ސިނަމާލެ ބްރިޖުގެ ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުއްޓާ ސައިކަލެއްގައި ޖެހި ބޮޑެތި އަނިޔާތައް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ހޯމް މިނިސްޓަރު މިއަދު ހޮސްޕިޓަލަށް ވަޑައިގެން، އެ އޮފިސަރަށް ހިތްވަރު ދެއްވައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދާ އެ އޮފިސަރާ ބައްދަލުކުރެއްވުމަށް ވަޑައިގެންނެވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާނެވެ. އެ ޒިޔާރަތުގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކްރީވެސް ބައިވެރިވެލެއްވިއެވެ.
ގައުމީ ވާޖިބު އަދާކުރުމުގައި ފަސްޖެހުމެއް ނެތި އެ އޮފިސަރު ދެއްކި ހިތްވަރާއި ސާބިތުކަމަށް މިނިސްޓަރު ތައުރީފުކުރެއްވިއެވެ. އަދި ރައްޔިތުންނަށް އޭނާ ދެމުންދާ ހިދުމަތުގެ އަގު ވެސް ފާހަގަކުރެއްވިއެވެ. އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގާނޫނު ތަންފީޒުކުރުމުގައި ފުލުސް އޮފިސަރުން ކުރަމުންދާ ގުރުބާނީއަށް މިނިސްޓަރު ޝުކުރު ދެންނެވިއެވެ.
ދަތި މި ދަނޑިވަޅުގައި އޮފިސަރުގެ އާއިލާއަށް ވެސް މިނިސްޓަރު ހިތްވަރު ދެއްވިއެވެ. ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރާއި ފުލުސް މުއައްސަސާއިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އާއިލާއަށް ދެއްވިއެވެ.
ހާދިސާ ހިނގީ 2026 އޮކްޓޫބަރު 17 ވަނަ ދުވަހުގެ ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭގެ މާލެއިން ހުޅުމާލެއަށް ދާ ލޭނުގައެވެ. ނުރައްކާތެރި ގޮތުގައި އުޅަނދު ދުއްވުން ހުއްޓުވުމަށް ގާއިމުކުރި ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުއްޓާ، ބާރު ސްޕީޑުގައި ދުއްވައިގެން އައި ސައިކަލެއް ބެރިކޭޑެއްގައި ޖެހި އެ އޮފިސަރުގެ ގައިގައި ޖެހުނީއެވެ.
އެ ޗެކް ޕޮއިންޓަކީ މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ފުލުހުން ގާއިމުކުރި ޗެކްޕޮއިންޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް