯ ކައިރި ކަޅު ކުލައިގެ ފަށަލައެއް ލެވިފައިވާއިރު އެންމެ ރީތިކޮށް އެއްވަރައް ކޮށާފައި އަބަދުވެސް ބަހައްޓާ ތުބުޅިވަނީ ބޯވެގެންގޮސް ސިފަ ހަޑިވާވަރުވެފައެވެ.
ބޯވެސް ދިގުވެގެން ގޮސް ފެންވަރާފައި ހުންނަ ވައްތަރެއް ނުޖަހައެވެ.
ލޯބިވާ ކޮއްކޮގެ ހާލަތާއި މެދު ފަޒްލާގެ ހިތަށް ފުންއަސަރެއް ކުރިއެވެ..
ފަޒޫ !! ހުއްޓުން އަރާފައި ހުރި ފަޒްލާއަށް އަނެއްކާވެސް ނާޒިމް ގޮވާލިއެވެ،
އެއާއި އެކު ސިހިފައި ފަޒްލާ ނާއިކްމެންނާއި ދިމާލައް ހިނގައިގަތެވެ.
ހިނގާ ސައިބޯން..، ހިތަށްކޮއްފައިވާ އަސަރު ފޮރުވާލަމުން ފަޒްލާ އެވްލިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
ކޮއްކޯ!! ދޭ ފޮށިތައް ލައިފަ އެއްޗެއްކާލަން އަންނަން..، ފަޒްލާ އެވްލިންގެ އަތުން ދޫކޮއްލުމައްފަހު ނާއިކްއާއި ގާތަށް ޖެހިލުމައްފަހު ބުނެލިއެވެ.
ފްރެޝްވެލައިގެން ކާނީ..، މިގަޑީ ވަރަށް ވަރުބަލި..، އެވްލިން ނާއިކްއަށް ބަލައިލަމުން އެހެން ބުނެލުމުން ނާއިކްވެސް ބޯޖަހާލިއެވެ.
އެންމެ ރަނގަޅު ..، ފަޒްލާ އެހެން ބުނެލުމުން އެވްލިން ނާއިކް އަތުގައި ހިފާލައިގެންހުރެ ކުރިއަށް ހިނގައިގަތެވެ.
މަންމާ ..، ދޮންބެ ހާދަ ތަފާތޭ..، އެމީހުން ދާ މަންޒަރު ބަލަން ހުރި އާރިންއަށް ބުނެލިއެވެ.
ކީއްކުރާނީ ..، ކާފައަށް ކާފަގެ ދަރިފުޅުގެ އުފަލަށްވުރެ އެހެންމީހުންގެ އުފާ މާމުހިންމު..، އެހާ ބޮޑު ބަދަލެއް އަންނައިރުވެސް ބައްޕައަށް ހަމަ ނޭނގެނީތަ އޭނަގެ ހިތަށް ކުރާ އަސަރު..، ފަޒްލާއަށް މިފަހަރު ލޮލުން އައި ކަރުނަ ހުއްޓުވޭ ގޮތެއްނުވިއެވެ، އެހާވެސް އޭނަވަނީ ނާއިކްގެ ހާލަތާއިމެދު ކަންތައް ބޮޑުވެފައެވެ.
އެހެންޏާވެސް ނާއިކްއައިސް ހުންނަ ކޮޓަރިއާއި އަރާހަމަވުމާއިއެކު ތަމަންގެ ކޮޓަރިއާއި ދިމާއަށް ބަލައިލެވުނެވެ.
މިތަނަށް އައުމުން އިތުރަށް އެހިތަށް ތަދުވާނެކަންވެސް ނާއިކްއަށް އެނގެއެވެ.
އެކަމަކުވެސް ކުރާނީ ކީއްހެއްޔެވެ. އަމިއްލަ މަޖުބޫރީ ހާލަތައް ކެއްކުރުން ނޫން ގޮތެއްނެތެވެ.
އެހިތުގައި އަޅާވޭން އިހުސާސް ކުރެވޭ މީހެއްވެސް ނެތެވެ.
**
އެޕާޓްމެންޓައް ވަދެ ތަމަން ހަމަޖެހިލުމުން މާކިން އެބައަންނަން ކަމަށް ބުނެ ނިކުތެވެ.
މާކިން ދިއުމުން ތަމަން ސިޓިންރޫމް ސޯފާގައި އިށީނެވެ. މާކިން ތަމަން ގެނެސް ބެހެއްޓި އެޕާޓްމެންޓް ކުރިން ހުރި އެޕާޓްމެންޓައްވުރެ ކުޑަހެން ހީވިޔަސް އެންމެ ފުރިހަމަޔައް ތައްޔާރު ކޮށްލާފައިވާ އެޕާޓްމެންޓެކެވެ.
ދެމަފިރިޔަކު އުޅެލަން އެންމެ ހެޔޮވަރުގެ ތަނެކެވެ.ބޮޑް ސިޓިންގްރޫމަކާއި އެހާބޮޑުނޫނަސް ފުރިހަމަ ކޮޓަރިއެކެވެ.
ތަމަން އެތަނުގެ ފުރިހަމަ ކަމަށް ބަލަން އިންދައި މާކިން ދިޔަތާ ކުޑައިރުކޮޅެއް ނުވަނީސް އެބުރިއައެވެ.
މާކިންގެ އަތުގައި ހިފައިލައިގެން ގޭތެރެއަށް ވަތްން ކުޑަ އަންހެން ކުއްޖާ ފެނުމުން ތަމަންއަށް ފުންމައިގެން ތެދުވެވުނެވެ.
ހަތަރު އަހަރުގެ ރިމީ ފެނުމުން ފުންމައިގެން ތެދުވެވުން ގޮތަށް ތަމަންއަށް ހުއްޓުން އެރިއެވެ. ދެލޮލުގެ ތެރެއަށް ކަރުނަ ގިނަވާން ފެށިއެވެ.
ދޮން މޫނު ކޮޅާއި ދެތުންފަތުން ތާރާއާއި ވައްތަރުގޮތެއް ހުއްޓަސް ރިމީއަށް ލިބިފައިވަނީ މާކިންގެ ސިފައެވެ.
މާކިންގެ ފަން އިސްތަށިކޮޅާއި އެބޮޑު ދެލޮލެވެ.
ޑެޑީ...!! މަންމިކަހަލަ ދައްތިއެއްތަ؟ ރިމީއާއި ދިމާލައް ބަލަން ހުރި ތަމަންއަށް އިސާރާތް ކުރަމުން ކުޑަ ކުޑަ އަޑަކުން ރިމީ ބުނެލިއެވެ.
ރިމީ އެހެން ބުނެލުމުން ތަމަންއަށް ބަޑިފަޅައިގެން ދާގޮތަށް ރޮއިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކައް އައިސް ރިމީގައިގައި ބައްދާލިއެވެ
މީ ކޮއްކޮގެ ދޮންތަ.. ދެން ދޮންތި ދޫކޮއްފަ ކޮއްކި ނުދައްޗޭ..، ތަމަން ގިސްލަމުން ވާހަކަ ދެއްކި އިރު ރިމީ މާކިންއަތުގައި ހިފާ ބާރުކޮއްލިއެވެ،
ތަމަން ގިސްލަމުން ރިމީގެ މޫނުގެ އެކިތަންތަނައް ބޮސްދޭންފެށިއެވެ.
ދަރިފުޅާ މީ ދަރިފުޅުގެ ދޮންތަ އިނގޭ ..، އަވަހަށް ދޮންތައާއި ސަލާން ކޮއްލާ..، ތަމަން ހަމައަކަށް އެޅެންދެން މަޑުކޮއްލުމައްފަހު މާކިން ވާހަކަ ދައްކަން ފެށިއެވެ.
ތަމަންގެ މޫނަށް ބަލާލަމުން ރިމީ ސަލާމަށް އަތް ދިއްކޮއްލިއެވެ. ތަމަންވެސް ރިމީގެ ކުޑަ އަތުގައި ހިފާލުމައްފަހު ސަލާން ކޮއްލާފައި އެއަތައް ބޮސްދިނެވެ.
މަންމި ކައިރީ ނުބުނާތި އިނގޭ އެކަމަކު ދޮންތި ކައިރިއަށް އައިވާހަކަ..، މާކިން ރިމީއަށް ވިސްނޭގޮތައް ބުނެލިއެވެ.
**
އާ ދުވަހަކައް އިރު ފެނުން ތޮޅިލައިފިއެވެ. މަޑުމަޑުން އުދަރެސް އަލިވަމުން ދިޔައެވެ.
ހަށަމަށް އަތްލައިގެން އުދަރެހައް ބަލަން ހުރި ނާއިކްގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އެފަސްގަނޑަށް އާދެވުމުން އިތުރަށް ނާއިކްއަށް އާޝާގެ ހަދާން ތައް އާކުރަނީއެވެ. ކެއުމާއި ނިދުމުން ވެސް މަހުރޫމް ވެއްޖެއެވެ.
އެހަށިގަނޑަށް އަރާމެއްވެސް ބޭނުންނުވާ ކަހަލއެވެ.
ދެންމެ ދެންމެ ހީވަނީ ލޮލުގެ ތެރެއިން ކަރުނައައިސްދާނެހެންނެވެ،
އެކޮޅަށް އައިސް ވީ ދެދުވަސްވެސް ނާއިކްއަށް ހޭދަކޮއްލެވުނީ އެގޮތުގައެވެ. މުޅި ޖިސްމު އެދިގޮވަނީ އެންމެ ލޯބިވާ އާޝާއަށެވެ.
އަރައިގެން އައި އިރުގެ ދަޅަތައް މޫނަށް އެޅި ހަށިގަނޑަށް ހޫނުވާން ފެށުމުން ތަމަންގެ ކޮޓަރިއާއި ދިމާލައް ބަލައިލަމުން ނާއިކް އެތެރެއަށް ހިނގައިގަތެވެ.
ނިކް..، !! އަހަރެން ނިކްއާއި އެއްކޮށް މިކޮޅަށް އައީ ހިތްހަމަ ޖައްސާލަން ،..، އެކަމަކު މިހާރު އަހަރެންނައް ފެންނަނީ ކުރިއަށް ވުރެވެސް ބޮޑަށް އަހަރެންނާއި ދުރުން އުޅޭތަން..، ކީއްވެތަ ނިކްއަށް ތިހާ ބޮޑު ޗޭންޖެއް އައިސްގެން ތިއުޅެނީ..، އަހަރެން ވިސްނާ ވިސްނާ ބޯ ގޮވައިފި..، ކޮޓަރިތެރެއަށް ވަދެގެން އައި ނާއިކްއަށް ބަލަން އޮތް އެވްލިންއަށް ހިތާ ހިތުން ކިޔާލެވުނެވެ.
ކޮނޑުގައި އަޅުވާފައި ހުރި ޓީޝާޓް ބޮލުން ވައްޓާލުމައްފަހު އެވްލިންއަށް ބަލާވެސް ނުލައި ނާއިކް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
ނާއިކް ނިކުތުމުން މޯޅިއަކައް ދެމިލަމުން އެނދުން ތެދުވެ ބެލްކަންޏާއި ދިމާއަށް އެވްލިން ހިނގައިގަތެވެ.
ބޭރުން ފެންނަން ހުރި މަންޒަރުތަކައް ބަލަން ހުރިއިރު އެވްލިންގެ ހިތުގައި އުފެދިފައިވާ ހައިޖާނަށް ލުޔެއް ހޯދަން މަސަތްކަތް ކުރާކަހަލައެވެ.
ރެއިލިންގައި އަތްއަޅުވާލަމުން ކުރިއަށް ހިނގަމުންއައިސް ވަކިހިސާބަކުން މަޑުކޮއްލިއެވެ. ޖެހިގެން ހުރި ކޮޓަރީ ބޭރުން ބެލްކަންޏަށް ނިކުމެވެން އިން ދޮރު ކުޑަކޮށް ހުޅުވިފައި ހުރި މަންޒަރު ފެނުމުން އެވްލިން އެދޮރު ހުޅުވާލީ އެކޮޓަރި އެއީ ހުސްކޮޓަރިއެއްކަން އެނގޭތީއެވެ.
ކޮޓަރިތެރެއަށް ވަދެ ވަށައިގެން ބަލާލިއެވެ. ވަށައިގެން ބަލާލުމުން މީހަކު އުޅެފައި ހުރި ކޮޓަރިއެއްކަން އެނގެއެވެ.
ޑްރެސިންގް ޓޭބަލްކައިރީގައި ހުރި ކުޑަ ކަބަޑުގެ މަތީގައި ހުރި ފޮތްތައް ފެނުމުން އެދިމާއަށް ހިނގައިގަނެވުނެވެ.
އެންމެ މަތީގައި އޮތް ފޮތް ފެނުމުން ފޮތް ހުޅުވާލީ އަބަދުވެސް ވާހަކަކިޔަން ފޯރިހުންނާތީއެވެ.
އާޝާ!!!
ފޮތުގެ އެތެރޭ އެންމެ ފުރަތަމަ އިން ގަނޑުގައި އިންނަން ކިޔާލަމުން ފޮތް ހުޅުވާލިއެވެ.
އެވްލިން ބޭނުންވި ކަހަލަ ފޮތަކަށް އެފޮތް ނުވުމުން ލައްޕާލާފައި އޭގެ ދަށައް އިން ފޮތް ހުޅުވާލިއެވެ.
އެފޮތުގައިވެސް ފުރަތަމަ ގަނޑުގައި އާޝާ ޖަހާލާފައިއިނެވެ.
ފޮތް ހުޅުވާޅާފައި އެތެރެ ބަލާލަން އުޅުނު ވަގުތު ފޮތުގެ ތެރެއިންފޮޓޯގަނޑެއް ތިރިއަށް ވެއްޓިގެން އައިސް އެވްލިންގެ ފައިގައި ޖެހުނެވެ.
ފޮތް އޮތް ތަނުގައި ބޭއްވުމަށްފަހު ފައިކައިރީއަށް ވެއްޓުނު ފޮޓޮގަނޑު ނަގަން އެވްލިން ގުދުވެލިއެވެ.
ބަންޑުން އޮތް ފޮޓޯގަނޑު އަނެއް ފުށަށް އަނބުރާލުމާއިއެކު ބޭރަށް ލައި ލައި ހުރި އެވްލިންގެ ނޭވާ އެތެރެހަށީގައި ތާށިވިކަހަލައެވެ.
ނުނިމޭ.
،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް