މަންމާ އަހަރެން މިއައީ މަންމަ އަތުން އެއްވެސް ލާރިއެއް ހޯދާކަންނޫން ..، އަހަރެން މަންމަ ބުނާ ވަރަކަށް ލާރި ވެސް ދީފާނަން ..، އަހަރެން ހަމަ އެކަނި މަންމަގެ ހިޔާވަހިކަމުގަ ބަހައްޓާލަދީ ..، އާދޭސްކޮށްފަ މިބުނީ..، އަހަރެން ދާނެ އެއްވެސް ތަނެއް ހުރި ނަމަ އަހަރެން މަންމަ ކައިރިއަކަށް ނާންނާނަން..، ތަމަން ސީމާގެ ފައި ބުޑަށް ވެއްޓި ދެފައިގައި ހިފާ އާދޭސް ކުރާ ގޮތަށް ރޮމުން ބުނެލިއެވެ. .
އަހަރެން ފޮނުވީ ބައްޕައެއް ނޫން..،ބައްޕަ އަހަރެން ދޫކޮއްފަ ދުނިޔެއާ ވަކިވެއްޖެ..، މިއަދު ބައްޕަ ހުރިނަމަ އަހަރެން މަންމަކައިރިއަކަށް ނާންނާނަން..،ދޮންތަ ވެސް އަހަރެން ދޫކޮށްލައިފި..، އާދޭސްކޮއްފަ މިބުނަނީ މަންމާ އަހަރެންނަށް އެހީވެދީ..، ކުޑަ ދުވަސްކޮޅަކު އަހަރެން މިގޭގަ ބަހައްޓަދީ..،ތަމަން ގިސްލަމުން ވާހަކަ ދެއްކި އިރުވެސް ސީމާގެ މޫނުމަތިން މާބޮޑު އަސަރެއް ފެންނާކަށް ނެތެވެ.
މިހާ ދުވަސް ފަހުން މަންމަ ކައިރިއަށް އައުމުން ކަންތައް ކުރިގޮތުން އިތުރައް ތަމަންގެ ހިތުގައި ޖެހުނެވެ. މީހުން ބުނާތީ އިވެއެވެ. މައިމީހާއަށް ދަރިއަކަށް ދެރަގޮތެއް ހަދާކައް ނުކެރޭނެއެވެ. މައިމީހާ ކޮންމެ ހާލެއްގައިވިޔަސް ކުޑަކަމެއް އުނިވިޔަ ނުދީ ލޮލުގެ ނޫރު ފަދައިން ދަރިންދެކެ ލޯބިވާނެއެވެ.
އެކަމަކު ދެކެބަލާށެވެ. މިއަދު ތަމަންގެ ކުރިމަތީ އެހުރީ އޭނަ ބަނޑުއަޅާވިހޭ މައިމީހާއެވެ. އެހިތުގައި ދަރިއަކަށް ކުލުނެއްގެ ޒައްރެއްވެސް ނެތެވެ.
އެތަންކޮޅު ހިތަށް އައުމުން ތަމަންގެ ރުއިން އިތުރުވިއެވެ. ލޮލުގައިވާ ކަރުނަ އަކީ ހުސްވާނެ އެއްޗެއްނަމަ މި ދެތިން ދުވަހު ތަމަންގެ ލޮލުން ކަރުނަ ހުސްވީހެވެ.
ހުރިހާ ކޮޅަކުން ވެސް އޭނަ ބާކީ ވަނީއެވެ. މިއޮށްބޮޑު ދުނިޔޭގައި އެންމެން އޭނަ ބާކީ ކޮށްލައިފިއޭ ހިތް ބުނަން ފެށިއެވެ.
ތެދުވޭ..، އަނެއްފަހަރު މިރަށު މީހުން ލައްވާ އަހަރެންނާ ދިމާއަށް އެއްޗެހި ކިޔުއްވަންތަ ތިއުޅެނީ..، އަހަރެންނަކީ ދަރިންނައް އަޅާނުލާ މީހެކޭ ކިއުއްވަންތަ ބޭނުންވެގެން ތިއުޅެނީ..،ވަދޭ އެތެރެއަށް ..، އެކަމަކު ހަދާން ކުރާތި ކަލެއަށް މިގޭގަ ހުރެވޭނީ ކުޑަ ދުވަސްކޮޅަކު...، ކަލޭގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހަލާކު ވެއްޖެއްޔާ .....، ސީމާ ސަހާދަތް އިނގިލި ތަމަންއާއި ދިމާއަށް ދިއްކޮއްލަމުން އެހާ ހިސާބައް ބުނެ ހުއްޓާލުމަށްފަހު އެތެރެއަށް ވަންނާން ހިނގައިގަތެވެ.
ކަރުނަ ފޮހެލަމުން ތަމަން ހިތްވަރު ކޮށްފައި ފަހަތުން ހިނގައިގަތެވެ.
**
ކޮންތާކުން ތިއައީ؟ ބައްޕަމެން ވަރައް ގިނައިރު ނިކް އާދޭތޯ ތިބެ ތިބެފަ އެނިކުތީ ..،ހެދުނު ދިޔަގޮތައް ވިއްޔަ..، ނާއިކް އައިސް ވަނުމާއެކު އެވްލިން ޝަކުވާ ކުރާ ގޮތަށް ބުނެލިއެވެ.
މިއޮތީ ބައްޕަގެ ފަރާތުން އަހަރެމެންނަށްދިން ކައިވެނި ހަދިޔާ..، އަތުގައި އޮތް ޓިކެޓް ދައްކާލަމުން އެވްލިން ބުނެލިއެވެ.
ނާއިކްގެ މޫނުމައްޗައް ރޫ ގިނަވެގެން ދިޔައީ މިދުވަސްކޮޅު އާޝާ ހޯދަން އެރަށައްދާން ބޭނުންވެފަ ހުއްޓާ އެވްލިން ޓިކެޓް ދައްކާލުމުންނެވެ.
އުފަލެއްވެސް ނުވޭތަ؟ އަހަރެން މިހުރީ ވަރަށް އުފަލުން އަހަރެމެން ދެމީހުންގެ ހަނީމޫނަށް ފުރޭ ގޮތްވީމަ..، އެވްލިން ހިނިއައިސް ބުނެލިއެވެ.
އަދި ކައިވެނި ކުރިތާ ދެދުވަސްވީ..، ތަންކޮޅޭއްފަހުންވެސް އަހަރެމެންނަށް ދެވިދާނެދޯ..، މިދުވަސްކޮޅު ދާކަށް އަހަރެން އެހާ ބޭނުމެއްނޫން..، ޖިންސު ޖީބައް އަތް ޖަހާލަމުން ނާއިކް ބުނެލިއެވެ.
އެކަމަކު ނިކް..، އެވްލިންއަށް އެހާ ހިސާބަށް ބުނެވުނުތަނާ ނާއިކް ކޮޓަރިން ނިކުމެގެން ހިނަގއްޖެއެވެ.
ނާއިކް އެގޮތައް ނިކުމެގެން ދިއުމުން އެވްލިން ބަލަހައްޓައިގެން އިނީ ހައިރާން ވެފައެވެ.
އެނދުކައިރީ އެވްލިން ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ގަޑި ބަލަމުންނެވެ. ގަޑިން ބާރަ ޖަހާ ދިޔައިރުވެސް އޭރު ނިކުމެގެން ދިޔަ ގޮތަށް ނާއިކް ގެއަށް ނާދެއެވެ.
އެންމެ ފަހުން ލޮލުތެރެއަށް ނިދި ސަވާރު ވާން ފެށުމުން އެވްލިން އެނދުގައި އޮށޯވެލީ އަދިވެސް ނާއިކްއަށް އިންތިޒާރު ކުރަމުންނެވެ.
ފޯނު ނަގާ ނާއިކްއަށް ގުޅަންވެސް އެވްލިން އެތައްފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އޭރު އެގޮތައް ނިކުމެގެން ދިއުމުން އެވްލިންއަށް ނާއިކްއަށް ގުޅަން ނުކެރިގެން ކޮންމެ ފަހަރަކުވެސް ފޯނުނަގާފައިވެސް ބާއްވަނީއެވެ.
އެގޮތަށް އެތައް އިރަކު އޮތުމަށްފަހު އެވްލިންއަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ.
އަރައިގެން އައި އިރުގެ ދަޅަތައް މޫނައް އެޅެމުން ދިޔައިރު ކޮފީ ތައްޓެއް ހިފައިގެން ނާއިކް ބެލްކަނީގައި ހުއްޓެވެ.ވަށައިގެންވާ އިމާރާތްތަކަން ބަލަން ހުރި އިރު އެހިތުގައި އަޅާވޭނަށް ކެތްނުވާ ކަހަލައެވެ.
ކޮފީ މަގުން ފަހަރަކު ކޯވަރެއް ބޮމުން ދިޔައިރު އޭނަގެ ވިސްނަމުން ދިޔައީ ހަމައެކަނި އާޝާއާއި ދޭތެރޭގައެވެ.
އާޝާގެ ހަބަރެއް ނުވުމުން ރޭގަނޑުގެ ނިދި ވަނީ ނާއިކްއާއި މަހުރޫމް ވެފައެވެ. އެއްވެސް ކަމެއް ކުރާ ހިތް ނުވެ ހަށިގަނޑަށް ވަރުބަލިކަން އިހުސާސް ކުރެވެމުން ދިޔައިރުވެސް އެއިން ކަމަކާ ވިސްނާކަށް ނާއިކް ބޭނުން ނުވާކަހަލައެވެ.
ދެފަރާތަށް ފޮރޮޅިލުމަށްފަހު އެވްލިން ލޯ ހުޅުވާލިއެވެ. އެނދުމަތީގައި ނާއިކް ނެތްކަން އެގުމުން އެވްލިން ފުންމައިގެން ތެދުވިއެވެ. ރޭގައި ނާއިކްގެ އިންތިޒާރުގައި އޮވެ އޭނައަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. ހޭލެވުން އިރުވެސް ނާއިކް ގެއަށް ނާދެއެވެ.
އެނދުން ތެދުވެގެން ފާހާނާއާއި ދިމާއަށް ހިނގައިގަންނަން އުޅުން ވަގުތު ބެލްކަނީގައި ހުރި ނާއިކް އެވްލިންގެ ލޮލުގައި އަޅައިގަތެވެ.
ފާހާނާއާއި ދިމާއަށް ދާން ނެގި ފިޔަވަޅުގެ މިސްރާބު ބަދަލްވެ ބެލްކަންޏާ ދިމާއަށް އެވްލިން އަށް ހިނގައި ގަނެވުނެވެ.
އަހަރެން ރޭގަ ނިކްއަށް ވަރަށް އިންތިޒާރު ކުރިން..، އެވްލިން އައިސް ފަހަތުން ބައްދާލަމުން ބުނެލިއެވެ.
އަހަރެން ވަރަށް ވަރުބަލި ވެފަ މިހިރީ ނިދާލަން ބޭނުން..، އެވްލިންގެ އަތް ނާއިކްގެ ގައިން ވަކިކޮށްލަމުން ނާއިކް އެހެން ބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ނާއިކް ގޮސް ކޮޓަރިއަށް ވަތްން އިރުވެސް އެވްލިން ހުރިގޮތަށް ހުރީއެވެ. މިފަހަރު ނާއިކް އެގޮތަށް ކަންތައް ކުރުމުން އެވްލިންގެ ހިތުގައި ވަރަށް ބޮޑަށް ޖެހިއްޖެއެވެ،
އެވްލިން އެހުރިގޮތަށް އިރުކޮޅަކު ހުރުމައްފަހު ފާހާނާއަށް ވަދެ ނިކުމެ ނާއިކްއަށް ބަލާވެސް ނުލާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
އަހަރެން ކިހިނެއްތަ އެރަށައް ދާން ހަދާނީ..، މިހާ އަވަހަށް އަހަރެން އެއްވެސްތާކައް ދިޔަ ބައްޕަ ނުދޭނެ..، ފޮނުވިޔަސް އަހަރެންނާއި އެކު އެވްލިން ފޮނުވާނެ..، އަހަރެން އެވްލިންއާއި އެކު ދެވަނަ ފަހަރަށް ހުރެގެން އާޝާ އިތުރަށް ދެރަވާކަށް އަހަރެން ބޭނުމެއް ނޫން..، އަހަރެންނަކީ ހަމައެކަނި އާޝާގެ މީހެއްކަން އަންގަން އަހަރެން ބޭނުންވަނީ..،
އެކި ގޮތް ގަތަށް ވިސްނުމައްފަހު ނާއިކް އެނދުން ތެދުވިއެވެ. ނިދުމާއި އަރާމައްވުރެވެސް މިވަގުތު ބޭނުންވަނީ އާޝާއާއި ބައްދަލު ވުމެވެ.
މާކިން ނެތުމުން ދެން އެންމެ އެކުގައި އުޅޭ ވާއިލްއަށް ގުޅާލުމައްފަހު ނާއިކް އަނެއްކާވެސް ބޭރަށް ނިކުންނަން ހިނގައިގަތެވެ.
ހާދަ އެހެން ކަހަލަ ގަޑިއަކު ކިހިނެއްވީ؟ ދެމީހުން އެކުގައި ކޮފީއަށް އަރާ ހަމަ ޖެހިލުމައްފަހު ވާއިލް ބުނެލިއެވެ.
ވާއިލް އެހެން ބުނުމުން ނާއިކް ކައިވެނީގެ ރޭ ކަންތައް ހިނގާ ދިޔަ ގޮތް ވާއިލްއަށް ކިޔައިދިނެވެ. ކުރިންވެސް އާޝާއާއި އޭނަގެ ގުޅުން ވާއިލްއަށް އޭނަ ކިޔައިދިނެވެ. ބައްޕައަށް ޓަކާ އެވްލިންއާއި އިންނަން ޖެހުނު ކަންވެސް ވާއިލްއަށް ކުރިން ނާއިކް ކިޔައިދިނެވެ.
ދެން މިހާރު ކިހިނެއް ހަދަން ގަސްތުކުރަނީ؟ ކޮންމެ ގޮތެއްވިޔަސް ތީގަ އެވްލިންގެ ކުށެއް ނެތް..، އަހަރެން އޭރުވެސް ނިކް ގާތު ބުނީމެންނު ތިކައިވެނި ނުކުރާށޭ..، ދެރަކަމަކީ ބައެއް މައިނބަފައިންނަށށް ދަރިންގެ އުފަލަށް ނުވިސްނޭކަން..، ވާއިލް ބުނެލިއެވެ.
ކައިވެނިކުރެވިފަ ތިއޮތީ މިހާރު..، ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫން..، ނިކް ޖެހޭނީ އެވްލިންއަށް ތިކަންތައް ތައް ސިއްރު ކުރަން ..، އޭނައަށް އަތްންބެއްގެ މަގާމުދޭން..، ވާއިލް ބުނެލިއެވެ.
އަހަރެންނަކަށް ނޭގެ ހަދަން ވީ ގޮތެއް..، އަހަރެންނައް އެނގޭ އެވިގެ އެއްވެސް ކުށެއްނެއްކަން ..، އަހަރެން ޖެހޭނެ ކަން އޭނަގެ ބޭނުންތައްވެސް ފުއްދަ ދޭން ..،އަހަރެން އެވީއާއި އެކު އުޅެފާނަން އެކަމަކު އޭނައާއި ގާތް ވުމަކީ އަހަރެންނަށް ވާނޭކަމެއްނޫން..، އަހަރެންގެ ހިތް އާޝާނޫން މީހަކައް ބަލާލަންވެސް ނޭދޭ..،އަހަރެންނަކީވެސް އިންސާނެއް..، އަހަރެންގެ ހިތަށް ކުރާ އަސަރު އެއްވެސް މީހަކަށް އިހުސާސްވެސް ނުކުރެވޭނެ..،
ވާހަކަ ދައްކަމުން ދިޔައިރު ނާއިކްގެ ލޮލުން ކަރުނަ ނިރާލިތަން ވާއިލްއަށް ފެނުނެވެ.
ނާއިކްގެ ހިތަށް ކޮއްފައިވާ އަސަރުން ވާއިލްވެސް ދެރަވިއެވެ.
ދެން ބުނެބަލަ އަހަރެންނައް ތީގަ ކޮންކަމެއް ކޮށްދެވޭނީ ..، އަހަރެންވެސް ދެރަވޭ ތިގޮތަށް ކަންތައްވީމަ..،ވާއިލް ބުނެލިއެވެ.
އަހަރެން ބޭނުންވަނީ އެވީ ގަބޫލަސް ނުގަބޫލަސް އާޝާ ހޯދަން އެރަށައްދާން ..،ނާއިކް ބުނެލިއެވެ.
އަހަރެންވެސް ނިކްއާ އެއްކޮއްދާނަން..، ވާއިލް އެހެން ބުނެލުމުން ނާއިކް ބޯޖަހާލިއެވެ.
**
ރޭގަނޑުގެ ދަން ދެބައިވެ ދިޔައީއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑުއަލިކަމުގެ ތެރޭގައި ބާލީހުގެ ތެރޭގައި މޫނު ފޮރުވާލައިގެން އޮތް ތަމަންގެ ރުއިމުގެ އަޑު ކޮޓަރިތެރޭ ހުއްޓެވެ.
ރޭގަނޑުވެއްޖެ ނަމަ އެއީ ތަމަންގެ މިހާރުގެ އާދައެވެ. ދުވާލު ގޭތެރޭގެ މަސައްކަތުގައި ތަމަން އުޅެނީ އެއްވެސް ކަމެއް ސީމާ އޭނައަށް ޖައްސާތީއެއްނޫނެވެ. އަމިއްލަ ދިރިއުޅުމުގައި ދިމާވެފައިވާ ހިތްދަތި ކަންތައްތަކާ ދުރުވުމައް އަބަދު ކޮންމެސް މަސަތްކަތަކާއިގެން އުޅެވޭތޯބަލަނީއެވެ.
އެކަނި ވުމުން ހިތުގަވާ ރިހުންތައް ކަރުނައިގެ ސިފާގައި ބޭރުވަނީއެވެ.
އަބަދުވެސް ސަކަރާތާ މަޖަލުގައި ދުވަސްތައް ވޭތުކުރަމުން އައި އެއަންހެން ކުއްޖާގެ ދިރިއުޅުން މިހާރުވަނީ ހިމޭންވެފައެވެ.
ހިތުގައިވާ ރިހުންތައް ބޭރުކުރާކަށް އެހިތައް ހަމަޖެހުމެއް ހޯދަން ވާހަކަ ދައްކާލާނެ އެއްވެސް މީހެއްނެތެވެ.
މަންމައެއް ހުރީތީ މަންމަގެ ލޯތްބެއް ނުލިބެއެވެ. ދުރުމީހެކޭ އެއްވެސް ތަފާތެއްނެތެވެ. އެރަށަށް އައިސް ވަތްން ދުވަހު އަނގައިން ބުނިގޮތަށް ދެދުވަސް ވީ އިރު އެމަންމަ އަނގައިން ބުނީ އެންމެ ދެފަހަރުއެވެ.
ކިޔަވާ ނިމިގެން އައި އިރު ހުރި ރީތި ހަށިގަނޑު މިހާރު ދުވަހުން ދުވަހަށްދަނީ ހިކި އަނަރޫފަ ވަމުންނެވެ.
ކިތަންމެ ހިތްވަރެއް ކުރިޔަސް އެހިތުން ނާއިކްގެ ލޯބި ނެރެލެވޭނެ ގޮތެއް ނޭނގުނެވެ. އަބަދާއި އަބަދު ހިތް އެދި ގޮވަނީ ނާއިކްއަށެވެ.
އަބަދާއި އަބަދު އެހިތް އެދި ގޮވަނީ ނާއިކްގެ އަޑު އަހާލުމަށެވެ. ނަމަވެސް ހިތުގެ މައްޗައް ތަމަން ބާޜުފޯރުވަނީ ނާއިކުގެ ބޭވަފާތެރިކަން ހަދާންކޮއްފައެވެ.
ކައިވެނީގެ ރޭ އެމޫނުމަތިން ފެންނަން ހުރި ހިނިތުންވުން ތަމަން ގެ ހިތަށް އުދަގޫކުރަނީއެވެ.
ކައިރީ ހުރި އަންހެން ކުއްޖާއާއި ދޭތެރޭ ހަސަދަވެރި ވެވުނީ މުޅި ހަޔާތުގައިވެސް ލޯބިވި މީހާގެ އަތްންބެއްގެ މަގާމު އޭނައަށް ނުލިބި އެމަގާމް އެކުއްޖާއަށް ލިބުމުންނެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް