ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް ބިރުދައްކައި، އެ ފަރާތްތަކާ ދެކޮޅަށް ދޮގު ވާހަކަ ފެތުރުން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓަރު މިއަދު އިދިކޮޅު ހަރަކާތްތަކަށް ގޮވާލައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މި ގޮވާލުން ގޮވައިލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ސިޔާސީ ހިޔާލު ތަފާތުވުމަކީ އިންވެސްޓަރުންނާ ދެކޮޅަށް ކެމްޕެއިނެއް ހިންގުމަށް ސަބަބަކަށް ވާންވާ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންގެ ހެޔޮ ކަމާއި، އިންވެސްޓްމަންޓުން ހުޅުވިގެންދާ ފުރުސަތުތަކަށްޓަކައި ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކުރުން މެދުކަނޑާލަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވަނީ، މިފަދަ ކަންކަން ހުއްޓާލުމަކީ ގައުމުގެ ކުރިމަގަށް މުހިންމު ކަމެއްކަމަށެވެ. ބައިނަލްއަގުވާމީ ވިޔަފާރީގެ ވާދަވެރިކަމުގައި މިކަހަލަ ދޮގުތަކުން ފައިދާ ލިބޭނީ އެހެން ފަރާތްތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެއެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ތަނބަކީ ފަތުރުވެރިކަން ކަމަށާއި، އެ ދާއިރާގެ ޓްރެންޑުތައް މެދުނުކެނޑި ބަދަލުވަމުން ދާ ކަމަށެވެ. އެމަނިކުފާނު ލިޔުއްވާފައިވަނީ "ނަފުރަތާއި ދޮގާއި ހަސަދައަކުން މިއިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ" ކަމަށެވެ.
ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނު ކަމަށާއި، ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ރާއްޖޭގައި ހިންގޭކަށް ނެތް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން، ކަންކަމުގެ ހަގީގަތް ބެއްލެވުމަށާއި ދޮގު ހަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް ސައީދު އެދިވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް