މާލޭ އުތުރު ފަރާތު ބަނދަރުގައި ތަރައްގީކުރާ ފިންގަރ ޖެޓީތަކުގެ ތަނބު ޖެހުމުގެ މަސައްކަތް އަންނަ ހަފުތާއަށް ނިމި، ކޮންކްރީޓް އެޅުމުގެ މަރުހަލާ ފެށޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި 15 މީޓަރުގެ ޖެޓީތަކަށް ބޭނުންވާ ތަނބުތައް މިހާރު ޖެހެމުންދާއިރު، ދަގަނޑު ރެއިންފޯސްމަންޓުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. ތަނބު ޖެހުން އަންނަ ހަފުތާ ތެރޭ ނިންމައިލެވޭނެ ކަމަށާއި، އެއާ ވިދިގެން ކޮންކްރީޓުގެ މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

ޖުމްލަ 18.98 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގައި ހަ ޖެޓީއެއް ބިނާކުރުމަށް ރޭވިފައިވެއެވެ. އެއީ 25 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީއާއި، 15 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީއެވެ.
އެމްޓީސީސީން ބުނީ މި ޖެޓީތައް ނިމުމުން ބަނދަރު ތޮއްޖެހުމުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށެވެ. ބޭރުގައި އޮންނަ ލޯންޗަކަށް އެރުމަށް މަގަތުގައި ހުންނަ ލޯންޗުތައް ހުރަސްކޮށް ދާން ޖެހޭ ދަތި ހާލަތު ނިމުމަކަށް އަންނާނެ ކަމަށާއި، ކުޑަކުދިންނާއި އިސްރަށްވެހިންނާއި ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން ގިނަ އުޅަނދުތަކަކަށް އެއް ފަހަރާ ޖެޓީއާ ކައިރިކުރެވި، ދަތުރުވެރިން އެރުމާއި ފޭބުމުގެ ރައްކާތެރިކަން ވެސް ބޮޑުވެގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް