އައިމަންގެ މިބަސްކޮޅު އިވުމާއެކު އާޝޯހުވެ ހުރެ ނާއިލާއަށް އަނެއްކާވެސް "ކީކޭ؟" ހެއްޔޭ އަހާލެވުނެވެ.
" މިބުނީ ވަރަށް އުފާވެރި އުފަންދުވަހަކަށް އެދެމޭ... ބާއްޖަވެރި ހަޔާތަކަށް ވެސް އެދެމޭ "
ލޯބިން ހޭދަކުރި ދުވަސްތަކަށްފަހު އޭނާ ބޭވަފާތެރިވުމުން، އައިމަން އެކަމުގެ ހިތާމާގައި އެތައް ދުވަސްތަކެއް ވޭތުކުރުމަށްފަހުގައި ވެސް، ނާއިލާގެ އުފަންދުވަސް ހަނދާން ހުރުމުން އޭނާއަށް ހައިރާންކަމެއް ލިބުނެވެ. އައިމަން އާއެކު ލޯބިން ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާވިއެވެ. އެ ހަނދާންތަކުގެ ފޮނިކަމުގައި ހިނިތުންވެލެވުނެވެ. އެހެނަސް އައިމަން ހިނގާފައިގޮސް އެހެން މަގަކަށް އަޅައި ލޮލުގެ ކުރިމަތިން ގެއްލުނު އިރުވެސް ނާއިލާއަށް ހުރެވުނީ އަނގައިން ބުނަން ނޭނގިފައެވެ. އެންމެ ކުޑަމިނުން ޝުކުރު އަދާކޮށްލަން ވެސް އޭނާ ހަނދާންނެތިފައި ވާކަހަލައެވެ.
" އޭ.. ނާއިލާ.. އެކަމަކު ވާ.. ތޭންކްސް އޭ ވެސް ނުބުނީމެއްނު... "
ނާއިލާގެ ކޮނޑުގައި ޖެހިގަންނަމުން އަމްނާ ނާއިލާއާ ދިމާކުރާ ކަހަލަ ރާގެއްގައި ބުނެލިއެވެ. ނާއިލާ ތެޅިގެންފައި ލަދުން އިސްދަށަށް ޖަހާލިއެވެ. އެހެނަސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މޫނުމަތީގައިވި ރަކި ހިނިތުންވުން ފިލައި، ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރު ފާޅުވެއްޖެއެވެ. މި މަންޒަރު ގާތުން ދެކެންހުރި އަމްނާ، ނާއިލާގެ ދަތްދޮޅީގައި ހިފައި އިސް އުފުލުވާލަމުން ވީ ކީއްތޯ ސުވާލުކުރިއެވެ.
" މިއަދު މިވީ ގޮތުން ހަމްޒަތު އައިމަންއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.. އަހަރެން ވަރަށް ބޮޑަށް އެބަ ކަންބޮޑުވޭ.. އައިމަންއަށް މުޅިން ވެސް އަހަރެންގެ ސަބަބުން އަނިޔާ ލިބެނީ... "
ވީ ދެރައިންނާ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ނާއިލާގެ އަރުތެރެ ބެދި، އަޑު ތާށިވިއެވެ. ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ނާއިލާގެ މިހާލު ފެނުމުން އަމްނާގެ ހިތަށް ވެސް ފުން އަސަރެއް ކުރިއެވެ. ގާތް ރަޙުމަތްތެރިޔާއަށް ހަމްދަރުދީވާ ހާލު، ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ބުނެ ވިސްނައިދިނެވެ. ހިތްވަރު ދިނެވެ. އެހެނަސް ހަމްދަރުދީގެ އެ ބަސްތަކުގެ ސަބަބުން ނާއިލާއަށް އިތުރަށް އަސަރު ކުރިއެވެ. ދެރަވެ މާޔޫސްވެފައިވާ މީހާއަށް ގާތް މީހެއްގެ ގާތްކަމާއި ހަމްދަރުދީ އާއި ހިތްވަރުގެ ބަސްތައް ލިބޭ ހިނދު އާންމުކޮށް ކަން ހިނގާ މަގަކީ ހަމަ މިއީއެވެ.
ރޭގަނޑުގެ އެތައް ދަމެއް ވެގެން ދިޔައިރު ވެސް ހަމްޒަތު ބޭރަށް ނުނިކުތުމުން އޭނާ ގުރޫޕްގެ ތިން ކުއްޖަކު އޭނާގެ ކޮޓަރިއަށް އަތުވެއްޖެއެވެ. މިއީ ދުވަހަކުވެސް ކަން ހިނގި ގޮތެއް ނޫނެވެ. މުޅި ގްރޫޕްގައި ވެސް ހުރިހާ ކަމެއްގައިމެ އެންމެ އިސްކޮށް އުޅޭ މީހަކީ ހަމްޒަތެވެ.
ގިނަ ރޭރޭ ރޭގަނޑުގެ ހަތަރުދަން އެމީހުން ހޭދަކޮށްލަނީ ނުނިދައެވެ. ސަކަރާތް ޖެހުމާއި މަޖާ ކުރުމުގައެވެ. އިރާކޮޅު، ކޮފީއަކާއެކު ސިނގިރޭޓަކުންނެވެ. ނޫނީ ބިޑިއަކުންނެވެ. ބައެއް ރޭރޭ މެންދަމަށް އަޅާލުމުން، ކޮންމެވެސް އެއް ބާވަތަކުން ބޭނުންކޮށް މަސްތުވެގެންވާ ހާލުގައެވެ. ނޫނީ އެފަދަ އެއްޗެއްގެ "ޑީލް"އެއް ނިންމާލުމުގައެވެ. ތިމާމެންގެ ކަންކަމާބެހި، ތިމާމެންނާއި ނުކަސިޔާރުވާ މީހުންނަށް އެ މީހުންގެ އުސޫލުން އަދަބު ދިނުމުގައެވެ. ނޫނީ އެ މީހުންނާއި އެއްފަދަ ދަރަޖައެއްގައި އުޅުން ހުންނަ ކޮންމެ ވެސް އަންހެން ކުއްޖަކާއެކު ބަދު އަޚުލާޤީ އަމަލެއް ހިންގުމުގައެވެ. ދެރަކަމަކީ ބައެއް ފަހަރަށް އެމީހުންގެ ދަޅައިގައިޖެހި، ރީތި ތަޢުލީމީ، އުޅުންހުރި ގަދަރާއި އިއްޒަތް ލިބިގެންވާ ރަނގަޅު އާއިލާތަކަށް ނިސްބަތްވާ ކިތަންމެ ޒުވާން އަންހެން ކުދިންނެއްމެ މަގު ފުރެދިގެންދާކަމެވެ. ވަގުތީ އަރާމާއި އުފަލަށްޓަކައި އެފަދަ ފިރިހެނުންނަށް ފުރުސަތު ދޭކަމެވެ. އެއީ ކާމިޔާބު ކަން ކަމުގައި ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އެހެނަސް އެއީ ޒުވާކަން ނީލަން ކިއުމެވެ. ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ އިއްޒަތެއް އަބުރެއް ނޯންނާނެއެވެ. އެމާ ކިތަންމެ ރީތިވެފައި ވަސް މީރު ނަމަވެސް މެއެވެ. އެއީ އެންމެންމެ އަޖުމަ ބަލަމުން ދުވާ މަލަކަށް ވީތީއެވެ. ވީއިރު ހުރުމަތެއް އަދިއަމުދުން އޮންނާނެތޯއެވެ. ލޯބީގައި ހަގީގީ ކާމިޔާބީގެ އަހުލުވެރިންނަކީ، އެކަކަށްޓަކައި އެއްގޮތެއްގައި ތެދުވެރިކަމާއި، ވަފާތެރިކަމާއެކު ދެމިހުންނަ މީހުންނެވެ. އެހެނަސް އެފަދަ މީހުން މަދުވެއްޖެއެވެ. އެފަދަ މީހުންގެ އަގު ވަޒަންކުރެވޭ ލޯބިވެރިން ވެސް މަދުވެއްޖެއެވެ. ގިނަ ފަހަރަށް ފައި ނެގެނީ ލޯބިވެރިންގެ ލިސްޓް ދިގުކޮށްލުމަށެވެ. ނަތީޖާއަކީ ހަމްޒަތު މެންފަދަ އުޅުމެއްނެތް މީހުންނަށް އެގޮތުގައި ދެމިތިބުމަށް ލިބޭ ހިތްވަރަކަށް ވުމެވެ. ލޯބީގައި ތެދުވެރިވެ ތިބޭ މީހުންމެ މާޔޫސްވެ އެ މަގުން ދަތުރުކުރަން ފެށުމެވެ.
ހަމްޒަތުގެ އެކުވެރިން އޭނާގެ ކޮޓަރިއަށް ވަންއިރު ފެނުނު މަންޒަރުން އެމީހުންނަށް ހައިރާންކަން ލިބުނެވެ. ހަމްޒަތު އޮތީ އެނދުމަތީގައެވެ. އޭނާގެ މޫނު ވަނީ މިލާމޯޅި ވެފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ބައްޔެއްގައި އުޅެފައިވާ މީހެއް ފަދައެވެ. ތަނެއްގައި ރިއްސާތީ ނޫނީ އެފަދަ އުނދަގުލެއް ވާތީ އުޅޭ މީހަކު ފަދައިން އޭނާ ބަލިއެނދުގައި އޮވެ ރަޙުމަތްތެރިންނަށް އެތެރެއަށްވަނުމަށް ބުންޏެވެ.
" ބްރޯ.. ތީ ކޮންކަމެކޯ؟ " އަބަދުވެސް އަނގަ ގަދަ ރިލްވާން ހަމްޒަތާ ސުވާލުކުރިއެވެ.
ޖަވާބުގައި ހަމްޒަތު ދައްކާލީ އޭނާގެ ކަނާއަތެވެ. އެންމެންނަށް އެއްފަހަރާ އެ އަތަށް ބަލައިލެވުނެވެ. ހަމަ އެއާއެކު ޖަވާބު ބޭނުންވެފައިވާ ބައެއް ފަދައިން ކޮންމެ މީހެއްމެ ހަމްޒަތުގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ އަތްވަނީ ވަރަށް ބޮޑަށް ނޫފައިގެންފައެވެ. އަލިފާންޖެހި ފިހިފައިވާ ތަނެއް ކަހަލައެވެ.
ހަމްޒަތު މިއަދު އޭނައާ އައިމަންއާ ދެމެދުގައި ހިނގައި ދިޔަ ކުރިމަތިލުމުގެ ވާހަކަ ކިޔައިދިނެވެ. މިއަދުގެ އެ ވަގުތު ބިންމަތީގައި ޖެހުނުލެއް ބާރުކަމުންނާއި ޖެހުނު ގޮތުން މިހާރުވެސް ބުރަކަށީގައި ވަރަށް ބޮޑަށް ރިއްސާކަމުގައި ބުންޏެވެ. އަދި މިރޭ ދެން ބޭރަށް ނުދެވޭނެކަމަށާއި އެހެނަސް އައިމަންގެ ކިބައިން ބަދަލު ހިފަންވާނެ ކަމަށް އެންގިއެވެ.
ހަމްޒަތުގެ ވާހަކަތަކަށްފަހު، އައިމަންގެ ކިބައިން ބަދަލު ހިފުމުގެ މަސައްކަތާ އިރުފާން ހަވާލުވިއެވެ. މުޅި ރަށުގައި މަޝްހޫރުވެފައިވާ "ގޭންގް" އަކަށްވުމުން، ގްރޫޕް ހަދައިގެން އެފަދަ ކަމެއް ކުރުމަށްވުރެ އެކަނި އެކެއްގެ ބާރުގައި މަސައްކަތް ފުރިހަމަކޮށްލުމީ މިހާރު ހަމްޒަތާއި އޭނާގެ ބައިވެރިން އަބަދުވެސް ގެންގުޅޭ ވިސްނުމެކެވެ. ހާއްސަކޮށް މިދުވަސްވަރު ރަށުގައި ހިނގާ ދިޔަ ބޮޑެތި ކުށްތަކާއި ހެދި ފުލުހުން ރަށުތެރެ ބެލެހެއްޓުން އިތުރު ކޮށްފައި ވާތީ އެއީ އެންމެ ބުއްދިވެރި ގޮތްކަމުގައި އެ މީހުން ދެކުނެވެ. އެ މީހުންގެ ބަސްމަގުން ބުނާނަމަ އިރުފާންގެ މަސައްކަތަކީ އައިމަން ކޮށާލުމެވެ. ދުވަސް ދުއްވާލުމެވެ. ނުވަތަ ނުކުޅެދޭ މީހަކަށް ހަދާލުމެވެ. ދެން ދުވަހަކުވެސް އެއިން މީހަކާ ވައިއެޅެން ވެސް ނުކެރޭނެވަރު ކޮށްލުމެވެ.
އަމްނާގެ އެތައް ނަސޭހަތަކާއި، ހިތްވަރު ދިނުންތަކަކަށް ފަހު، ނާއިލާ ހަމައަކަށް އެޅުނެވެ. އަދި ރޭގަނޑު އަށެއް ޖެހި ތަނާހެން ވަރަށް ހިތްވަރުން އައިމަންއަށް ގުޅިއެވެ. އެހެނަސް އައިމަން ފޯނު ނެގުމުން، އައިމަންގެ އަޑުޖެހުމުން ނާއިލާ ހިއްސުތަކުގެ މަސައްކަތް ހުއްޓުނުކަހަލައެވެ. މީހާ ފިނިވެ ވާހަކަ ދެއްކުމަށް ނުކުޅެދިއްޖެއެވެ. ދުލުގައި ތަޅުއެޅިއްޖެއެވެ. ނާއިލާގެ ނަންބަރުކަން އެނގުނަސް، ވާހަކަ ނުދައްކާ ގިނަ އިރުވުމުން އައިމަން ފޯނު ކަނޑައިލިއެވެ.
ދެވަނަ ފަހަރަށް ވެސް އައިމަންގެ ފޯނަށް ނާއިލާގެ ނަންބަރުން ގުޅިއެވެ. އައިމަން ފޯނަށް ޖަވާބު ދިނެވެ. ހަމަ އެއާއެކު މިފަހަރު އެކޮޅުން ވާހަކަ ދައްކައިފި ވެސްމެއެވެ. އެހެނަސް ނާއިލާއެއް ނޫނެވެ. އަމްނާއެވެ. އަމްނާ އައިމަންއާ ވަރަށް ގިނައިރު ވާހަކަ ދެއްކިއެވެ. އުފަންދުވަހުގެ ތަހުނިޔާ ކިޔަތީ، ނާއިލާގެ ފަރާތުން ޝުކުރު އަދާކުރަމުން، ހެޔޮ އެދޭ ރަޙުމަތްތެރިއެއް ފަދައިން އަމްނާ އައިމަންއަށް ވަރަށް ގިނަ ނަސޭހަތްތަކެއް ދިނެވެ. އެންމެ ފަހުން، އެ ފޯނުކޯލު ނިމިގެން ދިޔައީ ނާއިލާ އާއި އައިމަން ވެސް ވާހަކަ ދެއްކުމަށްފަހުގައެވެ. މާޒީގެ ދެ ލޯބިވެރިންގެ ލޯބީގައި ނިމުމުގެ ސިއްކަ ޖެހުމަށްފަހު، ދެ ހަތުރުންގެ ގޮތުގައި ހޭދަކުރި ދުވަސްތައް ފަސްދީ އޮބާލައި، އެކުވެރިކަމުގެ އާ ގުޅުމަކުން ގުޅިލައި މެހުނީއެވެ. އެހެނަސް ގާތް ދެ އެކުވެރިން ދެ ލޯބިވެރިންނަށް ބަދަލުވާހެން، ދެ ލޯބިވެރިން ގާތް ދެއެކުވެރިންގެ ގޮތަށް ބަދަލުވެ އެގޮތުގައި ތިބެވިދާނެ ހެއްޔެވެ؟ އެ ދެހިތުގައި ކުރިން އުފެދުނު ލޯބީގެ ޖަޒުބާތުތަކާއި އެކުގައި ލޯބީގެ މެހެފިލްތަކުގައި އެ ހޭދަކުރި ވަގުތުތައް ހަނދާން ނުވާނެހެއްޔެވެ؟ ހިތުގައި ނުރިއްސާނެ ހެއްޔެވެ؟ މީހުން ބުނާތީ އިވެއެވެ. "ގާތް ދެ އެކުވެރިން ދެލޯބިވެރިންނަށް ބަދަލު ވެދާނެއެވެ. އެހެނަސް ދެ ލޯބިވެރިންނަށް ގާތް ދެ އެކުވެރިންނަށް ބަދަލެއް ނުވެވޭނެއެވެ."
އާދައިގެ މަތިން ދިރިއުޅުމުގެ ކަންތައްތައް ހަމައަކަށް އަޅުވައި ހަމަ ޖެއްސުމުގެ މަގުސަދުގައިހުރި ނާއިލް، ދެ ދުވަސް ވަންދެން ސަލާމުގައި ހުރުމަށްފަހު މިއަދު އޮފީހަށްދާން ތައްޔާރުވަނީއެވެ. ސިކުނޑީގައި ހިނގަމުން އައި ހާސްކަމާއި ނުތަވަސްކަމުގެ އަސަރު މަޑުމަޑުން ފަނޑުވަމުން ދިއުމާއެކު، ނާއިލަށް އާ ދިރުމެއް ލިބިފައިވާކަހަލައެވެ. ތުވާލިކޮޅާއެކު ފާހަނާއިން ނުކުތްއިރު ވެސް ތުބުން މަޑުމަޑު މިއުޒިކީ ރާގެއް ކުޅެމުންދިޔައެވެ. އޭނާގެ އެ ދޮން ހެދިހުރި ރީތި ފިރިހެންވަންތަ ހަށިގަނޑުން ފެންނަނީ ތާޒާކަމެވެ. އާދައިގެ ވަރަކަށް ދިގުކޮށްލާފައިއޮތް އިސްތަށިގަނޑުގައިވާ ތެތްކަމާއެކު މޫނުމަތީގެ އުޖާލާކަން އިތުރުކޮށްދެއެވެ.
" ނާއިލާ އަވަހަށް ފަޓުލޫނާ ގަމީސް ގެނެސްދީބަލަ.. އަދިވެސް އިސްތިރިކޮށް ނުނިމެނީތަ؟ "
އިސްތިރިކޮށްފައިވާ ގަމީހެއް އެނދުމަތީގައި އޮންނާނެ ކަމުގެ އުންމީދުގައި ބަލާލިއިރު ހުސް އެނދު ފެނުމުން ނާއިލް ނާއިލާގެ ކޮޓަރިއަށް އަޑު އިވޭވަރަށް ބާރަށް ނާއިލާއަށް ގޮވާލިއެވެ. މަންމައާއި ބައްޕަ ނިޔާވެ، ނާއިލާ ކޮއްކޮގެ ދިރިއުޅުން ބަދަލުވިފަހުން ވޭތުވެދިޔަ ދުވަސްތަކުގައި ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ހަމަޖައްސަމުން އައީ ނާއިލް އަމިއްލަ އަށެވެ. އެހެނަސް އަދު ނާއިލާއަކީ ކުރީގެ ނާއިލާއެއް ނޫނެވެ. އޭނާއެކޭ ކެރޭ މުރާލި ހިތްވަރުގަދަ އަންހެނެކޭ އެއްވެސް ތަފާތެއް ނެތެވެ. އެހެނަސް އޭނާގެ ކިބައިގައި ކުރީގެ އުޅުމާއި ވަރަށް ބޮޑު ތަފާތެއްވެއެވެ. ގޭތެރޭގެ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން އުޅެމުން އައިސް އެންމެ ފަހުން އިއްޔެ ނާއިލް އޮފީހަށްދާން ގަމީސް އިސްތިރިކޮށްދީ ހަދާނީ ވެސް އޭނާކަމަށް އަމިއްލައަށް ބުނެ ހަވާލުވެއްޖެއެވެ. ނާއިލް އޭނާގެ ކޮއްކޮއާމެދު ފަޚުރުވެރިވެ އުފާވިއެވެ. އެހެނަސް އޮފީހަށްދާ ގަޑިޖެހެން ކައިރިވިއިރު ވެސް . . . .
ކުޑަކޮށް ހިތްހަމަނުޖެހި ހުރެ ކޮޓަރިން ނުކުތުމަށް ނާއިލް ހިނގައިގަތެވެ. ދޮރު ހުޅުވުމަށް އަތްގަނޑާ ދިމާލަށް އަތް ގެންގޮސް ގެންގޮސް ހުއްޓާ ކޮޓަރީގެ ބޭރުން މީހަކު ދޮރު ހުޅުވާލިއެވެ. އެ ވަގުތު ކުޑަކޮށް ސިހިފައި ނާއިލަށް ކޮޓަރީގެ އެތެރެއަށް ދެތިން ފިޔަވަޅެއް އެޅުނެވެ. ހަމަ އެއާއެކު ދޮރާ ދިމާލަށް ބަލައިލަމުން ހައިރާންވެހުރެމެ ހިނިތުންވެލެވުނެވެ. ނާއިލް ބޮޑަށް ހައިރާންވީ އިސްތިރިކޮށްފައިވާ އޭނާގެ ގަމީހަކާއި ފަޓުލޫނެއް ކޮނޑަކަށް އަޅުވާލައިގެން އަމްނާ އަހިސް ހުރުމުންނެވެ. އެހެނަސް އެންމެ ހިނދުކޮޅަކަށް ވެސް އޭނާގެ ނަޒަރު ދޮރުމަތީގައިހުރި އަމްނާގެ މޫނުން ނައްޓައެއް ނުލިއެވެ. ނާއިލްގެ އެ ބެލުމުގެ ސަބަބުން އަމްނާ ރަކިވެއްޖެއެވެ. އަދި ޚާއްސަކޮށް ނާއިލް ހަމައެކަނި ތުވާލިކޮޅަކާއެކުގައި ހުއްޓާ ޓަކި ވެސް ޖަހާނުލައި ކޮޓަރިއަށް ވަދެވުމުން އޭނާ ވަކިން ބޮޑަށް ލަދުގަނެއްޖެއެވެ.
" ސޮރީ. މިއަދު ނާއިލާ ވަރަށް ބޮޑަށް ބަލިވެ އުޅޭތީވެ އޭނާ ގުޅާފައި ބުނީމަ ނާއިލް އޮފީހަށް ދިއުމުގެ ކުރިން ސައި ތައްޔާރުކޮށް ގަމީސް އިސްތިރިކޮށްލަދޭންވެގެން މިއައީ.. " ލަދުން އިސްދަށަށް ޖަހައިގެން ހުރެ ނާއިލަށް ކިރިޔާ އިވޭ ވަރަށް މަޑުމަޑުން އަމްނާ ވާހަކަދެއްކިއެވެ. ނާއިލާ ބަލިވެ އުޅޭ ވާހަކަ އިވުމުން ނާއިލް ވަގުތުން ކޮޓަރިން ނުކުމެގެން ނާއިލާ ކައިރިއަށް ދާން ހިނގައިގަތެވެ.
" ނާއިލް. ގަމީސް " ގަމީސް ބަހައްޓަންވީ ތަނެއް ވެސް ނޭނގި ހުރި އަމްނާގެ މި ބަސްކޮޅު އިވުމާއެކު ނާއިލް އައިސް ގަމީހާއި ފަޓުލޫނުގައި ހިފިއެވެ. އަމްނާ އަވަސްއަވަހަށް ކޮޓަރިން ނުކުންނަމުން ދޮރުލައްޕާލިއެވެ.
ރީތިވެ ނިމުނުގޮތުން ނާއިލް ވަގުތުން ނާއިލާ ކައިރިއަށް ދިޔައެވެ. ދޮންބެ ފެނުމުން ނާއިލާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. ވީ ކީއްތޯ ސުވާލު ކުރުމުން ނާއިލާ ބުނީ ވަރަށް ގަދަޔަށް ހުން އައީ ކަމަށެވެ. އެހެނަސް ނާއިލް ޑޮކްޓަރަށް ދައްކަންދާން އެދުމުން، މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށް ބުނެ ނާއިލާ އެކަމަށް އިންކާރު ކުރިއެވެ. އަދި އަމްނާގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަމެއް ލިބޭކަމަށް ބުނެ އަމްނާއަށް ތަޢުރީފު ކުރިއެވެ. އެ ވާހަކަތައް އަޑު އަހަން ހުރި ނާއިލަށް ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. އެހެންކަމުން އިސްދަށަށް ޖަހާލަމުން އަވަސް އަވަހަށް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެހިނދު ބަދިގެ ފަރާތުގައި އުޅެފައި އައިސް ކޮޓަރިއަށް ވަންނަން އުޅުނު އަމްނާގެ ގައިގައި ނާއިލް އަޅައިގަނެއްޖެއެވެ. ހަމައެއާއެކު އަމްނާ އަރިއަޅާލައި ވެއްޓެން އުޅުނު ވެސްމެއެވެ. އެހެނަސް ނާއިލް ހުށިޔާރުކަމާއެކު އަމްނާގެ އުނަގަނޑުގައި ހިފަހައްޓަމުން އަމްނާ ސަލާމަތްކޮށްދިނެވެ. ނާއިލް އަމްނާގެ އުނަގަނޑުގައި ހިފެހެއްޓިގޮތަށް އަމްނާގެ މޫނަށް ބަލަން ހުރީއެވެ. އަމްނާއަށް ވެސް ގަނޑުވެފައިވާ މީހެއް ފަދައިން ނާއިލްގެ އަތުތެރޭގައި އޭނަގެ ހިމާޔަތުގައި މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މި މަންޒަރު ދެކެން އެނދުމަތީގައި އިން ނާއިލާ ގާތަށް އައި ހިނިގަނޑު ހިފަހައްޓައެއް ނުލެވުނެވެ. ހަމަ އެއާއެކު ދެ މީހުންމެ ސިހިފައި އަވަސް އަވަހަށް ދުރުވެލިއެވެ.
މިއަދު ވެސް އެތައް އިރެއްވަންދެން ގެއިން ނުނިކުމެ އޮތުމަށްފަހު އައިމަން ގެއިން ނުކުތީ ހަވީރުވެ އަވި މަޑުވެލީމައެވެ. އެ ވެސް އަވިއައިނެއް އަޅައިގެންނެވެ. އޭނާ ނުކުތް ގޮތަށް މިސްރާބު ޖެހީ ނާއިލާމެންގެ ގެއާ ދިމާއަށެވެ. ހަރު ހިނގުމެއްގައި ހިނގާފައިދާއިރު، އޭނާ ވަރަށް ބޮޑަށް އިސްދަށަށް ޖަހައިގެން ހުންނަކަން ފާހަގަކުރެވެއެވެ. އަދި ވީހާވެސް ބޮޑަކަށް އަތްވަށް ނުނިކުމެ، ހިޔަލުން ހިނގާފައި ދެވޭތޯ ބަލާކަންވެސް ފާހަގަ ކުރެވެއެވެ.
ގޭދޮރުމަތީގައި ހުއްޓި ސަލާމް ގޮވާލުމާއެކު އަމްނާ ސަލާމް ބަލައިގަތެވެ. އަދި ގޭތެރެއަށް ނުކުމެ އައިމަން ފެނުމުން ނާއިލާގެ ކޮޓަރި ދައްކާލިއެވެ. އައިމަން މަޑުމައިތިރިކަމާއެކު ބަހެއްވެސް ނުބުނެ ނާއިލާގެ ކޮޓަރިއަށް ވަނެވެ. އޭނާގެ ފަހަތުން އަމްނާ ކޮޓަރިއަށް ވަންނަމުން ދޮރު ލައްޕާލިއެވެ.
އައިމަން ނާއިލާގެ ކައިރިއަށް އައީ ނާއިލާ ބަލިވެ އުޅޭކަން އަމްނާގެ ފަރާތުން އެނގުމުންނެވެ. އައި މަގުމަތީގައި އައިމަން ފިހާރައަކަށް ވަދެ ގަނެގެން ގެނައި ޗޮކްލެޓަކާއި މާބޮޑިއެއް ނާއިލާއަށް ހަދިޔާ ކުރުމުން ނާއިލާއަށް ބަޔާންކުރަން ވެސް ނޭނގޭފަދަ އުފާވެރިކަމެއް އިހުސާސްވިއެވެ. އަދި މާޒީގައި އޭނާ އާއި އައިމަން އެކުގައި ލޯބިން ހޭދަކުރި ދުވަސްތައް މަތިން ހަނދާންވިއެވެ. އެ ހަނދާންތަކާއެކު އައިމަންއަށް ބޭވަފާތެރިވެވުނު ކަމުގެ މައްޗަށް އަމިއްލަ ނަފުސަށް ހިތާ ހިތުން މަލާމާތް ކުރަމުން އޭނާ ދެރަވެ ހިތާމަކުރިއެވެ. ބޭރަށް ފާޅުނުކުރިޔަސް އޭނާގެ ހިތް ރޮމުން ގެންދިޔައެވެ.
ނާއިލް ނާއިލާގެ ކޮޓަރީގެ ދޮރު ހުޅުވާލީ އެތައް އިރެއްވާންދެން ނާއިލާ އާއި އައިމަން ވާހަކަދައްކަން ތިބުމަށްފަހު، ވަކިވުމަށްޓަކައި ދެ މީހުން ސަލާމްކުރަން އަތުގައި ހިފާލި ވަގުތުގައެވެ. އެ ދެ މީހުނަށްމެ ލިބުނު ސިހުމާއެކު އަތުން ދޫކޮށްލެވުނެވެ. ނާއިލް ފެނުނު މަންޒަރު ނުފެންނަ ކަމުގައި ހަދަމުން ހިނިތުންވުމަކާއެކު އައިމަންއަށް ގޮވާލައި ހާލު އަހާލުމަށްފަހު ކޮޓަރީގެ ދޮރުލައްޕާލަމުން އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ރޭގަނޑުގެ އެތައް ދަމެއް ފާއިތުވެގެން ދިޔައިރުވެސް ނާއިލަކަށް ނުނިދުނެވެ. އޭނާގެ ހިތަށާއި ސިކުނޑިއަށް އަމްނާގެ ރީތި ސޫރަ އުނދަގޫ ކުރަމުން ދަނީއެވެ. މިއަދު ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތީން ބައްދަލުވި އާދަޔާ ޚިލާފު ގޮތްތަކާއި މަންޒަރުތައް ފަށްފަށްވެ ސިފަވަމުން ދަނީއެވެ. އަމްނާގެ ގައިގައި ޖެހިގަނެވުނު ގޮތެވެ. އެ ލޫޅާފަތި ހަށިގަނޑުގައި އޭނާގެ އަތުން ހިފަހައްޓާލެވުނު ގޮތެވެ. އެ ދޮން މޫނު ލަދުން ރަތްވެގެން ދިޔަ ޗާލުކަމެވެ.
ނާއިލްގެ އާއިލާއަށް ކުރިމަތިވި އެންމެ ހިތާމަވެރި ދަނޑިވަޅުގައި ނާއިލާގެ އެންމެ ގާތް އެކުވެރިޔާ އަމްނާ ހުރީ ރާއްޖެއިން ބޭރުގައި ކިޔަވާށެވެ. އޭރު އޭނާ ކިޔަވަން ރަށުން ބޭރުގައި ހުންނަތާ ތިން އަހަރު ވަނީއެވެ. އަމްނާ ކިޔަވައި ނިމިގެން ރަށަށް އައީ ދާދި ފަހުންނެވެ. ރަށަށް އައިގޮތަށް އެންމެ ފުރަތަމަ ވެސް ނާއިލާގެ ހާލު އެނގުމުން އޭނާގެ ކައިރިއަށް އަހިސް ވިސްނައިދީ ނަސޭހަތް ދިނީއެވެ. އަދި ހަމަ އެ ދުވަހުގެ ހަވީރު އެކުގައި ހިނގާލަން ވެސް ދިޔައީއެވެ. އެހާ ދުވަސް ފަހުން ނާއިލްއަށް އަމްނާ ފެނުނީ މިއަދު ހެނދުނުގައެވެ. އެ ވެސް އޭނާގެ އަމިއްލަ ކޮޓަރީގެ ދޮރުމަތިންނެވެ. ނާއިލް ވެސް އޭނާގެ ފުރާވަރުގެ އުމުރުގައި އޭނާއެކޭ އެއް އުމުރު އެހެން ކުދިންނެކޭ އެއްގޮތަށް ލޯބީގެ ގޮތުން ދެތިން ކުއްޖަކާ ގުޅުނެވެ. އެހެނަސް އެފަދަ އެއްވެސް ގުޅުމެއް ދިގު މުއްދަތަކަށް ދެމިގެނެއް ނުދިޔައެވެ. ނާއިލް ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމެއްނެތި ހުންނަތާ މިހާރު ދެތިން އަހަރުވަނީއެވެ. އޭނާއަށް މުހިންމީ ފަހަރަކު ކުއްޖަކާ ރައްޓެހިވަމުން ދުވުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ލޯބިން ޒަވާޖީ ހަޔާތެއް ފަށަން ރަނގަޅު ބައިވެރިއެކެވެ. އަމްނާ ފެނުމުން އެފަދަ ބައިވެރިއަކަށް ހަދަން ރަނގަޅު ކުއްޖެއް ފެނިއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން އެބަދެއެވެ.
އާދުވަހަކަށް އިރުއެރުމާއެކު އާދައިގެ މަތިން ނާއިލް އޮފީހަށް ދިއުމަށް ތައްޔާރުވެގެން ގެއިން ނުކުތެވެ. ނާއިލް ގެއިން ނުކުތުމާއެކު އޭނާއަށް ލިބުނީ ބިރުވެރި ޚަބަރެވެ. އިވުނު އަޑާ ލިބުނު ހައިރާން ކަމާއެކު އޭނާ އަވަސް އަވަހަށް އަތިރިމައްޗާ ދިމާލަށް ހިނގައިގަތެވެ.
ހަރުހިނގުމުގައި ހިނގާފައި ގޮސް އޭނާ ދެކުނު ފަރާތު އަތިރިމައްޗަށް ފޭބި އިރު އެސަރަހައްދު ހޭޅިފަށުގައި އެންމެ ގިނައިން ގަސްހެދިފައިވާ ދިމާލުގައި ގިނަ އަދަދަކަށް މީހުން އެއްވެ ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިންމެ ފެންނަނީ ބިރުވެރިކަމާއި، ހިތާމައިގެ އަސަރެވެ. އެއްބައިމީހުން ގަދައަށް ރޮމުން ގެންދިޔައިރު، އަނެއް ބަޔެއްގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެ ގިސްލެވެމުން ދިޔައެވެ. އެހިތާމައިގެ އަސަރާއެކު ބިރުގެންފައިވާކަން ހަމަ ކޮންމެ މީހެއްގެ މޫނުމަތިންމެ ފާޅުވަމުން ދިޔައެވެ.
މީހުންތަކުގެ ތެރެއަށް އުނދަގުލުން ވަދެގަނެގެން ދިޔަ ނާއިލަށް ވެސް އެ މަންޒަރު ފެނުމާއެކު ސުބުޙާނަﷲ އޭ ބުނަމުން އެއްވެސް އިޚުތިޔާރަކާ ނުލާ އަނގަމަތީގައި އަތް އަޅަމުން ފަހަތަށް ޖެހިލެވުނެވެ. އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައި އޮތީ ކާކުކަން ނޭނގޭ ވަރަށް ޒަހަމްކޮށްލާފައި އޮތް އިންސާނެއްގެ ހަށިގަނޑެވެ. މުޅިމޫނާއި ގައިގެ އެތަން މިތާނގައި ތޫނު އެއްޗަކުން ފުންކޮށް ކަފާލާފައި ހުރުމުން މޫނުގެ ސިފަ ވަކިވާވަރެއް ނޫނެވެ. އެކި ދިމަދިމާލުން ވަނީ ހަންގަނޑާއި މަސްގަނޑު ނޮޅިފައެވެ. ކަރުން ތަންގަނޑެއް ނެއްޓި ވައިނޮޅި ވެސް ފެންނަން އޮތްއިރު، ވަރަށް ގިނަ އަދަދަކަށް އެ ތަނުން ލޭބޭރުވެފައިވާކަން ފެންނަން ހުއްޓެވެ. މުޅި އެ ހިސާބުގަނޑުގެ ދޮންވެލިގަނޑު ވަނީ ލެއިން ރަތްވެފައެވެ. އެ ހަށިގަނޑުން ވަނީ ލޭ ހުސްވެ ހުދުވެފައެވެ.
— ނުނިމޭ —
ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް