ނާއިލްގެ ހަރަކާތްތަކާއި ވާހަކަތައް އިވުމުން ހާމިދަށް ދަތްކުނޑި ވިކާލެވުނެވެ. މިމަސައްކަތުގައި ކާމިޔާބީއަށް ވާސިލްވުމަށް އޮތް ހުރަހަކަށް ނާއިލް ނުވާނެބާއޭ އޭނާގެ ހިތް ބުނަންފެށިއެވެ.
" ނާއިލް ބުނަން.. މަށަށް ހެޔޮ ކަލޭ ކޮންމެ ނަމެއް ކިޔަސް.. ދެން ތި ބޭކާރު އަނގަ ތެޅުން ހުއްޓާލާ.. ކަލޭމެން ޒުވާނުން ތިޔަ ތިބެނީ ފާޑުފާޑުގެ ޑްރާމާތައް ބަލާބަލާ ސިކުނޑި ނުބައިވެފައޭ.." ވެމްޕަޔަރސްގެ ވާހަކައަކީ އިނގިރޭސި ޑްރާމާ ސީރީޒްތައް ބަލާތީ ޒުވާނުންގެ ސިކުނޑިއަށް ވަދެގެން އުޅޭ ވާހަކަތަކެއްކަން ހާމިދަށް އެނގުނީ ގައިމު ހާމިދު މުސްކުޅިޔަސް ކޮންމެވެސް ވަރަކަށް އެފަދަ ޑުރާމާތަކާ ބެހޭ މަޢުލޫމާތު އެނގޭތީތާއެވެ. މި ފިކުރު ސިކުނޑީގައި ހިނގައިގަތުމާއެކު، ހާމިދުގެ ވާހަކަތަކުން ނާއިލް ގާތަށް އިތުރަށް ހިނިއައެވެ. އެހެންނަމަވެސް މޫނުމަތިން އެކަން ނުދައްކައިވޭތޯ ބެލީ ހާމިދު މިހާރުވެސް ހިންހަމަ ނުޖެހިފައިވާކަން އެނގޭތީއެވެ.
ނާއިލް ހިމޭންވެ ތައްޔާރުވެއްޖެކަން ޔަޤީންވުމުން ހާމިދު ކޮޅަށް ތެދުވެއްޖެއެވެ. އެއަށްފަހު ކޮޓަރީގެ ހުސްކޮށް އޮތް ބަޔާ ދިމާލަށް އޭނާ ހިނގައިގަތީ މޭޒުމަތީގައި ބަހައްޓާފައިހުރި އުއްބައްތިތައް ހިފައިގެންނެވެ. އެތަނުގައި ހުއްޓުމަށްފަހު ނާއިލް ކައިރީގައި އޭނާ އެދުނީ ދޮންވެލި އަޅައިގެން ގެނައި ފުޅި ގެނެސްދިނުމަށެވެ. ނާއިލް އެފުޅި ގެނެސްދިނުމުން، އެފުޅީގައިވާ ވެލިން ރޮނގުތަކެއް އަޅައި ތަރިއެއްގެ ބައްޓަން ކުރަހާލިއެވެ. އަދި އެއަށްފަހު އެތަރީގެ ފަސްކަނުގައި ޖެހި ގުޅޭނޭ ގޮތުން، ވަށައިގެން ބޭރުން ވައްބުރެއް ކުރަހާލިއެވެ. އެއަށްފަހު ހާމިދު އެ ފުޅި ބިންމަތީގައި ބެހެއްޓިއެވެ. މިކަންތައްތައް ހިނގަމުން ދިޔައިރު ނާއިލްހުރީ ޝައުޤުވެރިކަމާއެކު ބަލަހައްޓައިގެންނެވެ. އެދެމީހުން ދެމެދުގައި ވާހަކައެއް ނުދެކެވޭއިރު، ހުރި ހަމައެކަނި ފަންކާވެސް ނިވާލާފައިވުމުން ކޮޓަރީގެ އުދާސްކަމާއި ހަމަހިމޭންކަން އިތުރުވަމުންދާކަމަށް ނާއިލްއަށް އިހުސާސް ކުރެވެއެވެ.
ކުރެހި ތަރީގެ ބައްޓަމުގެ 5 ތުނޑުގެ ކޮޅުގައި އުއްބައްތި ބެހެއްޓުމަށްފަހު ހާމިދު ފަހަރަކު ބައްތިއެއްގައި ރޯކޮށްލިއެވެ. އަދި މަޑުމަޑުން ތުންތަޅުވަން ފެއްޓިއެވެ. އޭނާގެ ކިޔެވެލި ފެށީކަން ޔަގީނެވެ. ނާއިލް އަދިވެސް ހުރީ ކުރާނެ ކަމެއް ނޭނގި މަންޒަރު ބަލަން ހުރި މީހެއްގެ ގޮތުގައެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ހާމިދުގެ އިޝާރާތަކަށެވެ.
ހާމިދުގެ ކިޔެވެއްޔަށް ފަނަރަ ވަރަކަށް މިނިޓް ހޭދަވީތަނާހެން އޭނާ އަތުން ނާއިލްއަށް އިޝާރާތެއް ކޮށްލައިފިއެވެ. އެއްޗެއް ގެނެސްދިނުމަށް ބުނާފަދަ ގޮތަކަށެވެ. އެހެން ނަމަވެސް ނާއިލް ހުރީ ބުނިއެއްޗެއް ނޭނގިފައެވެ. ކުރަންވީ ކީއްކަން ނޭނގި ހާސްވެ ނުތަނަވަސް ވެފައެވެ. މިގޮތުގައި އޭނާއަށް މާކަ ގިނައިރެއް ހޭދައެއް ނުކުރެވުނެވެ. ކިޔަވަ ކިޔަވަހުރި ހާމިދުގެ ތުންފަތުގެ ހަރަކާތް ކުއްލިއަކަށް ހުއްޓިއްޖެއެވެ. އޭރު އޭނާގެ ދެލޯވަނީ މެރިފައެވެ. މީހާގެ ހަށިގަނޑުގެ ހަރަކާތްވަނީ ހުއްޓިފައެވެ. މިހެން ހުރުމަށްފަހު ކުއްލިއަކަށް ހާމިދު ލޯ ހުޅުވައިލިއެވެ. އޭރު އޭނާގެ ދެލޮލުގެ ކަޅި ހީވަނީ އަގުރު އަލިފާންކޮޅެއް ހެންނެވެ. މޫނުމަތިން އިންތިހާއަށް ރުޅިވެރިކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ. ނާއިލަށް ބިރުން ފަހަތަށް ދެތިން ފިޔަވަޅު އެޅުނެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ކުރިން ރޭގައި އެމީހުން ގަބުރުސްތާނު މަތީގައި ހޭދަކުރި ވަގުތުތަކުގެ ތެރެއިން، މަސައްކަތުގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ހާމިދަށް އަހިސްފައިހުރި ބަދަލެވެ. ވަގުތު ދިގުލަމުން ދިޔަވަރަކަށް އެރޭގެ އެމަންޒަރާ މިރެއާ ތަފާތުވަމުން ދިޔައެވެ. މިހާރު ހާމިދުގެ ހަށިގަނޑުގައި ތުރުތުރުލުމެއްވެސް އެބަހުއްޓެވެ. ނާއިލް ބަލަބަލާ ހުއްޓާ ހާމިދުގެ ނޭފަތުން ރޮނގަކަށް ލޭ ފާއްދާލައި ތުންފަތާ ހިސާބަށް ވާސިލްވެއްޖެއެވެ.
ހިނގަމުންދަނީ ކޮންކަމެއްކަން ނޭނގި ބިރުން ވިރިވިރި ހުރި ނާއިލަށް އިތުރު ސިހުމެއް ލިބުނީ ނުބައި އަޑަކުން އެއްޗެއް ހޭރިގަން އަޑުއިވުމުންނެވެ. ހަމަ ޔަޤީނުންވެސް އެ އަޑުއައީ ހާމިދުގެ ފަރާތަކުން ނޫނެވެ. އެހެން ނަމަވެސް އޭނާއަށް ހުރެވުނީ ހާމިދާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަނެއްކާވެސް ހާމިދު ލޯ މަރާލިއެވެ. ހަމަ އެއާއެކުހެން އިސްދަށަށްޖަހާލިއެވެ. މިގޮތުގައި ކުޑަ ހިނދުކޮޅެއް ވޭތުވުމަށްފަހު ދެން އޭނާ ލޯހުޅުވާލިއިރު ހުރީ ކުރިންގެ އާދައިގެ ޙާލަތަށް ރުޖޫޢަ ވެފައެވެ. އޭނާ މަޑުމަޑުން ޖީބުން ރުމާލެއް ނަގައި ނޭފަތުން ފެށިގެން ތުންފަތަށް ރޮނގަކަށް ދެމިފައިވާ ލޭތައް ސާފުކޮށްލިއެވެ.
" ކިހިނެއް ވެފާތަ ކަލޭ ތިހުންނަނީ.. ބަލަ ކަލޭތީ ގަމާރެއްތަ.. ތިއުޅެނީ މަގޭ ފެންވަރު ވަޒަންކުރަން މަ އިމްތިޙާން ކުރަންތަ؟.. " ހާމިދުގެ ކުއްލި ސުވާލުތަކުން ނާއިލް ގަނޑުވި ކަހަލައެވެ. އޭނާއަށް ހެދުނު ގޯހެއް އޭނާއަކަށް ނުވިސްނުނެވެ. ގޯހެއް ހެދޭނީ އޭނާއަށް ކަމެއް ކުރެވުނު ނަމަވެސް ތާއެވެ.
" ކިހިނެއްވީ؟ " ހާމިދުގެ ސުވާލުތަކަށް ނާއިލަށްވެސް ކުރެވުނީ ސުވާލެވެ. އޭނާހުރީ ވާނުވާ ނޭނގިފައެވެ.
" ދެންމެ ކިހިނެއްވެތަ މަ އިޝާރާތްކުރީމަވެސް އެސޮރު ނުގެނައީ؟ " ހާމިދު އިޝާރާތްކުރީ ނާއިލްގެ ބަހުންނަމަ މޭޒުމަތީގައިއޮތް "ލޭބޯ ހަރުފަ" އަށެވެ. އޭރު އެސޮރު އޮތީ ތެޅިތެޅިއެވެ. ނުފެންނަ ބާރަކުން އެ ލޭބޯ ހަރުފައިގެ ހަށިގަނޑުގެ މެދުގައި ބަނދެލައި މޭޒާއެކު ހައްޔަރުކޮށްފައިވާ ކަހަލައެވެ.
" މަށަކަށް ..."
" ނޭނގުނު ދޯ.." ނާއިލްގެ ޖުމްލަ ފުރިހަމަކޮށްލަ ދިނީ ހާމިދެވެ. " މައްސަލައެއްނެތް.. މަ އަނެއްކާވެސް އަލުން މި މަސައްކަތް ފަށަނީ.. ބުނަން. މަގޭ އިޝާރާތެއް ވާއިރަށް އެސޮރު ގެނެސް މިތަރީގެ މެދަށް ދޫކޮށްލާ.." ހާމިދަށް އަމިއްލައަށް ހެދުނު ގޯސް އިޙުސާސްވުމުން ނާއިލަށް ވަރަށް ރަނގަޅަށް އިރުޝާދު ދިނުމަށްފަހު ހާމިދު އަނެއްކާވެސް އޭނާގެ ކިޔެވެލި ފަށައިގެންފިއެވެ.
ހާމިދުގެ އިޝާރާތަކަށް އިންތިޒާރުގައި ހުރި ނާއިލް ހާމިދުގެ އިޝާރާތެއް ވުމާއެކު ދުވެފައި ކަހަލަ ގޮތަކަށްގޮސް ލޭބޯ ހަރުފަ ނަގައިފިއެވެ. ނާއިލް އަތްލުމާއެކު އެސޮރުގެ ގައިގާ ވަށާލެވިފައިވާ ނުފެންނަ ހައްޔަރުން އެސޮރު ނެއްޓިގެން އައިކަހަލައެވެ. ނާއިލް އަވަސް ހަރަކާތަކާއެކު އެ ލޭބޯ ހަރުފަ، އުއްބައްތި ރޯކޮށްފައިވާ ތަރީގެ މެދުތެރެއަށް ދޫކޮށްލިއެވެ. ހަމަ ދޫކޮށްލުމާއެކު އަނގަ ހުޅުވައިގެން ނުބައި ޒާތެއްގެ އަޑެއް ލައްވަމުން އެސޮރު ކޮޅުކޮޅަށް ދުއްވައިގަތެވެ. އެހެނަސް އެތަރީގެ ރޮނގުތަކުން ފާހަގަވެވި ކުރެހިފައިވާ މެދުގައިވާ ބައްޓަން އެސޮރަށް ވެފައިވަނީ ހުރަގެއަކަށެވެ. އެއިން ކޮންމެ ރޮނގަކާ ހިސާބަށް ދިއުމަށްފަހު އަނެއްކާވެސް އެސޮރަށް މަޖުބޫރުވަނީ އެހެން ކޮޅަކަށް ދުއްވައިގަތުމަށެވެ.
ހިތް ބިރުގަނެފައިވާ ނާއިލަށް މިމަންޒަރުވީ ބަލަން ކަމުދާ މަޖާ މަންޒަރަކަށެވެ. އޭނާގެ މޫނުމައްޗަށް ހިނިތުންވުމުގެ އަސަރު ވެރިކުރުވިއެވެ. އެހެނަސް ކުއްލިއަކަށް ލިބުނު ސިހުމާއެކު އެހިނިތުންވުން ފިލައި ނާއިލަށް ފަހަތަށް ޖެހިލެވުނެވެ. އޭނާގެ ހިތުގެ ތެޅުން އެތައް ގުނައަކަށް އަވަސް ވިއެވެ. އެހެނަސް ހާމިދުގެ ކިޔެވުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
ތަރީގެ ބައްޓަމުގެ ވަށައިގެން ރޯކޮށްފައިވާ ފަސް އުއްބައްތީގެ ހުޅުގަނޑު މިހާރު އެހުރީ ކުއްލިއަކަށް ފޫޓެއްހާތަނަށް ބޮޑުވިގޮތަށް އަޑުފައްގަނޑު ކިޔާލާފައި ގަދައަށް އަނދައަނދައެވެ. ހީވީ މީހަކު އެ އަލިފާނަށް ޕެޓްރޯލް އެޅިހެންނެވެ.
މިގޮތުގައި އެ އުށްބައްތިތައް ގަދަ ފަދަ ހުޅުގަނޑަކާއެކު އަނދައަނދާ ހުރެފައި ކުއްލިއަކަށް ކުރިންގެ ޙާލަތަށް ރުޖޫޢަވެއްޖެއެވެ. އެއާއެކު ނާއިލްއަށް ހަމަޖެހުމުގެ ފުން ނޭވާއެއް ލެވުނެވެ. އޭރު އޭނާވަނީ ރަނގަޅަށްވެސް ދާހިއްލާ ފޯވެފައެވެ. އޭރުވެސް ދުވެދުވެ ވަރުބަލިވެފައިވާ "ލޭބޯ ހަރުފަ" ޒާތެއްގެ ތޫލި އަޑެއް ލައްވަލައްވަ އޮތެވެ.
" ކިހިނެއް ތިހެދީ..؟؟ " ހައިރާންވެ އަންތަރީސްވެފައިވާ ހާލު ނާއިލަށް ސުވާލު ކޮށްލެވުނެވެ. ކިޔެވެލި މެދުކަނޑާލާފައި ހާމިދު އައިސް އޭނާ ގެންގުޅޭ ފިޔޮހި ކުއްލިއަކަށް އެއާދަޔާ ޚިލާފު މަޚުލޫޤުގެ ބޮލަށް ހަރާލުމާއެކު ލޭއޮހޮރި، އެސޮރު އޭރުވެސް މަރަށް ތެޅެމުން ދާކަހަލަ ގޮތަކަށް ހަރަކާތްކުރަމުން ދަނީއެވެ. ހާމިދު ނާއިލްގެ ސުވާލަށް ޖަވާބެއް ނުދެއެވެ. އޭނާ ފިޔޮހީގެ މުއްގަނޑުގައި ހިފަހައްޓައިގެންހުރެ އޭރުވެސް ތުންތަޅުވަމުން ދިޔައެވެ.
ދެން ފެނިގެން ދިޔައީ ނާއިލަށް އެއްގޮތަކަށްވެސް ގަބޫލުކުރެވޭފަދަ ކަމެއް ނޫނެވެ. ފެންނަމުންދާ ހުވަފެނެކޭ ހިތައި އޭނާއަށް ދެލޯ އުނގުޅާ ލެވުނެވެ. ހާމިދު ކިޔެވެލި ހުއްޓާލާފައި ފިޔޮހި ދަމައިގަތުމާއެކު، އެލޭބޯ ހަރުފައިގެ ބޮލުން އަހިސްފައިވާ ލޭތައް އެސޮރުގެ ބޮލުގެ ތެރެއަށް އަލުން އެނބުރި ރުޖޫޢަވެ، އެ ޒަހަމް ރަނގަޅުވެ ކުރިން ހުރިގޮތަށް ބަދަލުވީ ނާއިލްގެ ލޮލުގެ ކުރިމަތީގައެވެ. އޭނާ ހުރީ ވާހަކަދައްކަންވެސް އުނދަގޫވެ އަނގަ ހުޅުވިފައެވެ.
" އަން.. މީގައި ހިފާ. ރަނގަޅަށް ބޮލުގަ ހިފަހައްޓާތި.. ނަމަނަމަ ދޫވިޔަ ނުދޭތި.." ހުށިޔާރުކަމާއެކު ގެނައި ކުއްލި ހަރަކާތަކުން އެ ލޭބޯ ހަރުފައިގެ ހަށިގަނޑުގައި ވަރުގަދައަށް އަތުން ވަށާލުމާއެކު، ހާމިދު އެހަރުފަ ނާއިލް އަތަށް ދިއްކޮއްލަމުން، އެސޮރަށް ރަނގަޅަށް ސަމާލުވުމަށް އިންޒާރުދިނެވެ. އެއަށްފަހު އަނގައިން ފުމެ، ރޯކޮށްފައިވާ އުއްބައްތިތައް ހާމިދު ނިވާލިއެވެ. އޭރުވެސް ނާއިލް "ލޭބޯ ހަރުފަ" އަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާ އެސޮރުގެ ބޮލަށް ބަލަމުން ދިޔައީ އަދިވެސް ދެންމެ ހިނގާ ދިޔަ ކަންތައްތައް ގަބޫލުކުރަން އުނދަގޫވެގެން އުޅޭފަދަ ގޮތަކަށެވެ. މީގެ އިތުރުން މިހާރު ނާއިލަށް އެ ލޭބޯހަރުފައިގެ ކިބައިން އެހެން ތަފާތެއްވެސް އެބަ ފާހަގަ ކުރެވެއެވެ. އެސޮރުގެ ހަށިގަނޑުގެ މަތީ ކައިރިން ބޮލުން ފެށިގެން ނިގުލަށް ދެމިގެން ގޮސްފައިވާ ރަތްކުލައިގެ ރޮނގުގައި ރެދަންލައި ދިއްލުމުން ހުންނަ ފަދަ އަލިކަމެއް އެބަހުއްޓެވެ.
ނާއިލްގެ ހަރަކާތްތަކަށް ބަލަހައްޓައިގެންހުރި ހާމިދުގެ ގާތަށް ހިނިއައުމާއެކު، "ބޯހަލާކޭ" ބުނާފަދަ ގޮތަކަށް ދެއަތަށް ދެއަތަށް ބޯހޫރާލިއެވެ.
" ކޮންއެއްޗެއް ފެނޭތޯ ތިބަލަނީ " ހާމިދުގެ ސުވާލުން ސިހުންވެ ތެޅިގަނެފައި ނާއިލަށް ހާމިދުގެ މޫނަށް ބަލައިލެވުނެވެ.
" މަސައްކަތް މިނިމުނީތަ؟ އޭރުން ދެން އަވަހަށް މި ލޭބޯހަރުފަ އެ ނުލަފާ ހަމްޒަތުގެ ކޮޓަރިއަށް ދޫކޮށްލަން ދަމާ ހިނގާ " ހާމިދުގެ މަލާމާތުން ފުރިގެންވާ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނާއިލްވެސް ކުރީސުވާލެކެވެ. އަދި އޭނާ މި މަސައްކަތް ކާމިޔާބުކުރަން އަވަސްވެފައިވާ މިންވަރު ހާމިދަށް ރަނގަޅަށް ހާމަކޮށްދިނެވެ.
ނާއިލްގެ ސުވާލާއެކު ހާމިދު މަޑުމަޑުން ހިނގާލާފައި އައިސް ނާއިލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އަދި ފުންނޭވާއެއް، އެ އުދާސްކަމުން ފުރިގެންވާ ކޮޓަރީގެ ތެރެއަށް ދޫކޮށްލުމަށްފަހު، ގައިގެ ފުރަގަހުގައި ޖެހިނުޖެހޭ ހިސާބުގައި ހުރި ފާރުގައިވާ ފަންކާގެ ސްވިޗް ޖައްސާލިއެވެ.
" ނާއިލް ބުނަން.. އަދި ނިމުނީއެއް ނޫން. އެކަމަކު މިހާ ހިސާބަށް މިހާ ފަސޭހަ ކަމާއެކު އާދެވުނީތީ މަށަށް މިކަމުގައި އަމިއްލަ ނަފުސަށް އޮތް އިތުބާރު ވަރަށް ބޮޑުވެއްޖެ.. " ހާމިދު އޭނާގެ މަސައްކަތުގައި އަބަދުވެސް އޭނާގެ އަމިއްލަ ނަފުސަށް ބޮޑާވެ ކިބުރުވެރިވާ ފަދައިން ބޮޑާވެލަމުން ނާއިލަށް ހިނިތުންވުމެއް ރައްދުކުރިއެވެ.
" ދެން އޮތީ މިމަސައްކަތުގެ ފަހު މަރުހަލާ.. މިރޭ މެންދަމު ބާރަ ޖަހާއިރަށް ހޭޅިފަށާ ދިމާ އަތިރި މައްޗަށް ކަލޭގެ ތި ލޭބޯ ހަރުފަ ހިފައިގެން ދާން ޖެހޭނެ. އެތަނުގަ ދެފަސް ބެދޭ ހިސާބުގަ އަދި ކުޑަކަމެއް ކުރަންޖެހޭނެ. އެއަށްފަހު ދެން ތިބުނާ ހަމްޒަތެއް ނިދީމާ އެ ކޮޓަރިއާ ހިސާބަށް ދާނީ.. " ކުރިއަށްހުރި މަސައްކަތްތައް ހާމިދު ވަރަށް ރަނގަޅަށް ނާއިލަށް އޮޅުންފިލުވައި ދިނެވެ. ދެން އޮތީ އެދެމީހުނަށްމެ މިރޭގެ ބާރަ ޖަހަންދެން އިންތިޒާރުގެ ވަގުތުތައް ގުނުމެވެ.
ނާއިލް އޭނާގެ މަސައްކަތުގައި ޖާނާއި މާލު ޤުރުބާން ކުރަމުން އިންސާފު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ނާއިލާއަށް މިއިން ހަމަ އެއްވެސް ކަމެއް ނޭނގެއެވެ. ނާއިލް އޭނާއަށް މިއިން އެއްވެސް ކަމެއް އަންގާކަށް ބޭނުމެއްވެސް ނޫނެވެ. އާދައިގެ މަތިން ނާއިލާ މިރޭވެސް އޭނާގެ ހިތި މާޒީގެ މަތިން ހަނދުމަވެ ކަރުނަ އޮހޮރަމުންދަނީއެވެ. އެހެނަސް އޭނާ އަދު މަސައްކަތް ކުރަމުން އެ ދަނީ އެ ހިތާމަތަކުން ދުރުވެ އޭނާގެ ގެއްލުނު އުފާވެރި ދިރިއުޅުން އަލުން އަނބުރާ ހޯދޭތޯއެވެ. ގޭތެރޭގެ މަސައްކަތްތަކުގައި މަސްޢޫލުވެގެން އުޅުމުންނާއި އެނޫންވެސް އެފަދަ އެކިއެކި ކަންކަމުން އޭނާ އޭނާގެ ދިރިއުޅުން އާރާސްތު ކުރުމަށް މަސައްކަތް ކުރަމުންދަނީއެވެ. މިހާރު ނާއިލާގެ ވިސްނުންހުރީ އަލުން އޭނާގެ ދިރިއުޅުމަށް އައިމަން ގެނައުމަށެވެ. އެހެނަސް އެކަމަށް އިސްނަގައި މަސައްކަތް ކުރުމީ މިހާރު އޭނާއަށް ކުރަން ކެރޭނޭ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާއަށް ވަނީ އައިމަން ހިތްދަތިކޮށް އެހިތް ޒަހަމް ކުރުވިފައެވެ.
ނާއިލާ އަލުން އޭނާގެ ދިރިއުޅުން އާރާސްތުކޮށް އޭނާގެ ޙަޔާތަށް އައިމަން ގެނައުމުގެ ފޮނި އެހެނަސް ކުލަ ނުޖެހޭ ހުވަފެންތައް ދެކެމުންދާއިރު، ބަދަލުވެފައިވާ އައިމަންގެ ދިރިއުޅުންހުރީ ކިހިނެއްބާވައެވެ؟ އޭނާ ރިޒޯޓްގައި ވަޒީފާ އަދާކުރަމުންދާއިރު އޭނާގެ އުޅުން ހުރީ ކިހިނެއްބާވައެވެ؟ ހީވެސް ނުކުރާވަރަށް އޭނާ އަދުވަނީ ބަދަލުވެފައެވެ. އަންހެން ކުދިންނަކީ ދިރިއުޅުމާމެދު ވިސްނާބައެއް ނޫންކަމާއި، އެމީހުންނެކޭ އެނބުރޭ ވަހުތާނެކޭ އެއްގޮތްވާނެކަމަށް މިހާރު އަބަދުވެސް އައިމަންގެ ހިތް ބުނެއެވެ. އެ މީހުން ބޭނުންވާނީ ވަގުތީ ގޮތުން އުފާކޮށްލަދޭ އުޅުމެއްނެތް ފިރިހެނުންކަމަށްވެސް އޭނާ ގަބޫލުކުރެއެވެ. ނަތީޖާއަކީ ކޮބައިތޯއެވެ؟ ރޭގަނޑުގެ ދަންވަމުންދާ މިވަގުތުގައި އޭނާ ވަޒީފާ އަދާކުރާ ރިޒޯޓްގެ ރޫމެއްގައި ހުޅަނގުގެ ދޮން އަންހެނަކާއެކު ވަގުތުތައް ގުނަމުން ދަނީއެވެ. މިއީ އަދު އޭނާގެ އާދައެވެ. މި ދުވަސްކޮޅު އޭނާގެ ބައިވެރިޔާކަމުގައި ވެފައިވަނީ އެންޖްލީއެވެ. ދުވާލުގެ ބުރަ މަސައްކަތަށްފަހު އައިމަން އޭނާގެ ރޫމަކަށް އެއްގޮތަކަށްވެސް ނުދެއެވެ. އޭނާ ވަގުތު ހޭދަކުރަމުންދަނީ އެންޖްލީ އާއެކުގައެވެ. އޭނާއަކީ މުސްލިމެއްކަންވެސް އޭނާ ހަނދުމަ ނުވެއެވެ. ބަނގުރާބޮއެ މަސްތުވުން އެއީ އޭނާގެ ދިރިއުޅުމުގެ އެއްބައިކަމުގައި އަދުވެފައިވެއެވެ.
ގަޑިން ރޭގަނޑުގެ ދަންވަރު 12 ޖަހަން ފަނަރަ މިނެޓަށް ވަނީއެވެ. ނާއިލާއި ހާމިދު ތައްޔާރުވަމުންދަނީ ގެއިން ނުކުތުމަށެވެ. އެމީހުންގެ މަސައްކަތުގެ ފަހު މަރުޙަލާ ކަޑައްތުކޮށް މިރެއިން މިރެއަށް ކާމިޔާބީ ހާސިލްކުރުމަށެވެ.
" ނާއިލް. ކަލޭ މިސޮރުލާފައި މިއޮތް ކޮތަޅު ހިފައިގެންދާނީ.. މަ ބަލާނަން މަގުމަތިން ދާއިރު އެއްވެސް ގޯހެއް ހިނގާތޯ " ނާއިލާއެކު ކޮޓަރިން ގޭތެރެއަށް ނުކުންނަމުން ހާމިދު އޭނާގެ އަތަށް އެތެރެ ނުފެންނަ ކޮތަޅެއް ދިއްކޮށްލިއެވެ. އެހެނަސް ކުއްލިއަކަށް ކަމެއް ހަނދާންވެގެން ހުއްޓޭފަދަ ގޮތަކަށް ހާމިދު ހުއްޓި އޭނާގެ ފަޓުލޫނު ޖީބުގައި އަތްޖައްސާލިއެވެ.
" އޭ.. މައެބަ އަންނަން.. " ނާއިލްގެ ޖަވާބަކަށް އިންތިޒާރުވެސް ކުރުމެއްނެތި ހާމިދު އަނބުރާ ކޮޓަރީގެ ތެރެއަށް ހިނގައިގަތެވެ.
ވައްތަރަކަށް ބަލަހައްޓައިގެން ހުރުމަށްފަހު އަނގައަށް ވައްތަރެއް ޖައްސާލަމުން، ދެކޮނޑު އަރުވާލާފައި ނާއިލް ހިނގައިގަތީ ގެއިން ނުކުންނާށެވެ. އޭނާއަށް ގެއިން ބޭރަށް އެއްފައި އެޅުމާއެކު، ފަހަތުން އޭނާގެ އަތުގައި ހާމިދު ހިފައި ދަމައިގަނެ ގޭތެރެއަށް ވެއްދިއެވެ. ނާއިލް ބޭރަށް އެޅި ފަޔާއެކު ހީވީ މުޅި ރަށަށް ކުއްލި ލޮޅުމެއް އެރިހެންނެވެ. ވަރުގަދަ ގުގުރީގެ އަޑާއިއެކު، މުޅި ރަށަށް އަލިކޮށްލީ ރަށްމަތިން ހުރަހަށް ދަތުރުކުރި ގަދަފަދަ އަލިފާން ގަނޑެކެވެ.
" ކީއްވެ މަނުބުނަނީސް ނުކުންނަން ތިޔަ ދިމާކުރީ.. ނަސީބެއްނު ކަމެއް ގޯސް ނުވަނީސް މަށަށް އާދެވުނުކަން.." ނާއިލްގެ އަމަލުން ހާމިދު ހުރީ ރުޅިގަދަވެފައެވެ. ނާއިލަށް ހުރެވުނީ ބަސް ހުއްޓި އާގަމަވެފައެވެ. ގަތް ބިރާއެކު ވަށައިގެން ހޯދެމުން ދިޔައެވެ.
ހާމިދު ތުންތަޅުވަމުން ގެއިން ނުކުތުމަށްފަހު އުޑަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި އޭނާގެ ފަހަތުން އައުމަށް ނާއިލަށް އިޝާރާތް ކުރިއެވެ.
ގަޑިން މެންދަމު ބާރަ ޖެހިއިރު ނާއިލާއި ހާމިދު ތިބީ ރަށުގެ ހޭޅިފަށާ ދިމާ އަތިރިމަތީގައެވެ. އޭރު ހާމިދު ރާޅު ޖަހާ ފަށުގައި ފަޓުލޫނުގެ ފައިކުރި އޮޅާލައިގެން ހުރެ ކިޔަވަމުން ދިޔައެވެ. މިގޮތުގައި ވަގުތުކޮޅެއް ހޭދަވުމަށްފަހު އޭނާ ނާއިލާ ދިމާލަށް ކަނާއަތް ދިއްކޮށްލިއެވެ. އެހެނަސް އޭރުވެސް ހާމިދު ހުރީ ކަނޑަށް ކުރިމަތިލައިގެން ތުންތަޅުވާލަ ތަޅުވާލައެވެ. ކުރިން ހެދުނުފަދަ ގޯހެއް ހެދިދާނެތީ ނާއިލް އަވަސް އަވަހަށް ކޮތަޅު ހުޅުވާލަމުން ހުށިޔާރުކަމާއެކު ލޭބޯހަރުފައިގެ ބޮލުގައި އަތުން ހިފިއެވެ. އަދި އަވަސްއަވަހަށް ނަގައި ހާމިދުގެ އަތަށް ދިއްކޮށްލިއެވެ. ހާމިދު އެލޭބޯ ހަރުފައިގެ ބޮލުގައި ހިފީ ނުވެސް ބަލައެވެ. މިކަމުންވެސް ނާއިލްގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.
" އަން.. މީގަ ހިފާ.. " ނާއިލާ ދިމާއަށް އެނބުރިލަމުން ހާމިދު މިހެން ބުނުމާއެކު ނާއިލް ބިރުން ތުރުތުރުލައިގެން ދިޔައެވެ. ހާމިދުގެ އަނގައިން ބޭރުވި ނަމަވެސް އެ އަޑުގައި ވަނީ އާދަޔާ ޚިލާފު ބަރުކަމަކާއި ބިރުވެރިކަމެއް އެކުލެވިގެންނެވެ. ހަމައެހެންމެ ހާމިދުގެ ކަޅިވަނީ ރަތް ލޭ ކުލައިގައެވެ.
"މީގަ ހިފާށޭ.. " ހާމިދު ދެވަނަ ފަހަރަށް އެ ލޭބޯ ހަރުފާގައި ހިފުމަށް އަމުރުކުރުމުން ބިރުން ހުރެ ނާއިލް މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އަދި އޭގައި ހިފިއެވެ. އޭރުވެސް އޭނާގެ އަތް ތުރުތުރުލައެވެ. ދެން ކަންތައް ވެގެންދިޔައީ އެ ދެ މީހުންކުރެ އެކަކުވެސް އެންމެ ނޭދޭނޭ ގޮތަށެވެ. ހާމިދު އެ ލޭބޯ ހަރުފައިން ދޫކޮށްލުމާއެކު ނާއިލަށް އެސޮރު ކޮންޓްރޯލް ނުކުރެވި އަތުން ދެމިގެންފިއެވެ. ހަމަ އެއާއެކު ހާމިދު އެ ސޮރު ހިފައިގަތުމަށް މަސައްކަތް ކުރި ނަމަވެސް އެކަންވީ ބޭކާރެވެ. ބާރު ދުވެލީގައި މޫދުގެ ލޮނުގަނޑު ކަފާލަމުން އެ ލޭބޯ ހަރުފަ ކަނޑާ ދިމާ ބޭރަށް ދުވެގަތުމާއެކު މުޅި އެ ސަރަހައްދުގެ ލޮނުގަނޑުގައި ރެދަންލައި ގަދައަށް އަލިވެގަތެވެ. އެ ލޭބޯ ހަރުފަ ގޮސް ލޮލުގެ ކޮޅަށް އޮބާލަންދެންވެސް ނާއިލާއި ހާމިދަށް ތިބެވުނީ ބަލަހައްޓައިގެންނެވެ. ކުރާނެކަމެއް ނޭގިފައެވެ. އެއަށްވުރެ ބޮޑަށް، ކުރެވޭނެ ހަމަ އެއްވެސް ކަމެއްނެތި ގޮތް ހުސްވެފައެވެ.
ފަތިސް ނަމާދު ބަންގި ގޮވަން ކައިރިވަނީއެވެ. ގައިމަތީގައި އޮތް އައިމަންގެ އަތް ދުރުކޮށްލަމުން އެންޖްލީ އެނދުން ތެދުވިއެވެ. އޭނާގެ އާދައިގެ މަތިން މި ހަމަހިމޭން ވަގުތުގައި ރިޒޯޓްގެ ހިތްގައިމު ހިމުން ދޮންވެލި އަތިރި މަތީގައި ހިނގާލައި ފިނި ވައިން ހިތްހަމަ ޖައްސާލުމުގެ މަގުސަދުގައެވެ.
އެހެން ރޭތަކުގެވެސް ފަތިސް ދަންމަތީގެ މި ވަގުތެކޭ އެއްގޮތަށް ރިޒޯޓްގެ އަތިރިމަތީގައި ހިނގަމުން ދިއައީ އެންޖްލީ އެކަންޏެވެ. ކަށިމައްޗާ ހިސާބަށް މޫދަށް އެރިހުރެ ހިނގަމުން ދިޔައިރު އެ ވަގުތުގެ ފިނި ލޮނުގަނޑުން އޭނާގެ ހަށިގަނޑަށް އަރާމު އިޙުސާސްވަމުން ދިޔައެވެ.
އެއްވެސް ހިޔާލެއް ފިކުރެއް ނެތި ހުރި އެންޖްލީއަށް އެހެން ބައެއްގެ ބޯގޯސް އަމަލެއްގެ ޝިކާރައަކަށް އޭނާ ވާނެކަމެއް އެނގޭނީ ކިހިނަކުން ހެއްޔެވެ. ކުއްލިއަކަށް ބާރު ހަޅޭކަކާއެކު އެންޖްލީ މޫދު ތެރެއަށް ވެއްޓިއްޖެވެ. އޭރު އޭނާގެ ފައިން އަންނަމުންދިޔަ ލެއިން ލޮނުގަނޑު ރަތްކުރަމުން ދިޔައެވެ.
— ނުނިމޭ —
ލިޔުންތެރޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްޞާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް