އިންސްޕެކްޓަރ ކޯހުގެ ހަވަނަ ބުރު ފުރިހަމަކުރި 35 ފުލުހަކަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތެއް މިއަދު އިސްކަންދަރު ބިލްޑިންގގައި ބާއްވައިފިއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން ބައިވެރިވެލެއްވިއެވެ. އެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޯހުގެ މުދައްރިބުން ވެސް ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ފުލުހުން ބުނާ ގޮތުގައި، އެ ކޯސް ކުރިއަށް ގެންދިޔައީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ. މި އަހަރުގެ އޮގަސްޓް 2 އިން ފެށިގެން ނުވަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯސް ފުރިހަމަކުރީ 31 ފިރިހެން ފުލުހަކާއި ހަތަރު އަންހެން ފުލުހަކު ހިމެނޭ ގޮތަށް 35 ފުލުހަކު ކަމަށް ފުލުހުން ބުނެއެވެ.
ކޯހުގައި ފުލުހުންގެ ޤާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ.
އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ތަމްރީނު ދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. އެ ކޯހުގެ ސަބަބުން މުވައްޒަފުންގެ ޢިލްމާއި ހުނަރު އިތުރަށް ތަރައްޤީވެ، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރާނެ ފުލުހުން ތައްޔާރުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް