ހަފުތާއެއްހާ ދުވަސް ފަހެވެ. ކަޅުފޮއި މޫސުމުގެ އަނދިރިކަން ދުނިޔެއަށް ވެރިވެފައިވެއެވެ. ފަޒާގައި ކުދިކުދި ތަރިތަކުގެ ފިޔަޖެހުން ކިތަންމެ ގަދަ ނަމަވެސް، ކަޅުފޮއި އަނދިރިކަމުގެ މައްޗަށް އަލިކަން ނެރެވޭނެ ގޮތެއް ނެތްމެއެވެ. ހަމަހިމޭން މެންދަމެއްގެ ފޮނި އަރާމު ނިދިން މުޅި ރަށް ނިދާ ހަމަހިމޭންވެފައިވީ ވަގުތެވެ. ރަށުގެ ދިގު ދޮންވެލި ތުނޑިއާ ދިމާއަށް މީހަކު ހިނގާފައި އެބަ ދެއެވެ. އަނދިރިކަމުގެ ސަބަބުން އެއީ ކާކުކަން ވަކިވާވަރެއް ނޫނެވެ. އެހެނަސް އަނދެފައިވާ މުންޑުން އެއީ އުމުރުން ދުވަސްވީ މީހެއްކަން ހާމަކޮށްދެއެވެ.
ތުނޑީ ކޮޅަށް ދެވުމުން އެ މީހަކު ހުއްޓި މަތި ބަލައިލިއެވެ. އެގޮތުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު އޭނާގެ ވަށައިގެން ދޮންވެލިގަނޑުގައި ފައިން ވައްބުރެއް ކުރަހާލިއެވެ. އަދި އަތުގައިވާ ފިޔޮހިން ބިންމަތީގައި ކުރެހުންތަކެއް އެޅުމަށްފަހު ފިޔޮހި ބިމުގައި ރަނގަޅަށް ހަރުކޮށްލިއެވެ. އެއަށްފަހު މޫދަށް ކުރިމަތިލައިހުރެ ތުންތަޅުވަން ފައްޓައިފިއެވެ.
މާކަ ގިނަ އިރުތަކެއް ނުވެއެވެ. އޭނާގެ ފުރަގަހުން ދެވަނަ ދިރުމެއްގެ ހިލަމެއް ވެލައިފިއެވެ. އެއާއެކު އޭނާ ކިޔެވުން ހުއްޓާލުމަށްފަހު، ފަހަތަށް އެނބުރި ބަލައިލިއެވެ. އޭނާ ކުރަހާފައިވާ ވައްބުރުގެ ރޮނގުގައި ޖެހި ނުޖެހޭ ހިސާބުގައި ބޭރުގައި ހުރީ، ދެފައި މައްޗަށް ކޮޅަށް ހުއްޓަސް އިންސާނެއް ނޫނެވެ. މޫނުމަތީގެ ގުނަވަންތައް އިންސާނެއްގެ ސިފަ ގެނެސްދިނަސް، މުޅި މޫނާއި އަތުގައި ކަޅުކަން ގަދަ ކެހެރި ބޯކޮށް ފަޅާފައެވެ. އަތާއި ފައިގައި ރޫފަ ޖެހިލައި ގައިގެ މަސްތައްމެ ވަރުގަދަވެ، ބޮޑު ބިޔަ، ޖަންގަލީ ޖަނަވާރެއްގެ ސިފަ ގެނުވާއިރު، ދިގު އިނގިލި ތަކަކާއެކު ތޫނުވަކިތަކެއް ލިބިފައިވެއެވެ. ތަންމިނަށް ހުޅުވައިގެން އޮތް އަނގައިގެ ބިޔަ ތޫނުދަތްތަކުން ނުރައްކާތެރިކަން ހާމަކޮށްދެއެވެ. އެ ވަރުގަދަ ދަތްޕިލައިން އެހެން ދަތްތަކަށްވުރެ ދިގުވެ، ދުރަށް ނުކުމެފައިވާ ދެ ފޭރާދަތް ވަކިން ބޮޑަށް ފާހަގަ ވެއެވެ.
މި ހުރިހާ މަންޒަރެއް ފެނުމުން އެ ވައްބުރުގެ ތެރޭގައި ހުރި އިންސާނާ ބިރުގަތުމުގެ ބަދަލުގައި ހިނިގަނޑެއް ޖަހާލިއެވެ. ކާމިޔާބީއެއްގެ އުފާވެރިކަމުން ފުރިގެންވާފަދަ މާނަހުރި ގޮތެއްގައެވެ. އެހެނަސް ދެން ފެނުނު މަންޒަރުން އޭނާގެ ހުނުން މުޅިން ހުއްޓި ފަހަތަށް ފިޔަވަޅު އަޅަން ފެށިއްޖެއެވެ. އެ ބިޔަ ޖަނަވާރު ހަށިގަނޑުގެ ވެރިޔާ ހިނިތުންވެ ހުރެ ރޮނގުގެ އެތެރެއަށް ފިޔަވަޅު އަޅައި އެ މީހައާ ދިމާލަށް ހިނގައިގެންފިއެވެ. އެހެނަސް ތަފާތު ސިފައެއްގައެވެ. ތަފާތު ގޮތެއްގައެވެ. ކުރިން ހުރި ސޫރަ ދޫކޮށް އާދައިގެ އިންސާނަކަށް ބަދަލުވަމުންނެވެ.
އާދުވަހެއްގެ އިރާއެކު ނާއިލްގެ ފޯނަށް މިއިން ޒަމާނަކު ވެސް ނުގުޅާ ހާމިދުގެ ކޯލެއް ލިބިއްޖެއެވެ. ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން ކަމަށާއި، ވަރަށް އަވަހަށް ބައްދަލުކުރަން ބޭނުންވާކަމަށް ބުނެ ފޯނު ކަނޑާލުމުން ނާއިލަށް މާނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ. އޭނާއަށް ވިސްނޭގޮތުގައި، ރަށުގައި ފާއިތުވި ދުވަސްތަކުގައި ފެނިގެން ދިޔަ ނުރައްކާތެރި އާދަޔާ ޚިލާފު ދެ މަރުގެ ހަގީގަތް ހާމިދުއަށް އެނގޭނެއެވެ. އެ ދެ މަރަކީ އެއީ ނުބައި ސިގުނަލެކެވެ. ކުރިން ތަކުރާރުކޮށް އެހުމުން ހާމިދުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބުނަސް، އެހީތެރިކަމަށް ބޭނުން ވުމުން ހަގީގަތް ކިޔައިދޭން އުޅެނީ ކަމުގައި ނާއިލްގެ ހިތް ބުނަން ފަށައިފިއެވެ. ނާއިލް ސުވާލުތަކުން ފުރިގެންވާ ސިކުނޑިއަކާއެކު ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރެފައި ހިނގައިގަތެވެ.
" ހައި ލޯބީ.. ކީތްކޮށްލަނީ؟؟ އަދިވެސް އަހަރެންދެކެ ހިތްހަމަ ނުޖެހިފަ ދޯ؟ އޭރުގަ ވެސް ރަނގަޅަށް ވިސްނައްޗޭ ބުނީމަ ވެސް މިހާރު ވަރަށް ބަދަލުވެއްޖެ އިނގޭ.. " އައިމަންގެ ކޯލެއް ލިބުމުން، ފޯނު ނެގިގޮތަށް ނާއިލާ އަނގައިން ވެސް ނުބުނެ ހުރުމުން އައިމަން އިސްވެ ވާހަކަ ދެއްކިއެވެ.
" އުނހު. ރުޅިއެއް ނޫން.. ކިހިނެއް ވިއްޔޭ؟ " ނާއިލާގެ ފަރާތުން ލިބުނު ޖަވާބުންނާއި، އަޑާއި ރާގުން، އޭނާ ރުންކުރުވެ، ހިތްހަމަ ނުޖެހިފައިވާކަން އައިމަންއަށް ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވެއްޖެއެވެ.
" ހޭ ބޭބީ... އައިމް ރިއަލީ ސޮރީ އޭ.. އަސްލު ވަރަށް މުހިންމު ވާހަކައެއް ބުނަން މި ގުޅީ.. އެކަމަކު ނާއިލާ ވާހަކަ ތި ދެއްކި ގޮތުން ވަރަށް މޫޑު ސަކަރާތް ވެއްޖެ އިނގޭ.. އެނީވޭ، އައިމް ރެޑީ ޓު މެރީ ޔޫ.. ބޭނުން، ވީ އެންމެ އަވަހަށް ކައިވެނި ކުރަން.. ލޯބި އަހަރެންގެ މިލްކަކަށް ހަދަން.. " އައިމަން ވަރަށް އަސަރާއެކު ވާހަކަ ދެއްކުމަށްފަހު ނާއިލާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯނު ކަނޑާލިއެވެ. ހަގީގަތުގައި ކޮށްފައިވާ އަސަރެއްގެ ސަބަބުން، ބޭއިޚުތިޔާރުގައި ފޯނު ކަނޑާލެވުނީއެވެ.
އަޑު އިވުނު ވާހަކަތަކުން ނާއިލާ އާގަމަވެފައި އެތައް އިރަކު ހުރުމަށްފަހު ހެލޯ ހެލޯ އޭ ގޮވައިގަތެވެ. އައިމަން ފޯނު ކަނޑާލާފައި ވިޔަސް، އެކަމާ ވިސްނުމުގެ ބަދަލުގައި، އުފަލުން ފުންމައިގެންފައި، ދުވަމުން ދުވަމުން ކޮޓަރިން ނުކުތެވެ. އަދި އެދިޔަ ގޮތަށް ގޮސް ބަދިގޭގައި ހުރި އަމްނާގެ ގައިގާ އޮޅުލައިގަތެވެ. ވީގޮތް ކިޔައިދިނުމުން އަމްނާ ވެސް އަސްލު ވެސް ހޭ ބުނެ ހިނިތުންވުމާއިއެކު ނާއިލާގެ އުފަލުގައި ބައިވެރިވިއެވެ.
އިޝާނަމާދަށް ފަހު ނާއިލް މިސްރާބު ޖެހީ ހާމިދުމެންގެ ގެއާ ދިމާއަށެވެ. ހާމިދުމެންގެ ގެއަށް ދިއުމަށްޓަކާ ރޭގަނޑު ގަޑީ ތަންކޮޅެއް އަނދިރި މަގަކުން އެކަނި މާއެކަނި ހިނގަން ޖެހުންވީ، ނާއިލްގެ ހިތަށް ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވި ކަމަކަށެވެ. ރަށުގައި ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާފައިވާ ކަންތައްތަކެއްގެ ސަބަބުންނެވެ. އެހެނަސް ސިހުރު ހެދުމަށް މަޝްހޫރު މީހަކާއެކު ނުރައްކަލާއި ބިރުވެރިކަމުން ފުރިގެންވީ އެތައް ތަޖުރިބާތަކެއް އޭނާ ކޮށްފައިވުމުން، އެހެން އާންމު މީހުނަށްވުރެ އޭނާ ބިރު ކުޑަވާނެކަން ޔަގީނެވެ.
މަގުގެ ވަކި ހިސާބަކުން، ހިތް އަވަސްވެފައިވީ ނާއިލަށް ފަހަތުން މީހަކު އަންނަހެން ހީވެގެން ސިހިފައި ފަހަތް އެނބުރި ބަލައިލެވުނެވެ. އެހެނަސް މަގުގައި ވަނީ ފަޅުކަމެވެ. އޭނާ ފިޔަވާ އެހެން އެއްވެސް މީހަކު މަގުން ފެންނާކަށްނެތެވެ. ނާއިލް އަނެއްކާ ވެސް ހިނގައިގަތެވެ.
ހާމިދުމެންގެ ގެއަށް ދެވުމާ ހަމައަށް ނާއިލް އުޅުނީ މިފަދަ ސަކަރާތެއްގައެވެ. މީހަކު ފަހަތުން އަންނަހެން ހީވެގެން، ނޫނީ ހިޔަންޏެއް ވާހެން ހީވެގެން އިރުއިރުކޮޅުން ފަސްއެނބުރި ބަލާލައެވެ.
" އަހަނ.. ނާއިލް އައީ ދޯ.. އަވަހަށް މަގޭ ކޮޓަރިއަށް އާދެ.. " ނާއިލް ސަލާމް ގޮވާލުމުން ހާމިދު އޭނާގެ ކޮޓަރިއަށް އައުމަށް ދައުވަތު ދިނެވެ. ނާއިލް ކޮޓަރިއަށް ވަދެ ހަމަޖެހުމުން ހާމިދު އިރުކޮޅަކު ވިސްނަން އިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" ނާއިލް.. އަހަރެމެން ދެ މީހުން މީގެ ދުވަސްތަކެއް ކުރިން ކުރި މަސައްކަތް ކާމިޔާބު ވެއްޖެ.. އާނ ނާއިލް... މަ އުފަން ކުރުވަން އުޅުނު ދެ ނަސްލުން މަސްހުނިވެފައިވާ މަޚުލޫގު އޭގެ އެންމެ ފުރިހަމަ ކަމުގައި، މަ ހީވެސް ނުކުރާހާ ބާރާއެކު މި ރަށުގައި ދިރި އެބަހުރި.. "
ހާމިދުގެ ވާހަކަތަކުން ނާއިލަށް އިން ގޮނޑިން ކޮޅަށް ތެދުވެވުނެވެ. އޭނާގެ ވަށައިގެންވާ މާހައުލު އެނބުރިގަތެވެ.
" ތީ ކިހިނެއް ވާނެ ކަމެއް؟ ގައިމު އެ ލޭބޯ ހަރުފަ ހަމަލާ ދިން މީހާ މަގޭ ދެ އަތުން މަރާލީ.. އެނޫން މީހަކު އެރޭ ފަތިހުގައި ޒަހަމެއް ލިބިގެން އުޅުނުކަން އެނގިފައެއް ނެތް.. އަނެއްކާ އެފަދަ އަލާމާތެއް ހަފްތާއެއްވެ ދިޔައިރު ވެސް މަށަކަށް ވެސް ކަލެއަކަށް ވެސް ފެނުނީއެއް ނޫން.. ވީއިރު ތީ ކިހިނެއްވާނެކަމެއް؟ ކިހިނެއް މަ ތި ވާހަކަތައް ގަބޫލު ކުރާނީ؟ "
ހީނުކުރާ ކިތަންމެ ކަމެއް ކިތަންމެ ގޮތަކަށް ވެދާނެއެވެ. އާނއެކެވެ. ނާއިލް ދެންމެ އެ އެއްބަސް ވީފަދައިން އެންޖްލީ މަރުވީއެއް ނޫނެވެ. މަރާލީއެވެ. ނާއިލް އެންޖްލީ މަރާލީއެވެ. ފުރިހަމަ ރޭވުމެއްގެ ދަށުން ރިޒޯޓު ސެކިއުރިޓީ ބަލަހައްޓާ ދެ އެކުވެރިއަކު ފައިސާއިން ގަނެ، އެ މީހުންގެ އެހީއާ އެކުގައެވެ.
އެއަށްވުރެ ހައިރާން ކުރުވަނިވި އެހެން ކަމެއް ވެސް ހިނގާދާނެތާއެވެ. ދޮރު ބަންދުކޮށްފައިވާ ގެއެއްގެ ދޮރު ބަންދުކޮށްފައިވާ ކޮޓަރިއެއްގެ ތެރޭގައި ހުރެ މީހަކު ބުނި އެއްޗެއް އެ ގެއިން ބޭރުގައި، އަދި ގޯތިން ވެސް ބޭރުގައި، މަގުފާރު ކައިރީގައި ހުރި މީހަކަށް އަޑު އިވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެނަސް ކޮންމެ ހެނެއް ކަންއޮތަސް، ނާއިލް އެގެއަށް ވަނީއްސުރެ އެ ގޭގެ ފާރުކައިރީގައި ހުއްޓި ހުރި މީހަކަށް ނާއިލް އެންޖްލީ މަރާލީ ކަމަށް ބުނި އަޑު އިވުމުން މުއްމަޅާލިއެވެ. އަދި ބާރު ހިނގުމެއްގައި ގެއާ ދުރަށް މިސްރާބުޖެހިއެވެ.
" އެކަމަކު ދޯ.." ނާއިލް ބޮލުގައި ދެ އަތުން ހިފަހައްޓާލިއެވެ. އޭނާއަށް ކަންތައްތައް ވެގެން މިއައިގޮތް އަދިވެސް ސިކުނޑިއަށް ނަގައެއް ނުގަނެވެއެވެ.
" އާނ. ނާއިލް ގަބޫލް ކުރޭ.. އަހަރެމެން ދެ މީހުން ފެށި މަސައްކަތް އަތުން ބޮއްސުންލުމުން، ވަގުތު ފާއިތު ނުވަނިސް، ނުރައްކާތަކުން ފުރިގެންވާ އެ މަސައްކަތް ދާއިމަށް ނިމުމަކަށް ގެންނަން މަވެސް އަދި ނާއިލް ވެސް މަށާއެކު ވަރަށް ބޮޑަށް މަސައްކަތް ކުރިކަން މަ ގަބޫލުކުރަން.. "
ހާމިދު ވާހަކަ މެދުކަނޑާލުމަށްފަހު ފުންނޭވާއެއް ލިއެވެ. އޭނާގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. މޫނުމަތީގައި ވަނީ މާޔޫސްކަމާއި ނުތަނަވަސްކަމުގެ އަސަރެވެ.
" ނާއިލް.. އެ ނުރައްކާތެރި ލޭބޯހަރުފައިގެ ހަމަލާ އަމާޒުވި މީހާ އަހަރެމެންނަށް މަރާލެވުނު.. އެކަމަކު ވަގުތު ފާއިތުވިފަހުން.. އެ ލޭބޯ ހަރުފައިގެ ހަމަލާ އަމާޒުވުމާއެކު، ގަޑިއެއްހާއިރުގެ ތެރޭގައި އެ މީހާގެ ހަށިގަނޑު ބަދަލުވުމުގެ މަރުހަލާ ފެށޭނެ.. އެކަމަކު އެކަން ފުރިހަމަ ވާނީ 24 ގަޑިއިރުފަހުން.. އެއަށްފަހު އެ ސޮރަށް ލޭ ބޭނުންވާނެ.. އާނ.. އިންސާނެއްގެ ލޭ ބޭނުންވާނެ.. " ހާމިދު ލަސްލަހުން ނާއިލްއަށް ވިސްނައިދޭން މަސައްކަތް ކުރަމުންދިޔައެވެ.
" އެހެންވިއިރު، އަހަރެމެން ލަހެއް ނުވެއެއްނު. ގައިމު 24 ގަޑިއިރެއް ނުވާނެ.. އަނެއްކާ ކިހިނެއް އޭނާ ލޭ ހޯދާނީ.. އެކަމަކު . . . . "
ނާއިލްގެ ސިކުނޑީގައި ކުއްލިއަކަށް ކަމެއްގެ ހަނދާންތައް ހިނގައިގަތުމުން ވާހަކަ ހުއްޓާލެވުނެވެ. ބޮލުގައި އަތްއަޅައި ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯ ހޫރަންފެށިއެވެ. މި ހުރިހާ މަންޒަރެއް ދެކެން ހާމިދު އަނގައިން ވެސް ނުބުނެ އިނެވެ. އޭނާއަށް ޔަގީންވާކަހަލައެވެ. ނާއިލްއަށް އެނގޭ، ކޮންމެހެން އޭނާގެ ކައިރީގައި ބުނަން ޖެހޭ އެހެނަސް ނުބުނާ ވާހަކައެއް އެބައޮތެވެ.
" ހާމިދު.. އެ ރޭގައި އަހަރެން އެ އަންހެން ކުއްޖާ އޮތް ހެލްތް ރޫމަށް ވަންއިރު ފެނުނީ ވަރަށް ވެސް އެހެންކަހަލަ މަންޒަރެއް.. އެތަނުގައި ... " ނާއިލް ވާހަކަ މެދުކަނޑާލުމަށްފަހު ދެވަނަ ފަހަރަށް ވިސްނާލިއެވެ. އޭނާގެ އާއިލާއަށް މުހިންމު މީހެއްގެ ބަދުނާމު ވާހަކައެއް ދައްކަންވާނެ ހެއްޔެވެ. ނޫނެކެވެ. އޭނާ ނަމެއް ނުބުނާނެވެ.
" އެ ތަނުގައި އެ މަންޖެ އާއި އެހެން ފިރިހެނަކާ އޮތީ..... މިބުނީ އެ ދެ މީހުންގެ ދެމެދުގައި ހުރިހާ ގުޅުމެއް ވެސް ހިނގާފައިވާކަން ދޭހަކޮށްދެޔޭ.. " ނާއިލް އުނދަގުލުން ވާހަކަ ދައްކަމުންދިޔައެވެ.
" ދެން އެހެންވިއިރު ކަލޭ ކަންތައްކުރީ ކިހިނެއް؟ ކީއްވެ އެ މީހާ ވެސް މަރާނުލީ؟ " ހާމިދު ސުވާލުކޮށްލިއެވެ. ހާމިދުގެ މި ސީދާ ސުވާލުން ނާއިލަށް ސިހުން ލިބި ހާމިދުގެ މޫނަށް ބަލައިލެވުނެވެ.
" މަ ވަރަށް ހުޝިޔާރުވެ ހުރެ، އެ ފިރިހެން މީހާ އެނދުން ނަގައި އެތާ ކައިރީގައި އިން ގޮނޑީގައި ބޭންދީ.. އޭނާގެ އެއްޗެހި ވެސް ލެއްވީ.. އެއީ އޭނައަށް ވެސް ކުޑަ ވެސް ޝައްކެއް ވިޔަ ނުދޭންވެގެން.. ދެން އެއަށްފަހު ކަލޭ ދިން ފުޅީގައި ހުރި އެއްޗެއް އެ އަންހެން ކުއްޖާގެ ކަރާއި މޭ މައްޗަށް އޮއްސާލީ.. " ނާއިލް އޭނާ ކަންކުރިގޮތް އޮޅުންފިލުވައިދިނެވެ.
" ހަށިގަނޑު ބަދަލުވުމުގެ މަރުހަލާގައި އެ އަންހެން މީހަޔާ އެހެން މީހަކާ ދެމެދު އެފަދަ ގުޅުމެއް ހިނގާފައި އޮއްވާ ހަމަ އެކަނި އެ އަންހެން މީހާ މަރާލުމީ މައްސަލައެއް.. މާނައަކީ އޭނާ ނެތިދިޔުމަށްފަހު، އެ ތަނުގައި ހުރި ދެވަނަ މީހާއަށް އެ ބާރު ވަނީ ބަދަލުވެފައޭ.. އެކަމަކު ހަމައެކަނި އެފަދަ ގުޅުމަކުން އެކަން އެގޮތަށް ވާނެކަމަކަށް ގަބޫލެއް ނުކުރެވޭ.. ކޮންމެވެސް އެހެން ގޯހެއް ހިނގައިފި.. މަށަށް ވަރަށް ޔަގީން.. "
ހާމިދުގެ ވާހަކަތަކުގައި ވަނީ ވިސްނޭކަމާއި، ހަރުދަނާކަމުގެ އަސަރެވެ. ޔަގީންކަމާއި އިތުބާރުގެ ގޮތްގަނޑެވެ.
" އެހެންވިއިރު، ހާމިދުއަށް މިހާރު އެނގިއްޖެތަ އެއީ ކާކުކަން؟ " ނާއިލް މި ވަގުތު ކޮންމެހެން އޮޅުންފިލުވަން ބޭނުންކަންތަކާ ބެހޭގޮތުން އޭނާ ސުވާލުކުރިއެވެ. އޭނާ ބޭނުން ވަނީ އެ މީހެއް ހާމިދަށް އެނގޭކަށް ނޫނެވެ. އެހެނަސް ހާމިދަށް އެނގިފައިވޭތޯ ޔަގީންކުރުމެވެ.
" އާނ.. އެއީ.... " ކުއްލިއަކަށް ގޭބުޑުދަށުން ކަހަލަ ގޮތަކަށް ބިރުވެރި ހަޅޭކެއްގެ އަޑު އިވިގެން ދިޔައެވެ. ހާމިދާއި ނާއިލަށް ލިބުނު ސިހުމާއެކު، ދައްކަން ތިބި ވާހަކައަކާއި ވާހަކައެއް ދޫކޮށް، ގެއިން ބޭރަށް ދުއްވައިގަތެވެ.
އެ ދެ މީހުނަށް މަގަށް ނުކުމެވުނު އިރު އެ ތަނަށް ދުވެފައި ކަހަލަ ގޮތަކަށް މީހުންތައް އެއްވަނީއެވެ. އޭރު ވެސް އެ ތަނުގައި ހުރި އަންހެން މީހާ އަޑުން އަޑުނަގާ ރޮއި ހޭރި ހަޅޭއްލަވަމުން ގެންދިޔައެވެ. އޭނާއަށް ބޮޑު ބިރެއް ފެނިގެން އުޅޭކަހަލައެވެ.
"ސުބުޙާނަﷲ" ހާމިދުގެ ގޭފާރުގައި ލައްގާލާފައި އިން އިންސާނާ ފެނުމުން ހާމިދަށާއި ނާއިލަށް ވެސް ބޭއިޚްތިޔާރުގައި ބިރުން ފަހަތަށް ޖެހިލެވުނެވެ.
ފާރުގައި ލައްގާލާފައި އިން އިންސާނާގެ ކަރުގެ ދެ ކައިރިއަށް ތޫނު ދެހަންޖަރު ވައްދާލާފައިވާފަދައެވެ. މުޅި މޭމަތީގައި ފުން ޒަހަމްތަކެއް ހުރިއިރު، ބަނޑުން ކަފާލެވިފައިވާ ތަންގަނޑުން ގޮހޮރުން ބައެއް ވެސް ވަނީ ބޭރުވެފައެވެ. އޭރު ވެސް ޒަހަމްތަކުން ހުއްޓުމެއްނެތި ލޭއޮހޮރެމުންދިޔައެވެ. ދާދި ދެންމެ ދީފައިވާ ހަމަލާއެއްކަން ކަށަވަރެވެ.
އެ މީހަޔާ ދިމާ ފާރުގައި، ލެއިން ނުބައި ފާހަގަ ޖަހާފައި ހުރި ތަން ފެނުމުން ހާމިދު ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވެއްޖެއެވެ. އޭނާ ވަށައިގެން ހޯދާލިއެވެ. އޭނަގެ ލޮލުގައި އަޅައިގަތީ އެ އަނދިރިމަގުން އަތިރިއަށް ފޭބެން އޮތްމަގަށް، ބިޔަ ހަށިގަނޑެއްގެ ވެރިއެއް ލަނބާލި ތަނެވެ. އަނދިރިކަމުން އެއީ ކާކު ނޭނގުނަސް ކުރިން އޭނައަށް ފެނިފައިވާ މީހެއްކަން ޔަގީންވި ހިނދު ބިރުވެރިކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.
— ނުނިމޭ —
ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް