އުފަންވުމުން... 13 ވަނަ ބައި

ނާއިލަށް މި މަންޒަރުތައް ފެނުމުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެ ތަނަށް އައި އެހެން ހަމަ ކޮންމެ މީހަކަށް ވެގެން ދިޔަފަދައިންނެވެ. އެއްވެފައިވާ މީހުންތަކާ ތަންކޮޅެއް ދުރަށް ނާއިލަށް ނަޒަރު ސީ...

25 Jan 2018 | 04:00

ނާއިލަށް މި މަންޒަރުތައް ފެނުމުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެ ތަނަށް އައި އެހެން ހަމަ ކޮންމެ މީހަކަށް ވެގެން ދިޔަފަދައިންނެވެ. އެއްވެފައިވާ މީހުންތަކާ ތަންކޮޅެއް ދުރަށް ނާއިލަށް ނަޒަރު ސީދާ ވުމާއެކު އޭނާގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވިއެވެ. ހަމްޒަތާއި އޭނާގެ ގްރޫޕް ދުރުގައި ހެވިފައި ތިބި މަންޒަރުން އޭނާ ހިތް ބިރުގަނެ ސިހިއްޖެވެ. ހަމްޒަތުގެ އެ ލާނެތް ހިނިތުންވުމާއި އެ ބެލުމުން، މަރުވެފައިވާ ނުވަތަ މަރާލާފައި އެވާ މީހަކީ ނާއިލާއި ގުޅުމެއްހުރި ގާތް މީހެއްކަމުގައި އޭނާގެ ހިތް ބުނަން ފަށައިފިއެވެ.

މި މަންޒަރުތައް ދެކެން ނުހުންނަންވެގެން ނާއިލް އެތަން ދޫކޮށް އެއްގަމަށް އެރުމަށްޓަކައި ހިނގައިގަނެއްޖެއެވެ. ހަމަ އެވަގުތު، ލާނެތް ހިނިތުންވުމެއްގައި ތިބި ހަމްޒަތާއި އޭނާގެ ބައިވެރިންގެ މޫނުގެ ކުލަވަރު ކުއްލި އަކަށް ބަދަލުވެއްޖެއެވެ. އެ މީހުނަށް ކުއްލި ޝޮކެއް ލިބުނު ކަހަލައެވެ. މީހަކު ހަމްޒަތުގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިކަހަލައެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެ މީހުން ހިތުން އެ މީހުނަށް ކާމިޔާބު ލިބުނީއެވެ. މަސައްކަތް ފުރިހަމަކޮށްލެވުނީއެވެ. މަރާލެވިފައި އެ ވަނީ އައިމަންއެވެ. އެހެނަސް ދާދި ދެންމެ އެތަން ދޫކޮށް ހިނގައިގަތް ނާއިލްގެ ފުރަގަހުން މީހުންތަކުގެ ތެރެއިން ނުކުމެގެން، ނާއިލްއާ ދިމާލަށް އެ ހިނގައިގަތީ އައިމަންއެވެ. ހިނގާފައިދަމުން، ހައިރާންކަމާއި ހާސްކަމުން ފުރިފައި ތިބި ހަމްޒަތުމެންނާ ދިމާލަށް އައިމަން ބަލައިލިއެވެ. އަވިއައިނުން ލޮލުގެ ނަޒަރު ފަރުދާވެފައިވިޔަސް އައިމަން ބަލައިލުމުން ހަމްޒަތުގެ މޫނުގައިވާ ހާސްކަމުގެ ކުލަވަރު އިތުރުވެގެން ދިޔައެވެ. އޭނާ ބިރުގަނެ ޖެހިލުންވެފައިވާ ކަހަލައެވެ. އައިމަން ހިނގައިގަތުމާއެކު ހަމްޒަތުގެ ލޮލުގައި އަޅައިގަތީ އައިމަންގެ މަޅާލެވިފައިވާ ވާއަތު މުށުތެރެއިން ބޭރުވެ ފެންނަން އޮތް ފަށެށްގެ އެއްބައެވެ. ޚާއްސަކޮށް ގަބުރު ބޮލެއްގެ ޖަހާފައިވާ އެ ފަށުގެ ފުލެވެ.

ހަމްޒަތަށް ކުއްލިއަކަށް ދުއްވައިގަނެއްޖެއެވެ. އެއްވެފައިވާ މީހުންތައް އަތުން ދުރަށް ޖައްސަމުން، މަރުވެފައިވާ މީހާއާ ހިސާބަށް ދެވުމާއެކު އޭނާ ދެކަކޫ މައްޗަށް ތިރިވެ އެ ގަބުރުގެ ކައިރީގައި އިށީންދެއްޖެއެވެ. ހަމްޒަތު ކަހަލަ މީހަކު ކުއްލިއަކަށް އަހިސް މި އުޅޭން ފެށި ގޮތުން އެތަނުގައި ތިބި އެންމެންމެ ތިބީ ޖެހިލުންވެ، މަޑުޖެހި ހިމޭންވެފައެވެ. މުޅި މަންޒަރު ހުއްޓިފައިވާ ކަހަލައެވެ. ހަމްޒަތު ކުއްލިއަކަށް އެ ފުރާނަ ނެތް ހަށިގަނޑުގެ އަތުގައި ހިފާ އިނގިލިތަކަށް ބަލައިލިއެވެ. އެއާއެކު ރުޅިވެރިކަމާއި ހިތާމައިގެ އަސަރުން އޭނާ މުޅިން ދީވާނާ ވެއްޖެއެވެ. އޭނާ ދިގު އިސްތަށިގަނޑުގައި ދެއަތުން ހިފަހައްޓައި ހަޅޭއްލަވައިގެންފިއެވެ. އޭރު އެ ނުލަފާ އިންސާނާގެ ލޮލުން ވެސް ކަރުނަ އޮހޮރެނީއެވެ. ކޮންފަދަ ގުދުރަތީ އަޖައިބެއް ހެއްޔެވެ. ޖާހިލުކަމާއި ނުލަފާ ކަމުގައި ހައްދު ފަހަނަ އަޅައި ގޮސް، އެއްވެސް ބިރެއް ސިހުމެއްނެތި ހެއްދެވިހާ ނުބައިކަމެއް ކުރަމުން އެހެން މީހުނަށް ދުއްތުރާ ކުރަމުން ދުވާ އިންސާނާ ވެސް އޭނާގެ ނަފުސު ނޭދޭ ބޮޑު ހިތާމައަކާ ކުރިމަތިވުމުން ކެތްކުރަން ދަތިވެ، މާޔޫސް ކަމާއެކު ދެރަވެ ކަރުނަ އޮހޮރާ ހާލު ހިތާމަކުރެއެވެ.

ހަމްޒަތު މިފަދަ ހާލަތެއްގައި ވަނިކޮށް ރަށަށް އައި ފުލުހުން އެތަނަށް އަތުވެއްޖެއެވެ. ފުލުހުން ފެނުމާއެކު ހަމްޒަތު ކުއްލިއަކަށް ފުންމައިގެން ތެދުވެ އެ މީހުނާ ދިމާއަށް ހިނގައިގަތެވެ.

" އެއީ އިރުފާން.. އެ ތަނުގައި އެއޮތީ އިރުފާން. އޭނަ މަރާލީ އައިމަން.. އިރުފާންގެ ކަރުގައި އޮތް ފަށް ވެސް މަށަށް ފެނުނު އެ* އަތުން.. ކަލޭމެން ހަމަ މިހާރު އެ* އުފުރާލާ. އެހެން ނޫނީ މަ އެ **ގެ ދުވަސް ދުއްވާލާނަން.. "

ކުށުގެ ވެށި އަދި ރަނގަޅަށް ނުވެސް ފެންނަ ފުލުހުންނަށް، ހަމްޒަތުގެ މި ވާހަކަތަކުގެ ސަބަބުން އުނދަގޫވިއެވެ. އެ ތަނުގައި އިސްކޮށް އަހިސް ހުރި ފުލުސް މީހާ ރީތިކޮށް ހަމްޒަތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެހެނަސް ހަމްޒަތު މައިތިރިއެއް ނުވިއެވެ. އެ މޮޔަގޮވުމެއް ވެސް ނުމެ ހުއްޓުނެވެ. އެންމެ ފަހުން ފުލުހުން އޭނާ ދުރަށްލާން މަސައްކަތް ކުރުމުން ގަދަދައްކައި ހަމަނުޖެހުން ހިންގައިގަނެއްޖެއެވެ. ނަތީޖާއަކަށްވީ ފުލުހުންނަށް އިތުރު ގޮތެއް ނެތިގެން ހަމްޒަތު ހައްޔަރު ކުރުމެވެ. ހަމްޒަތުގެ އަތުގައި ބިޑި އަޅުވައި ގަދަކަމުން އެ ތަނުން ދުރަށްލުމުން އެ ތަނުގައި ތިބި އޭނާގެ ބައިވެރިން އެކަން ހުއްޓުވަން މަސައްކަތް ކުރިއެވެ. އެހެނަސް ހަމްޒަތު އަތުގެ އިޝާރާތުން އެންގީ މަޑުން ތިބުމަށެވެ.

ފުލުހުންގެ ތަހުގީގުތަކުން ހާމަވީ ހަމްޒަތު ބުނިގޮތަށެވެ. މަރުވެފައިވާ އިންސާނާއަކީ އިރުފާން އެވެ. އައިމަންގެ ދުވަސް ދުއްވާލުމަށް ހަމްޒަތުމެން ހަވާލުކުރި އިރުފާން އެވެ. އިރުފާންގެ ހަށިގަނޑު ވަޅުލެވުނު އިރު ފުލުހުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީއެވެ. އެހެނަސް ކުށުގެ ވެށިން އެކަށީގެންވާ އެއްވެސް ހެއްކެއް ނުލިބުމުން އެ ތަހުގީގުގައި އިސްކޮށްހުރި ހަމްދާން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އަނެއްކޮޅުން ރަށު ތެރޭގައި އެ މަރާމެދު ވާހަކަ ދެކެވެމުން ދިޔައީ މުޅިން އެހެން ކަހަލަ ގޮތަކަށެވެ. މީހެއްގެ ކަމެއް ކަމުގައި ގަބޫލު ކުރަން އެންމެނަށްމެ ތިބީ ދަތިވެފައެވެ. ކޮންމެވެސް ނުބައި ރޫހާނީ ކަމެއް ކަމުގައި ބުނާ މީހުން ގިނައެވެ. އެހެނަސް ބައެއް ޒުވާން ކުދިންނަށް އެފަދަ ވާހަކަތައް ގަބޫލުކުރަން ދަތިވިއެވެ. ކޮންމެއަކަސް މި ވާހަކަތައް އިވުމާއެކު ނާއިލް އަވަސްވެ ހާމިދުއާ ބައްދަލުކުރިއެވެ. އެހެނަސް ހާމިދުގެ ފަރާތުން އެކަށީގެންވާ އެއްވެސް ވާހަކައެއް ނީވުނެވެ. އޭނާގެ ބުނުމަކަށްވީ އެކަމާ ބެހޭގޮތުން އެއްޗެއް ބުނަން ނޭނގޭކަމަށާއި އެ ވާހަކަ ދައްކަން ނޭނގޭ ކަމަށެވެ. ނާއިލް ތަކުރާރުކޮށް އެއީ ރޫޙާނީ ކަމެއްތޯ އެހުމުން ވެސް ހާމިދުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. ތަކުރާރުކޮށް އެހުމުން އޭނާގެ ބުނުމަކަށްވީ އެހެން ވެސް ވެދާނެ ކަމުގައެވެ. ހާމިދުގެ ވާހަކަތައް ހުރިގޮތުން ނާއިލްގެ ހިތުގައި ބިރުވެރިކަމާއެކު ޝައްކެއް އުފެދި ވަރަށް ބޮޑަށް އޭނާ ކަންބޮޑުވެއްޖެއެވެ. ސިކުނޑި ހާސްވެއްޖެއެވެ.

ނާއިލް އަންގަން ބޭނުން ނުވި ނަމަވެސް އެ މަރުގެ ވާހަކަތައް ނާއިލާއަށް ވެސް އަދި އަމްނާއަށް ވެސް އޮތީ އެނގިފައެވެ. އެކެއްގެ ތުންމަތިން އަނެކެއްގެ ތުންމަތިން ގޮސް އެ މީހުންގެ ކަންފަތާ ހިސާބަށް ވެސް ފޯރީއެވެ. ނަތީޖާއަކަށްވީ އެ ހިތްބަލި ދެ އަންހެން ކުދިންގެ ހިތުގައި ބިރުވެރިކަން އުފެދި ސިހިސިހި ތިބުމެވެ. އެހެންކަމުން މި އުނދަގޫ ފިކުރުތަކުން ސަލާމަށްވުމަށް ނާއިލް މޮޅުގޮތެއް ރާވާލިއެވެ.

ނާއިލްމެންގެ ގޭގައި އެރޭގެ ރޭގަނޑުގެ ނާސްތާގެ ވަގުތު ކުރިއަށް ދަނީއެވެ. މޭޒުމަތި މީރު ކާތަކެތިން ބަރާކޮށްލެވިފައިވާއިރު، ކެއުމުގައި ނާއިލް އާއި ނާއިލާގެ އިތުރުން އައިމަން އާއި އަމްނާ ވެސް ބައިވެރިވަމުން ދިޔައެވެ. ނާއިލް ރޭވިގޮތަށް ކެއުމުގެ ވަގުތުގައި އެކި ވާހަކަތައް ދެކެވެމުންގޮސް އެމީހުނަށް ލައްކަ މަޖާ ކުރެވި އެކުވެރިކަން އެތައް ގުނައަކަށް ބަދަހިވެގެން ދިޔައެވެ. ދެކެވެމުންދިޔަ ސަމާސާ މަޖާ ވާހަކަތަކުގެ ތެރެއިން، ލަދުން އިން އަމްނާއަށް ނުސީދާކޮށް ލޯބީގެ އެތައް މެސެޖްތަކެއް ނާއިލް ދެމުން ދިޔައިރު، އައިމަންގެ އެފަދަ އިޝާރާތްތަކާއި ވާހަކަތައް އަމާޒުވަމުން ދިޔައީ ނާއިލާ އަށެވެ. ނާއިލާ އާއި އަމްނާގެ ލަދުރަކި ހަރަކާތްތަކުންނާ ރައްދުގައި ބުނެލާ ބަސްތަކުން އެ ދެ މީހުންގެ ހިތުގައިމެ ލޯބީގެ ޝުއޫރުތައް އުތުރި އަރަމުންދާކަން ހާމަވެއެވެ. އެކަކު އަނެކަކާމެދު ރުހި ގަބޫލުކަން ދުލުން ބަޔާން ނުކުރިޔަސް އެތައް ގޮތަކުން ހާމަވަމުން ދިޔައެވެ.

ކެއުމަށް އިންސާފު ކުރުމަށްފަހު އެތައް އިރަކު ހަތަރު މީހުން އެކުގައި އެކި ވާހަކަތަކުގައި މަޖާކުރަން ގޯތިތެރޭގައިވާ ޖޯލިފަތީގައި ތިބުމަށްފަހު އައިމަން ގެއަށް ދާން ނުކުތެވެ. އެއާއެކު ނާއިލާ ކޮޓަރިއަށް ވަނުމުން އަމްނާ އާއި ނާއިލް އެކަނި ވެއްޖެއެވެ. އެ ދެ މީހުންނަށް އެކަހެރި ވެލުމަށް އެ ލިބުނު ފުރުސަތުން ދެ މީހުންމެ ފިނިވެ ނޭވާ އަވަސް ވެއްޖެއެވެ. ދެންމެ އެތައް ވާހަކައެއް ދައްކައި މަޖާކުރަމުން ދިޔަ ނަމަވެސް މިވަގުތު އެކަކަށް ވެސް ވާހަކަ ފަށައިގަންނާނެ ގޮތެއް ނޭނގި އަނގަ ބަންދު ވެއްޖެއެވެ. އެ ހިމޭންކަމުގައި ޖެހިޖެހިގެން ހުރި ދެ ޖޯލީގައި ތިބި ނާއިލާއި އަމްނާއާ ދެ މީހުނަށްމެ އެކަކު އަނެކަކަށް ހިތުގެ ވިންދުގެ އަޑު ވެސް އިވޭ ކަހަލައެވެ.

ލަދުން އިސްދަށަށް ޖަހާލައި މޫނު ފޮރުވައިގެން އިން އަމްނާއާ ދިމާލަށް ފުން ނަޒަރަކުން ބަލައިލުމަށްފަހު ނާއިލް މަޑުމަޑުން އަމްނާގެ އަތުގައި ހިފާލިއެވެ. ކުއްލި ސިހުމަކާއެކު އަމްނާއަށް އަތް ދަމައިގަނެވުނެވެ. ހަމަ އެއާއެކު ނާއިލް މާފަށް އެދުމުން އަމްނާ އެއީ ކަމެއް ނޫނޭ ބުންޏެވެ. ކުޑަ ހިމޭންކަމަކަށްފަހު ނާއިލް ކުއްލިއަކަށް ޖޯލިން ތެދުވެ، އަމްނާގެ ކުރިމަތީގައި ދެކަކޫމައްޗަށް ތިރިވެ އިށީންދެއްޖެއެވެ. އަދި އަމްނާގެ ދަތްދޮޅީގައި ހިފައި އިސް އުފުލުވާލައި، ހަތަރުކަޅި ހަމަކޮށްލިއެވެ. ނާއިލްގެ މިހަރަކާތާއެކު ގަނޑުވެފައި އިން އަމްނާއަށް ވެސް އިހުތިޔާރަކައި ނުލައި ނާއިލްގެ އަތުގައި ހިފަހައްޓާލެވުނެވެ. އެ ހިތްގައިކަމުގައި ހަތަރު ކަޅި ހަމަވެފައިވާ ޖަޒުބާތީ ހާލުގައި ނާއިލް އަމްނާއަށް ލޯބި ހުށަހެޅިއެވެ. ވަރަށް ބޮޑަށް ލޯބި ވާކަމުގައި ބުންޏެވެ. އަމްނާގެ އާނ ބަސް ލިބުމުން ނާއިލަށް އުފަލުން އަމްނާގެ އެ ލޯބިލޯބި މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އަމްނާ ނާއިލްގެ އަތުގައި ހިފެހެއްޓިގޮތަށް އިނީއެވެ. ނާއިލްގެ އަތުގެ އިނގިލިތަކުން އަމްނާގެ އޮމާން ދޮން މޫނުގައި، ކޮލާއި ތުންފަތުގައި މަޑުމަޑު ބީހެމުން ދިޔައެވެ. މަޑުމަޑުން މޫނާއި މޫނު ކައިރިވަމުން ދިޔައެވެ. ނާއިލް އަމްނާގެ ތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. އެ ދެމެދުގައި އުފެދުނު ލޯބީގެ ޖަޒުބާތުގައި ދެ މީހުންމެ ރަނގަޅަށް ޖެހިގެން ދިޔައެވެ. ދެ ލޯބިވެރިންގެ ގޮތުގައި ލޯބިވެރިންގެ ލިސްޓަށް އަރަމުން ހަޔާތުގެ އާ ޞަފުޙާއެއް ފަށަމުންނެވެ. ހިތާއި ހިތް ގުޅާލައި ދެ ޖިސްމުގައިވާ އެއްފުރާނަ ފަދައިން ވަމުންނެވެ. ލޯބީގެ އަޙުދުތަކާއި ވަޢުދުތައް ވަމުންނެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިރުފާންގެ އާދަޔާ ޚިޔާލު ބިރުވެރި މަރުގެ މަތިން ވެސް މީހުން މަޑުމަޑުން ހަނދާން ނެތެމުން ދިޔައެވެ. އެހެނަސް އެ މަރުގެ ސަބަބުން އުފެދުނު ބިރުވެރިކަން ގިނަ މީހުންގެ ހިތުން މުޅިއަކުން ފިލާ ނުދަނީސް އެފަދަ ދެވަނަ މަރެއްގެ ބިރުން މުޅިރަށް ސިއްސުވާލިއެވެ. ރަށު މިސްކިތު މަސައްކަތު މީހަކަށް އުޅޭ އިބްރާހިމްބެ މަރުވެފައި އޮއްވާ ފެނުނީ ވެސް ފަތިހުގެ ވަގުތުގައެވެ. އަތިރިމަތިންނެވެ. އިރުފާންގެ ހަށިގަނޑަށް ދީފައިވާފަދަ އަނިޔާތަކެއް އިބްރާހިމްބެގެ ހަށިގަނޑުގައި ނެތެވެ. އެހެނަސް ކަރުމަތީގައި ތޫނު ޒަހަމްތަކެއް ފެންނަން ހުރި އިރު އެ ހަށިގަނޑުން ވެސް ވަނީ ލޭ ހުސްވެފައިކަން އެނގެއެވެ. މުޅި ހަށިގަނޑުވަނީ ހުދުވެފައެވެ. އިރުފާންގެ މަރާއި މިމަރާ ދެމެދުގައި ހަފްތާއެއްހާ ދުވަސް ހޭދަވެގެން ދިޔައިރު، ފުލުހުންނަށް ހޯދުނު އެއްވެސް ކުރިއެރުމެއްނެތެވެ. މިއާއެކު މިއީ އިންސާނެއްގެ ކަމެއް ނޫންކަމަށް ބުނާ މީހުން ދިޔައީ އިތުރުވަމުންނެވެ.

ރަށުތެރޭގައި އާދަޔާ ޚިލާފު ބިރުވެރިކަމެއް އުފެދިފައި ވީ ނަމަވެސް ކޮންމެ ބައެއް ވެސް މަސައްކަތް ކުރަމުން ދިޔައީ އާދައިގެ ގޮތުގައި ދިރިއުޅުން ހަމަޖެއްސޭތޯއެވެ. ރައްކާތެރިކަމުގެ ގޮތުން ރޭގަނޑު ގެއިން ބޭރަށް ނުކުތުން ގިނަ މީހުން މަދުކޮށްލިއެވެ. ނާއިލް އާއި ނާއިލާ ވެސްމެއެވެ. އެހެނަސް ގޭތެރެއިން ނާއިލާއި އަމްނާގެ ލޯބި އާލާވަމުން ދިޔައެވެ. ނާއިލާ އާއި އައިމަންގެ ދެމެދުގައި އަލުން ލޯބީގެ ގުޅުން ގާއިމްވެ، ލޯތްބާއި އުފަލާއެކު ވަގުތުތަށް ހޭދަކުރަމުން ދިޔައެވެ.

ނާއިލް އާއި ނާއިލާގެ ގޭގައި ކުޑަކުޑަ އާއިލާއެއްގެ ދިރުން އުފެދެމުން ދިޔައެވެ. އެ ދެބެންގެ ފޫހި، ފަޅު ދިރިއުޅުން އަމްނާ އާއި އައިމަންގެ ސަބަބުން ބަދަލުވަމުންދިޔައެވެ. އެ ހަތަރު މީހުންމެ ގިނަވަގުތު ހޭދަކުރަނީ އެކުގައެވެ. އެ ގޭގައެވެ. އެކަމުގެ ސަބަބުން ހެދިދާނެ ގޯހަކަށް ނުވަތަ އަރާފާނެ ނުބައި އަޑަކާމެދު ނާއިލް ފުންކޮށް ވިސްނަމުން ދިޔައެވެ. ނާއިލް އަމްނާއާ ކައިވެނީގެ ވާހަކަ ދެއްކިއެވެ. އަދި ދެން ލަސްނުކޮށް ވީއެންމެ އަވަހަކަށް ކައިވެނި ކުރުން ބުއްދިވެރިކަމުގައި ނާއިލާއަށް ވެސް ނަސޭހަތް ދިނެވެ. އަމްނާ ކައިވެންޏަށް އެއްބަސްވިއިރު، ނާއިލާ ވެސް އަދި އައިމަން ވެސް ނާއިލްގެ ބަހަށް ތާޢީދު ކުރިއެވެ. ކައިވެނީގެ ކަންތައް ވީ އެންމެ އަވަހަކަށް ހަމަޖެއްސުމަށް ނިންމިއެވެ.

ކައިވެނީގެ ވާހަކަތައް ދެކެވުނުތާ ދުވަސްކޮޅެއް ފަހުން ނާއިލަށް ކުރިން ނޭނގި އޮތް ސިއްރެއް ހާމަވެއްޖެއެވެ. އިރުފާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އައިމަންއާ ސުވާލު ކުރިކަން ނާއިލަށް އެނގުމުން ވަގުތުން އައިމަންއާ ބައްދަލުކުރަން ބޭނުންވިއެވެ. ނާއިލް ހިތްހަމަ ނުޖެހުނީ އައިމަންއާ އެފަދަ ކަމެއްގައި ފުލުހުން ތަހުގީގަށް ހާޟިރުކޮށް ސުވާލު ކުރުމަކުން ނޫނެވެ. ކުށެށް ނުކުރިޔަސް ކުށެށްގެ ތުހުމަތު ކޮށްފާނެކަން އޭނާ ގަބޫލުކުރެއެވެ. އޭނާ ހިތްހަމަ ނުޖެހުނީ އައިމަންގެ އެފަދަ ކަމެއް އޭނަޔާ ހިއްސާނުކޮށް ސިއްރު ކުރުމުންނެވެ. އެންމެ ކުޑަމިނުން ނާއިލާ ވެސް އެފަދަ ވާހަކައެއް ދައްކާފައި ނެތުމުންނެވެ. އަނެއް ކޮޅުން އިރުފާންގެ މަރާއެކު ދާދި ފަހުން އެހެން މަރެއް ވެސް ފެނިފައި އޮތީތީއެވެ.

ނާއިލް ސުވާލުކުރުމުން އެއްވެސް ފޮރުވުމެއްނެތި އައިމަން ކަންވީގޮތް ކިޔައިދިނެވެ. އިރުފާންގެ މަރުގެ މައްސަލައިގައި ހަމްޒަތު ކުރިން ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ ހާޟިރު ކުރީ ކަމަށް ބުނެދިނެވެ. އަދި ހަމްޒަތު އިރުފާންގެ ކަރުގައި އޮތް ފަށެށް އޭނާގެ އަތުން ފެނުނުކަމަށް ބުނި ކަމުގައި ވެސް އައިމަން، ނާއިލްއަށް ބުނެދިނެވެ.

އެއްވެސް ހާސްކަމެއް ނެތި އައިމަން އެ ވާހަކަތައް ކިޔާދިނުމުން ނާއިލް އެ ވާހަކަތައް ގަބޫލުކުރާކަން ދޭހަވާފަދަ ގޮތަކަށް ބޯޖަހާލަމުން، އައިމަންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ހިނގައިގަތެވެ. އެހެނަސް އޭނާ އިތުރަށް ސުވާލު ނުކުރީ ކީއްވެ ހެއްޔެވެ؟ އެހާ ފަސޭހައިން ކަމެއް ގަބޫލުކުރުމީ މޮޔަކަމެއް ނޫންބާވައެވެ؟ އެ ބުނާ ފަށަކާ ބެހޭ ގޮތުން އައިމަންއާ އިތުރަށް ސުވާލު ނުކުރަންވީ ކީއްވެ ހެއްޔެވެ؟

ދުވަސްތައް ފާއިތުވަމުން ދިޔައިރު ނާއިލާއަށް އައިމަންގެ ކިބައިން ތަފާތު ކަންތައްތަކެއް ފާހަގަ ކުރެވެމުން ދިޔައެވެ. އާންމުގޮތެއްގައި އައިމަން ދުވާލު ގަޑީގައި އެ ގެއަކަށް ނާދެއެވެ. ނާއިލާ އެދުނަސް ކޮންމެ ވެސް ބަހަނާއެއް ދައްކަނީއެވެ. އޭނާ އެގެއަށް ދުވާލުގައި އަންނަނަމަ އަންނަނީ ވަރަށް ހެނދުނު ގައެވެ. އެއަށްފަހު ހަވީރު ވުމުގެ ކުރިން ގެއިން ނުކުމެ އުޅެން ދެކޮޅު ހަދައެވެ. އެހެން ނޫނީ އެ ގެއަށް އަންނާނީ ހަވީރުވުމުންނެވެ. ހަވީރު ވަގުތުތަކުގައި ހިނގާލަން ބޭރަށް ދިޔަޔަސް އައިމަން އަވިއައިނު ނާޅައެއް ބޭރަކަށް ނުނިކުންނާނެއެވެ. މިފަދަ ކަންތައްތަކާ ނާއިލާ ތަކުރާރުކޮށް ސުވާލުކުރުމުން، އަތްވަށް ނުކުތުމުން ލޮލުގައި ވަރަށް ގަދައަށް ރިއްސާތީ ނުނިކުންނަނީ ކަމުގައި އައިމަން ބުންޏެވެ. އެހެނަސް ޑޮކްޓަރަށް ދައްކަން ދާން އެދުމުން ކޮންމެ ފަހަރަކުމެ ކުރަނީ އިންކާރެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ނާއިލާ އެކަނި މާއެކަނި ތުނޑިޔާ ދިމާއަށް ހިނގާފައި ދަނީއެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަސްކަމެއް ފެންނަމުން ދިޔައެވެ. އަވަސް ހިނގުމެއްގައި ހުރިއިރު، ޓިޝޫ އަކުން މޫނުގައިވާ ތެތްކަން ފިލުވާލަން އިރުއިރުކޮޅުން މަސައްކަތް ކުރަމުން ދިޔައެވެ. ނާއިލާގެ ކަންބޮޑުވެފައި ވަނީ ދުވަހަކު ވެސް އައިމަން ކަންތައް ނުކުރާ ގޮތަކަށް މިއަދު ކަން ކުރުމުންނެވެ. ނާއިލާ ގޮވައިގެން ތުނޑިޔަށް ދިއުމުގެ ބަދަލުގައި، ގުޅާފައި އެކަނި ތުނޑިޔަށް އަންނަން އެދުމުންނެވެ. އެހެނަސް ނާއިލާ އައިމަންއަށް ފުރިހަމައަށް އިތުބާރު ކުރާތީވެ އޭނާ ބުނިގޮތަށް އެކަންތައް ކުރަނީއެވެ. އެހެނަސް އެއްވެސް މީހަކަށް ފުރިހަމައަށް އިތުބާރު ކުރަންވާނެ ބާވައެވެ؟

ނާއިލާ ހިނގާފައިގޮސް އައިމަންގެ ފުރަގަހުގައި ހުއްޓުނެވެ. އައިމަން އިނީ ދޮންވެލިގަނޑުމަތީގައި އިށީންދެ، ދެކަކޫ މައްޗަށް އިސްދަށަށް ޖަހާލައިގެންނެވެ.

" އައިމަން.. " ނާއިލާ މަޑުމަޑުން އިޝްގީ ގޮތަކަށް އައިމަންއަށް ގޮވާލިއެވެ.

" އަނހަ.. ނާއިލާ އައީ ދޯ... މިތާ އަހަރެންގެ ކައިރީގައި އިށީންދެބަލަ " އައިމަން އިސްޖަހައިގެން އެއިން ގޮތަށް އިނދެ ވާހަކަ ދެއްކިއެވެ. ނާއިލާ އައިމަންގެ މަގަތުގައި، އައިމަންގެ ގައިގާ ޖެހި ފިތިގެން ދޮންވެލިގަނޑުގެ މަތީގައި އިށީންދެއްޖެއެވެ. އަދި އައިމަންއާ ދިމާލަށް ބަލައިލިއެވެ. އެހެނަސް އައިމަން އިސްދަށަށް ޖަހައިގެން އިނުމުން އޭނާގެ މޫނު ރީތިކޮށް ނުފެނެއެވެ.

" އައިމަން ކަމަކާ ރުޅިއަހިސްފަތަ؟ ނޫނީ ދެރަވެފަތަ؟ " އައިމަން އިންގޮތުން ނާއިލާ ސުވާލުކޮށްލިއެވެ.

" ނޫން. ދެރަވެފައެއް ވެސް ނޫން.. ރުޅި އައިސްފައެއް ވެސް ނޫން.. އެކަމަކު މި ދައްކަން އުޅޭ ވާހަކައިން ނާއިލާ ރުޅި އައިސްދާނެތީ ކަންބޮޑުވޭ.. އެކަމަކު އުންމީދުކުރަން ނާއިލާއަކީ ހަމަޖެހިގެން ރަނގަޅަށް ވިސްނާނެ ކުއްޖެއްކަމަށް. އަހަރެން ބޭނުންވަނީ ކައިވެނި ލަސްކުރަން.. " އައިމަންގެ ދުލުން ކައިވެނި ލަސްކުރަން ބޭނުންވާ ވާހަކަ ބުނުމުން ނާއިލާ ވަރަށް ބޮޑަށް ހައިރާން ވިއެވެ. އެހާމެ ދެރަ ވެސް ވެއްޖެއެވެ. ނާއިލާއަށް ކުރިން ކަން ކުރެވުނު ގޮތުގެ ބަދަލު ހިފަނީ ނޫންބާއޭ ނާއިލާގެ ހިތް ބުނަން ފަށައިފިއެވެ. އެހެނަސް ނާއިލާ ސުވާލު ކުރުމުން އައިމަންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ.

" ނާއިލާ.. ސޮރީ. އަހަންނަށް މިވަގުތު ނެތް ކައިވެނި ކުރެވޭކަށް.. އަހަރެން ނާއިލާއަށް ލަނޑެއް ނުދޭނަން.. ދެރަނުވޭ.. އަހަރެން މި ނިންމުން މި ނިންމީ ހަމަ ނާއިލާއާއި އަހަރެންގެ ވެސް ރައްކަލަކަށް. އަހަރެންނަށް މިހާރު ވަރަށް ބޮޑަށް ޔަގީންކަން އެބަ އޮތް ވަރަށް އަވަހަށް އަހަރެން މި ބުނި ރަނގަޅު ހާލަތު އަތުވާނެކަން.. އެ ދުވަހަކުން އަހަރެމެން ކައިވެނި ކުރާނީ.. ހުވާކޮށްފައި ބުނަން އަހަރެން ނާއިލާއަށް ބޭވަފާތެރިއެއް ނުވާނަން.. އަހަރެންގެ ހާލަތު ތަން ނުދެނީ."

އައިމަންގެ މިވާހަކަތަކުން ނާއިލާއަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް ދެން ދަނީއޭ ބުނެ، ނާއިލާ ގެއަށް ދިއުމަށް ހިނގައިގަތެވެ. އައިމަން އެ ބުނާ ހާލަތަކީ ކޮބައިތޯ ސުވާލު ވެސް ކޮށްނުލައެވެ. ހިނގާފައި ދިޔަ ނާއިލާއަށް އައިމަން އިސްއުފުލައި ބަލައިލިއެވެ. އަވިއައިނު ނާޅާއިން އައިމަންގެ މޫނަށް، އޮއްސެމުންދިޔަ އިރުގެ ދޯދިތައް އެޅިފައިވާއިރު، އޭނާގެ ދެ ލޮލުގެ ކައިރި ފިހިފައިވާ ކަހަލައެވެ. އެ ދެ ލޮލުގެ ކަޅުކަޅިއެއް ހުދުބައެއް ވަކިކުރާކަށް އެނގޭވަރެއް ނޫނެވެ. މުޅި ލޮލުގައިވަނީ ގަދަރަތްކުލައެވެ. ބައެއް ފަހަރު ކަޅުކުލައެއްވެސް ފާޅުވަމުން ދިޔައެވެ.

— ނުނިމޭ —

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް