ނާއިލަށް ގެއަށް ވަދެވުނު އިރު މައިގޭގައި ވަނީ ނިދާބޮކި ދިއްލާފައެވެ. ނާއިލަށް ގަބޫލު ކުރެވުނީ އޭނާ ގެއަށް ނައިސް ލަސްވުމުން، ގޭތެރެ ނިއްވާލުމަށްފަހު އަމްނާ ނިދީކަމަށެވެ. ފަނޑު އަލިކަމުގެ ތެރެއިން ހިނގާފައި ގޮސް ނާއިލް އައިސްއަލަމާރި ކައިރީގައި ހުއްޓި ދޮރުފަތް ހުޅުވާލިއެވެ. އެއަށްފަހު އައިސް ފެންފުޅިއެއް ނަގައި އަލަމާރީ ދޮރުފަތް ލައްޕާލަމުން އެނބުރިލިއެވެ. އެ ވަގުތު އޭނާގެ ނަޒަރު، މައިގޭތެރޭގައިވާ ތަނަވަސް ބޮޑު ސޯފާސެޓަށް ހުއްޓުމާއެކު، އޭނާއަށް ލިބުނު ސިހުމާއެކު ވަރަށް ބޮޑަށް ހައިރާން ވެސް ވިއެވެ.
" އަމްނާ.. " އާނއެކެވެ. ނާއިލް ހީކުރީ ނާއިލް ނައިސް މިހާ ދަންވުމުން މިހާރު އަމްނާ ކޮޓަރިއަށްވަދެ ނިދީ ކަމަށެވެ. އެހެނަސް ސޯފާގައި ނިދާ ހެދުމުގައި އެއޮތީ އަމްނާއެވެ.
ނިންޖާ ޖެހިޖެހި ކަހަލަ ގޮތަކަށް އޮތް އަމްނާއަށް ނާއިލް ގޮވާލުމުން، ނިދިބަރުވެފައިވާ އެސްފިޔަތައް ގަދަކަމުން ކަހަލަ ގޮތަކަށް ދުރުކޮށް، ލޯ ހުޅުވާލަމުން އަމްނާ ތެދުވެ ސޯފާގައި އިށީންދެއްޖެއެވެ.
" އަދިވެސް ނުނިދާ؟... އެކަމަކު އަމްނާ... ނުވެސް ކައިދޯ ތިއޮތީ؟ ..." ނާއިލަށް ބޯހޫރާލެވުނެވެ/
"މަޑުކުރޭ މިއަންނަނީ ލައިޓް ޖައްސާފަ... " ނިދާ ބޮކީގެ ފަނޑު އަލިކަން ފިލުވާލުމަށް ނާއިލް ހިނގައިގަތެވެ.
" އުހުނ.. ލައިޓް ނުޖައްސާތި ނާއިލް.. " އަމްނާގެ އަޑުގައި ވަނީ ނިދީގެ އަސަރަށްވުރެ ބޮޑަށް އިޝްޤީ ޖަޒުބާތުގެ އަސަރެވެ. އަމްނާގެ އަޑުގައިވާ މަސްތުކަމުން ނާއިލްގެ އިޝްޤީ ޖަޒުބާތުތައް ހޭލައްވާލިކަހަލައެވެ. އޭނާ މަޑުމަޑުން އެނބުރި އަމްނާއަށް ބަލައިލިއެވެ.
ތުނިތުނި ނިދާހެދުމުގައި އަމްނާ އިންއިރު، އެ ދޮން ޅަނދޮޅު ހަށިގަނޑުން ބޮޑު ބައެއް ވަނީ ކަޝްފުވެފައެވެ. ނިދީގެ އަސަރާއެކު، ޖަންބު ކުލަ އަރާ ބޮޑު ކޮލާއި މޫނުގެ ފަރިކަން އިންތިހާއަށް އިތުރު ކޮށްދެއެވެ. ފަނޑުފަނޑު އަލިކަމުގައި، ނިދީގެ އަސަރުހުރި އެ ލޮލުގެ ޖާދުވީ އަސަރުގައި ނާއިލް ރަނގަޅަށް ބަނދެލައިފިއެވެ.
ނާއިލް ލުއި ހިނގުމެއްގައި ގޮސް އަމްނާގެ ކައިރިއަށް ހުއްޓުނެވެ. އަދި އަމްނާގެ ކޮނޑުގައި ހިފައި ކޮޅަށް ނެގިއެވެ. އެއަށްފަހު މަޑުމަޑުން ގަޔާ ގާތްކޮށް އަމްނާގެ ބޯ ގެނެސް އޭނާގެ ތަނަވަސް މޭމަތީގައި ބާއްވާލިއެވެ. އަމްނާގެ ގައިގައި ބައްދާލާ ހަށިގަނޑުގެ ތެރޭގައި ބޮނޑި ކޮށްލިއެވެ. އަމްނާ ވެސް ނާއިލްގެ ގައިގާ ބާރަށް ހިފަހައްޓާލިއެވެ. ނާއިލް އަމްނާގެ ނިތްކުރީގައި ނުހަނު ލޯބިން ބޮސް ދިނުމަށްފަހު، އަތްދަނޑިމައްޗަށް ނަގައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އަމްނާ ރަކި ހިނިތުންވުމެއްގައި ނާއިލްގެ މޫނަށް ބަލަހައްޓައިގެން އޮތީއެވެ. ނާއިލް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ތަޅުލިއެވެ.
މަޑުމަޑުން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހަނދުގެ އަލިކަން ރެއަކަށްވުރެ ރެއެއް ފުރިހަމަވެ ޗާލުވަމުން ދިޔައެވެ. ބޮޑު ބަންދުގެ ދުވަސްތައް ފެށުމާއެކު، އެތައް ބަޔަކު ސާދަވިލޭރޭ އަންނަންވާއިރަށް ހަނދުވަރުގެ އަލިކަމުގައި ރަށު ތުނޑިމަތީގައްޔާއި، އަނދިރިމަތީގެ އެކި ހިސާބުތަކުގައި މަސްފިހެ މަޖާނެގުމުގެ ތައްޔާރީތައް ވަމުން ދިޔައެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދުވަރުގައި، އެ ހަނދުގެ ޗާލު އަލިކަމުގައި، ލޯބިވެރިން ލޯބީގެ މެހެފިލްތަކުގައި އުފާވެރި ވަގުތުތައް ހޭދަކުރުމުގެ ފޮނި ހުވަފެންތައް ދެކެމުން ދިޔައެވެ. ސާދަވިލޭރެއަށް އިންތިޒާރު ކުރަމުން ދިޔައެވެ.
އަނެއްކޮޅުން ހާމިދު ވެސް ދިޔައީ ސާދަވިލޭރޭ އަންނަންވާއިރަށް ތައްޔާރުވަމުންނެވެ. އެހެނަސް ދެ ޖިންސުގެ ޒުވާނުންނާ އޭނަގެ ތައްޔާރީތަކާއި ހާސްބައި ތަފާތެވެ. އޭނާ ރާވަމުން ދިޔައީ އައިމަން އަތުލައިގަނެ އޭނާގެ ދުވަސް ދުއްވާލާނޭ ގޮތްތަކެކެވެ. އާނއެކެވެ. އެންމެ ގޮތެއް ނޫނެވެ. އެތައް ގޮތްތަކެކެވެ. ސިހުރަށް ކިތަންމެ މޮޅަސް އައިމަންގެ ބާރާއި ނުރައްކާތެރިކަން އޭނާއަށް ތަޞައްވުރު ކުރެވެއެވެ. އައިމަންއަކީ އިންސާނެކެވެ. އޭނާ ބޭނުންވުމުން ބަދަލުވެވެއެވެ. މައްސަލައަކީ އެއީއެވެ. ހާމިދު އައިމަން އެހެން ބާރަކާއެކު ހުއްޓާ ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބު ކޮށްލާނީ އޭނާ ބޭނުން އިރަކު އިންސާނަކަށް ބަދަލުވެވޭނެތީއެވެ. އަނެއް ކޮޅުން އިންސާނެއްގެ ގޮތުގައި ހުއްޓާ ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބު ކޮށްލާނީ އޭނާ ބޭނުންވުމުން ވޫލްފަކަށް ބަދަލުވެވޭތީއެވެ. ކޮންމެ އަކަސް ހާމިދު މިކަމުގައި ނާއިލްގެ އެހީތެރިކަމަށް ވެސް ދިޔައީ ތަކުރާރުކޮށް އެދެމުންނެވެ. އެހެނަސް ނާއިލް އަދި ހުރީ ހަދާނެގޮތެއްނޭގިފައެވެ. އިޚުތިޔާރުކުރަންވީ ކޮޅެއް ނޭނގިފައެވެ.
" ނާއިލް.. ކަލޭ މިކަމުގައި މަށަށް އެހީވާނަންތަ؟ ނުވާނަންތަ؟ މިހާރު މިގޮތަށް ކަލޭގެ ކައިރީގައި މަ ކިޔާތާ ކިތަންމެ ދުވަހެއް ފާއިތުވެގެން މިދިޔައީ.. ހީނުކުރާތި މަ އާދޭސް ކުރަނީއޭ.. މަށަށް އިތުރު ގޮތެއް ނެތިގެންނޭ މިއުޅެނީ.. މަށަށް މިކަން މާ ފަސޭހަވާނެ ކަލޭ ކަހަލަ މީހަކަށްވުރެ ހަމްޒަތުމެން ކަހަލަ ޖާހިލު ގޮލައެއްގެ އެހީއާއެކު ކުރަން ވެސް. އެކަމަކު މިކަމުގެ ފެށުމާއި، ހުރިހާ ކަމެއްމެ ކަލެއާ ހިއްސާ ކުރެވިފައިވާތީ ތަކުރާރުކޮށް މި ކިޔަން ޖެހެނީ.."
ހާމިދު ނާއިލްއާ ވާހަކަދެއްކީ ރަށުގެ ބަނދަރުމަތީގައި ބަހައްޓާފައިހުރި ޖޯލިފަތީގައި އިނދެއެވެ. ހަވީރު ނަލަނަލަ ފިނި ވައިރޯޅިތައް އެ ދެ މީހުންގެ ހިތް އުފާކޮށްދޭން ކުރަމުންދިޔަ މަސައްކަތްތައް ބޭކާރުވަމުން ދިޔަކަހަލައެވެ. ހާމިދު ނާއިލްގެ މޫނަކަށް ނުބަލައެވެ. އުޑަށް ނަޒަރު ހުއްޓާލައިގެން އޮވެ އޭނާ ނާއިލްއާ ވާހަކަ ދައްކަމުން ދިޔައިރު، އަޑުގައި ހިތްހަމަނުޖެހުމާއިއެކު ރުންކުރުގޮތެއް ހުއްޓެވެ. ހުރިވަރަށްވުރެ ވެސް މޫނުމަތީގެ ރޫ ގިނަހެން ހީވެއެވެ.
ހާމިދުގެ ދުލުން މި ބޭރުވި ވާހަކަތަކާއެކު ނާއިލް ހައިރާންވެ އިނދެ ހާމިދުގެ މޫނަށް ބަލައިލިއެވެ. ހަމަ އެހެންމެ ނާއިލްގެ ހިތުގައި ރުޅިވެރިކަމުގެ ޝުޢޫރުތައް ވެސް އުފެދިގެން ދިޔައެވެ. ހަމްޒަތުގެ ނަން އިވުމުން ލޭކެކިގެން ދިޔައެވެ.
" ކަލޭ މަށަށް ޖަވާބެއް ނުދޭނަންދޯ.. އާނ.. މައްސަލައެއްނެތް.. އެހެންވީމާ ދެން މަށަށް ފެންނަގޮތައް މަ ކަންކުރާނަން.. ކަލޭ އޮވޭ ތިހެން ވިސްނަން.. އެކަމަކު ބުނަން ނާއިލް. ހަނދުވަރު ފުރިހަމަވެ، އަނެއްކާ ވެސް ރަށުގެ އެހެން މީހަކު ރަޙުމު ކުޑަގޮތަކަށް މަރުވަންދެން މަ ނުހުންނާނަން މަޑަކުން.. މިހާރު ވެސް ބައެއް މީހުން ދެކެނީ ރަށުގައި މިވޭތުވެދިޔަ ދުވަސްތަކު ފެނިގެންދިޔަ މަރުތަކަކީ މަގޭ ނުބައިކަމުން ހިނގަމުންދާ ކަންތައް ގަނޑެއްކަމަށް.. އެހެންވީމާ މަ ނުހުންނާނަން ހިމޭނަކުން.. މަށަށް އެނގޭ މީ މަށާ އައިމަންއާ ދެމެދުގެ ހަނގުރާމައެއްކަން.. "
ވާހަކަ ދައްކަމުން ހާމިދު ކޮޅަށް ތެދުވިއެވެ. އަދި ސީދާ ނާއިލްގެ މޫނަށް ނަޒަރު ސީދާކޮށްލިއެވެ.
" ނާއިލް ބުނަން.. ކަލޭ މަށަށް އެހީ ނުވިޔަސް ހަމަހިމޭނުން ހުރެވޭތޯ ބަލާތި... މާ އަނގަ ގަދަވެގަނެގެން ނޫޅޭތި.. އައިމަންއަކީ ކަލޭގެ ކޮއްކޮގެ ފިރިމީހާއަށް ވީތީ އެހީވެދެން ނޫޅޭތި.. ކަލެއަކަށް އޭނާއަށް ދެވޭނެ އެހީއެއް ނުވެސް އޮންނާނެ.. އަދި ބުނަން ސަލާމަތް ބޭނުމިއްޔާ ކަލޭ ވެސް ދުރުގައި ހުރޭ.. އެހެން ނޫނީ . .. "
" އެހެން ނޫނީ ކީއްކުރާނީ.. " ހާމިދު ނާއިލަށް ދެމުން ގެންދިޔަ އިންޒާރުތައް ހުއްޓުމަކަށް ގެނުވީ ތިން ވަނަ މީހެއްގެ އަޑެވެ. ހާމިދާއި ނާއިލަށް ވެސް އެކުއެކީގައި ހައިރާންކަމާއި ހާސްކަމާއެކު، އަޑު އައި ދިމާލަށް ބަލައިލެވުނެވެ.
އެ މީހުންނާއި ދާދި ގާތުގައި ނުލާހިކު ހިތްހެޔޮ ހިނިތުންވުމަކާއެކު އެ ހުރީ އައިމަން އެވެ. ހާމިދާއި ނާއިލަށް ވެސް ނުތަނަވަސްކަން ވެރިވެފައިވާ ހިތަކާއެކު، އައިމަންގެ މޫނަށް ބަލަހައްޓައިގެން ތިބެވުނީއެވެ.
" ކިހިނެއްވީ؟ ހާދަ ހާސްވީ.. އަނެއްކާ މާ ނޫން ގަޑިއަކުތަ މި އާދެވުނީ.. މަ ވެސް ފޫހިވެގެން ހަވީރު ފިންޏަށް ނުކުމެލި ތަނުން ނާއިލް މި ތާނގައި އިންތަން ފެނިގެން މިއައީ އަސްލު.. ކޮން ވާހަކައެއްތަ މާ ފޯރީގަ ތިދައްކަނީ؟ މަށަށް ވާހަކަ މެދު ކަނޑާލެވުނީދޯ މި؟ "
އައިމަން ހަމަ އެންމެ އާދައިގެ ރާގުގައި، ކުރިން ވެސް ހުރި ހިނިތުންވުމާއެކު ވާހަކަ ދެއްކިއެވެ. އައިމަންގެ ވާހަކަތައް އިވުމުން ހާމިދާއި ނާއިލްގެ ހިތަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އައިމަންއަށް އެ ދެ މީހުންގެ ދެއްކި ވާހަކަތައް ނޭނގޭ ކަމުގައި ނާއިލް ނިންމިއެވެ. އެހެނަސް ހަމަ އެ ހިނދުގައި ހާމިދުގެ ސިކުނޑި އަނެއްކާ ވެސް ހާސްކޮށްލައިފިއެވެ. އޭނާއަށް އައިމަންގެ އާރާއި ބާރު ފުރިހަމައަށް އެނގެއެވެ. ހާމިދު އައިމަންގެ މޫނަށް ފާޑަކަށް ބަލަހައްޓައިގެން ހުރެފައި، "ދެން ދަނީއޭ" ބުނެ، ނާއިލްއާ ސަލާމް ކޮށްލަމުން ހިނގައިގަތެވެ.
"ނާއިލް ނުދާނަންތަ ގެއަކަށް؟" އަޑު ނުއިވޭނެކަން ކަށަވަރުވާ ހިސާބަށް ދުރަށް ހާމިދު ދިއުމުން، އައިމަން ނާއިލްއާ ސުވާލުކުރިއެވެ.
އައިމަންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނާއިލް ޖޯލިން ތެދުވެ، އައިމަންއާއެކުގައި ހިނގައިގަތެވެ.
ނާއިލް ހީކުރިގޮތާ ޚިލާފަށް އައިމަން މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާއަށެވެ. ނާއިލާއި އަމްނާ ދިރިއުޅޭ ހަނދު ގެއާ ދިމާއަކަށް ނޫނެވެ. ސުވާލުގެ ނަޒަރުން ނާއިލް އައިމަންއަށް ބަލާލިނަމަވެސް، ހަމަހިމޭންކަން އިސްކުރަމުން އޭނާ އައިމަންއާ އެކުގައި ހިނގަމުން ދިޔައެވެ.
" މަށަށް އެނގޭ ނާއިލަށް ހުރިހާ ކަމެއް ވެސް އެނގޭކަން.. " ގޯތިތެރެއަށް ވަދެވުމާއެކު، ހުއްޓި ނާއިލްއާ ކުރިމަތިލަމުން އައިމަން ވާހަކަ ދެއްކީ ވަރަށް ކެރިހުރެ ސާބިތުކަމާއެކުގައެވެ. އައިމަން އެ ދައްކަން ފެށީ ކޮން ވާހަކައެއްކަން ކަނޑައެޅިގެން އެނގޭތީ އާއި އޮޅުވާލެވެން ނެތުމުން ނާއިލް އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހާލައިގެން ހުރީއެވެ.
" ނާއިލް ހީނުކުރާތި މިކަމުގައި ހާމިދު ބުނާހާ ގޮތެއް ހަދަމުން ދިއުމީ ނާއިލް ކަންކުރަން ޖެހޭ ގޮތޭ... ނާއިލަށް އިޚުތިޔާރުތަކެއް އޮތްކަމެއް ނޫން މިއަކީ.. ނާއިލަށް ކަނޑައެޅިގެން އެނގޭނެ އެ ހާމިދާ ގުޅިގެން ނާއިލް ކުރި ކަންތައްތަކެއްގެ ސަބަބުންކަން މަށަށް މިހެން މި ދިމާވީ.. މިއީ މަ ވެސް މާ ހިތްހަމަޖެހޭ ގޮތެއް ނޫނޭ.. މަ ބޭނުންވި އަދި ބޭނުންވާ ގޮތެއް ވެސް ނޫނޭ.. އެކަމަކު ކަލޭމެން ކުރި ކުށުގެ އަދަބު މަށަށް ދެވަނަ ފަހަރަށް ދޭން ނޫޅޭތި.. މަގޭ ދުވަސް ދުއްވާލަން ހާމިދު އުޅޭނެކަން މަށަށް އެނގޭ.. ނާއިލް. ކޮބާ އޭނާގެ ރޭވުމަކީ؟ "
ނާއިލަށް ގޮތް ހުސްވިކަހަލައެވެ. އެއްކޮޅުން ހާމިދު ބުނާ ފަދައިން އައިމަންއަކީ މުޅި އިންސާނީ ނަސްލަށް އޮތް ނުރައްކަލެކެވެ. އައިމަން ނައްތާނުލައެއް ވާކަށްނެތެވެ. އަނެއްކޮޅުން ވިސްނާއިރު، އެއީ އައިމަން އަމިއްލައަށް ލިބިގަތް ކަމެއް ވެސް ނޫނެވެ. އޭނާއަށް އެކަމުގެ އަނިޔާ ލިބިގެން ނުވާނެއެވެ. އަދި އަމުދުން، އައިމަންއަކީ އޭނާ ނުހަނު ލޯބިވާ އޭނާގެ ކޮއްކޮ ނާއިލާގެ ފިރިމީހާ ވެސް މެއެވެ.
" ދޮންބޭ.. އައިމަންއަށް ކަމެއް ވެއްޖިއްޔާ އެކަމުގެ ސަބަބުން އަހަންނަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ދޮންބެ ނަގަންޖެހޭނެ.. " ބޯހާސްވެ، ވިސްނުމުގެ ތެރެއަށް ގެނބިފައިހުރި ނާއިލަށް އިތުރު ހައިރާންކަމަކާއި ނުތަނަވަސްކަމެއް ލިބުނީ ނާއިލާގެ ބަސްތަކުންނެވެ. ތެޅިގެންފައި ކަހަލަ ގޮތަކަށް އިސް އުފުލާލަމުން އޭނާ ނާއިލާއަށް ބަލައިލިއެވެ. ނާއިލާ އޭރުހުރީ ގެއިން ނުކުމެ ގޯތިތެރޭގައެވެ. ސުވާލުތަކުން ފުރިގެންވާ ހާލު، ނާއިލަށް އައިމަންއާ ދިމާއަށް ބަލާލެވުނެވެ.
" އާނ ނާއިލް.. ތި ވިސްނެނީ ހަމަ ރަނގަޅަށް.. ނާއިލާއަށް ވެސް ހުރިހާ ކަމެއް އެނގޭ.. އެ ހުރިހާ ތަފާތުތަކާއެކު ވެސް އޭނާ ނިންމީ އަހަރެންނާއެކުގައި ވުމަށް. އަހަންނަށް އެހީތެރިވެދިނުމަށް.. އެހެން ނޫންނަމަ މިހާރު މަ ވެސް ކޮންމެހެން ދިރިއުޅުމުގައި އިތުރަށް ކުރިއަށްދާކަށް މަސައްކަތެއް ނުކުރީމުސް.. އެކަމަކު، މިހާރު އަހަރެމެންގެ ދިރިއުޅުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލާނަން.. ނާއިލް އަދިވެސް އިޚުތިޔާރު ކުރާނީ ހާމިދުތަ ނޫނީ މަށާއި ނާއިލްގެ ކޮއްކޮތަ؟ "
އައިމަން ކުރިން ބުނިހެން، މިކަމުގައި ނާއިލަށް އިތުރު އިޚުތިޔާރުތަކެއް ނެތްކަން ނާއިލް އަމިއްލައަށް ގަބޫލުކުރިއެވެ. އެހެނަސް އޭނާއަށް އެޅުނު ކަތި ފިޔަވަޅަކުން މިއަދު މި ކުރިމަތިލާން ޖެހުނީ ކޮންފަދަ ބޮޑު މުސީބާތަކާ ހެއްޔެވެ؟ ކޮޅެއް މިނެއް ނޭނގޭ ނުރައްކާތަކަކާ އޭނައަށް އަދު މި ވަނީ ހަނގުރާމަ ކުރަންޖެހިފައެވެ. މިއީ އިންސާނާގެ ނުކުޅެދުންތެރިކަމެވެ. ހައްޤުގޮތުގައި ކަންކުރަން ކަނޑައެޅިފައިވާ އުޞޫލުން މި ދުނިޔޭގައި ކަމެއް ޙާސިލް ނުވެއްޖެނަމަ، އެއީ ބޭއިންސާފުކަމަށް އަމިއްލައަށް ނިންމައި، ދެން އިޚުތިޔާރު ކުރާނީ ތިމާއަށް ރަނގަޅުކަމަށް ފެންނަ، އެހެނަސް ހަގީގީ މާނާގައި ގޯސްމަގެވެ. ނާއިލަށް ނާއިލާއަށާއި އޭނާގެ ބައްޕައަށް ލިބުނު އަނިޔާއަށް ޝަރީއަތުގައި އިންސާފު ނުލިބުމުން، އޭނާވެސް އިޚުތިޔާރުކުރީ ގޯސް މަގެކެވެ. ސިހުރާއި ހާހޫރައިގެ ބޮޑު ފާފަކުރީއެވެ. ކޮންމެވެސް ދުވަހަކުން ޙައްޤަށް ނަޞްރު ލިބޭނޭ ކަމާއި، އަނިޔާގެ ބަދަލު ނިޔާ ކަނޑައެޅި އިންސާފު ޤާއިމްވާނޭކަން އޭނާ ހަނދާން ނެތުނީއެވެ. ނުވަތަ ހަނދާން ނައްތާލީއެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެހެނަސް އެހެންމީހުނާ ތަފާތުވުމުގެ މާނައަކީ، އަނެކުންނަށް ދެރަޔާއި ހިތާމަދީ، އަނެކުންގެ އިޙުސާސްތަކަށް އިޚުތިރާމް ނުކޮށް، ބޭއިންސާފުން، ނަފުސު އެދޭހާ ގޮތަށް ކަންކުރުން ކަމަށް ހަދައިގެން ކަމުދާނެ ހެއްޔެވެ؟
" އައްސަލާމް އަލައިކުމް "
މުސްކުޅި އަޑަކުން ސަލާމް ގޮވާލި އަޑުއިވުމާއެކު ހަމްޒަތާއި އޭނާގެ ބައިވެރިން ބަލައިލީ ނުރުހުންވެ ތިބެއެވެ. އެ މީހުން ތިބީ އެ މީހުންގެ ގްރޫޕްގަނޑު ގިނަ ވަގުތު ހޭދަކުރާ ބާވެ ހަސްފަސް ނެތިފައިވާ ފަޅުގޭތެރޭގައެވެ. އަތިރިއާ ކައިރިފަށުގައި ހުރި އެ ގޭތެރެއަށް އަލިކަން ލިއްބައި ދެނީ މެދުއުޑުގައި ވިދާ ބަބުޅަމުންދިޔަ ޗާލު ނަލަ ހަނދާއި ތަރިތަކެވެ. އާނއެކެވެ. ފުރާޅެއްގެ ހިޔާވަހިކަން ވެސް ނެތް އެ ގޭގައި ނެތެވެ. ވާރެއާއި އަވިން ސަލާމަތްވުމަށް އެއްބައިގައިވަނީ ސަތަރި ދަމާ ހިޔާކޮށްފައެވެ. ފާރުތައްވަނީ ފާޑުފާޑުގެ ކުރެހުންތަކާއި ލިޔުންތަކުން ފުރާލާފައެވެ.
" ކީއްކުރާ މީހެއް؟ ކޮބާ ބޭނުމަކީ ؟ " އަތުގައި އޮތް ސިނގިރޭޓުބުރި ބިންމައްޗަށް ވައްޓާލާ ފައިން އަރައި ފިތާލުމަށްފަހު، ހަމްޒަތު ދޮރާ ދިމާއަށް ހިނގައިގަތެވެ. ދޮރުމަތީގައި ހުރި ހާމިދުގެ ސަލާމަށް ޖަވާބު ދިނުމުގެ ބަދަލުގައި ރުންކުރު ކަމާއެކު އޭނަޔާ ސުވާލުކުރިއެވެ.
" ކަލެއާ ބައްދަލުކޮށްލަން.. " ހާމިދު އެއްވެސް ޖެހިލުމެއް ނެތި އޭނާގެ ބޭނުން ހާމަކުރިއެވެ. އޭރު ހަމްޒަތު އޭނަޔާ އަރާ ހަމަވަނީއެވެ.
" އޫޕްސް.. އެހެންތަ.. ކޮން ވުޒާރާއަކުން ފޮނުވައިގެންތޯ؟ ރަށު ކައުންސިލަރުތޯ، ނޫނީ އިސްގާޒީތޯ، އަނެއްކާ ޕޮލިސް ކޮމިޝަނަރުތަތީ.. ހަހަ ؟ " ހާމިދުގެ ވާހަކައަށް ޖޯކުޖަހާ މަލާމަތްކޮށް ހެމުން، ހަމްޒަތު ވާހަކަ ކުރިއަށް ގެންދިޔައެވެ. އެހެނަސް އޭނަގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ.
" ބުނަން ރަނގަޅު ވާހަކައެއް.. މަ ކަލެއާ ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ.. ހަމަ މިހާރު މިތަނުން ނައްޓާލާ.. އެހެން ނޫނީ ކަލޭ ސިހުރަށް ކިތަންމެ މޮޅަސް ދެން ފެންނާނީ ކަލޭގެ ހަށިގަނޑާ ބޮލާ ވަކިން.."
ހަމްޒަތު ހާމިދުގެ ގަމީހުގެ ގިރުވާނުގައި ހިފަމުން އިންޒާރު ދިނެވެ. އެހެނަސް ހާމިދުގެ މޫނު މަތިން ކުޑަވެސް ހާސްކަމެއް ބިރުވެރިކަމެއް ނުފެނުނެވެ. ހަމްޒަތުގެ އިންޒާރަށް އަމަލުކުރުމުގެ ބަދަލުގައި، ހާމިދު ހަމްޒަތުގެ އަތުގައި ބާރަށް ހިފަހައްޓާ ގަމީހުގެ ގިރުވާނުން އަތް ނައްޓާލިއެވެ. އެއާއެކު ދެން ކަންވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ހަމްޒަތުގެ ކަރުބުޑުން ނުކުތީ ވޭނީ ހަޅޭކެއްގެއަޑެވެ. ހަމަ އެއާއެކު ހާމިދު އޭނާގެ އަތުން ދޫކޮށްލުމުން، ހާމިދު ހިފެހެއްޓި ތަނުގައި އަނެއް އަތުން އޭނާ ބާރަށް ހިފަހައްޓާލިއެވެ.
" ކިހިނެއްވީ؟ އައިމަންގެ އަތުގެ ލަގާއެއް ލިބުނު އަތުގައި މާބޮޑަށް ރިއްސައިގަތީތަ؟ "
މަލާމާތުގެ ހިނިތުންވުމަކާއެކު ހާމިދު ކޮށްލީ ސުވާލެކެވެ. ހާސްވެ ކަންބޮޑުވެ، ސުވާލުތަކުން ފުރިފައިވާ ސިކުނޑިއަކާއެކު، ހަމްޒަތު އުނދަގުލުން އިސްއުފުލާލިއެވެ. ހާމިދުއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރުވެސް އަތުގައި އަޅާ ވޭނުން އޭނާއަށް ރަނގަޅަށް ހިންދެމިނުލެވެއެވެ.
— ނުނިމޭ —
އުފަންވުމުން... ކުރީގެ ބައިތައް:
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް