އުފަންވުމުން… 8 ވަނަ ބައި

މުހައްމަދު ޝާހީން

” މުއްދުސޮރަކީ އެ ރަށުގެ މީހުން އެ ސޮރަށް ކިޔާއުޅުނު ނަމެއް. އެ ރަށުގެ މީހުން ބުނާ އެއް ވާހަކައަކީ ވަރަށް ބޮޑު ހަގީގަތެއް. އެއީ އޭނާގެ ކިބައިން ފެންނަ އާދަޔާ ޚިލާފުކަމެއްގެ ވާހަކަ. އެ ރަށުގެ މީހުން ބުނާ ފަދައިން އޭނާއާއެކު މީހަކު ބޮއްކުރައެއްގައި މަހަށް ނުކުތަސް، މަސް ބޭނުމަށް ސަމާލުވެ އުޅުމަށްފަހު ބޮއްކުރާ ތެރެއަށް ބަލާއިރު، ބާނާ މަސް މަދުވަމުންދާކަން ފާހަގަ ކުރެވޭނެ. އެ ރަށުގެ މީހުން ޝައްކުކޮށް ކިޔާހެން އެ މަސްތައް މުއްދުސޮރު ރޮލާ ކަނީ. އަދި ކަށިފައްޗާއި ބޯ އެއްލާލަނީ.

އަދިވެސް އެސޮރުގެ ފަރާތުން އެހެން އާދަޔާ ޚިލާފު ކަންތައްތައްވެސް ފެނުނު. ރޮލާ މަސް ކާކަން އެނގުމުން އެ ރަށުގެ މީހުން ބިރުންވެސް އުޅުނު. އަދި އަނެއް ބަޔަކު އެސޮރު ގައިގާ ލަކުޑިބުރިފަދަ އެއްޗެހިން ތަޅާ އަނިޔާކޮށް ހެދުމަށްފަހު ވަލުގެ ތެރެއަށް ދޫކޮށްލި ކަމަށްވެސްވޭ. އެހެނަސް އެސޮރު ވަލުން ނުކުންނައިރު، ގައިގާ ހުންނަ ޒަހަމްތަކާއި ފާރުތައް ހުންނަނީ މުޅިން ފަސޭހަވެފައި. މިކަމާ އެ ރަށުގެ މީހުން ބިރުން އެ ސޮރު ވަރަށް ބޮޑަށް އެކަހެރިކޮށްލި. އަދި އެއީ އިންސާނެއް ނޫނޭ، އޭނާ ރަށުން ފޮނުވާލާށޭ، މަރާލާށޭ ކިޔައިގެން މީހުން ވާހަކަ ދައްކަންވެސް ފެށި. މިކަމަކާހުރެ އެމުއްދުސޮރާއި އެރަށުގެ މީހުންނާ ވަރަށް ގިނައިން މައްސަލަވެސް ޖެހެން ފެށިކަމަށް ވަނީ.

މި ބުނި ގޮތަށް ކަންތައް ވާން ފެށީމާ ދަނޑިވަޅުގެ ބޭނުން ހިފައި ބައްޕަ އެ ސޮރާ ގުޅުން ބަދަހިކުރީ. ބައްޕަ ހިތުން ބައްޕައަކީ ކޮންކަމެއްކުރާ ކާކުކަންވެސް އެ ސޮރަށް ނޭނގޭނެ. އެހެނަސް ހަގީގަތުގައި، އިންސާނަކާއި ރޫހާނީ ބާރެއް އެއްކޮށް މަސްހުނި ކޮށްފައިވާ އެ ސޮރުގެ އާރާއި ބާރު މާ ގަދަ. އަދި އިންސާނީ ނަސްލަށް ނުރައްކާތެރިވެސް. ބައްޕައަށް އެކަން އެނގުނީ އެތައް ފަހަރެއްގެ މަތިން، އެ ސޮރު ބައްޕަގެ ބާރުގެ ދަށަށް ގެނެސް، ކާފަ ބޭނުންވި ފަދައިން އާއިލާގެ ހަށިފާރަވެރިއަކަށް ހަދަން ކުރި ބުރަ މަސައްކަތްތައް ނާކާމިޔާބުވުމުން. އެ ސިހުރުތަކުން ބައްޕަގެ ހަށިގަނޑަށް ގެއްލުންވުން ފިޔަވައި އެހެންކަމެއް ނުވި. އަދި ކާފަ ފަހުން ވާނޭ ގޮތަކަށް އެއްވެސް ވަރަކަށް ވިސްނާނުލައި ދެ ނަސްލުގެ ބާރު މަސްހުނިކޮށް، އެއް ހަށިގަނޑަކަށް ހެދުމުން އެ ސޮރަށް އިންސާނުންގެ ތެރޭގައި ފާޅުގައި އެއްވެސް ދައްޗަކާ ނުލައި، އިންސާނުން ފަދައިން އުޅުމުގެ ބާރު ލިބުނުއިރު، އެސޮރުގެ ހަށިގަނޑުގައިވާ ރޫހާނީ ބާރުގެ ސަބަބުން ކެއުމާއި ބުއިމަށް އިހުތިޔާރު ކުރީ މުޅިން އެހެން އެއްޗެއް. ރޯ މަހާއި އޭގެ ލޭ. ބައްޕަ ބުނިގޮތުގައި އެ ސޮރަށް ފުރިހަމަ ބާރު ލިބި ހުރިހާކަމެއް ހަމައަކަށް އެޅެން ވަގުތު ލިބުނުނަމަ، އެ ސޮރު ކެއުމާއި ބުއިމަށް އެހެން އެއްޗެއް އިހުތިޔާރު ކުރުންވެސް ވަރަށް ގާތް. މިބުނީ އިންސާނުންނަކީ އެ ސޮރުގެ ރޭގަނޑުގެ ޝިކާރައަށް ވެފައި، ވާއެއް ނުވާއެއް ނޭނގި ދުވާލުގައި ހަމަ ރީތިކޮށް މީހުންގެ ތެރެއިން އެ ސޮރު ފެންނަން ހުރުން އާންމުކަމަކަށްވެ، ރަށުގައި ބޮޑު ބިރުވެރިކަމެއް ފެތުރި، އިންސާނުންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވީސްއޭ ”

ހާމިދުގެ ވާހަކަތައް ހިމޭންކަމާއެކު އަޑުއަހަން އިން ނާއިލަށް ހިތުގައި އުފެދުނު ސުވާލު ކޮށްނުލައި ހިމޭނުން އިންނަން އުނދަގޫވެއްޖެއެވެ.

” މާނައަކީ އެ މުއްދުސޮރު މަރުވީއޭތަ؟ ” ނާއިލްގެ ސުވާލުން ހާމިދުގެ މޫނު މައްޗަށް ހިނިތުންވުން ވެރިކުރުވިއެވެ. އެހެނަސް އޭނާ އިނީ އިސްދަށަށް ޖަހައިގެންކަމުން ނާއިލަށް އެކަން ފާހަގައެއް ނުކުރެވެއެވެ. ނާއިލްގެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި އާނއެކޭ ބުނާފަދައިން ބޯޖަހާލަމުން، ހާމިދު އަނެއްކާވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

” އާނ. އެ ސޮރު މަރުވި. އަސްލު މަރުވީއެއްނޫން. މަރާލީ. . . ކުރިން ބުނިހެން އެ ސޮރުގެ ނުރައްކާތެރިކަން ފެނި އެކަން އިހުސާސް ކުރެވުމުން މަގޭ ބައްޕަގެ ވިސްނުން ބަދަލުވި. ބައްޕައަށް ޔަޤީންވި ކާފަ ބޭނުންވި ގޮތަށް އެ ކަންތައް ބައްޕައަށް ނުކުރެވޭނެކަން. އެހެންކަމުން ބައްޕަ ނިންމީ އެ ނުރައްކާތެރި، ދެނަސްލު، އެއް ހަށިގަނޑުގެ މުއްދުސޮރު މަރާލަން. އެ ސޮރުގެ ނުރައްކާ ހައްދުފަހަނަ އަޅައި ނުދަނީސް އެ ސޮރު ނައްތާލަން. ބައްޕައަށްވެސް އެނގޭ އެ ސޮރުގެ ރޫހާނީ ބާރާއެކު ހުއްޓައި ނައްތާލުމީ ބައްޕައަށް ނުވާނޭ ކަމެއްކަން. އެހެންކަމުން ބައްޕަ ވިސްނާފައިއޮތީ، ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ، އެ ސޮރުގެ ރޫހާނީ ބާރުގެ ބޭނުންކުރަން ވަގުތު ލިބުނަ ނުދީ އެ އިންސާނީ ހަށިގަނޑުގެ ފުރާނަ ދުއްވާލަން. އޭރުން މުޅި އުމުރަށްވެސް އެކަން ސިއްރުވެފައި އޮންނާނެ. އެ ރޫހާނީ ބާރު އެ އިންސާނީ ހަށިގަނޑާއެކު ބިމު އަޑީގައި ފަސްލައި ފޮރުވައިލެވޭނެ.

މިބުނި ރޭވުން ރޭވުމަށްފަހު މި ހުރިހާ ވާހަކަތަކެއް ބައްޕަ މަށަށް ކިޔައިދިނީ. ބައްޕައަށް އޭރުވެސް ގަބޫލުކުރެވުނީ ކަންނޭނގެ، މި މަސައްކަތަކީ ބައްޕަގެ ފުރާނައަށް ނުރައްކާވާވަރުގެ ކަމެއްކަން. މި ބުނި ވާހަކަތައް ކިޔައިދީފައި ބައްޕަ އަހަރެންނަށް އެންގީ ދުވަހަކުވެސް އަލުން މިފަދަ ބާރެއް ހޯދުމަށް މަސައްކަތް ނުކުރުމަށް. ކާފަ ބައްޕައަށް ކުރި ވަޞިއްޔަތާއި މުޅިން ތަފާތުކޮށް ބައްޕަ މަށަށް އަމުރުކުރީ. އަސްލު އެފަދަ އަމުރެއް މަށަށް ކުރިއިރު، ބައްޕައަށް ރަނގަޅަށް އެނގޭނެ ބައްޕައަށް ހަދަން އެނގޭ ކޮންމެ ސިހުރެއް މަށަށްވެސް އެނގޭނެކަން. މަ އެންމެ ކުޑައިރުއްސުރެ މަގޭ ބައްޕަ މަށަށް އުނގަންނައިދިން ޢިލްމަކީ އެއީ. މަށަށް ދަސްކޮށްދިން މަސައްކަތަކީ އެއީ. އަދި ބައްޕަ މި ބުނިގޮތަށް މަށަށް އަމުރުކުރިއިރު، މަ ދިޔައީ މަގޭ އާއިލާގެ މުނިމުނި ކާފައިން ފެށިގެން ވާރުތަވަމުން އައި ފޮތްތަކުގެ އާބާތުރަ ފިލުވައިގެން އެ ތަކެތި ދިރާސާކޮށް ސިހުރުގެ އާ އެއްޗެހި ދަސްކުރަމުން. ބުނެވޭގޮތުގައި އެއީ ދިވެހިން ބުދަށް އަޅުކަން ކުރި ގަދީމީ ޒަމާނުއްސުރެ ފޮރުވައިގެން، ބޮޑު ސިހުރުވެރި އާއިލާއެއްގެ ތެރެއިން، އެއް ދަރިފަސްކޮޅުން އަނެއް ދަރިފަސްކޮޅަށް ވާރުތަވަމުން އައި ސިހުރުގެ އެއްޗެހިތަކެއް. ”

ވާހަކަ މެދު ކަނޑާލުމަށްފަހު ނާއިލް ކައިރީގައި މަޑުން އެތަނުގައި އިނުމަށް އަތުން އިޝާރާތްކޮށްލާފައި، ހާމިދު ކޮޓަރިން ނުކުމެ މައިގޭތެރޭގައި ހުރި އައިސްއަލަމާރިން ފެންފުޅިއެއް ނަގައި ކަރުތެރެ ތެންމާލިއެވެ. ހަށިގަނޑުގެ ތެރެއަށް ދައުރުވަމުންދިޔަ ފިނި ފެނުގެ އަސަރާއި، އެ ރޭގައި ޖެހެމުން ދިޔަ ގަދަވަޔާއި، ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން ތެތްފިނިކަން ހިފާފައިވާ ޖައްވުގެ ފިނިކަމާއެކުވުމުން ހާމިދުގެ ހަށިގަނޑު ތުރުތުރުއަޅައިގެން ދިޔައެވެ. ކޮޓަރިން ބޭރަށް ދިޔަ މަޤުސަދު ހާސިލްވުމުން އޭނާ އަނެއްކާވެސް ކޮޓަރިއަށް ވަދެ ގޮނޑީގައި އިށީންދެ ހަމަޖެހިލިއެވެ. އަދި އޭނާ ކިޔައިދެމުންދިޔަ އާއިލީ ބޮޑު ސިއްރު އަޑުއެހުމަށް ކެއްމަދުވެފައިއިން ނާއިލާ ކުރިމަތިލިއެވެ.

” އާނ! ދެން ހިނގާ އަނެއްކާވެސް އަސްލު ވާހަކައަށް ޖެހިލަމާދޯ. ކުރިން މަ ބުނިހެން ބައްޕަ އެ ނިންމުން ނިންމުމަށްފަހު އަބަދުވެސް އުޅުނީ އެ މުއްދުސޮރުގެ ފޫބުޑުން. އެ ސޮރަށް ފާރަލަމުން. ރަނގަޅު ދަނޑިވަޅަކަށް ބަލަބަލާ.

މިބުނިގޮތަށް ބައްޕަ މަސައްކަތްކުރަމުން ދިޔައިރު، އެކަން ނިންމާލުމާއެކު ވީ އެންމެ އަވަހަކަށް މަ ގޮވައިގެން އެރަށުން ފުރައިގެން މި ރަށަށް އާދެވޭނެ ހުރިހާ އިންތިޒާމެއް ބައްޕަ ވަނީ އެރަށު މީހެއްގެ އެހީގައި ހަމަޖައްސާފައި.

ކުރިންވެސް މަ ބުނިހެން އެ ރަށުގެ މީހުންގެ އުނދަގޫ އެސޮރަށް ވަރަށް ބޮޑުވަމުން ދިޔައީ. އެސޮރުގެ ކިބައިގައި ތަފާތެއް ވާކަން އެ ރަށުގެ އެންމެން ގަބޫލުކުރޭ. އެ ސޮރުގެ ފަރާތުން ފެންނަ ތަފާތު ކަންކަމާއެކު، އެ ސޮރުގެ އުނދަގޫ ބޮޑުވެ، އޭނާއަކީ ނުލަފާ މީހެކޭ ބުނެ އެ ރަށުގައި ނަންވެސް ހަރުވި. ދެން މި ބުނިގޮތަށް ކަންތައް ހިނގަނިކޮށް، އެއް ދުވަހަކު އެ ސޮރާއި ރަށުގެ ބަޔަކާ މައްސަލަ ޖެހި ވަރުގަދަ ޒުވާބުގަނޑެއް ފެށުނު. އެއީ ރަށުގެ އިރުވާކޮޅު އަތިރިމަތީގައި ހިނގި ޒުވާބެއް. އެ ޒުވާބު ފޯރިގަދަވެ، އެ ތަނުގައި ތިބި މީހުން އެ ދުވަހު މުއްދުސޮރުގެ ގައިގާ ތަޅައިގަތް. އޭރު އެ މަންޒަރު ބަލަން ބައްޕަވެސް ހުރި. ބައްޕަ އޭރުވެސް ދިޔައީ ސިހުރު ހަދަމުން. ބައްޕައަށް އެނގޭ އެއީ ރަނގަޅު ދަނޑިވަޅުކަން. މުއްދުސޮރަށް އަނިޔާ ލިބެމުން ދިޔަވަރަކަށް އެ ސޮރު ދިޔައީ ރުޅި ގަދަވަމުން. އެހެނަސް އެއްވެސް އާދަޔާ ޚިލާފުކަމެއް ނުފެނޭ. ހަގީގަތަކީ ބައްޕަ އެ ސޮރުގެ ރޫހާނީ ބާރު މަތަކުރަން ހުއްޓުމެއްނެތި ސިހުރު ހަދަމުން ދިޔަކަން. މާކަ ގިނައިރުތަކެއް ނުވެ އެ ސޮރު އެ ދިމާލުން މޫދަށް އެރިގަތީ. އެސަރަހައްދުގައި އޭރުއޮތް ވަރަށް ވަރުގަދަ އޮއިގަނޑެއް. އެއޮއެގަނޑުގެ ތެރެއަށް އެސޮރުގޮސް އެރުމާއެކު، އެއޮއިގަނޑުގެ ބާރުގައި ޖެހިފައި އޭގެ ތެރެއަށް މުއްދުސޮރު ދަމައިގަނެ ގެނބުނީ. އެހިސާބުން އެ ރަށުގެ މީހުންގެ ލޮލުގެ ކުރިމައްޗަށް އެމުއްދުސޮރު ދާއިމަށް ގެއްލުނު.

އެ ރަށުގެ މީހުން ގަބޫލުކުރާ ގޮތުގައި އެ ސޮރު ގެނބިގެން މަރުވީ އެ އޮއެގަނޑުގެ ތެރެއަށް ފޭބުމުން. އެހެނަސް އެ ސޮރުގެ ހަށިގަނޑު ނުފެނުމުން އެކަމާ ވާހަކަ ދެކެވުނަސް، މާބޮޑަށް ކަންބޮޑުވެގެނެއް އެކަކުވެސް ނޫޅޭ. ހަގީގަތުގައި އެ ހަށިގަނޑު ނެގީ މަގޭ ބައްޕަ. އެ ހަށިގަނޑާއެކު ކުޑަ ބޮއްކުރައެއްގައި މަ ގޮވައިގެން ދަތުރުކޮށް ބައްޕައާއި މަގޭ އުފަން މި ރަށަށް ބައްޕަ އެރީ ރޭގަނޑެއްގެ ދަންވަރު. އޭރުގައި ކަންތައް އޮންނަގޮތުން މީހުން އެ ގަޑީގައި ހޭލައި ބޭރުގައި އުޅުމަކީ ނުކުރާކަމެއް. އެހެން ކަމުން ބައްޕަ އެ ރޭގައި ގަބުރުސްތާނަށް ގޮސް އެ މުއްދުސޮރުގެ ހަށިގަނޑު ހިނަވާ ކަފުން ކުރުމަކާވެސް ނުލައި ވަޅުލީ. އެ ތަން ފާހަގަކުރުމަށް ބައްޕަހެދީ ސިހުރެއް. މިހާރުވެސް މަށަށް އެސަރަހައްދު ފާހަގަކުރެވޭނެ.

އެ ރޭގައި އެ ސޮރު ވަޅުލަން އުޅުނު އިރު ފެނުނު ކަންތައްތަކަކީ އެހާހިސާބަށް މަށަށް ފެނުނު އެންމެ ބިރުވެރި ކަންތައް. އެ ރޭގައި މަ ބައްޕައާއެކު ގަބުރުސްތާނަށް ވަން ހިސާބުން ފެށިގެން އާދަޔާ ޚިލާފަށް ގުގުރާ ވިދައި، ބޯކޮށް ވާރޭ ވެހެމުން ދިޔަ. އެ ސޮރު ވަޅުލަން ވަޅުކޮނުވީ މަ ލައްވާ. އެ ސޮރު ވަޅަށް ވައްޓާލުމާއެކު އެވަޅުގެ ތެރެއަށް ހޮނުއެޅި. ފަސްވެސް ނާޅައި، އެތަނުން މަގޮވައިގެން ދިއުމަށް ބައްޕަ އަވަސްވެގަތީ. ދަމުންދަމުން ފަހަތަށް އެނބުރި ބަލާލުމާއެކު ފެނުނީ ވަރަށްވެސް އެހެންކަހަލަކަމެއް. އަމިއްލައަށް އެވަޅުގަނޑުގެ ތެރެއަށް އޭރު ފަސްއެޅި ފޮރުވެމުން ދިޔަ. ”

ހާމިދުގެ ވާހަކަތައް މިހާ ހިސާބަށް ދިއުމާއެކު ނާއިލަށް ކުއްލިއަކަށް ކަމެއް ހަނދާނަށް އަތުވެއްޖެއެވެ. އަދި ހަމަ އެހިނދު، ނާއިލްއާއި ހާމިދު ސިހުރު ހެދުމަށް ގަބުރުސްތާނުގައި ހޭދަކުރި ނާމާން ރޭގައި ކަން ހިނގާ ދިޔަގޮތް އޭނާގެ ލޮލުގެ ކުރިމަތިން ފައްފަށްވެ ސިފަވަމުން ދިޔައެވެ.

“ކިހިނެއްވީ؟ ” ނާއިލް އަތުގެ އިޝާރާތުން ވާހަކަ މެދުކަނޑާލަން ބުނުމުން ހާމިދު ވީ ކީއްތޯ އޮޅުންފިލުވަން ބޭނުންވިއެވެ. އޭރު ނާއިލްގެ މޫނުމަތިން ހާސްކަމާއި ނުތަނަވަސްކަން ފާޅުވޭވޭ ހުއްޓެވެ.

” ކުރިންރޭ. . . އެއްކަލަ ރޭގަވެސް، އަހަރެން ކޮނުނު ވަޅުގަނޑަށް އަމިއްލައަށް . . . ” ނާއަވަސްވެފައިވާވަރުން ނާއިލަށް ވާހަކަ ދެއްކުމަށްވެސް އުނދަގޫވަމުން ދިޔައެވެ.

” އެނގޭ.. މަ ކަލެއަށް ސިހުރު ހަދައިދިން ރޭގައި ކަންތައް ހިނގާ ދިޔައީ، ބައްޕަ މުއްދުސޮރު ވަޅުލުމަށް މަށާއެކު ގަބުރުސްތާނުގައި ހޭދަކުރި ރޭގައިވެސް ކަންތައްތައް ހިނގާ ދިޔަ ގޮތާ ދާދި އެއްގޮތަށް.. އެ ރޭގައި ކަލޭ ލައްވާ ކޮނުވި ވަޅުގަނޑަށް ފަސް އެޅި ފޮރުވުނީވެސް އަމިއްލައަށް. . . .  އެ ވާހަކައެއްނު ބުނަން ތިއުޅެނީ ؟ ” ނާއިލް ބުނަން އުޅުނު ވާހަކަތައް ފުރިހަމަ ކޮށްލަ ދިނީ ހާމިދުއެވެ. ހާމިދުގެ ވާހަކަތަކަށް އާނއެކޭ ބުނުމުގެ ގޮތުން ނާއިލް ބޯ ޖަހާލިއެވެ. އެއާއެކު ހާމިދު އަނެއްކާވެސް އޭނާ ކިޔައިދެމުން ގެންދިޔަ ވާހަކަތައް ކުރިއަށް ގެންދަންފެށިއެވެ.

” މިބުނާ ރޭގައި މަރުވެފައިވާ މުއްދުސޮރުގެ އިންސާނީ ހަށިގަނޑާ ގުޅިފައިވާ ރޫހާނީ ބާރާ ދެކޮޅަށް ބައްޕަ ކުރީ ވަރުގަދަ ހަނގުރާމައެއް. އެ ސޮރު ވަޅުލުމަށްފަހު މަ ގޮވައިގެން ބައްޕަ ވަގުތުން ގެއަށް އައީ.. އޭރުވެސް ގުގުރާ ވިދާ ވަރުން މުޅި ރަށް ހޭލާ އުޅޭނެޔޭ ހީވާވަރުވޭ.. އިރެއް އިރަކަށްވުރެ ވައިގަދަވެ ބޯކޮށް ވާރޭ ވެހޭވަރުން، ދެންމެ ދެންމެ ގެތައް ހަލާކުވެ ގޮސްދާނެހެންވެސް ހީވޭ.. އެރޭގެ ފަތިސް ނަމާދުގެ ވަގުތާ ހަމައަށް އެގޮތުގައި ގަދައަށް ވިއްސާރަކުރި.. ބައްޕައާއި މަގޭ މުޅި އާއިލާއަކީވެސް ސިހުރުވެރިކަމުގައި ބާރުގަދަ ބަޔަކަށް ވީނަމަވެސް، އެ ރެއަކީ މަގޭ ހަޔާތުގައި ބިރުވެރިކަމާއި ހިތާމަޔާއި ހިތްދަތިކަމާއެކު ހޭދަކުރަންޖެހުނު ރެއެއް..  ”

ހާމިދުގެ ވާހަކަތައް އަޑުއަހަން، އޭނާގެ މޫނަށް ބަލަހައްޓައިގެން އިންއިރު ނާއިލްގެ ހައިރާންކަން އިހުނަށްވުރެ ބޮޑުވަމުން ދިޔައެވެ. އޭނާގެ ހިތަށް އަރައެވެ. ” މިހިރަ ބާރުގަދަ، ޖެހިލުމާއި ސިހުންކުޑަ، ނުރައްކާތެރި ކަންތައްތައް ކުރާ ސިހުރުވެރިޔާގެ މޫނު މަތިން މި ހިރަ ފެންނަނީ ކޮންފަދަ ޖަޒުބާތީ އަސަރެއް ހެއްޔެވެ؟ ހަރުހިލަ ހިތްތައްވެސް މާޒީގެ ހިތި ހަގީގަތްތައް ހަނދާންވާ ހިނދު، މަޑުމޮޅިވެ މަޑު ފުއްގަނޑެއްހެން ވަނީހެއްޔެވެ؟ ނޫނީ އަނެއްކާ ހާމިދު މަށަށް ހަދައިދިން ސިހުރު ފެއިލް ވުމުން ވަރުގަދަ ސްޓޯރީއެއް ޖައްސަނީ ނޫންބާވައެވެ؟ ” ނާއިލްގެ ހިތުގައި މިކަހަލަ ޝައްކާއި ވަހުމުގެ ސުވާލުތައް އުތުރި އަރަން ފެށި ނަމަވެސް، މަޑުމަޑުން ހަމަޖެހިލައި އެ ހިޔާލުތައް އެއްކައިރި ކުރުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. މި ވަގުތު އެފަދަ ސުވާލުތަކެއް ކުރުމަށްވުރެ، ހާމިދުގެ ވާހަކަތައް ނިމެންދެން ހަމަ ހިމޭނުން އިނުން ބުއްދިވެރި ވާނެކަމަށް ނާއިލަށް ވިސްނެއެވެ.

” ނާއިލް ބުނަން.. އެ ރޭގައި ބައްޕަ ތަކުރާރުކޮށް މަށަށް އެތައް ނަސޭހަތްތަކެއް ދިން. ކާފަ ކުރަން އުޅުނު ކަންތަކުގެ ނުބައިކަން މަށަށް ވިސްނައިދިން.. ގުދުރަތީ ގާނޫނުގައި ކަންކަން ހަމަޖައްސަވާފައިވާ ގޮތްތަކާ ޚިލާފުވާން އުޅުމުން ނުރައްކަލާ ކުރިމަތިވި މިންވަރު ބަޔާންކޮށްދިން. އަދި ބައްޕައަށް އެކަން ވަރަށް ރަނގަޅަށް ފެނި ވިސްނިއްޖެކަމާއި، އެހެން ކަމުން ކާފަގެ މަގުޞަދު ހާސިލްކޮށްދިނުމުގެ ބަދަލުގައި ބައްޕަ އެ ނުރައްކާ މި ނައްތާލީއޭވެސް ބުނި.. އަދި ތަކުރާރުކޮށް މަށަށް އަމުރުކުރީ އެފަދަ ގޯހެއް ނެހެދުމަށް. އެ ބާރު ހޯދަން މަސައްކަތް ނުކުރުމަށް..

އެރޭ މަށަށް ނިދިފައި ހޭލެވުނު އިރު ހުރިހާ ކަމެއްވެސް ވަނީ ބަދަލުވެފައި. އެ ރޭގެ ވިއްސާރަވެސް. މަގޭ ބައްޕަވެސް. ބައްޕަގެ ފުރާނަ ވަނީ ގޮސްފައި. ދުނިޔެމަތި އަލިވެ ސާފުވިއިރު، މަގޭ ހަޔާތަށް އެ ދުވަސްވީ ކަޅު އަދިރި ދުވަހަކަށް..

ބައްޕަގެ މަރަށް ފަހު ބައްޕަ ދެއްކި ވާހަކަތައް މަ މުޅިން ހަނދާން ނައްތާލިން. މަށަށް ވަރަށް ރަނގަޅަށް އެނގޭ ބައްޕަގެ މަރާއި، މުއްދުސޮރުގެ ކަންތައް ނިންމާލުމަށް ބައްޕަ ކުރި ސިހުރުގެ ވަރުގަދަ ހަނގުރާމައާ ގުޅުމެއް ވާކަން. އެހެންވެ އެ ދުވަހުން ފެށިގެން މަ އަޒުމު ކަނޑައެޅިން އެ ބާރު ހޯދަން. ބައްޕަ އާއި ކާފައަށް ކާމިޔާބު ނުވި އެ މަސައްކަތް ކާމިޔާބުކުރަން. މަ މިވީހާތަނަށްވެސް ތައްޔާރުވަމުން މި އައީ އެކަމަށް. އެކަމަށް ފުރިހަމައަށް ތައްޔާރުވެވިއްޖެކަން ޔަޤީންވުމުން ދެން މަ ބަލަމުން އައީ އެކަމަށް އެކަށޭނަ ފުރުސަތަކަށް. އެ އިންތިޒާރުގައި ހުއްޓާ އެ ފަދަ ފުރުސަތެއްގެ ގޮތުގައި މަށާ ނާއިލް ބައްދަލުވުން ވެގެން ދިޔައީ.. ”

ހާމިދުގެ ވާހަކަތަކުން ނާއިލްގެ ހިތްހަމަ ނުޖެހުމުގެ އަސަރުތައް އަނެއްކާވެސް ހަށިގަނޑުގައި ހިނގައިގަނެ، ރުޅި އަންނަގޮތް ވެއްޖެއެވެ. ” އެހެންވީމާ ފަންޑިތައެއް ހަދަން ބޭނުންވެގެން އައި ހިސާބުންވެސް ތިޔަ ވަނީ މި ނުބައި މަޅިއަށް އަހަރެން ފައްތާފަދޯ؟ ” ނާއިލަށް ބޯހޫރާލެވުނެވެ. ” ބޯހަލާކު. އެހެންވީމާ ހާމިދު މި ވާހަކަތައް ކިޔައިދިނުމުގެ ކުރިން ބުނިހެން، އަހަރެން ބޭނުންވި ކަންތައް ހާމިދަށް ވަރަށް ފަސޭހައިން ކޮށްދެވުނީސްދޯ؟ ދެން ކީއްވެ..؟؟ ” ނާއިލްގެ އަރުތެރެ ހިކި އަޑު ބެދޭގޮތްވިއެވެ.

” ހޫމް… ނާއިލް ރުޅި އިސްނުކޮށް މަގޭ ވާހަކަތައް އަޑު އެހުން ދެން އެންމެ ބުއްދިވެރިވާނީ.. އެނގޭ މަށަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން.. ނާއިލަށް މި ސިއްރު ބުނެ ނުދީވެސް މަށަށް ބޭއްވުނީސް.. އެކަމަކު މިހާރު ކަންތައް މިވީގޮތުން މަށަށް އެންމެ ބުއްދިވެރި ގޮތެއް ކަމަށް މިގޮތް ފެނުނީ..

ނާއިލް ބުނިހެން، ނާއިލް އަހިސް ބޭނުންވާ ކަންތައް ކިޔައިދިނުމުން މަ މަގޭ ރޭވުންތައް ރާވައި ނިންމިން. މަ ރޭވީ ނާއިލްގެ މަގުޞަދު ހާސިލްވެފައި މަގޭ ބޭނުންވެސް ފުދޭނެ ގޮތަށް ކަންކުރަން.. މަ ވިސްނީ ބައްޕަ ވަޅުލި މުއްދުސޮރުގެ ހަށިގަނޑުގައިވާ ރޫހާނީ ބާރު އެފަދަ އެހެން ހަށިގަނޑަކަށް ފޯރުކޮށްދޭން.. އެކަމަށް މަ އިޙްތިޔާރުކުރީ ހަމްޒަތު.. ”

ހަމްޒަތުގެ ނަން އިވުމާއެކު ނާއިލްގެ ލޯ ބޮޑުވެގެން ދިޔައެވެ. ” ހަމްޒަތޭ ؟؟؟ “. ހައިރާން ކަމާއެކު ސުވާލުކޮށްލެވުނެވެ. ހަމަ އެހެންމެ އޭނާގެ ލޭ ކެކިގެން ދިޔައެވެ. އެ ރޭގެ އެ ވަގުތު އޭނާގެ ކޮއްކޮ ނާއިލާ، ގޭގެ ދޮރުމަތީގައި ހުރި ނިކަމެތި ހާލާއި، އޭނާގެ ބައްޕަގެ ޒަހަމްވެ ލެއިން ތަތްތެޅި މަރުވެފައިވާ ހަށިގަނޑު ކައްވަޅަށް ތިރި ކުރަމުން ދިޔަ މަންޒަރު ހަދާނަށް އައުމާއެކު ބަދަލު ހިފުމުގެ ޖަޒުބާތީ ޖޯޝު އިތުރަށް އާލާވެގެން ދިޔައެވެ.

” އާން.. ހަމްޒަތު..  އެނގޭ ނާއިލް ބޭނުންވީ ހަމްޒަތާއި އަދިވެސް އެކަމުގަ ބައިވެރިވި އެހެން އެންމެންމެ މަރާލާންކަން. މަ ކުރިން ކިޔައި ދިނީ ފަންޑިތައިން ނާއިލްގެ ބޭނުން ހާސިލް ވާނެ ގޮތް. އޭރުވެސް ހެދީ ތެދު. ހަމްޒަތުގެ ހަށިގަނޑަށް އެ ރޫހާނީ ބާރު ފޯރުމާއެކު ވަކި ބާރެއްގެ ގޮތުގައި ނޯވެ، އިންސާނީ ހަށިގަނޑާއި އެކުވެ މަސްހުނިވެ ހެދިބޮޑުވަމުންދާނެ.. އެހެނަސް އެކަމުގައި މަ ނާއިލަށް އޮޅުވާލީ އެންމެ ކަމެއް. އެއީ މަގޭ މަޤުސަދު ހާސިލް ކުރުމަށްޓަކާ އޮޅުވާލި އޮޅުވާލުމެއް. އަސްލު ސިހުރުގެ ބާރުގައި ހަމްޒަތުގެ އިހުތިޔާރަކާއި ނުލާ އޭނާގެ ބައިވެރިން މަރާނީއެއްނޫން.. އަދި އޭރު މަ ކިޔައިދިން ގޮތަށް އެއަށްފަހު ހަމްޒަތު މަރުވާނީއެއްވެސް ނޫން.. އޭގެ ބަދަލުގައި ހަމްޒަތު ހުންނާނީ މަގޭ މި ގެއާއި މަގޭ އާއިލާގެ ހަށިފާރަވެރިއަކަށް. މަގޭ މަސައްކަތްތައް ކޮށްދޭ، ދެ ނަސްލު މަސްހުނިވެފައިވާ އާދަޔާ ޚިލާފު ބާރުގަދަ މަހުލޫގަކަށް.. ނާއިލް ބޭނުންވި ސިހުރު ހަދައި ކާމިޔާބު ކުރިކަން ހާމަކޮށްދިނުމަށް އޭނާގެ ބައިވެރިން މަރާނީ ހަމަ ހަމްޒަތު.. އެކަމަކު އެއީ މަގޭ އަމުރަށް.. ކާފަ ކުރަން އުޅުނު މަސައްކަތް މަށަށް ކާމިޔާބުވުމުން.. އެއަށްފަހު ކަލޭމެން އެންމެންގެ ލޯ މައްޗަށް ހަމްޒަތު ވަންހަނާކޮށް މި ގޭގައި ގެންގުޅެމުން ގެންދާނީ.. މަ މިކަމަށް ހަމްޒަތު އިހުތިޔާރުކުރީ އޭނާއަކީ އީމާންކަން ކުޑަ، އުޅުން ވިޔާނުދާ މީހަކަށްވުމުން އެ ރޫހާނީ ބާރު އޭނާގެ ހަށިގަނޑާ އެކުވަން ފަސޭހަވުމާއެކު، މަށަށް އޭނާ މަގޭ ބާރުގެ ދަށަށް ގެންނަން ފަސޭހަވާނެތީ..

މިއީ މަ ރޭވިރޭވުމަކީ.. މިއީ ނާއިލް ހަދަން ބޭނުންވި ސިހުރު ކާމިޔާބު ކޮށްދިނުމުގެ ނަމުގައި ނާއިލް ބޭނުންކޮށްގެން މަ ހާސިލްކުރުމަށް ކުރި މަސައްކަތް… ”

ހާމިދު ވާހަކަ މެދު ކަނޑާލުމުންވެސް ނާއިލް އަނގައިން ނުބުނެ އިނެވެ. އޭނާ ވިސްނަމުން ދަނީ ކަންނޭގެއެވެ. މިގޮތުގައި ވަގުތުކޮޅެއް ފާއިތުވުމަށްފަހު، ކުއްލިއަކަށް އިސްއުފުލާ ހާމިދުއާ ދިމާއަށް އޭނާ ބަލާލިއެވެ. އަދި މަލާމާތުގެ ހިނިތުންވުމެއް ރައްދުކުރަމުން ވާހަކަ ދެއްކިއެވެ.

” އޯ.. ތިއީދޯ މާސްޓަރ ޕްލޭން އަކީ.. ހަހަ.. އެންމެ ފަހުން އަހަރެންގެ މަސައްކަތް ކާމިޔާބު ނުވިތާންގައި ހާމިދުގެ އަމިއްލަ އެދުންވެސް….  ނޫނޭ ރަނގަޅު.. ދެން ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ހެޔޮ.. މިހާ ހިސާބުން މި ނިމުނީ.. އަހަރެން މި ދަނީ. ދެނެއް ތި މަޅިއަކު ބެދޭކަށް ނެތިން.. އަމިއްލައަށް ސިހުރު ހަދައިގެން ތި ބުނާ ބާރެއް ހޯދައިގެން ހުރޭ. އަހަރެން ދެން ބޭނުމެއް ނޫން ސިހުރު ހަދާކަށް…. ”

ނާއިލް ތެދުވެގެން ދާން ހިނގައިގަންނަމުން ހާމިދާ ދިމާއަށް ރުޅިވެރިކަމާއެކު ބަލާލިއެވެ.

” ނޫނޭ އަދި ވާނެންޏާ އެ މީހުންގެ ކިބައިން ބަދަލު ހިފާނަން.. އެކަމަކު ހާމިދުއަށް ދެން ސަލާމް އިނގޭ..” ނާއިލްގެ ވާހަކަތަކުން ހާމިދަށް ތެޅިގަނެވުނެވެ.

” ނާއިލް އަދި މަޑުކުރޭ.. ތި ގޮތަށް ދެވިދާނެ.. އެކަމަކު މިހާރު ކަންތައް ވެފައި އޮތް ގޮތުން ވަރަށް ބޮޑު ނުރައްކަލެއް އެބައޮތް.. މަށަށްވުރެ ނުރައްކާ ބޮޑީވެސް ތިކަހަލަ ނުވިސްނޭ ނިކަމެތި އިންސާނުންނަށް.. ”

 

— ނުނިމޭ —

ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.