ސިނަމާލެ ބްރިޖު ހައިވޭގައި ރޭ ފަތިހު ޑިއުޓީ އަދާކުރަމުން ދިޔަ ފުލުހެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތިހު 4:29 ހާއިރު ކަމަށެވެ.
މާލެއިން ހުޅުމާލެއާ ދިމާއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ސައިކަލް މަތަނުވެ ގޮސް ޖެހުނީ އެ ވަގުތު ހައިވޭގައި ހުރި ފުލުހެއްގެ ގައިގައެވެ. އަނިޔާ ލިބުނު ފުލުހާ މީހާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ހަމައެއާއެކު، ސައިކަލް ދުއްވި މީހާއާ ގުޅޭ މަޢުލޫމާތު ވެސް މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް، ހައިވޭގައި އެ ވަގުތު ތިބި ފުލުހުން އެ ސައިކަލް ހުއްޓުވާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ރޭ ދަންވަރު ގިނައިރުތަކެއް ވަންދެން ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގާއި ސިނަމާލެ ބްރިޖު ހައިވޭ އަދި ހުޅުމާލެއިން ބްރިޖަށް އަރާ މަގާއި ހުޅުމާލެ ދޭއްގެ މައި މަގުގައި ބެރިކޭޑް ޖަހައި ވެހިކަލްތައް ބަލައި ފާސްކޮށްފައެވެ.
ފަހަކަށް އައިސް މާލެ ސަރަޙައްދުގައި ނުރައްކާތެރި ބާރުމިނުގައި ދުއްވައިގެން ހިނގާ ހާދިސާތައް އިތުރުވެފައިވާތީ ފުލުހުން ވަނީ ޓްރެފިކް ބެލެހެއްޓުމުގެ އުސޫލުތައް ހަރުކަށިކޮށް، ވެހިކަލް ޗެކު ކުރުން އިތުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް