ކޮކްރޯޗް ޖަންތާ ޕާޓީގެ ބާނީ އަބީޖީތު ޑިޕްކޭ ހައްޔަރުކޮށްފި

ކޮނޯޓް ޕްލޭސްގައި ހުއްދަ ނެތި ބޭއްވި ތިރަންގާ ރެލީއާ ގުޅިގެން ސީޖޭޕީގެ ބާނީ ޑިޕްކޭ ދިއްލީ ފުލުހުން ހައްޔަރުކޮށްފި. ހަފުތާއެއްގެ ތެރޭގައި އޭނާ ބަންދުކުރި ދެވަނަ ފަހަރެވެ.

17 Oct 2026 | 09:09
ކޮކްރޯޗް ޖަންތާ ޕާޓީގެ ބާނީ އަބީޖީތު ޑިޕްކޭ ހައްޔަރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ބާނީ ހައްޔަރުކޮށް، ސަބްޑިވިޝަނަލް އެކްޒިކެޓިވް މެޖިސްޓްރޭޓް (އެސްއީއެމް) ކޯޓަށް ހާޒިރުކުރަން ހަމަޖައްސާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ހައްޔަރުކުރީ އެ ޕާޓީގެ ބާނީ އަބީޖީތު ޑިޕްކޭއެވެ. އޭނާ ހައްޔަރުކުރީ ނިއު ދިއްލީގެ ކޮނޯޓް ޕްލޭސްގައި އޮންނަ ސެންޓްރަލް ޕާކުގައި ހުކުރު ދުވަހު ސީޖޭޕީން ބޭއްވި "ލެހެރާ ދޯ ތިރަންގާ" ރެލީއާ ގުޅިގެންނެވެ.

ސީޖޭޕީގެ ގާނޫނީ ކަންކަމުގެ ވެރިޔާ ރަތުނާ ސިންގް ބުނީ ޑިޕްކޭ ބަހައްޓާފައިވާ ތަނެއް އަދިވެސް ނޭނގޭ ކަމަށާއި، ވަކީލުންނަށް އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. ރަތުނާވެސް ފުލުހުން ބަންދުކުރި ނަމަވެސް، ކުރު ވަގުތަކަށްފަހު ދޫކޮށްލާފައިވެއެވެ.

"އަބީޖީތު ހައްޔަރުކޮށް، އެސްއީއެމް ކޯޓަށް ހާޒިރުކުރާނެ. އޭނާ ހުރި ތަނެއް އަދިވެސް ނޭނގޭ. ވަކީލުން ބައްދަލެއް ނުކުރޭ،" ރަތުނާ ބުންޏެވެ.

ރެލީގެ ކުރިން ދިއްލީ ފުލުހުން ޑިޕްކޭއަށް ނޯޓިހެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބާރަތިޔާ ނާގަރިކް ސުރަކްޝާ ސަންހިތާ (ބީއެންއެސްއެސް) ގެ 163 ވަނަ މާއްދާގެ ދަށުން ދިން އެ ނޯޓިހުގައި ބުނެފައިވަނީ ކޮނޯޓް ޕްލޭސްއަކީ މުޒާހަރާ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ނޫން ކަމަށާއި، ނިއު ދިއްލީ މުނިސިޕަލް ކައުންސިލް (އެންޑީއެމްސީ) އިން ތިރަންގާ ޔާތްރާއަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. އެ ސަރަހައްދުގައި ހިނގަމުންދާ މަނާކުރުމުގެ އަމުރުތަކާ ހިލާފަށް މީހުން އެއްކުރުމުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ނޯޓިހުގައި ދީފައިވެއެވެ.

ހަފުތާއެއްގެ ތެރޭގައި ދިއްލީ ފުލުހުން އަބީޖީތު ޑިޕްކޭ ބަންދުކުރި މިއީ ދެވަނަ ފަހަރެވެ. ކުރިން އޭނާ ބަންދުކުރީ ސްޕެޝަލް އިންޓެންސިވް ރިވިޝަން (އެސްއައިއާރު) ގައި އިންތިހާބީ ލިސްޓުތަކަށް ބަދަލު ގެނައި ކަމުގެ ތުހުމަތުގައި، ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރާ ދެކޮޅަށް ބާއްވާ މުޒާހަރާއެއްގައި ބައިވެރިވުމަށް މުމްބާއީން ދިއްލީއަށް އައިތަނާއެވެ. ސީޖޭޕީ ހިންގުމުގައި ހަރަކާތްތެރިވާ އިސް ދެ ވެރިން ކަމުގައިވާ ސޯރަވް ދާސް އާއި އާޝްތޯޝް ރަންކާ ފަސް ދުވަހަށް ޖުޑީޝަލް ބަންދަށް ފޮނުވާފައިވަނީ، މުޒާހަރާ ކުރުމަށް ކަނޑައަޅާފައިވާ ޖަންތަރް މަންތަރްގެ ބަންދު ސިފައިން އުވާލުމުން ޖެހިގެން އައި ދުވަސް ކަމުގައިވާ ، އޮކްޓޫބަރު 13 ވަނަ ދުވަހު، އެ ސަރަހައްދަށް ވަދެ ގައުމީ ދިދަ ވިހުރުވި ކަމުގެ ތުހުމަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް