ސޯޝަލްމީޑިއާ އިން މިއަދު ފެނުނު މަންޒަރަކުން ހިތްކުދިކުދި ވެއްޖެއެވެ. ދަރިވަރަކަށް އެހެން ދަރިވަރުނތްކައް އަނިޔާކުރަނީއެވެ. މިހާރު ބަހުން ބުނާނަމަ ބުލީ ކުރަނީއެވެ. އެ އަނީޔާލިބޭ ކުއްޖާގެ ހިތަށް އަރާނެ އެއްޗަކާއި އެނާއަށް އެވަގުތު ކުރެވޭނެ އިހްސާސްތައް ހިތައް އިރާފަ، ދެރަވަނީއެވެ. ރުޅިވެސް އަންނަނީއެވެ. އެ ކުއްޖާ ކަކޫ މައްޗަށް ތިރިވެ އެކުރާ އާދޭހުގެ އަޑު ކަންފަތުގައި ހަރުލީއެވެ. އަދި އެ އަނިޔާ ދޭ ކުދިންގެ ވިސްނުން ޖެހިލުމެއްނެތި އެހެން ކުއްޖަކަށް އަނިޔާވެރިވާ ހިސާބަށް ދިޔައީ ކޮންބައެއްގެ އިހްމާލުންތޯ ހިތާހިތާ ސުވާލުކޮށްލެވުނެވެ. މިއަދު މާދަމާ ތިބާގެ ދަރިއަށް ނުވަތަ އާއިލާގެ ކުއްޖަކަށް މިކަން ދިމާވެއްޖެނަމަ ދެން ވާނީ ކިހިނެއްތޯއެވެ.
އަޅުގަނޑުމެން އެންމެން ފެއިލްވެއްޖެއެވެ. އެ އަނިޔާކުރި ކުދިންގެ މައިންބަފައިންނެވެ. އެ ކުދިންގެ މުދައްރިސުންނެވެ. އެ ކުދިންނާ ގުޅޭ ޕޮލިސީ ހަދާ މީހުންނެވެ. މި ގައުމުގައި ސިޔާސަތު އެކުލަވާލާ ސިޔާސީ މީހުންނެވެ. ވަކި ޕާޓީއެއް ނޫނެވެ، ހުރިހާ ޕާޓީތަކެވެ. މުޅި މުޖްތަމައުއެވެ. ގަބޫލުކުރައްވާށެވެ. ފެއިލްވެއްޖެއެވެ. ގޯހެއް ނުހެދޭނަމަ މި މަންޒަރު ތަކުރާރުކޮށް ނުފެންނާނެއެވެ. ޒިންމާއިން ބަރީއަވާން ނުއުޅުއްވާށެވެ. ކަމެއް ރަނގަޅުކުރުމަށް އެޅޭނެ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ފިޔަވަޅަކީ ކުށެއް ކުރެވިއްޖެކަން ގަބޫލުކުރުމެވެ.
ޑިމޮކްރަސީއަށް ކުރި ދަތުރުގައި ހައްގުތަކުގެ ބާރާއި ވިދުވަރު މާގަދަވީއެވެ. ޒިންމާގެ ވާހަކަ ވަޅުލެވުނީއެވެ. ޑިމޮކްރަސީވެސް ގެންނަންޖެހެއެވެ. އެހެނަސް އޭގެ ރަނގަޅު ގޮތުގައެވެ. ހައްގުތައް ގިނަ ވެގެން ގޮސް ދަރިވަރުން ކޮންމެ ކުށެއް ކުރިއަސް އަދަބު ނުދެވާ ހިސާބަށް ދިއައިމާ އޭގެ ނަތީޖާ މި ފެންނަނީއެވެ. ފަހަރެއްގައި ވެސް އަނިޔާވެރި އަދަބުދޭ ވާހަކައެއް ނޫނެވެ. އުމުރާއި ގުޅޭ އަދަބެވެ. ގޯހާއި ކުށަށް އަދަބު ދިނުމަކީ ތަބީއީ ކަމަކަށް ވާންޖެހެއެވެ. ދަރިވަރުން ޓީޗަރުންނަށް އަނިޔާކޮށް އަނެއް ދަރިވަރަށް އަނިޔާކުރާ ހިސާބަށް ދިއުމުން މި މުޖްތަމައު ފެއިލްވެފައިވާ މިންވަރު ހާމަވެއެވެ.
މި ގައުމުގެ މުސްތަގުބަލަށްޓަކައި މިކަން ހައްލުކުރަންޖެހެއެވެ. އެހެން ނޫންނަމަ މި ގައުމުގެ މުސްތަގުބަލް އޮތީ ވަރަށް ބަނަކޮށެވެ. ކަމާގުޅޭ ހުރިހާ އެއްމެން އެންމެން އެއްމޭޒަކަށް އައިސް ބޯގުދުކޮށްގެން ތިބެ ވިސްނާލަންއެބަޖެހެއެވެ. ތިމާގެ ކުށް ތިމާ ގަބޫލުކޮށް މަޝްވަރާކުރަން އެބަޖެހެއެވެ. ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލް ހިންގާ ފަރާތްތަކާއި ކަމާގުޅޭ ހުރިހާ އިދާރާތަކުން ޒިންމާދާރުވާން އެބަޖެހެއެވެ. މިއަދަށްޓަކައެއްނޫނެވެ. މާދަމާއަށްޓަކައެވެ. ދީނީ އަދި ގައުމީ ލޯބިހުރި ދިވެއްސެއް އުފައްދާށެވެ. އެހެންމީހުންނަށް އިހްތިރާމްކުރާ އެމްޕަތީ ހުރި ޒުވާނެއް އުފައްދާށެވެ. ތިމާގެ ނަފްސާގެ އަނެކާގެ ނަފްސަށް އަނިޔާވެރި ނުވާ ޒުވާނެއް އުފައްދާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް