އުފަންވުމުން… 15 ވަނަ ބައި

މުހައްމަދު ޝާހީން

އެ މީހަޔާ ދިމާ ފާރުގައި ލެއިން ނުބައި ފާހަގަ ޖަހާފާ ހުރިތަން ފެނުމުން ހާމިދު ވަރަށް ބޮޑަށް ހިތް ނުތަނަވަސްވެއްޖެއެވެ. އޭނާ ވަށައިގެން ހޯދާލިއެވެ. އޭނަގެ ލޮލުގައި އަޅައިގަތީ އެ އަނދިރިމަގުން އަތިރިއަށް ފޭބެން އޮތްމަގަށް، ބިޔަ ހަށިގަނޑެއްގެ ވެރިއެއް ލަނބާލި ތަނެވެ. އަނދިރިކަމުން އެއީ ކާކު ނޭނގުނަސް ކުރިން އޭނަޔަށް ފެނިފައިވާ މީހެއްކަން އޭނަޔަށް ޔަގީންވި ހިނދު ބިރުވެރިކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

ވާހަކަ ފުރިހަމަ ނުކުރެވި، އަދި ޚާއްސަކޮށް ބޭނުންވި އެންމެ މުހިންމު ކަންތައް ނޭނގި ނާއިލަށް ހާމިދުއާ ވަކިވާން ޖެހިއްޖެއެވެ. ކުއްލިއަކަށް ހިނގި އާދަޔާ ޚިލާފު ބިރުވެރިކަމާ ނާމާންކަމުން ފުރިގެންވީ އެ ހާދިސާގެ ސަބަބުން ނާއިލް ވަގުތުން ގެއަށް ގޮސްފިއެވެ. އެހެނަސް އޭނައަށް މިރޭ އެނގުނު ކަންތައްތަކާ ގުޅިގެން އުފެދިފައިވާ ޝައްކެއް ރަނގަޅަށް އޮޅުންފިލުވުމަށް އޭނާ ވަނީ ނިންމާފައެވެ.

ޖެހިގެން އައި ދުވަހު އާދައިގެ މަތިން ރަށު ތެރެއިން މުޅިން ވެސް އިވެނީ ރޭގެ މަރާ ގުޅުން ހުރި ވާހަކަތަކެވެ. ހައްލެއް ނުހޯދި ވާނުވާއެއް ނޭނގި މީހެއްގެ ފުލު މީހެއް އާދަޔާ ޚިލާފު ގޮތްތަކަކަށް މަރާލާފައި އޮއްވާ ފެންނަން ފެށުމުން ރަށުތެރޭގައި ޒާތެއްގެ ސިހުމަކާއި ބިރުވެރިކަމެއްވަނީ އާންމުވެފައެވެ. އަނެއްކޮޅުން ރޭގެ މަރާ ގުޅިގެން، މި ހިނގާ ކަންތައްތަކަކީ ރަށުގެ އެންމެ ބޮޑު ސިހުރުވެރިޔާ ހާމިދުގެ ފަރާތުން އަހިސްގެން އުޅޭ ނުބައެއްކަމަށް ބައެއް މީހުން ބުނަން ވެސް ފަށައިފިއެވެ. އެހެނަސް އެންމެނަށްމެ ޔަގީންވާ އެއްކަމެއް އެބައޮތެވެ. މިކަމަކީ ރޫހާނީ ކަމަކަށްވެފައި، މިކަން ހައްލުކުރުމަށް ބޭނުން ނަމަވެސް ދާންހުރީ ހަމަ ހާމިދު ކައިރިއަށްކަން އެންމެންމެ ގަބޫލުކުރެއެވެ.

” ދޮންބެ ކީއްކުރަންތަ ރޭގައި ހާމިދުމެންގެ ގެއަށް ދިޔައީ ؟ ” ނާއިލާގެ މި ސުވާލާއެކު، ހެނދުނުގެ ނާސްތާ ކުރުމަށް ސައި މޭޒު ކައިރިއަށް އައި ނާއިލަށް ލިބުނީ ސިހުމެކެވެ. ހައިރާން ކަމެކެވެ. އޭނާ ނާއިލާގެ މޫނަށް ބަލައިލިއެވެ. ސީދާ ނާއިލްގެ މޫނަށް ބަލަހައްޓައިގެން ޖަވާބެއްގެ އިންތިޒާރުގައި ހުރި ނާއިލާގެ މޫނުމަތިން ފެންނަނީ ނުރުހުމުގެ ކުލަވަރެވެ.

” ދޮންބެ ކީއްކުރަންހޭ ރޭގައި ހާމިދުމެންގެ ގެއަށް ދިޔައީ ؟ ރޭގައި މީހުން އެގޭ ދޮށަށް އެއްވެފައި ތިއްބާ ހާމިދުއާއެކު ދޮންބެ އެގެއިން ނުކުތްތަން ފެނިގެން އައިމަން އެވާހަކަ ދައްކައިފިއޭ. ރޭގައި މަރާލި މީހާ އެގޭ ފާރުގައި ލައްގާފައި އިނުމުން މުޅި ރަށުގައި އޮތީ ހާމިދުއާ މި ހިނގާ ކަންތައްތަކާ ގުޅުވައިގެން ތަފާތު ވާހަކަތައް ފެތުރިފައޭ.. ދޮންބެއަށް އެވަރު ނުވިސްނެނީތަ؟ އައިމަން ވެސް ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައި. ހާމިދުއާ ގުޅުވައިގެން އެކިޔާ ވާހަކަތަކުގައި ދޮންބެގެ ނަން ވެސް ހަޑިވެދާކަށް އަހަރެމެން ނޭދެމޭ.. ”

ނާއިލްގެ ފަރާތުން ޖަވާބެއް ނުލިބުމުން ހިތްހަމަނުޖެހުމާއެކު، ތަކުރާރުކޮށް ވާހަކަ ދައްކަމުން އައި ނާއިލާގެ އަޑު އެންމެފަހުން ކުރެހިއްޖެއެވެ. އޭނާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. ހިތަށް ވަރަށްބޮޑަށް އަސަރުކޮށްފައިވާކަން ހަމަ ރަނގަޅަށް ވެސް އޭނަގެ އެ މޫނުން ހާމަކޮށްދެއެވެ. ވާނީ ވެސް އެހެންތާއެވެ. މަންމަ އާއި ބައްޕަ ނިޔާވެ ދިއުމަށްފަހު، ހަޔާތުގައި ކުރިމަތިވި އެންމެ ކަޅު އަނދިރި ދުވަސްތަކުގައި ނާއިލާއަށް އެންމެ ބޮޑަށް އަޅާލާ އެހީތެރިވެދީ، ލޯތްބާއި ހިތްހަމަޖެހުން ހޯދައިދީ، ދިރިއުޅުމުގެ ތެރެއަށް އަލުން ނެރެ ދިން މީހަކީ އޭނަގެ ދޮންބެއެވެ. ނާއިލްއެވެ. އެހެން ކަމުން ކުޑައިރުއްސުރެ ނާއިލާގެ ހިތުގައި ނާއިލްގެ މައްޗަށް އޮތް ލޯބި ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ވީއިރު ނާއިލަށް ކިތަންމެ ކުޑަ ނަމަވެސް ދެރައެއް ވާން އޭނާއަށް އެދެވޭނެ ހެއްޔެވެ؟ ނާއިލްގެ ނަމަށް ކިތަންމެ ކުޑަ ނަމަވެސް ހުތުރެއް އަރާކަށް ވެސް ނާއިލާއެއް ނޭދެއެވެ. ނާއިލަށް ވެސް އެކަން ރަނގަޅަށް އެނގެއެވެ. ނާއިލް މިހާތަނަށް ކުރި ކޮންމެ ކަމެއްމެ ނާއިލާއަށް ސިއްރިޔާތުގައި ކުރަންޖެހުނު ސަބަބަކީ ވެސް އެއީއެވެ.

ނާއިލާ އިސްދަށަށް ޖަހާލުމުން، ނާއިލް ނާއިލާގެ ކައިރިއަށް ޖެހި ބޮލުގައި ފިރުމާލިއެވެ.

” ކޮއްކޯ.. ސޮރީ. ދޮންބެ ހާމިދުމެންގެ ގެއަށް ދިޔައީ އެއްވެސް ކަމަކު ނޫން.. ރަށުގައި މިހާރު ހިނގާ ކަންކަމުގެ ސަބަބެއް އޭނައަށް ވެސް އެނގޭތޯ ހޯދާލަން.. ދޮންބެ ދެން ނުދާނަން އެގެއަކަށް… ” ނާއިލް މަޑުމައިތިރިކަމާ، އޯގާތެރިކަމާއެކު ނާއިލާއަށް ވިސްނައި ދޭން މަސައްކަތް ކުރިއެވެ. އެހެނަސް އޭނާގެ މަގުޞަދުގައި، އަދިވެސް ހާމިދުގެ ގެއަށް ނުގޮސް ވާކަށް ނެތްކަން އޭނާ ގަބޫލުކުރެއެވެ.

” އޯކޭ އެއްނު ދޯ.. ” ނާއިލް ނާއިލާގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވާލަމުން ސުވާލުކޮށްލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ނާއިލާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ބޯޖަހާލިއެވެ.

ނާއިލް ސައިބޯން އިށީންނުމުން، ޖޯޑަށް ސައި އަޅާދެމުން ނާއިލާ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

” ދޮންބޭ.. އައިމަން ބުނި އޭނާ ބޭނުމޯ ވީއެންމެ އަވަހަކަށް ކައިވެނި ކުރަން… ދޮންބެމެންގެ ކައިވެންޏާ ވެސް އެކުގައޯ ކުރަން ބޭނުންވަނީ.. ” ތައްޔާރުކޮށްފައިހުރި ކުޅިމަހުގެ އެތިކޮޅަކާއެކު، އަނގަޔަށް ލާން ގެނެސްގެނެސް ހުރި ރޮށިކޮޅު، ނާއިލް އަނެއްކާ ވެސް ތަށީ ތެރޭގައި ބޭއްވިއެވެ. ނާއިލްގެ މި ހަރަކާތުން ނާއިލާގެ ހިތް ނުތަނަވަސްވިއެވެ. އެހެނަސް ނާއިލްގެ ޖަވާބަކަށް އިންތިޒާރުކޮށްލަކޮށްލަ އިނީއެވެ.

” ހޫމް.. ދޮންބެ ކުރިން ވެސް ބުނީމެއްނު އަވަސް ކުރަންވީއޭ.. އެކަމަކު ދޮންބެ އަމްނާއާ ވާހަކަ ދައްކާލާފަ ޑޭޓެއް ކަނޑައަޅަން އެނގޭނީ.. ” އިރުކޮޅަކު ވިސްނަން އިނުމަށްފަހު ނާއިލް ޖަވާބު މި ދިންގޮތުން، ނާއިލާގެ ހިތްހަމައެއް ނުޖެހުނެވެ. ހިތުގައިވާ ނުތަނަވަސްކަން ވީ އިތުރެވެ. ކުރިން އެންމެ ރަނގަޅަށް ރުހި ގަބޫލުވެ، ކައިވެނި އަވަސްކުރަން ބާރު އަޅާފަ، މިހާރު އަވަސް ކުރަން ބޭނުން ނުވާކަހަލަ ގޮތަކަށް އަމަލާއި ބަސް ހުންނަކަމުގައި ނާއިލާއަށް ޝައްކު ކުރެވެމުން ދިޔައެވެ.

ހަމަ އެވަގުތެވެ. ބޮޑު، ކަޅު އަވި އައިނެއް އަޅައިގެން ނާއިލްމެން ގެއަށް ވަންނަން އައި އައިމަން ގޭގެ ފާރުކައިރީގައި ހުއްޓިގެން އިރުކޮޅަކު ހުރުމަށްފަހު، އެންމެ ފަހުން ނާއިލްގެ މި ޖުމުލަ ނިމުމާއެކު ހިނިތުންވެލަމުން ގެއާ ދުރަށް ހިނގައިގަތެވެ.

ނާއިލާ ކޮޓަރިއާ ދިމާއަށް ހިނގައިގަތުމުން ނާއިލް ފުންކޮށް ވިސްނާލިއެވެ. އައިމަންއަށް ރޭ އޭނާ ހާމިދުމެންގެ ގެއިން ނުކުތްތަން ފެނުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް އެންޖްލީ މަރާލި ރޭގައި އެތަނުން ގަބޫލު ވެސް ނުކުރެވޭފަދަ ޙާލެއްގައި އައިމަން އޮއްވާ ނާއިލަށް ފެނިފައި ވުމީ މައްސަލައެކެވެ. އެކަމުގެ ސަބަބުން ނާއިލް މިރޭ ކޮންމެހެނެއް ހަދާފައި ވެސް ގެއިން ބޭރުގައި އުޅެން ޖެހިއްޖެއެވެ. އޭނާގެ ޝައްކާއި ވަޙުމް ފިލުވާލާށެވެ. ކައިވެނި އަވަސް ކުރަން ނާއިލާ ބާރު އެޅިޔަސް އެކަން ވާން އަންނަނީ ނާއިލްގެ ސިކުނޑީގައި ހިނގާ ޝައްކު ފިލުވާލެވިގެންނެވެ.

ރޭގަނޑެއްގެ ހަމަހިމޭން ދަންވަރެކެވެ. އައިމަންގެ ގޭގެ ދޮރު ފެންނަ ހިސާބު އަނދިރީގައި ނާއިލް ހުންނަތާ މިހާރު ކިތަންމެ އިރެއް ވެއްޖެއެވެ. މާކަ ގިނަ އިރުތަކެއް ނުވެ، ނާއިލް އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނު ކަހަލައެވެ. ދޮރު ހުޅުވާލާފައި އައިމަން ނުކުމެ ހިނގައިގަތުމާއެކު، ނާއިލް ވެސް ފަސްފަހަތުން ސިއްރިޔާތުގައި ގަސްތަކާއި ކަނު އަނދިރިކަމުގެ ފަރުދާގައި ހުރެގެން ހިނގައިގަތެވެ.

ރަށުގެ ފުއްޓަރު ފަރާތާ ދިމާއަށް މިސްރާބުހުރި އައިމަންއަށް ފާރަލަމުން ދިޔަ، ނާއިލަށް ސިހުން ލިބި ތެޅިގަންނަން ޖެހިއްޖެއެވެ. އައިމަން ހުއްޓި ފަހަތް ބަލައިލުމުންނެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން މީހަކު ފަހަތުން އަންނަކަމުގެ ޝައްކެއް ވެގެން އުޅޭކަހަލައެވެ. އަނެއްކޮޅުން ޖެހިލުންވެފައިހުރި ނާއިލް ހިތުން މިހާރު އައިމަންއަށް ރީތިކޮށް އޭނާ ފެންނާނެއެވެ. އެހެނަސް އެކި ދިމަދިމާއަށް ނަޒަރު ހިންގާލުމަށްފަހު އައިމަން ހިނގައިގަތުމުން ނާއިލަށް ހިތްހަމަޖެހުމެއް ލިބުނެވެ.

ފަސްފަހަތުން ފާރަލަމުން ދަނިކޮށް، އަތިރިމަތީގެ އަލިކަމުގެ ތެރެއަށް ފޭބުމާ ދެމެދު، މަގުގައި އޮތް އަނދިރި ކަމުގެ ތެރެއަށް އައިމަން ވަން ގޮތަށް ނުއެއް ނުކުތެވެ. ނާއިލަށް އަނެއްކާ ވެސް އަނެއް ކަންބޮޑުވުމާ ކުރިމަތިލާން ޖެހުނީއެވެ.

އައިމަން ގެއްލުމުން ނާއިލް ދުވެފައި ކަހަލަ ގޮތަކަށް އަތިރިމައްޗަށް ނުކުމެއްޖެވެ. ހަނދުވަރުގެ އަލިކަމުގެ ތެރެއަށް ނުކުތް އައިމަން ގަނޑުވިކަހަލައެވެ. އޭނާގެ ލޮލުގެ ކުރިމަތީގައި އެ ހުރީ އިންސާނެއް ފަދައިން ދެފައިމައްޗަށް ކޮޅަށް ހުރި ބިޔަ ޖަނަވާރެކެވެ. އޭނާއަށް އެސޮރު އެންމެ ވައްތަރީ އޭނާ އާންމުކޮށް ބަލަމުން އަންނަ އިނގިރޭސި ސީރީޒް “ޓީން ވޫލްފް” ގައި އުޅޭ ވޫލްފަކާއެވެ. އެ ސޮރުގެ ބެލުން ނާއިލަށް އަމާޒުވެފައި ހުރިއިރު، އެ ދެ ލޮލުން އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ.

ބިރުން ތުރުތުރުލާ ހާލު އެއެއް މިއެއް ނުބަލާ ނާއިލް އެއްގަމަށް ދުއްވައިގަތެވެ. ދުވަމުން ދުވަމުން ދަނިކޮށް ކުއްލިއަކަށް މީހެއްގެ ގައިގައި އަޅައިގެންފައި އޭނާ ވެއްޓިއްޖެއެވެ. ގެންފައިވާ ބިރާއެކު ހަޅޭލަވައިގަނެވުނެވެ. އެހެނަސް އެ މީހެއްގެ މޫނު ފެނުމުން ހަމައަކަށް އެޅިއްޖެއެވެ.

” ނާއިލް މިގަޑީގައި މި ތަނުގައި ކީއްކުރަނީ ؟؟ ” ސުވާލުކުރަން ނާއިލް އަނގަ ހުޅުވާލި ނަމަވެސް، އެ ސުވާލު އަމާޒުވީ އައިމަންގެ ދުލުން ނާއިލަށެވެ.

” މީހަކަށް ފާރަލަނީތަ ފާރަލަނީތަ؟ އެނގޭ އަހަންނާ ވެސް ހަމަ ދެންމެ މިކުރި ސުވާލު އަމާޒު ކުރަން ބޭނުންވާނެކަން.. މިހާރު ރަށު ތެރޭގައި މި ހިނގާ ކަންތައްތަކުގެ ހަގީގަތެއް ހޯދުމުގެ މަގުޞަދުގައި މިހާރު ކޮންމެ ރެއަކުމެ މިގޮތަށް ފާރަޔަށް ނުކުންނަން އަހަރެން… އަނެއްކާ ނާއިލްގެ މަގސަދަކީ ވެސް އެއީތަ ؟ ” ނާއިލް ސުވާލެއް ކުރުމުގެ ކުރިން އައިމަން ނުލާހިކު ހަމަޖެހިގެން ހުރެ ވާހަކަ ހަމަޖައްސާލިއެވެ. އައިމަންގެ މި ވާހަކަތަކުން ނާއިލަށް ކުއްލިއަކަށް އޭނާގެ މަގުސަދުގެ ނުބައި ކަމާއި، ވިސްނުން ގޯސްކަން އިޙުސާސްވެ ވަރަށް ބޮޑަށް ލަދު ގަނެ ދެރަވެއްޖެއެވެ. އަދި ހަގީގަތުގައި އޭނާ މިތަނަށް އައި ބޭނުން އައިމަންއަށް ކިޔައިދިނެވެ. އެ ވާހަކަތައް އިވުމުން އައިމަން ބޯހޫރާލިއެވެ. އަދި ވީކަމެއް ވީއޭ ބުނެ، ދެ މީހުން އެކީގައި ނާއިލްގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

ނާއިލާއި އައިމަން ގެއަށް ވަންއިރު، މައިގޭ ސޯފާގައި އިން ނާއިލާ އިނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އޭނާ ފެން ބޯން ނުކުންނަނިކޮށް ނާއިލް ގެއިން ނުކުތް ތަން ފެނުމުން، ގެއަށް އަންނަން ދެން އިންތިޒާރުގައި އިނީއެވެ. އެހެނަސް ވަގުތު ދިގުލައި ދިއުމުން ބިރުވެރިކަން އިތުރުވީއެވެ. ޝައްކާއި ވަޙުމުން ހިތް ފުރުނީއެވެ.

ނާއިލް އައިމަން އާއެކުގައި ގެއަށް ވަނުމުން ނާއިލާގެ ސުވާލު އަމާޒުވިއެވެ. ނާއިލް އެއްޗެކޭ ބުނުމުގެ ކުރިން އައިމަން ކަންވީގޮތް ވަރަށް ސާފުކޮށް ނާއިލާއަށް ކިޔައިދިނެވެ. ނާއިލާ ހިތްހަމަނުޖެހިފައި ބަލައިލުމުން ނާއިލް ކުށްވެރިއަކު ފަދައިން އިސްދަށަށް ޖަހާލިއެވެ.

” ސޮރީ ކޮއްކޯ.. ދޮންބެއަށް ވަރަށް ބޮޑަށް މާފުކުރޭ.. ދޮންބެ ކުރިން ވެސް ބުނި ފަދައިން ދޮންބެއަށް ފެންނަނީ ދެން ލަސްނުކޮށް ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން.. ” މާފަށް އެދެމުން، ނާއިލާ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ނާއިލް ކައިވެނީގެ ވާހަކަ ވެސް ދެއްކިއެވެ. ނާއިލާ ހިނިތުންވެލަމުން ނާއިލަށް މާފުކުރިއެވެ.

އައިމަންއަށް ހިނިތުންވުމެއް ރައްދުކުރަމުން ނާއިލް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އައިމަންގެ ހިނިތުންވެފައިވާ މޫނުގެ އުފާވެރިކަން ހާމަކޮށްދެމުން ދިޔަ އޭނާގެ ބޮޑު ދެލޮލުގެ ކަޅުކަޅި އާއި ހުދުބައި އެކީ އެކަށް ކަޅުވެގެން ދިޔައެވެ. އެހެނަސް އެ މަންޒަރު ނާއިލަކަށް އަދި ނާއިލާއަކަށް ވެސް ނުފެނުނެވެ.

ނާއިލް ކޮޓަރިއަށް ވަދެ ދޮރުލެއްޕުމުން، އުފަލުން ކެތްތެރިކަން ކުޑަވެފައި ހުރި ނާއިލާ އައިމަންގެ ގައިގާ އޮޅުލައިގަތެވެ. އައިމަން ވެސް ނުހަނު ލޯބިން ނާއިލާގެ ގައިގާ ބައްދާލިއެވެ. އަދި އެއަށްފަހު ގަޔާ ދުރުކޮށްލަމުން، ހަތަރުކަޅި ހަމަކޮށްލިއެވެ. ނާއިލާއަށް އެ ދެ ލޮލުން ލޯބި ނޫން އެހެން އެއްޗެއް ނުފެނެއެވެ. އައިމަން މަޑުމަޑުން ނާއިލާ ތުންފަތާއި ނިތްކުރީގައި ބޮސްދީ، ވަދާޢު ސަލާމް ކުރަމުން ދެތިން ބަސް ބުނެލުމަށްފަހު ގެއިން ނުކުތުމަށް ހިނގައިގަތެވެ.

“ހަނދު” ގޭ މައިގޭތެރޭގެ މެދުގައި ބެހެއްޓިފައިވާ މޭޒެއްގެ ކައިރީގައި ނާއިލާ އާއި ނާއިލްގެ ޙަޔާތުގެ އައު ސަފުޙާއެއް ލިޔެވެމުން ދަނީއެވެ. އެ ދެބެންގެ ކައިވެނީގެ މަޖިލިސް ކުރިއަށް ދަނީއެވެ. ނާއިލްގެ އަންބެއްގެ ގޮތުގައި އަމްނާ ހަނދުގެއަށް ގެންނަން ތައްޔާރުވަނީއެވެ. އަނެއްކޮޅުން، އައިމަންގެ ނުކުޅެދޭ ބަލި މަންމައެއް އިނުމާއެކު، މި ވަގުތަށް އެންމެ ރަނގަޅު ގޮތްކަމަށް ބަލައި، ނާއިލާ އައިމަންގެ އަންބެއްގެ ގޮތުގައި އައިމަންގެ ގެއަށް ބަދަލުވުމަށް ވެސް ވަނީ ނިންމާފައެވެ. ކައިވެނީގެ އުފާވެރި ޙަފުލާ ހިނގަމުން ދިޔައިރު، އަލަށް ޒަވާޖީ ޙަޔާތެއް ފަށާ ހަމަ ކޮންމެ އަންހެން ކުއްޖަކަށްމެ އާންމުކޮށް ކުރެވޭފަދަ އިޙުސާސްތަކެއް ނާއިލާ އާއި އަމްނާއަށް ދިޔައީ ކުރެވެމުންނެވެ. އަންހެންވަންތަކަމާއި ޒުވާންކަމުގެ ފުރިހަމަ ނަމޫނާއަކަށް ފުދޭ އެ ދެ ޒުވާނުންގެ ހިތް ވެސް ނެގިޖެހެނީއެވެ. ނުތަނަސްކަމުގެ ސަބަބަކުންނެއް ނޫނެވެ. ބުނެދޭން ނޭނގޭފަދަ އިޙުސާސްތަކަކުންނެވެ. އެކަމަކު ހަމަ ޔަގީނުން ވެސް މިއަދަކީ، މި ވަގުތުކޮޅަކީ އެއިން ކޮންމެ ކުއްޖަކަށްމެ ޙަޔާތުގެ އެންމެ އުފާވެރި ވަގުތަށް ވާނެކަން ކަށަވަރެވެ. އެހެނަސް ފޮރުވިފައިވާ ސިއްރުތަކާއެކު އިންސާނާއަށް ރަނގަޅު ކަމެއްގެ ގޮތުގައި ފެންނަ ކިތަންމެ ކަމަކުން ފަހުން ހިތާމަކުރަން ޖެހި ނުދޭ ހެއްޔެވެ؟

ކައިވެނީގެ ރަސްމިއްޔާތު ނިމުމާއެކުގައި ގާތް ރަޙުމަތްތެރިންނާއި އެކިއެކި ތިމާގެ މީހުންނާ، ދުރުތާ ތިމާގެ މީހުންނާ އެކުގައި ނާއިލާއި އަމްނާ އަދި އައިމަން އާއި ނާއިލާގެ ދެމަފިރިން ފޮޓޯ ނެގުމައިގެން މަސްޢޫލު ވެއްޖެއެވެ. ހަމަ މިއާއެކު، މުއްސަނދިކަމާއި ތަނަވަސްކަން ލިބިފައިވުމާއެކު، ކުލަ ގަދަ ކައިވެނީގެ ޙަފުލާއެއް މިރޭގައި ބޭއްވުމަށް ނިންމާފައި ވީހިނދު، އެ ގެ އެ ވަލީމާއަށް ޒީނަތްތެރި ކުރެވެމުން ވެސް ދިޔައެވެ. އެހެން ކަމުން ނާއިލްގެ އިރުޝާދާ އެއްގޮތަށް ފޮޓޯ ނެގުމުގެ ކަންތައްތައް އެހާ ބޮޑު ނުކޮށް ވީއެންމެ އަވަހަކަށް ނިންމާލުމަށްފަހު، ކައިވެނި ޕާޓީގެ ތައްޔާރީގެ ކަންތައްތައް ހިނގާ ނުހިނގާ ބެލުމުގައި އެ މީހުންމެ ބައިވެރިވެއްޖެއެވެ.

ކައިވެނި ޕާޓީ ކުރިއަށް ދަނީއެވެ. ނާއިލާ އާއި އައިމަން އަދި އަމްނާ އާއި ނާއިލް އެ މީހުނަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި ތިބެ އަންނަމުންދާ މެހެމާނުންނާ ސަލާމް ކުރަމުންދިޔައެވެ. ޕާޓީއަށް އަންނަމުން ދިޔަ މެހެމާނުންގެ ހެޔޮ އެދުމުގެ ބަސްތަކާއި، ތަޢުރީފުގެ ބަސްތައް ކެނޑިނޭޅި ލިބެމުންދިޔައެވެ. އެހެނަސް އައި މެހެމާނުންތަކަކާ ސަލާމްކުރަން ހުރެފައި އައިމަން ކުއްލިއަކަށް އެއްލި ކަޅިއަކުން، ދޮރާއްޓާ އަރާ ހަމަވި ހާމިދު ފެނުމާއެކު ބާރު ހިނގުމުގައި ގޯތީގެ މައި ދޮރާއްޓާ ދިމާލަށް ހިނގައިގަތެވެ. އައިމަންގެ މި ޢަމަލުން ދެން ތިބި މީހުނަށް ސިހުމަކާއި ހައިރާންކަމެއް ލިބި ދޮރާއްޓަށް ނަޒަރު ސީދާ ކޮށްލެވުމުގެ ކުރިން ހާމިދު އެއްކައިރިއަށް ޖެހިލައި ފާރާ ނިވައިވެލިއެވެ. އައިމަން އެ ދިޔަގޮތަށް ގޯތިން ބޭރަށް ނުކުތުމާއެކުހެން، އަނެއްކާ ވެސް އެނބުރި ގޯތިތެރެއަށް ވަދެގެން އަހިސްފިއެވެ. ސުވާލުތައް ހިތުގައި ޖަމާކޮށްގެން ތިބި ނަމަވެސް، ކުރިން ވެސް ހުރި ހިނިތުންވުން އައިމަންގެ މޫނުގައި ހުރުމުން އެކަކު ވެސް ސުވާލު ކުރާކަށް ނޫޅުނެވެ.

ކައިވެނީގެ ހަފްލާ ނިމިގެން ނާއިލާ ގޮވައިގެން އައިމަން އޭނާގެ ގެއަށް އައިސް ކޮޓަރިއަށް ވަންގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ.

” ކޯއްޗެއް ތިބަލަނީ؟ ” ނާއިލާ އޭނަގެ އަންނައުނުތައް ފޮށިން ނަގައި ކޮނޑުގައި އަޅުވަމުންދިޔައިރު، އައިމަން ކަޅި ޖަހާ ވެސް ނުލައި އޭނާގެ ގަޔަށް ބަލަހައްޓައިގެން އޮތުމުން ނާއިލާ ހިނިތުންވެ ހުރެ ލާނެއް ފާޑަކަށް ސުވާލުކޮށްލިއެވެ.

” ތިޔަ ރީތި ހުސްކުރި ހަށިގަނޑަކަށްނު މި ބަލަނީ… އަދި ވެސް ތި ހެދުންތަކަކައިގެންދޯ ތި އުޅެނީ.. ތި ލޯބިލޯބި ކޮލުގައި ހިފާލައި، ބައްދާލާ ހިތުންނޭ މި ބަލަނީ… ”  ނާއިލާ ސުވާލު ކުރި ރާގުގައި، ލާނަތް ހިނިގަނޑަކާއެކު، އައިމަން ތަޢުރީފުގެ ބަސްތައް އޮއްސާލިއެވެ.

” ހަމައެކަނި ހަގް ކޮށްލާ ހިތްތަ ވަނީ؟ ” ފަރި ހިނގުމެއްގައި އަހިސް އެނދު ކައިރީގައި މަޑުކޮށްލަމުން އައިމަންއާ ދިމާއަށް ގުދުވެލާފައި، އިޝްޤީ ގޮތަކަށް ނާއިލާ ވައި އަޑުން ބުނެލިއެވެ. އައިމަންއަށް ނާއިލާއާ ދިމާއަށް ބަލައިލެވުމާއެކު ދެ މީހުންގެ ހަތަރުކަޅި ބައްދަލުވެއްޖެއެވެ. ލޯތްބަށް ބޭނުންވެފައިވާ މިންވަރު އެކަކު އަނެކަށް ހިތުން ހިތަށް ބުނެދީފިއެވެ. އެ ދެމެދުގައިވާ ދުރުކަން ފިލާ ގޮސްފިއެވެ. ފިރުމުންތަކާއިއެކު ލޯބީގެ މަސްތީ އާލަމަކަށް ގެންގޮސްފިއެވެ.

ހޭދަވަމުންދިޔަ އުފާވެރިކަމުގެ ވަގުތުގެ ތެރެއިން އެއް ހަށިގަނޑެއްގެ ގޮތުގައިވާ ހާލު، އައިމަން ނާއިލާގެ ކަރުގައި ތުންފަތް ޖައްސާލިއެވެ. ބޭއިޚުތިޔާރުގައި މަޑުމަޑުން އަނގަހުޅުވާލައި ދަތް ޖައްސާލެވުނެވެ. އެ ވަގުތު އައިމަންގެ ހަނދާނަށް އަންނަމުން ދިޔައީ އޭނާ އެންމެ ފަހުން އެންޖްލީއާއެކު ހޭދަކުރި މިފަދަ އަރާމާއި އުފަލުގެ ވަގުތުގެ މަތިންނެވެ. އެ ރޭގައި އެ ހުރިހާ ކަމެއްގެ ތެރެއިން އެންޖްލީ އޭނާގެ ކަރުގައި ބޮސްދިން ވަގުތު އޭނާއަށް ތޫނު ތަދެއް އިޙުސާސް ކުރެވުނެވެ. އެހެނަސް ލިބެމުންދިޔަ އުފަލުން އެ ތަދުގެ އިޙުސާސް ކެނޑިގެން ދިޔަކަހަލައެވެ. ނާއިލާއަށް ވެސް ކަންތައްވީ ހަމައެފަދައިންނެވެ. އެ ވަގުތު ނާއިލާއަށް ތޫނު ތަދެއް އިޙުސާސް ކުރެވުނެވެ. އެހެނަސް އެ ތަދު ފިލައި ދާކަށް ގިނަ ވަގުތެއް ނުނެގިއެވެ.

އައިމަންއަށް ކުއްލިއަކަށް ހަމަ ހޭވެރިކަންވުމާއެކު، ނާއިލާގެ ހަށިގަނޑާ ކުޑަކޮށް ދުރުވެލަމުން މޫނަށް ބަލައިލިއެވެ. އެއަށްފަހު އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް މަޑުމަޑުން ނާއިލާގެ ކަރުގައި އަނގަ ޖަހާލިއެވެ. އަދި ނާއިލާގެ ކަރުން ކުޑަކުޑަކޮށް ފޭދިފައިވާ ލޭގެ ދެރޮނގު ދުލުން ފިލުވައިލިއެވެ.

އާ ދުވަހަކަށް އިރު އަރަނީއެވެ. ދެ މީހުންމެ އެކުއެކީގައި ތައްޔާރުވެގެން، ހެނދުނުގެ ނާސްތާ ކޮށްގެން ނުކުތީ ނާއިލާއި އަމްނާއާ ބައްދަލުކުރުމަށް ދިއުމަށެވެ. އާދައިގެ މަތިން އައިމަން ބޮޑު، ކަޅު އަވިއައިނު އަޅައިގެން އިސްދަށަށް ޖަހައިގެން ހުރެ ހިނގާފައި ދާން ފެށުމުން، ނާއިލާއަށް އޭނާގެ މޫނަށް ދެތިން ފަހަރަކު ވަރަށް ފުން ނަޒަރަކުން ބަލައިލެވުނެވެ. އެހެނަސް ކުރިން ވެސް ޖަވާބެއް ލިބިފައިވުމުން އެކަމާ ބެހޭގޮތުން އިތުރަށް ސުވާލު ކުރާކަށް ބޭނުމެއް ނުވިއެވެ.

އައިމަންއާ ނާއިލާ އެކުއެކުއެކީގައި ހަނދު ގެއަށް ވަންނަން ދަނިކޮށް އެ ގޭގެ މައިދޮރޯށި ހުޅުވާލާފައި އެ ނުކުތީ ހާމިދުއެވެ. އޭނާއަށް އައިމަންމެން ފެނުނަސް، މާބޮޑު ކަމަކަށް ނަހަދާ ގެއަށް ދިއުމަށް އޭނާ ހިނގައިގަތެވެ. ހާމިދު ނުކުތުމުން އައިމަންއަށް ކުއްލި ސިހުމެއް ލިބި ބޭއިޚުތިޔާރުގައި ހުއްޓެވުނެވެ. އެހެނަސް ވީ ކީއްތޯ ނާއިލާ ސުވާލު ކުރުމުން، ކަމެއް ނުވާކަމަށް ބުނެ ނާއިލާއާއެކުގައި ހިނގާފައި ގޮސް ގޯތިތެރެއަށް ވަނެވެ.

ގޯތިތެރެއިން އެންމެ ފުރަތަމަ ވެސް އެ މީހުންނާ ބައްދަލުވީ ނާއިލްއާއެވެ.

” ދޮންބޭ.. ކޮބާ އަމްނާ ؟ ” އަމްނާ ފެންނަން ނެތުމުން ނާއިލާ ސުވާލުކުރިއެވެ. އަމްނާ ވީ ކޮޓަރީގައި ކަމަށް ނާއިލް ބުނުމުން ނާއިލާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

” ހާމިދު ކީއްކުރަން މިގެއަށް އައީ؟ އަދި އެވެސް މި ގަޑީގައި ؟ ” އައިމަން ނާއިލްއާ ސުވާލުކުރީ ނުރުހުމުގެ ރާގެއްގައެވެ.

” އޭނާ ދޯ.. އޭނާ ބުނީ ކީއްވެހޯ އަންގާ ވެސް ނުލާ ކައިވެނި ކުރީ.. ދެން މިދިޔަ ދުވަސްތަކުގައި ފޯނު ވެސް ނުނަގާތީވެ ބައްދަލުކޮށްލަން އައީއޯ ކައިވެނީގެ މަރުޙަބާ ކިޔާށާއެކު.. އަދި ބުނި ވަރަށް މުހިންމު ވާހަކައެއް ވެސް އެބައޮތޭ… ބައްދަލުކޮށްލައްޗޭ.. ” އައިމަން ނުރުހިފައި ހުއްޓަސް ނާއިލް މަސައްކަތް ކުރީ ރީތިކޮށް ހަމަޖެހިގެން ހުރެ ކަންވީގޮތް ބުނެދެވޭތޯއެވެ.

” އޯ.. މިހާރު ހާމިދުއާ ހާދަހާ ގުޅުން ބަދައްސޭ ދޯ. ނާއިލް ބުނަން. ތީކީ ރަނގަޅު ކަމެއް ނޫން..” އައިމަން ހިތްހަމަނުޖެހުމާއެކު އޭނާގެ ވިސްނުން ހާމަކުރަމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

” އައިމަން، އެކި ކަންކަމުގައި އެކި މީހުން އިޚުތިޔާރު ކުރަނީ އެކިގޮތް.. އައިމަންއަށް ވެސް ކުށްކުރެވޭނެ.. އައިމަން އެ ރިޒޯޓްގައި އެރޭ އޮތް ހާލު ފެނުނު ބޭބެއަކު އޭނާގެ ކޮއްކޮއަކާ އައިމަން ކައިވެނި ނުކުރުވާނެކަން ޔަގީން.. އެކަމަކު މަ އެކަން ވެސް މިކުރީ.. އެއީ މަ ގަބޫލު ކުރަން އިންސާނެއް ވިއްޔާ ކުށެށް ކުރެވިދާނެކަން.. އަދި އައިމަން އިސްލާޙު ވެފައިވާކަން.. ވިސްނާލަބަލަ.. ޤާނޫނީ ހަމައިން، ގެއްލިފައިވާ ޙައްޤަކަށް އިންސާފު ހޯދެން ނެތުމުން އަހަންނަށް ވެސް މަޖުބޫރޭ އެހެން ގޮތެއް އިޚުތިޔާރު ކުރަން.. ހާމިދުއާ ގުޅުން ބަދަހި ކުރަންޖެހުނީ އެހެންވެ..”

އައިމަންގެ ބަސްތަކާއެކު، ރައްދު ޖަވާބެއް ދިނުމުގެ ޝުޢޫރުތައް ނާއިލްގެ ހިތުގައި ހިނގައިގަތެވެ. އެހެނަސް ދުލުން އެޝުޢޫރުތައް، އެ ވާހަކަތައް ބުނެއެއް ނުދެވުނެވެ.

 

— ނުނިމޭ —

 

 

 

ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.