އުފަންވުމުން... 10 ވަނަ ބައި

މެންދުރުގެ ގަދަ ހޫނާއެކު، ބަނދަރުމަތީގައި ހެލިފެލިވެ އުޅޭ މީހުން ވަނީ ހިސާބަކަށް މަދުވެފައެވެ. ބަނދަރާ ދިމާލުގައި ހުރި ބިޔަ ކާނިގަހުގެ ހިޔަލުގައި ބަހައްޓާފައިވާ ޖޯލިފަތީގައި މެދުއުމުރުގެ ދެ މީހަކު ވާހ...

04 Jan 2018 | 04:00

މެންދުރުގެ ގަދަ ހޫނާއެކު، ބަނދަރުމަތީގައި ހެލިފެލިވެ އުޅޭ މީހުން ވަނީ ހިސާބަކަށް މަދުވެފައެވެ. ބަނދަރާ ދިމާލުގައި ހުރި ބިޔަ ކާނިގަހުގެ ހިޔަލުގައި ބަހައްޓާފައިވާ ޖޯލިފަތީގައި މެދުއުމުރުގެ ދެ މީހަކު ވާހަކަ ދައްކަން ތިއްބެވެ. ބައެއް ފަހަރު މަޑުމަޑުން ޖެހިލާ ވައިރޯޅީގެ ފިނިކަން، އެހިޔަލާއެކު އިޙުސާސް ކުރަމުންނެވެ.

މެންދުރުވަނިކޮށް ތެދުވެގެން އައިސް، ހޮޓަލުން ކައިގެން ނުކުތް ނާއިލް ޓިޝޫއަކުން މޫނުގައިވާ ދަލުގެ އަސަރު ފިލުވާލަން މަސައްކަތް ކުރަމުން އެ ޖޯލި ފައްޗާ ދިމާއަށް ހިނގައިގަތެވެ. އޭނާ ހެނދުނު ނުތެދުވެ އޮވެފައި، މެންދުރު ވަނިކޮށް ތެދުވުމުންވެސް، ސައިބޮއިގެން ނުކުތުމަށް ނާއިލާ ތަކުރާރުކޮށް އެދުނެވެ. އެހެނަސް ފަހުން ސައިބޯނީއޭ ބުނެ އޭނާ އަވަހަށް ގެއިން ނުކުތީއެވެ. ނާއިލް ކަންތައް ކުރިގޮތުން ނާއިލާގެ ހިތުގައި ޖެހުނުވެސްމެއެވެ.

" އަހަނ. ބޮޑުބެ މަހަށްވެސް ނުދާ ދުވަހަކީތަ؟ " ޖޯލިފައްޗާ އަރާ ހަމަވިއިރު، ނާއިލްގެ ބޮޑުބޭބެ އިރުފާން ޖޯލިފަތީގައި އޮތުމުން އޭނާ ސުވާލުކޮށްލިއެވެ. ނާއިލްގެ ސުވާލާއެކު، ކައިރީގައިއިން އިމްތިޔާޒުއާއެކު އޮލަ ވާހަކައެއްގައިއިން އިރުފާން އޭނާގެ ވާހަކަ މެދުކަނޑާލާފައި، ބޮޑުބޭބެ ދަރިއަށް ނަޒަރު ސީދާކޮށްލިއެވެ. އަދި ޖޯލީގައި އިށީންނުމަށް އިޝާރާތް ކުރިއެވެ.

" މިހާރުވެސް މިދެކެވެނީ ތި ވާހަކައޭ.. ފަޅުވެރިކުދިން ބުނި މިއަދުވެސް ފުރަމާހޭ.. އެކަމަކު ބޮޑުބެގެ ހިތްހަމައެއް ނުޖެހުނު މިއަދު ފުރާކަށް. ރޭގަ އެހެރަ ފެނުނު ކަންތައްތަކަކީ އާދައިގެ ކަންތައްތަކެއް ނޫންކަން ޔަޤީނޭ.. އެކަމަކާ މިހާރުވެސް މިވާހަކަ ދެކެވެނީ.. " އިރުފާންގެ ވާހަކަތަކުގެ ސަބަބުން ނާއިލްގެ ހިތް ނުތަނަވަސްވެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ނުބައި ޝައްކެއް ހިތުގައި ހިނގައިގަތެވެ.

" ކޮންކަމެއްތަ ފެނުނީ އަނެއްކާ ؟ ބޮޑުބެމެން ކިޔާކަހަލަ ފުލޯކު ދެޔޯއެއް އެރީތަ؟ ހަހަހަ.. " ނާއިލް އޭނާގެ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ހިނިތުންވެފައިވާ މޫނަކާއެކު، ޖޯކު ޖަހަމުން ވީކީއްތޯ އޮޅުންފިލުވަން މަސައްކަތް ކުރިއެވެ.

" އަނ. އަނ... ބާރަށް ހީ.. ކިޔައިދިނުމުގެ ބޭނުމެއްވެސް ނެތޭ.. ބޮޑުބެއަށް އެނގެޔޭ ނާއިލްމެން ކަހަލަ މިޒަމާނުގެ ކުދިން މިއިންކަމެއް ގަބޫލު ނުކުރާނެކަންވެސް.. އެކަމަކު ބުނަން، ހުވާކޮށްފައި މި ބުނަނީ ރޭގައި މަހުން ފެލިއިރު ރަށުގެ ފުއްޓަރު ފަރާތާ ދިމާލުން ފަޅުތެރެއިން ކަނޑަށް ނުކުމެގެން ނުލާހިކު ހަރުކޮށް ބޮޑު ރެދަންގަޑެއް ދިޔަ.. ހީވަނީ ހަމަ ދިގު ނަންނުގައްޗެއްގެ ގައިގާ ރެދަންލާ ދިއްލާލައިފަ އޮތްހެން.. އަނެއްކާ އެ ގަޑީގައި އެހެރަ އައި އާދަޔާ ޚިލާފު ވިއްސާރައެކޭ.. ކަލޭމެން ކުދިން ގަބޫލު ނުކުރިއަސް ބޮޑުބެމެންނަށް ވަރަށް ރަނގަޅަށް އެނގޭ އެއީ ގޯހެއްކަން.. ނުބައި ސިހުރުގެ ކަމެއްކަން.. ކަލޭމެންކުދިން ޅަ ވީމާ އަދި ކަމަކާ ދިމާ ނުވާތީ ގަބޫލުނުކުރެވެނީ.. ބަލަ ބޮޑުބެމެން ބޮލުގައި ނުރަޖަހާ މުސްކުޅިވެފަ މިހުރީ ކަނޑުމަތީގައި ލައްކަ ދުވަހު އުޅެ ލައްކަ ތަޖުރިބާ ލިބިގެނޭ.. "

ނާއިލް ސުވާލު ކުރިގޮތުން ހިތްހަމަ ނުޖެހުމާވެސް އެކުގައި، އިރުފާން ފަތިވަރެއް އަމުނާލިއެވެ. އެހެނަސް އިރުފާންގެ ވާހަކަތަކުން ނާއިލްގެ ބޯ ސަކަރާތްވެއްޖެއެވެ. މޫޑު ގޯސްވެއްޖެއެވެ. ނާއިލަކީ މި ޒަމާނުގެ ކުއްޖަކަށް ވީ ނަމަވެސް ބޮޑުބެ އެ ދައްކާ ވާހަކަތައް އޭނާއަށް ވަރަށް ރަނގަޅަށް ގަބޫލުކުރެވެއެވެ. އެކަން އޭނާއަށްވުރެ ބޮޑަށް ގަބޫލުކުރާނީ އަދި ކުރަންވީފަހެ ކާކުހެއްޔެވެ؟ އެ ވާހަކަތައް އަޑު އިވުމުން ދެކެން ބޭނުން ނުވާ އެތައް މަންޒަރުތަކެއް ލޯމަތިން ތަކުރާރުވެގެންދާ ކަހަލައެވެ.

ނާއިލް ޖޯލިން ތެދުވެ މަޑުމަޑުން ހިނގައިގަތެވެ. އޭނާގެ ވިސްނުމާއި މިސްރާބުހުރީ ހާމިދުގެ ގެއާ ދިމާއަށެވެ. ވީ އެންމެ އަވަހަކަށް ހާމިދުއާ ބައްދަލުކުރުމަށެވެ. ނާއިލް ތެދުވުމުން، މިއަދު ނާއިލް އޮފީހަށް ނުދަނީ ކީއްވެގެންތޯ އާއި ބަލީތޯ، އިރުފާން ސުވާލުވެސް ކުރިއެވެ. އެހެނަސް އޭނާއަށް އެ ސުވާލު އަޑު ނީވޭ ކަހަލައެވެ. ނޫނީ އަޑު އިވުނަސް ޖަވާބު ދެވޭހާ ހިތްވަރު ނެތީ ކަންނޭނގެއެވެ. އޭނާގެ ސިކުނޑީގައި އެއްފަހަރާ އެތައް ސުވާލުތަކެއް އުފެދި އޮއިގަދަ ކަނޑެއްގައި މީހާ ފަތަން ޖެހިފައިވާފަދައެވެ.

އައިމަން އާއި އެންޖްލީއާ ދެމެދު ބަދަލުކުރެވެމުން ދިޔަ ލޯބީގެ މަސްތީ ހޫނު ބީހުންތަކާ ދެ މީހުން ވަކި ކޮށްލީ ހެލްތް ރޫމަށް ވަތްން ޑޮކްޓަރ ކަރުކެހިލުމުންނެވެ. އައިމަން އާއި އެންޖްލީއަށް ވެސް ކުއްލިއަކަށް ދުރަށް ޖެހި، އަތުގެ ނުފުށުން ތުންފަތް ފުހެލެވުނެވެ. ޑޮކްޓަރ ލުއި ހިނިތުންވުމަކާއެކު، އެއީ މައްސަލައެއް ނޫނޭ ބުނަމުން އައިސް އެންޖްލީގެ ހާލު އަހުވާލު އަހާ އޮޅުންފިލުވަމުން ކަށިގަނޑު ނަގައި އެންޖްލީގެ ސިއްޙީ ހާލަތު ޗެކް ކޮށްލުމަށް ތައްޔާރުވެލިއެވެ.

" ޑޮކްޓަރ.. އެންޖްލީ ރަނގަޅުތޯ؟ އެއްވެސް މައްސަލައެއް އުޅޭތޯ؟ " ޑޮކްޓަރގެ މަސައްކަތްތައް ނިމެންދެން ބަހެއް ނުބުނެ ކެތްކޮށްގެން އިން އައިމަން، ޑޮކްޓަރ ނުކުންނަން ހިނގައިގަތުމުން ވަގުތުން ސުވާލުކޮށްލިއެވެ.

" ކަންބޮޑުނުވޭ.. ކުޑަކޮށް ހުން އޮތަސް އަނެއްހެން މައްސަލައެއްނެތް. ފައިގައިވާ ޒަހަމް ރަނގަޅުވަމުން އަންނަ ވަރަކަށް ހުންވެސް ނިވާލާނެ.. " ޑޮކްޓަރުގެ ޖަވާބުން އައިމަންއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާގެ މޫނުމަތިން ފެނުނު ހިނިތުންވުމާއި، ފަޒާއަށް ދޫކޮށްލި ފުންނޭވާއިން އެ ހުރިހާކަމެއް ބުނެދެއެވެ.

ހާމިދުގެ ގޭގައި ހުރި އޭނާގެ ފަންޑިތަ ސިހުރު ހާހޫރާއިގެ މަސައްކަތަށް ހާއްސަ ކޮޓަރިއަށް ނަޒަރު ހިންގާލަމާތޯއެވެ. އެ ކޮޓަރީގައި ނާއިލާއި ހާމިދު މިހާރުވެސް ވަރަށް ސީރިއަސްކަމާއެކު ވާހަކަތަކެއް ދައްކަމުންދަނީއެވެ. އެ ދެ މީހުންގެ ދެމެދުގައި ބަދަލު ކުރެވެމުންދާ ވާހަކަތަކާއެކު ދެ މީހުންގެ ބޮލުގެ ހަރަކާތްތަކުން، އެކަކު އަނެކަކަށް މަޝްވަރާދީ އެކަންތައްތަކަށް އެއްބަސް ވުމަކަށް އާދެވެމުންދާކަން ދޭހަކޮށްދެއެވެ. ކޮންމެ ވާހަކައެއް ކަމަށްވިޔަސް ހަމަ ޔަގީނުންވެސް އެ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވެމުންދާ ވާހަކަ ބިނާ ވާނީ ރޭގައި ހެދުނު ގޯހާއި، އޭގެން ނުކުންނަން އުޅޭ ނޭދެވޭ ނަތީޖާގެ ކުރިން ކަންތައްތައް ހުއްޓުމަކަށް ގެންނާނެ ގޮތަކާ ބެހޭގޮތުންކަން ކަށަވަރެވެ. ހާމިދު އޭނާގެ އެއްވެސް ކޮންޓްރޯލްއެއް ނެތި މިނިވަންކަމާއެކު، ބޭނުންހާ ގޮތަކަށް އިންސާނީ ނަސްލަށްވެސް ނުރައްކާ ކުރަމުން އުޅެވޭނެފަދަ ދެ ނަސްލުގެ އާރާއި ބާރު އެކުވެފައިވާ އެއްޗެއް ފުރާފުރިހަމަވާން ފުރުސަތު ދޭކަށް ބޭނުންނުވާނެކަން ޔަގީނެވެ. ހަމަ އެފަދައިން ނޭނގި ހުރެ ނަމަވެސް ބައިވެރިވެވުނު ކަމަކުން، އެހެން ބަޔަކު ތަކުލީފުތަކެއް އުފުލަން ޖައްސާކަށް ނާއިލްގެ ހިތެއްވެސް ނޭދޭނެއެވެ. އެ ދެ މީހުންމެ މަޝްވަރާއި އެކުގައި އެ ތިބީ އެހެންވެގެނެވެ.

އިރުއޮއްސުމަކާ ދާދި ގާތްވެފައިވަނިކޮށް ބާރު ސްޕީޑުގައި އައި ލާންޗެއް ރަށުގެ ފަޅުގެ ތެރެއަށް ވަދެ ބަނދަރު ކޮށްލައިފިއެވެ. އޭރު އެ ސަރަހައްދުގައި މި ޒަމާނުގެ ޕާޓޭއިންގެ ގޮތުގައި ސިފަކުރާ ޒާތުގެ އަށެއްކަ ޒުވާނުން ސައިކަލްތަކެއްގެ މަތީގައި ޖެހިފައި ތިއްބެވެ. ލާފައި ތިބި ސްކިނީ ހަމަ ދެންމެ ދެންމެ ބޭލެވިގެން ހިނގައިދާނެހެން ހީވާފަދަ ހާލެއްގައި ތިބިއިރު، ކޮންމެ މީހެއްގެ ކަރާއި އަތާއި އަތުގެ އިނގިލިތައް ފަޅުފިލުވާލަދީފައިވަނީ ފާޑުފާޑުގެ ޗެއިން ގަނޑުގަނޑާއި، އަނގޮޓިތަކުންނެވެ. ބޮލުގެ ގުދުރަތީ ކުލަ ގެއްލުވާލާފައިވާއިރު، ކޮންމެ މީހެއްގެ އަތުގައި އޮތް ސިނގިރޭޓުބުރިމެ، އަރުތެރެއަށް ދުއްވާލާ ދުމާއެކު އަނދާ ހުލިވަމުން ދެއެވެ. ބަނދަރު ޖަހާލި ލާންޗުން ހަމަ އެ ޒާތުގެ ޒުވާން ފިރިހެނަކު ފައިބައިފިއެވެ. ދެންތިބި ޒުވާނުންނާ ޚިލާފަށް އޭނާގެ ތުނބުޅިއާއި މަތިމަސް އެއްވެސް ތަރުތީބެއްނެތި ދިގުވާން ދޫކޮށްލެވިފައިވާކަން ފާހަގަ ކުރެވެއެވެ.

" ވެލްކަމް ބޮސް.. ލެޓްސް ޕާޓީ ޓުނައިޓް.. " އެ ޒުވާނާ ބަނދަރަށް ފޭބުމާއެކު އެ ތަނުގައި ތިބި ޒުވާނުންތައް އޭނާއަށް މަރުހަބާކިއެވެ. މި މަންޒަރުދެކެން ރުޅިވެރި މޫނަކާއެކު ހުރި ނާއިލަށް މުއްކަވާލެވުނެވެ. އެހެން  ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ނާއިލަށް މާކުރިންވެސް ގަބޫލުކުރެވެމުން އައި ގޮތަށް ކަންތައްވެ ނިމުނީއެވެ. ނާއިލްމެންގެ ބައްޕަގެ މަރުގެ މައްސަލާގައި ތަހުގީގު ކުރުމަށް ހަމްޒަތު ހައްޔަރު ކުރުމަށްފަހު ފުރަތަމަ ފަހަރަށް ދޫކޮށްލީ އެ ހާދިސާއަށް 15 ވަރަކަށް ދުވަސްވީތަނުންނެވެ. އެހާ ހިސާބުންވެސް މި ރާއްޖޭގެ ކޯޓަކުން އިންސާފު ނުލިބޭނެކަމަށް ނާއިލް ނިންމައިފިއެވެ. ކޮންމެ ގޮތަކުންވެސް އަމިއްލައަށް ނަމަވެސް ބަދަލު ހިފުމަށް އޭނާ ނިންމިއެވެ. އަދި އަދު އޭނާ އެ ވަނީ އެ މަސައްކަތުގައި އެތައް ފިޔަވަޅެއް ކުރިއަށް އަޅާފައެވެ. އެކަމުގެ ސަބަބުން އެތައް ގޯސްތަކެއްވެސް ވަނީ ވެފައެވެ.

ދެވަނަ ފަހަރަށް ތަހުގީގަށް ހަމްޒަތު ހައްޔަރުކޮށް، މައްސަލަ ކޯޓާ ހިސާބަށް ދިއުމުން ނާއިލްގެ އުންމީދު އާވިއެވެ. އެހެނަސް މީގެ ދެތިން ދުވަސް ކުރިން ކޯޓުން ކުރި ހުކުމާއެކު އެ އުންމީދުތައް ފުނޑުފުނޑުވިއެވެ. ނާއިލްގެ ވިސްނުމާ އެއްގޮތަށް އޭނާ އަމަލީ މަސައްކަތްފެށީ އެހާ ހިސާބުންނެވެ.

ހަމްޒަތާއި އޭނާގެ އެކުވެރިންތައް ބަނދަރުމަތީގައި އުފާފާޅުކުރާ މަންޒަރު ބަލަން ނުހުންނަންވެގެން ނާއިލް އެއްގަމަށް ހިނގައިގަތެވެ. އެކުވެރިން ގެނައި އޭނާގެ ސައިކަލަށް އަރައަރާހުރި ހަމްޒަތަށް މި މަންޒަރު ފެނުމުން ވިހަ ހިނިތުންވުމަކާއެކު، އެ މީހުނަށް ނާއިލް ދައްކާލިއެވެ. އަދި "ބްރޯ ޔޫ އަރ ނެކްސްޓް" އޭ ބުނެލަމުން، ކަރުގެ ހުރަހަށް ބޮޑުވައި އިނގިލި ހިންގާލިއެވެ. އެއާއެކު އެތަނުގައި ތިބި އޭނާގެ އެކުވެރިންތައް ގަދައަށް ހީގަތެވެ. އަދި އެންމެން އެކުގައި ސައިކަލްތަކުގައި ނައްޓާލިއެވެ.

ދުވަހުގެ ވަގުތުތައް ފާއިތުވަމުންގޮސް އިރުއޮއްސުނުއިރު، ނާއިލްގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ކުރިމަތީގައި އޮތް މަސައްކަތަކީ އޭނާއަށް އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި އަމުދުން ދުވަހަކު ކޮޅުންވެސް ކުރަން އެދޭ ކަމެއް ނޫނެވެ. އެހެނަސް މިއަދު އެތައް ބައެއްގެ ހައްގުގައި އެ މަސައްކަތް އޭނާ ފުރިހަމަ ކުރަން ޖެހޭކަމަށް އޭނާއަށްވެސް ގަބޫލުކުރެވެއެވެ. ހާމިދުގެ ވާހަކަތަކަށް އޭނާ އިތުބާރު ކުރެއެވެ. އެހެންކަމުން ހާސްކަމާއި ނުތަނަސްކަމުން ފުރިގެންވާ ހާލު، ހިތު ވިންދު އަވަސްވެ ދާހިއްލާ ފޯވަމުން ދިޔަ ނަމަވެސް، އޭނާ ދިޔައީ އެކަމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. އިތުރު މީހަކަށް ޝައްކުވެސް ނުވާހާ ފުރިހަމައަށް ކަންތައްތައް ނިމުމަކަށް ގެނައުމަށެވެ.

ރޭގަނޑުގެ މެންދަމުގެ ވަގުތެވެ. އެންޖްލީއަށް ލިބުނު ޒަހަމްއަށް ފަހު، ހުން އައި ގޮތަށް ހުން ނުނިވާ ގަދަވަމުން ދިއުމާއެކު ޑޮކްޓަރ ބެލުމަށް ފަހު އަދިވެސް އެންޖްލީ ބޭއްވިފައިވަނީ ހެލްތް ރޫމް ގައެވެ. ރިޒޯޓްގެ ވަޒީފާގެ ރަސްމީ ޑިއުޓީ ގަޑިވެސް ކެންސަލް ކޮށްލުމަށްފަހު، އައިމަން އޭރުން ފެށިގެން އަދިވެސް އެ އިންނަނީ އެންޖްލީ ގާތުގައެވެ. އެހެނަސް އެންޖްލީއަށް ނިދިފައި އޮތްއިރު އައިމަންއަށްވެސް، އެނދުގެ މަގަތުގައިވާ ގޮނޑީގައި އިށީންދެގެން މޭޒުގައި ބޯ އަޅައިގެން ނިންޖާ ޖެހިފައި އިނެވެ. އެ ހަމަހިމޭން މާހައުލުގައި އިތުރު އެއްވެސް މީހެއް ނެތް އިރު، އިތުރު ނުރައްކަލަކާ ކުރިމަތިލާން ނުޖެހިދާނެ ބާވައެވެ؟ ފަރުދާގެ ފުރަގަހުގައި ފައިސާގެ ރަތު ނޫޓަށް ހެއްލި، އެއްބައިވެގެން، ބަޔަކު ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއް ހާސިލްކުރުމަށް ހަމަ ކޮންމެ މާހައުލަކުންމެ ފުރުސަތު ހޯދައިދެވިދާނެއެވެ.

މި ދެތިން ދުވަހަކު ނާއިލްގެ އުޅުން ހުރިގޮތުން، ނާއިލާގެ ކަންބޮޑުވުން ވަނީ އިތުރު ވެފައެވެ. އެކަމާ ބެހޭގޮތުން ނާއިލްއާ ވާހަކަދެއްކުމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. އެހެނަސް ބަސް މަދުކަމާއި ހަމަހިމޭންކަން ހިޔާރުކޮށްގެން އޭނާ މި ހޭދަކުރި ދިގު މުއްދަތަށްފަހު އޭނާގެ ދޮންބެއާ ސުވާލުތަކެއް ކުރިމަތިކޮށް ކަންތައްތަކެއް އޮޅުންފިލުވާ ގޮތަށް ވާހަކަ ދައްކައިގަތުމަށް އޭނާ ވަނީ ނުކުޅެދިފައެވެ.

އެތައް އިރަކު ވިސްނަން އޮތުމަށްފަހު ނާއިލާ މަޑުމަޑުން އެނދު ތެދުވެ، ކޮޓަރިން ނުކުތުމަށް ހިނގައި ގަތެވެ. ދޮރު ހުޅުވާލުމަށްފަހު ނުކުމެ، ލައިޓް ޖައްސާލައި މައިގޭތެރޭގައިވާ އަނދިރިކަން ފޫދުއްވާލިއެވެ. އަދި މަޑުމަޑުންގޮސް ނާއިލް ނިދާ ކޮޓަރީ ދޮރުގައި ޓަކި ދިނެވެ. ނާއިލާ ތަކުރާރުކޮށް ގޮވައި ޓަކި ދިނުމުންވެސް ނާއިލްގެ ޚަބަރެއް ނުވުމުން، އޭނާ މަޑުމަޑުން ތަޅުގެ އަތްގަނޑުގައި ހިފާލިއެވެ. ދޮރު ތަޅުނުލާ ހުރުމުން އޭނާ މަޑުމަޑުން ދޮރު ހުޅުވާލައި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ނާއިލާގެ ހައިރާން ކަމާއި ނުތަނަވަސްކަން އަނެއްކާވެސް އިތުރުވެއްޖެއެވެ. ކޮޓަރީގައި ވަނީ ފަޅުކަމެވެ. ނާއިލެއް ނެތެވެ.

މެންދަމުން ފަސްވެ ވަގުތުތައް ފާއިތުވަމުން ދަނީއެވެ. އުނދަގުލެއްގެ އިޙުސާސްއަކުން އައިމަންގެ ނިދި ހަރާބު ކޮށްލައިފިއެވެ. އޭނާއަށް ހޭލެވުނީ ފިނި ބޮޑުވެގެނެވެ. އެހެނަސް މުޅި ހަށިގަނޑެއް ނޫނެވެ. އެންޖްލީގެ އަތުގައި ބާއްވާ ލެވިފައިވާ އޭނާގެ އަތް ވަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. އެ ފިނިކަމަކީ އެންޖްލީގެ ހަށިގަނޑުގައިވާ ފިނިކަމެއްކަން އައިމަންއަށް ދެނެގަނެވުނެވެ. އައިމަން އަވަސް ހަރަކާތަކާއެކު އެންޖްލީގެ މޫނަށް ބަލައިލިއެވެ. އެ މޫނުގައި ވަނީ ދިރުމެއް ނެތް ކުލަވަރެކެވެ. މުޅި މޫނު ވަނީ ވަރަށް ބޮޑަށް ހުދުވެފައެވެ. ކަޅި ހުއްޓިފައިވާއިރު ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. އެންޖްލީ އޮތް ހާލު ފެނުމުން އައިމަންގެ މޫނުމަތިން ފާޅުވެގެން ދިޔައީ ހާސްކަމެވެ. ކަންބޮޑުވުމެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް، ތުރުތުރު އަޅާ ހާލުގައި އައިމަންއަށް އޭނާގެ އަތް އެންޖްލީގެ ނޭފަތާ ކައިރި ކޮށްލެވުނެވެ. ނޭވާގެ އިޙުސާސެއް ނުވެއެވެ. ވަގުތުން ކަރުދަށުގައި އަތް ޖައްސާލައި ވިންދު ހުރިތޯ ބަލައިލެވުނެވެ. އައިމަންގެ ހަރަކާތް ހުއްޓުނެވެ. އެއިން ގޮތަށް އިރުގަނޑަކު އިނުމަށްފަހު އޭނާ "ނޫން.. ނޫން" އޭ ކިޔައި ބޯހޫރަން ފެށިއެވެ. އަދި އޭނާއަށް އަޑުން އަޑުނަގައި ރޮއިގަނެ އެންޖްލީގެ ގައިގާ އޮޅުލައިގަނެވިއްޖެއެވެ. ތިމާ ލޯބިވާ މީހަކުގެ ފުރާނަ މިދުނިޔެއާ ވަކިވެ ދިއުމުން، އެ ލޯބިވާ ހަށިގަނޑުގެ ގާތުގައި ހުންނައިރު ކުރެވޭނެ ހުރިހާ އިޙުސާސެއް އައިމަންއަށް މިހާރު އެ ދަނީ ކުރެވެމުންނެވެ. މިފަދަ ހާލެއްގައި އައިމަން ވަނިކޮށް އެތަނަށް ޑޮކްޓަރަށް އާދެވިއްޖެއެވެ.

އާދުވަހަކަށް އިރު އެރީ އެންޖްލީގެ މަރުގެ ޚަބަރުން މުޅި ރިޒޯޓަށް ހިތާމަވެރިކަން ވެރިކުރުވަމުންނެވެ. އެންޖްލީގެ މަރާއެކު އެންމެ ބޮޑު ހިތާމައެއް ތަޙައްމަލް ކުރަމުންދާ މީހަކަށް އައިމަން ވާނެކަން ޔަގީނެވެ. ނާއިލާގެ ބޭވަފާތެރިކަމުގެ ހިތާމާގައި އޭނާގެ ދިރިއުޅުމަށް އައި ބޮޑު އިންގިލާބަށްފަހު ހަގީގީ ލޯބިވެރިއެއްގެ ގޮތުގައި ދެކި، އެންޖްލީއާ އެކުގައި އުޅުމަށް އޭނާ ވަނީ އަޒުމު ކަނޑައަޅާފައެވެ. އެހެނަސް އަދު އެ އުންމީދުތައްވެސް ފުނޑު ފުނޑުވީއެވެ. ދެވަނަ ފަހަރަށް ހިތާމައިގެ ފުންމިން ނޭނގޭ ކަނޑަކަށް ޣަރަޤު ވީއެވެ.

މީހުން ބުނެ އުޅެއެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ. އެންޖްލީގެ ވަކިވެ ދިއުމުގެ ސަބަބުން އައިމަންއަށް ފުން ހިތާމައެއް ލިބުނު ހިނދު، ޒަމާންތަކަކަށްފަހު ފުރަތަމަ ފަހަރަށް އޭނާއަށް އުޅެވެމުން އެ އަންނަ ވިޔާނުދާ އުޅުމާމެދު ވިސްނާލެވުނެވެ. ތިމާއަށްޓަކައި ކަރުނަ އޮހޮރަން ނެތް އަންހެނަކަށްޓަކައި ކަރުނަ އޮހޮރައި މުޅި ދިރިއުޅުން ބަރުބާދު ކުރެވުނުކަމުގެ އިޙުސާސް ވިއެވެ. އާނއެކެވެ. ނާއިލާ ކަންތައް ކުރިގޮތުން އޭނާއަށް ހިތާމަ ލިބުނެވެ. އެހެނަސް އޭނާގެ އާއިލާގެ މެންބަރެއްގެ ގޮތުގައި ހުރި ހަމަ އެކަނި މީހާ ކަމަށްވާ އޭނާގެ ނިކަމެތި މަންމަގެ ނަސޭޙަތްތަކުގައި ކޮޅުފައިން ޖަހައި، އެ ހިތް ފުނޑު ފުނޑު ކޮއްލެވުނުކަމުގެ މޮޔަކަން އޭނާއަށް ހީވާން ފަށައިފިއެވެ. ހަރުދަނާ ދިރިއުޅުން ދޫކޮށް މުޅި މީހާ ތަފާތު މީހެއްގެ ގޮތުގައި ރިސޯޓްގައި ހޭދަކުރެވުނު ދުވަސްތައް އޭނާއަށް ކަޅުކަމާއެކު ފެންނަން ފަށައިފިއެވެ. ގުދުރަތުގެ ކުޅަދުންވަންތަ ކަމާއެވެ. ހިތާމައިގެ ދަނޑިވަޅުގައި އިންސާނާއަށް ހެޔޮ ވިސްނުން ލިބި އިސްލާޙު ވެއެވެ. އެހެނަސް ދެރައީ އެ ދުވަސްތައް މާޒީއާ އެކުވެ ގޮސް ހަމަޖެހުން ލިބޭ އިރަށް އަނެއްކާވެސް ކުރީގެ އުޅުން އިސްކުރެވޭކަމެވެ. ދެރަވެ ނިކަމެތި ވެފައިވާ ހާލުގައި އިސްލާހުވުމުގެ މަގުސަދުގައި މާފަށް އެދެމުން، ކުރިއަށް ދިއުމަށް އަޒުމު ކަނޑައަޅަމުން ހިނގާ އިންސާނާއަށް މާފަކީ އަގުހުރި އެއްޗެކެވެ. މާފަށް އެދުމާއި މާފު ލިބިގަތުމުގެ ހިތްހަމަޖެހުމެއް ގިނަ މީހުންނަށް އިޙުސާސެއް ނުކުރެވޭނެއެވެ.

ލިބުނު ހިތާމައާއެކު އައިމަންގެ ހިތަށް ކުރި އަސަރުން އޭނާގެ ނަފުސަށް މި ހިނދު ހަމަ ޔަގީނުންވެސް ބަދަލެއް އަންނާނެއެވެ. އޭނާ ކިބައިގައި މިހާރު އަނެއްކާވެސް ތަފާތެއް ވާކަން ޔަގީނެވެ. އެހެނަސް އެގޮތުގައި ދެމިހުންނާނެބާވައެވެ؟ ނޫނީ ހުރިޔަ ދޭނެބާވައެވެ؟

— ނުނިމޭ —

ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް