އުފަންވުމުން… 11 ވަނަ ބައި

މުހައްމަދު ޝާހީން

އެންޖްލީގެ ކުއްލި މަރުގައި މާބޮޑު އާދަޔާ ޚިލާފުކަމެއް ފާހަގަ ކުރެވިފައި ނެތަސް، ރިޒޯޓުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކުރިއެވެ. ފުލުހުން މަރާ ބެހޭ ގޮތުން މާބޮޑު ތަހުގީގެއް ކޮށް މީހުންތަކަކާ ސުވާލު ކުރާކަށް ނުޖެހުނެވެ. މައްސަލަ ނިމިގެން ދިޔައީ ހީވެސް ނުކުރާހާ ފަސޭހަކޮށެވެ. ޑޮކްޓަރުގެ ރިޕޯޓްގައިވާ ގޮތުން އެންޖްލީނާގެ މަރުގެ ސަބަބަކީ އޭނާގެ ފަޔަށް އެ ދުވަހުގެ ހެނދުނު ލިބުނު ޒަހަމެވެ. އެ ރިޕޯޓްގައި ޑޮކްޓަރ ދެއްވާފައިވާ ތަފްސީލުގައި، ފުންކޮށް ދެ ވަޅުގަނޑު ގޮތަށް ފައިގައި ހުރި އެޒަހަމްގެ ސަބަބުން އެންޖްލީގެ ހަށިގަނޑަށް ވިހައެއްގެ އަސަރުކޮށް ގަދައަށް ހުން އައިސް، ހާލު ގޯސްވެ، އެކަށީގެންވާ ފަރުވާ ވަގުތުން ދެވެން ނެތުމުން، އެކަން އެގޮތަށް ނުކުރެވިގެން ފުރާނައަށް ނުރައްކާ ވީކަމަށް ބުނެފައިވެއެވެ.

މައްސަލައެއް އޭގެ އެންމެ ފުންމިނަށް ވާސިލް ނުވެ ނިމިގެން ދިޔައީއެވެ. އާދައިގެ މަރެއްގެ ގޮތުގައި ނިންމުމަށް ފަހުގައެވެ. މަރުގެ ސަބަބެއްކަމަށް ރިޒޯޓް މާހައުލުން ލިބުނު ޒަހަމެއްގެ ވާހަކަ އައިއިރު އެ ޒަހަމް ލިބުނު ސަބަބު އޮޅުން ފިލުވަން ފުލުހުން ތަހުގީގު ނުކުރީ ކީއްވެބާވައެވެ؟ ތަހުގީގު ކުރިއަސް ހަގީގަތް ހޯދޭނެ ބާވައެވެ؟ ކޮންމެއަކަސް ކަފުން ކުރެވުނު އެ ސިއްރަކީ ބަޔަކަށް ހޯދުނު ކާމިޔާބީއެއް ކަމުގައި ވުން އެކަށީގެންވެއެވެ. ހަމަ އެފަދައިން އެ މަރަކީ އެތައް ނުރައްކަލެއްގެ ނިމުން ކަމުގައިވުންވެސް އެކަށީގެންވެއެވެ. އެހެން ވެއްޖެނަމަ އެއްގޮތަކުން އިންސާނީ ނަސްލަށް ރައްކާތެރިކަން ބޮޑެވެ. ދެރައީ ބޮޑުކަމެއް ފަސޭހައިން ނިންމާލެވިދާނެކަމަށް ބައެއް މީހުން ދެކޭ ކަމެވެ. އެއީ މޮޔަ ވިސްނުމަކަށްވުން އޮންނަނީ ގާތުގައެވެ.

” ކޮބާ ޚަބަރަކީ؟؟؟ ކަލޭގެ ހިނިތުންވުމަށް ބަލާލުމުން ހާދަ ހީވެޔޭ، ބޮޑު ކާމިޔާބީއެއް ލިބިގެން އުޅޭހެން..” ސަލާމް ބަލައިގަތުމުން ހެވި ދިލިގެން، ހަރު ހިނގުމެއްގައި ގެއަށް ވަދެގެން އައި ނާއިލްގެ މޫނަށް ނަޒަރު ހުއްޓާލަމުން ހާމިދު ސުވާލުކޮށްލިއެވެ. އޭރު އޭނާގެ މޫނުމަތިންގެ ހިނިތުންވުން ފާޅުވާން ފަށައިފިއެވެ. ނާއިލްގެ އެ ހިނިތުންވެފައިވާ މޫނުން އޭނާއަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސް ދެނީ ކަންނޭގެއެވެ.

” ޔެސް ބޮސް.. އުފާވެރި ޚަބަރެއް… އެކަމަކު އަސްލު އުފާވެފައި ދައްކަން ވާކަހަލަ ވާހަކައެއްވެސް ނޫން.. ކުރިން ރޭގައި އަހަރެމެންގެ އަތުން ދޫވި ލޭބޯ ހަރުފަ ހަމަލާ ދިންކަމަށް ގަބޫލުކުރެވެނީ ރިޒޯޓެއް ހުރި ޓޫރިސްޓަކަށް.. މިހެން މިބުނީ އިއްޔެ އެއްކަލަ ފަހަރު އަހަރެމެން ބައްދަލުވުމަށްފަހު އަހަރެން ހޯދި ހޯދުމުން އެނގުނީ އެ ރޭގެ ފަތިހުގައި އެ ރިޒޯޓްގެ ގެސްޓެއް ގޮނޑުދޮށުގައި އުޅެނިކޮށް ޒަހަމްވެގެން އުޅޭކަން.. އެ ޒަހަމް ފެނުނުކަމަށް ބުނާ ދިވެއްސެއްގެ ފުށުން ލިބުނު މަޢުލޫމާތުން އެއީ “ލޭބޯ ހަރުފަ”އިގެ ހަމަލާކަން ހަށަވަރުވި. ” ހާމިދު އަސްލު އަޑު އަހަން ބޭނުންވެފައި ހުރި ވާހަކައަށް ނުގޮސް ނާއިލް ވާހަކަ ދިގު ކުރަން ފެށުމުން ހާމިދު ދެތިން ފަހަރަށް ބޯހޫރާލުމަށްފަހު ފުންނޭވާއެއްލަމުން، ” ވާހަކަ ދިގުނުކޮށް އެންމެ މުހިންމު ވާހަކައަށް ދާށޭ ” ނާއިލް ކައިރީގައި ބުނެފިއެވެ.

” ހޫމް… މިބުނި އަންހެން ކުއްޖާ ރޭގެ މެންދަމު ފަހުގެ ވަގުތެއްގައި މަރުވެއްޖެ.. ” ނާއިލްގެ މި ޚަބަރާއެކު ހާމިދު ހިނިތުންވެލިއެވެ. ބޮޑު ކާމިޔާބީއެއް ލިބުމުން ފެންނަފަދަ ހިތްހަމަޖެހުމަކާއި ހިނިތުންވުމެކެވެ.

” މަރުވީތަ؟ ނޫނީ އަނެއްކާ . . . މަރާލީތަ؟ ” ހާމިދުގެ މި ޖުމްލައާއެކު ދެ މީހުން އެއްފަހަރާ ބާރަށް ހީގެންފިއެވެ.

” ދެން މި މުސީބާތުން ސަލާމަތްވީ. މުޅި އިންސާނީ ނަސްލަށް ނުރައްކާ ކުރާނޭފަދަ އާދަޔާ ޚިލާފު ތަފާތެއްވާ މަޙުލޫގެއްގެ ބާރު ފުރިހަމަ ނުވެ، ކަފުން މިކުރެވުނީ.. ” ހާމިދުގެ ވާހަކައަށް ނާއިލްވެސް ބޯޖަހާލިއެވެ.

” އެހެންވީމާ ދެން އޮތީ އަހަރެންގެ މަސައްކަތް ކޮށްދިނުންދޯ.. އެ ހަމްޒަތު އިއްޔެގަ ރަށަށް އަރައިފި.. ” ނާއިލް އެންމެ ފުރަތަމަ ވެސް ހާމިދު ކައިރިއަށް އޭނާ އައި މަގުސަދު ހާސިލްކުރުމުގެ އެދުން އަނެއްކާވެސް ފާޅުކުރިއެވެ.

” ތިއީ އެއްވެސް ކަމެއް ނޫނެއްނު.. ހަމަ މިހާރު ވެސް މަސައްކަތް ފަށަންވީ.. ” ހިނިތުންވެފައިވާ މޫނަކާއެކު ނާއިލަށް ހާމިދު ފެހި ސިގުނަލް ދިނެވެ. އެހެނަސް ނާއިލް އެކަމަށް ތައްޔާރުބާވައެވެ؟

” ނޫން.. މިހާރަކު ނޫން.. ފަހަރެއްގައި އަދި ވަރަށް ގިނަ ދުވަސް ފަހުން ވެސް އަންނަން ޖެހިދާނެ… އެ ހަމްޒަތު ހީކޮށްގެން ހުންނާނީ ދެން ދުވަހަކު ވެސް އަހަރެމެންނަށް އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެޔޭ.. މަ ބޭނުން މަގޭ ކޮއްކޮ އުފާވެރިކަމާއެކު ދިރިއުޅުމެއް ފަށައިގެން އުޅޭތަން އޭނަގެ ލޮލަށް ދައްކަން.. އެއަށްފަހު އެ ނުބައިނުލަފާ ހައިވާނު އޭނަގެ ބައިގަނޑާއެކު ނައްތާލާނީ.. ” ރުޅިވެރިކަމާއެކު ނާއިލް އޭނަގެ ވިސްނުން ހާމަކުރަމުން ގެންދިޔައެވެ. އޭރުވެސް އެންމެ ފަހުން ހަމްޒަތާއި އޭނަގެ ބައިވެރިން ބަނދަރުމަތީގައި އުފާފާޅުކުރަމުން ގެންދިޔަ މަންޒަރު އޭނާއަށް ސިފަވަމުން ދިޔައެވެ. އެ މަކަރުވެރިކަމުން ފުރިގެންވާ ހިނިތުންވުމާއި އެ މަންޒަރުތައް ޚިޔާލަށް އައުމުން ނާއިލްގެ ހިތުގައި އަދަމުންދިޔަ ހަސަދައިގެ އަލިފާންގަނޑު ބޮޑުވެގެން ދިޔައެވެ. ނާއިލް ދެއްކި ވާހަކަތަކަށް ހާމިދުވެސް އެއްބަސްވެ، އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ބުނެދިނެވެ. އެހެންކަމުން މިހިނދުން މިހިނދަށް އެ ދެ މީހުންނަށްމެ ހެދުނު ގޯސް، ބޮޑު ކަމަކަށް ނުވަނިސް ހައްލު ކުރެވިއްޖެ ކަމުގައި އެ ދެމީހުންމެ ދެކުނެވެ. އެހެނަސް ހަގީގަތަކީ ކޮބައިކަން އެނގެނީ ކާކަށް ހެއްޔެވެ؟

 

” ދަރިފުޅާ އައިމަން.. އަދިވެސް ކާކަށް ނުވޭތަ؟؟ ” ވަދީފާގެ ބަލި އަޑު އިވުމާއެކު، ގޯތިތެރޭގައި ބަހައްޓާފައިހުރި ޖޯލިފަތީގައި އިށީންދެގެން ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިން އައިމަން ބޯ ހިއްލާ ބަލައިލިއެވެ. އާނއެކެވެ. އެންޖްލީ މަރުވުމުން އައިމަންއަށް ހަމައެކަނި އެކަމުގެ ހިތާމަ އުފުލަން ޖެހުނީކީނޫނެވެ. އޭނަގެ މިޒާޖާއި އުޅުމަށް ބޮޑު ބަދަލެއް ގެނުވައިފިއެވެ. ނާއިލާގެ ބޭވަފާތެރިކަމަށްފަހު އޭނާއަށް އުޅެވެމުން އައީ ރަނގަޅަށް ނޫންކަން ވިސްނެން ފަށައިފިއެވެ. ނަތީޖާއަކަށްވީ ކެތްކުރަން ދަތިވުމުން، ރިޒޯޓާއި ވަޒީފާ ވެސް ދޫކޮށްފައި ރަށަށް އައުމެވެ. އެހެނަސް ރަށަށް އެނބުރި އައުމަކުން އޭނާގެ ޠަބީއަތު ރަނގަޅެއް ނުވިއެވެ. އިރު އޮއްސި ރޭގަނޑުގެ ކެއުމުގެ ވަގުތު ފާއިތުވެގެން ދާއިރު ވެސް އޭނާ އަދި މިއަދު އެއްވެސް އެއްޗެއް ނުކައެވެ. އޭނައަށް ބަނޑުހައި ހޫނުކަން އިޙުސާސް ވެސް ނުވާކަހަލައެވެ. ނޫނީ ލިބެމުންދާ ހިތާމަ އާއި މޮޅިކަމުން އެހެން ހުރިހާކަމެއް ހަނދާންނެތިފައިވާ ކަހަލައެވެ.

ވަދީފާއަށް އައިމަން ލިބި އައިމަން ނުލާހިކު ތުއްތު އިރުގައި އޭނާގެ ފިރިމީހާ މަރުވެއްޖެއެވެ. އެ ދުވަހުން ފެށިގެން ވަދީފާ އުޅެމުންދިޔައީ މީހާގެ އުމުރާއި ހަށިގަނޑާ ނުގުޅޭ މިންވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އެކަނި މާއެކަނި ހާލުގައެވެ. މަންމަ އާއި ބައްޕަ ދުނިޔޭގައި ހުރި ނަމަވެސް އެ ދެ މީހުންނާއި އާއިލާގެ ނުގަބޫލުގައި ޅަ އުމުރުގައި ކައިވެނި ކުރެވުމުގެ ހިތި ނަތީޖާއެވެ. އެހެނަސް ވަދީފާ އޭނަގެ ދެ ލޮލުގެ ކޮއި ފަދައިން ލޯބިވާ އައިމަންއަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ހޯދައިދިނެވެ. އަދި އޭނާގެ ދަރިއަކީ ހަރުދަނާ އުޅުމެއް އުޅޭނޭ ދަރިއެއްކަމަށްވުމަށް އޭނާ އުންމީދު ކުރިއެވެ. ކޮންމެ މަންމައަކުމެ އުންމީދުކުރާ ފަދައިންނެވެ. އެހެނަސް އަންހެނެއްގެ ލޯބީގެ ކެހިވެރި ޒަހަމްތަކުގެ ސަބަބުން އައިމަންއަށް ނުކަސިޔާރު މަގެއް ހިޔާރުކުރެވުނީއެވެ. އޭރު މުސްކުޅިވެ ގައިގެ ބާރުދެރަވެ، އެއްފައި ކޮރުވެ، ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ ހާލުގައިހުރި ވަދީފާ ތަކުރާރުކޮށް އައިމަންއަށް ނަސޭޙަތް ދިނެވެ. އެހެނަސް…..

ގޭގެ މައި ދޮރު ހުރަސްކޮށް، ލަސް އަދި ކޮރު ހިނގުމެއްގައި ގޯތިތެރެއަށް ނުކުންނަން އައި ވަދީފާއަށް ބަލަހައްޓައިގެން އިން އައިމަންއަށް އޭނަގެ މަންމަގެ ބަލި، ނިކަމެތި ޙާލާއި އެ މަންމަ އޭނާއަށް ދިންހާ ނަސޭޙަތްތަކާއި، އެ ނަސޭޙަތްތަކަށް ފުރަގަސްދީ އެ މަންމަގެ ހިތް ރޮއްވާލެވުނުގޮތް ހިތަށް ވެރިވުމުން، އެއްވެސް ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އޮހޮރިގަތެވެ. އެހެނަސް އެ މަންމައަށް އިތުރަށް އަސަރުކުރުވަނިވި މަންޒަރެއް ނުދައްކަން، އޭނާ އަވަސް އަވަހަށް ލޯ ފުހެލިއެވެ. އަދި ކާން ދިއުމަށްޓަކައި މަންމައާއެކު ހިނގައިގަތެވެ.

އާދުވަހަކަށް އިރު އެރީ ނާއިލްގެ ހަޔާތަށް ހަމަޖެހުން ވެރިކުރުވަމުންނެވެ. އެތައް ރެއެއް ވާންދެން ނުނިދާ ކުރި ބުރަ އަދި އެހާމެ ނުރައްކާތެރި ކަންތައްތަކަކަށް ފަހު ހަމަޖެހިލަންވީ ވަގުތަކީ މިއީ ކަމުގައި އޭނާ ދެކުނެވެ. އޭނާގެ މަގުޞަދުގައި އޭނައަށް ކާމިޔާބީއަށް ވާސިލްވެވިފައި އަދި ނެތަސް، އަދު އޭނާ ކަންބޮޑެއް ނުވެއެވެ. މި ވަގުތު އޭނާއަށް މުހިންމީ އޭނާގެ ކޮއްކޮ ނާއިލާއަށް އުފާވެރި ހަޔާތެއް ހޯދައިދިނުމެވެ. ނާއިލާގެ ދިރިއުޅުން އާރާސްތުކޮށްދިނުމެވެ. މި އުންމީދު ހާޞިލްވުމުގެ ކުލަވަރު ނާއިލާގެ ބަދަލުވަމުން އަންނަ މިޒާޖާއި މަދުމަދުން ނަމަވެސް ފެންނަ ހިނިތުންވުމުން އޭނާއަށް ފެންނަމުންދެއެވެ.

އަނެއްކޮޅުން އަދު ނާއިލާ ވެސް ވަނީ ވަރުގަދަ އަޒުމެއް ކަނޑައަޅާފައެވެ. މާޒީގައި ހެދުނު ބޮޑު ގޯހަކުން ހަޔާތަށް އައި ކަޅުކަމާއި އަނދިރިކަން އެއްފަރާތްކޮށްލައި އުފާވެރިކަމުގެ މަންޒިލެއް އަތުލުމީ އޭނާގެ އުންމީދެކެވެ. ދެރަވެ ލަދުގެންފައިވާ ޙާލުގައިވެސް އަލުން އައިމަންގެ ލޯތްބަށް އެދުމަށް އޭނާ މިހާރު ވެސް ވަނީ ތައްޔާރުވެފައެވެ. އެހެނަސް އޭގެ ކުރިން، އައިމަންއަށް ބޭވަފާތެރިވެ އޭނާގެ ހިތް ޒަހަމްކޮށްލެވުނީތީ އެކަމަށް މާފު ލިބިގަންނަންޖެހޭކަން އޭނާ ދަނެއެވެ.

ނާއިލް އާއި ނާއިލާގ، އާއިލާއަށް އަލުން ބަހާރުގެ ރޯޝަނީކަން ގެނުވުމަށް އަޒުމު ކަނޑައަޅާފައިވާއިރު، އައިމަންގެ ހާލަކީ ކޮބައިބާވައެވެ؟ އެންޖްލީގެ މަރަށްފަހު އޭނާ ރަށަށް އަހިސް މިވީ ވަގުތުތަކުގައި ވެސް އޭނާގެ ފަރާތުން ފެންނަނީ އުފާވެރިކަން ގެއްލިފައިވާތަނެވެ. މާޔޫސީ ކަމާއި ކުލަ ގެއްލިފައިވާ މޫނެކެވެ. އެހެނަސް މިހުރިހާ ތަފާތުތަކެއް، ބަދަލުތަކެއް އޭނައަށް އައުމުގެ ހަމަ އެކަނި ސަބަބަކީ އެންޖްލީގެ މަރުބާވައެވެ؟

އައިމަންގެ ޚިޔާލުގައި މިހާރުވެސް އެނބުރެމުން ދަނީ އެންޖްލީގެ ހަނދާންތަކެވެ. އެންމެފަހުން އެންޖްލީ އާއެކުގައި ހޭދަކުރި ވަގުތުތަކެވެ. އެންޖްލީ ހޭއެރުމާއެކު އެ ދެމީހުންގެ ދެމެދުގައި ކުޑަވަގުތުކޮޅަކަށް ދެމިގެންދިޔަ ލޯބީގެ ފިރުމުންތަކާއި ބޮސް ދިނުންތަކެވެ. ޑޮކްޓަރ ހެލްތް ރޫމަށް އައުމުން ދެ މީހުންނަށް ލިބުނު ސިހުމާއި ލަދުގަނެ އެންޖްލީގެ ދޮން ރީތި މޫނު ރަތްވެގެން ދިޔަގޮތެވެ. އެންޖްލީގެ ހާލު ރަނގަޅުކަމަށް ޑޮކްޓަރ ބުނުމުން އައިމަންގެ ހިތަށް ލިބުނު ހިތްހަމަޖެހުމެވެ. އެންޖްލީގެ ހާލު ބެލުމަށް ބާރަގަޑި ބައިގައި އަލުން އަންނާނެކަމަށް ބުނުމަށްފަހު، އިތުރު އެހީތެރިއެއް ނަރުހެއް ނެތް އެރޫމަށް އެ ދެ މީހުން އެކަނި މާއެކަންޏަށް ދޫކޮށްފައި ޑޮކްޓަރ ދިއުމުން ދެ މީހުންގެ ހިތުގެ ވިންދު އަވަސްވެ، ލޯބީގެ މަސްތީ އަރާމަށް ގޮވަމުން ދިޔަ ގޮވުމެވެ. ބަލި އެނދުގައި އޮތް އެންޖްލީގެ ނިތްކުރީގައި ބޮސްދެމުން އައިމަން އޭނާގެ ހަށިގަނޑުގެ ތެރޭގައި އެންޖްލީ ބޮޑިކޮށްލިގޮތެވެ. އެއަށްފަހު. . . .

ފޮނިފޮނި މަސްތީ ޚިޔާލުތަކުގެ ތެރެއިން އައިމަންއަށް ނުކުމެވުނީ އޭނާގެ މަންމަ ވަދީފާ ގޮވާލުމުންނެވެ. ތެދުވެގެން އަވަހަށް ސައިބޯން އައުމަށް ބުނުމުންނެވެ. އައިމަން ގަޑި ބަލައިލިއެވެ. ހެނދުނު ނުވަގަޑި ބަޔަށްވުރެ ވެސް ބޮޑުވެއްޖެއެވެ. ތެދުވަން ބޭނުންނުވިޔަސް މަންމައަށް ތަކުރާރުކޮށް ގޮވަން ނުޖައްސަންވެގެން އައިމަން ތެދުވަން އުޅުނެވެ. އެހެނަސް ހަމަ އެއާއެކު އަނެއްކާވެސް އެނދަށް ވެއްޓިގަނެއްޖެއެވެ. އޭރު އޭނާވަނީ ދާހިއްލާ ފޯވެފައެވެ. ނޭވާލާން ދަތިވެ މެއަށް ތަދުވަމުން ދިއުމާއެކު މަޑުމަޑުން މޭމަތީގައި އޭނާއަށް ފިރުމައިލެވުނެވެ. އޭނާ ތެދުވަން ކުރި ހަރަކާތާއެކު ހީވީ މުޅި ހަށިގަނޑުގައިވާ އެތައް އެތައް ކަށިތަކެއް ބިނދިގެން ދިޔަހެނެވެ. ނާރުތައް ފިތި ލޭ ދައުރުން ހުއްޓުނު ހެނެވެ.

އައިމަން ވަރަށް ބޮޑަށް ކަންބޮޑުވެއްޖެއެވެ. ރޭގައިވެސް އޭނާ އުޅެން ޖެހުނީ ނުނިދިގެނެވެ. އެންޖްލީގެ ޚިޔާލުތައް އުނދަގޫ ކުރާވަރުންނެވެ. އެހެނަސް އެއަށްވުރެ ބޮޑަށް އޭނާގެ ހަށިގަނޑަށް ވަމުންދިޔަ އުނދަގޫތަކަށް ކެތްނުކުރެވިގެންނެވެ. ގައި ހިރުވާވަރުންނެވެ. ހީވަނީ މުޅިގައިގެ ދެހަން ދޭތެރޭގައި ކުދިކުދި ފަނިތަކެއް ދުވާހެންނެވެ. ހަމައެހެންމެ އެ އުނދަގުލާއެކު، މެންދަންވިއިރު އޭނާގެ ހަށިގަނޑު ފިހޭވަރަށް ހުންގަދަވެގެންވެސް ދިޔައެވެ.

މަޑުމަޑުން ފަރުވާތެރިކަމާއެކު، އައިމަން އަނެއްކާވެސް ތެދުވަން މަސައްކަތް ކުރިއެވެ. ހީކުރި ގޮތާ ޚިލާފަށް މިފަހަރު އެފަދަ އެއްވެސް އުނދަގުލެއް ނުވެއެވެ. ދެންމެގަ ހިނގި އެއްވެސް ކަމެއްގެ އަސަރުވެސް ހަށިގަނޑުގައި ނެތްފަދައެވެ. އެއިން ކަމެއްގެ ވޭނެއް ތަދެއް އިޙުސާސް ވެސް ނުވެއެވެ. މިކަމުން އައިމަންގެ ހައިރާންކަން އިތުރުވިއެވެ. ފިކުރު ބޮޑުވެ ހާސްވާން ފެށުމުން އައިމަން އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންމާގަނޑުގެ ދަށުގައި ހުއްޓި އިސްކުރު ދޫކޮށްލިއެވެ.

ނާއިލާ އާއި ނާއިލްގެ މުއްސަނދިކަމާއި ތަނަވަސްކަމުގެ ހަނދު ގޭގެ ކާ ކޮޓަރީގައި ހެނދުނު ނާސްތާ ކުރިއަށްދަނީއެވެ. މޭޒުގެ ދެކޮޅުގައި އިށީންދެ ތިބެ ރޮއްޓާއި ކުޅިމަހުގެ މީރު ކެއުމަށް އިންސާފު ކުރަމުން ދިޔައިރު އެ ދެބެންގެ ދެމެދުގައި ވަނީ ފަޅުކަމެވެ. އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ދެ މީހުންމެ ވާހަކަތަކެއް ހިއްސާކުރަން ބޭނުންވެފައި ތިބިކަން މޫނުމަތިން ފާޅުވެއެވެ. އެހެނަސް އެކަކަށް ވެސް ވާހަކަ ފަށައިގަންނަންވީގޮތެއް ނޭނގެނީ ކަންނޭނގެއެވެ.

” ނާއިލާ މީހަކާ އިންނާކަށް ނުވޭތަ ؟؟ ” ނާއިލް ސީދާ ނާއިލާއާ ދިމާއަށް ބަލާލަމުން ކުއްލިއަކަށް މިކުރި ސުވާލުން ނާއިލާއަށް ހައިރާންކަން ލިބުނެވެ. ބުނާނެ އެއްޗެއް ނޭނގި އަނގަ ހުޅުވި ބަސް ހުއްޓި، ނާއިލްއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ނާއިލާއަށް މިއައި ބަދަލުގެ ސަބަބުން ނާއިލް އަވަސް އަވަހަށް އިސްދަށަށް ޖަހާލިއެވެ.

” މިބުނީ ކޮއްކޮ އެކަހަލަ ކަމަކާ ނުވިސްނަންހޭ ؟ މިހާރު ކޮއްކޮވެސް މީހަކާ އިންނަހާ ވެއްޖެހެން ދޮންބެއަށް ހީވަނީ.. އެކަހަލަ ކަމަކާ އެބަ ވިސްނަންތަ؟؟ ” އިސްދަށަށް ޖަހައިގެން އިނދެ މަޑުމައިތިރި ރާގެއްގައި ނާއިލް ވާހަކަ ދެއްކިއެވެ. ނާއިލްގެ ވާހަކައަށް އާނއެކޭ ބުނުމުގެ ގޮތުން ނާއިލާ ބޯޖަހާލިއެވެ. އެހެނަސް އޭނާ އެއްވެސް ބަހެއް ނުބުނެއެވެ. ނާއިލްވެސް އިތުރު އެއްޗެކޭ ނުބުނެ، ސައިބޮއި ނިންމާލަމުން ތެދުވެއްޖެއެވެ.

ދަތް އުނގުޅައި، ފެންވަރާ ރީތިވެގެން އައިމަން ކާގެއަށް ދިޔަ ގޮތަށް ކުޑަ ގޮތަކަށް ހެނދުނުގެ ނާސްތާ ކޮށްލިއެވެ. އޭނާގެ މަންމަ، އެހާ ކުޑަކޮށް ސައި ބުއީ ކީއްވެތޯ ސުވާލުކުރުމުން ހިނިތުންވުމެއް ރައްދުކުރަމުން ” އަދި ފަހުން ރަނގަޅުވާނެ ” އޭ ބުނަމުން އައިމަން ގެއިން ނުކުތުމަށް ހިނގައިގަތެވެ. އެހެނަސް ގޭގެ ފުރާޅުގެ ހިޔާވަހިކަމުން ބޭރަށް، އިރުގެ ސީދާ އަދި އެހާމެ ގަދަ އަލިކަމުގެ ތެރެއަށް ނުކުމެވުމާއެކު ތެޅިގެންފައި އައިމަން އަނެއްކާވެސް ގޭތެރެއަށް ވަދެއްޖެއެވެ. އައިމަންގެ މިހަރަކާތްތައް ދެކެން ހުރި ވަދީފާ، ވީކީއްތޯ ސުވާލުކުރުމުން، ކަމެއް ނުވެޔޭ ބުނަމުން އައިމަން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭރު އޭނާގެ ދެލޯވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ. އެހެނަސް އެ މަންޒަރު ވަދީފާއަކަށް ނުފެނެއެވެ.

ދުވަސްތަކަކަށް ފަހު ފުރަތަމަ ފަހަރަށް ހަވީރު ފިންޏަށް ހިނގާލަން ދިއުމަށް ނާއިލާ ގެއިން ނުކުތީ އޭނާގެ އެކުވެރި އަމްނާ އާކުގައެވެ. އެ ދެ މީހުން މިސްރާބު ޖެހީ ތުނޑިޔާ ދިމާއަށެވެ. އެހެނަސް ތުނޑިއަށް ދިއުމަށް އަތިރިއަށް ފޭބެން އޮތް މަގަށް އެޅުމާއެކު ނާއިލާ ހުއްޓިއްޖެއެވެ. ގެއިން ނުކުތީއްސުރެ ހުއްޓުމެއްނެތި އެކި ވާހަކަތައް ދައްކަމުން ދިޔަ އަމްނާ ނާއިލާގެ އަތުގައި ހިފަމުން ކިހިނެއްވީހޭ ސުވާލުކޮށްލިއެވެ. އެހެނަސް އޭނާ ޖަވާބެއް ނުދެއެވެ. މަގުގެ ކުރިއަށް ބަލަހައްޓައިގެން ބިރުގެންފައިވާ ފާޑަކަށް ހުރީއެވެ. އަމްނާވެސް މަގުގެ ކުރިއަށް ބަލައިލިއެވެ. ހަމައެއާއެކު އޭނާގެ މޫނުގައި ހުރި މަޖަލާއި އުފާވެރިކަމުގެ ކުލަވަރުވެސް މުޅިން ބަދަލުވެއްޖެއެވެ.

” ހައި ނާއިލާ. . . މިހާރު އަދި މާރީތިހެން ހީވޭ.. ހަހަ.. ނެތްތަ އަދި އެއް ޗާންސް ދެވޭކަށް ؟ ” އައިގޮތަށް އައިސް ނާއިލާގެ ގައިގާ ޖެހި ނުޖެހޭ ހިސާބުގައި ހުއްޓެމުން، ނުލަފާ ފާޑެއްގެ ހިންޏެއް އަހިސްފައި ހުރެ ހަމްޒަތު ވާހަކަ ދެއްކިއެވެ. ނާއިލާ އެއްވެސް ޖަވާބެއްނުދީ އިސްދަށަށް ޖަހައިގެން ހުރީއެވެ. އެހެނަސް ހަމްޒަތު އެކި ބަސްބަހުން މަލާމާތާއި ފުރައްސާރަ ކުރަމުން ދިޔައެވެ.

” އޯ އަދި މިހުރީ ހަނދާން ވެސް ނެތިފައޭ. މަގޭ މޫނުމަތީގައި ކުރިން ފަހަރެއްގައި ފިރުމާލީމެއްނު ނުލާހިކު ބާރަށް. އޭގެ އަސަރު އަދިވެސް ހިތުން ފިލައެއް ނުދެޔޭ. ހަމަ އެހާމެ ލޯބިން ފިރުމާލަ ދީބަލަ އަދި އެއްފަހަރު. . . . ހަހަހަ.. ނާއިލާ ފިރުމައި ނުދޭނެއްޏާ މަ ފިރުމާލަ ދީފާނަން ނާއިލާގެ ކޮލުގައި.. ” ހަމްޒަތު ނާއިލާގެ މޫނާއި ދިމާލަށް ނެގި އަތުގައި އެހެން ފިރިހެނެއްގެ އަތުން ނުލާހިކު ބާރަށް ހިފެހެއްޓިއެވެ. އަދި ހަމަ އެ ހިނދުގައި ޖެހި ކުއްލި ލައްކަކާއެކު، ބަލި ނިކަމެތި މީހެއް ފަދައިން ހަމްޒަތު ބިމުން ކެޓި، ފުރަގަހަށް ގުޅައެއްހެން ބިންމަތީގައި ވަރަށް ބާރަށް ޖެހުނެވެ. ވީތަދުން ކަރުބުޑުން ޒާތެއްގެ ހަޅޭކެއް ލަވައިގަންނަމުން ހަމްޒަތު ތެޅިގަނެއްޖެއެވެ. ކައިރީގައިހުރި އައިމަން ފެނުމާއެކު ހަމްޒަތު އުނދަގުލުން ތެދުވިއެވެ. އެހެނަސް ހީކުރި ގޮތާ ހިލާފަށް ރުޅި އައިސް ފުފިފައިހުރި ހަމްޒަތު ހަމަ އެކަނި އައިމަންއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ދުރަށް ހިނގައިގަތީއެވެ.

ހަމްޒަތު ގޮސް އެހެން މަގަކަށް އެޅުމުން އައިމަން ނާއިލާއާ ދިމާއަށް ނަޒަރު ހުއްޓާލިއެވެ. ވަގުތުން އެއްޗެކޭ ބުނުމަށްޓަކައި ނާއިލާގެ އަނގަ ހަރަކާތްކުރިއެވެ.

” ނޫން.. ޝުކުރު އަދާކުރާނެކަމެއްނެތް ؟ ” ނާއިލާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އައިމަން ބުނެލިއެވެ. އެ އަޑުގައި ހަރުކަށި ގޮތެއް ހުރިނަމަވެސް، ކަޅުކުލައިގެ ބޮޑު އަވިއައިނަކުން ލޯ ނިވާކޮށްލާފައިވުމުން އޭނާގެ މޫނުމަތީގެ އަސަރެއް ދެނެގަންނާކަށް ފަސޭހައެއް ނޫނެވެ.

” އަހަރެން ބުނަން އުޅުނީ ސޮރީ އޭ.. ” ނާއިލާ އަޅައަޅައި ގަންނަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

އެއްޗެކޭ ބުނުމުގެ ބަދަލުގައި އައިމަން ހިނގައިގަތެވެ. އެހެނަސް ތަންކޮޅަކަށް ގޮސްފައި އޭނާ ހުއްޓި ފަހަތަށް އެނބުރި ނާއިލާއާ ދިމާލަށް ބަލައިލިއެވެ.

” އިޓްސް އޯކޭ އިނގޭ.. އެންޑް ހެޕީ ބާތު ޑޭ ނާއިލާ.. ” އައިމަންގެ މިބަސްކޮޅު އިވުމާއެކު އާޝޯހުވެހުރެ ނާއިލާއަށް އަނެއްކާވެސް “ކީކޭ؟” ހެއްޔޭ އަހާލެވުނެވެ.

” މިބުނީ ވަރަށް އުފާވެރި އުފަންދުވަހަކަށް އެދެމޭ… ބާއްޖަވެރި ހަޔާތަކަށް ވެސް އެދެން ”

 

— ނުނިމޭ —

 

 

 

ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.