ކާމިޔާބީގެ ސިއްރު: ފައްކާކުރި އަތް ބުރިކޮށްލަން ޖެހި، ވައަތް ފައްކާކޮށް ކާމިޔާބު ހޯދި މީހާގެ ވާހަކަ

ކާމިޔާބީގެ ސިއްރު މި ނަމުގައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެއް އާޓިކަލް ގެނެސްދިނުމުގެ އުންމީދުގައި ކުރިއަށްމިގެންދާ ސެގްމެންޓަށް ކިއުންތެރިންނަށް މަރުހަބާ ދަންނަވަމެވެ. މިއަދުގެ ވާހަކައަކީ ހަގީގީ...

10 Dec 2017 | 23:14

ކާމިޔާބީގެ ސިއްރު މި ނަމުގައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެއް އާޓިކަލް ގެނެސްދިނުމުގެ އުންމީދުގައި ކުރިއަށްމިގެންދާ ސެގްމެންޓަށް ކިއުންތެރިންނަށް މަރުހަބާ ދަންނަވަމެވެ.

މިއަދުގެ ވާހަކައަކީ ހަގީގީ ވާހަކަ އެކެވެ. މިއީ "ހަތަރު އުދަރެސް ފެނު ޖެހުމުންވެސް" ކާމިޔާބީއާއި ހަމައަށް ވާސިލުވެ ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރި މީހެއްގެ ވާހަކަ އެވެ.

ނަމަކީ ޓަކާޗް ކެރޮލީއެވެ. ނިސްބަތްވަނީ ހަންގޭރީ އަށެވެ. އުފަންވީ 21 ޖަނަވަރީ 1910 ގައި އެވެ. އަދި މަރުވީ 5 ޖަނަވަރީ 1976ގައި އެވެ.

އަހަރަކީ 1938 އެވެ. އޭރު ޓަކާޗް ވަޒީފާ އަދާކުރަމުން ދިޔައީ ސިފައިންގޭގަ އެވެ. އޭނާ އޭރު މަސްހޫރު ވެފައި އޮތީ އަމާޒަށް ބަޑިޖެހުމުގައި ދުނިޔޭގެ ފެންވަރުގެ "ޝާރޕް ޝޫޓަރެއްގެ" ގޮތުގައި އެވެ. ގައުމީ ލެވެލްގައްޔާއި ސަރަހައްދީ ފެންވަރުގައިވެސް އެ ދާއިރާއިން ޓަކާޗް ބަލިކޮށްލެވޭ ފެންވަރުގެ ހަމަ އެކަކުވެސް ނެތީ އެވެ. ކިހާ ބޮޑު ކާމިޔާބީއެއް ތޯ އެވެ.

އެހެނަސް ޓަކާޗްގެ އަމާޒަކީ ގައުމީ އަދި ސަރަހައްދީ ފެންވަރުން ނިންމާލުމެއް ނޫނެވެ. އޭނާ އަމާޒު ހިފާފައި ހުރީ އޮލިމްޕިކްސް ރަން މެޑައްޔަށެވެ. ފަރިތަ ކުރަމުން ދިޔައީ 1940 ގައި ޓޯކިޔޯގައި ބޭއްވޭ އޮލިމްޕިކްސް ގޭމަށެވެ.

އެހެންނަމަވެސް ތަގުދީރު ނިޔާކުރީ ހީކުރި ގޮތަކަށް ނޫނެވެ. ކުރިއަށް ގެންދިޔަ ޓްރޭނިންގ އެއްގައި ޓަކާޗްގެ އަތަށް، އަތު ބޮމެއް ގޮވި އެވެ. އޭނާގެ ކަނާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ބުރި ކޮށްލަން ޖެހުނެވެ. ހަސްފަތާލުގައި ދެތިންމަސް ހޭދަކުރަން ޖެހުނެވެ. މިކަމެއް ދިމާވީ އޮލިމްޕިކްސް ގޭމްސް ފެށެން ހަމަ އެންމެ ދެތިން މަހަށް ގާތް ވެފައި ވަނިކޮށެވެ.

ކިޔުންތެރިން ވިސްނާލާށެވެ. ހޮސްޕިޓަލުގައި އެނދުމަތިވެ އެތައް ދުވަހަކު އޮންނަން ޖެހުނު އިރު ޓަކާޗްގެ ހިތަށް އަރާފައިބާނެ ޝަކުވާތަކާއި ކުރާނެ ހިތާމަ ވިސްނާލާށެވެ. އެއްކޮޅުން އޭނާ ވާޒީފާއިން ރިޓަޔަރ ކުރަން ޖެހޭކަމުގެ ހިތާމަ އެވެ. އަނެއް ކޮޅުން އޭނާގެ ކަނާތް ބުރިކޮށްލުމުގެ ހިތާމަ އެވެ. އަދި ހަމަ އެހެންމެ އޭނާގެ ދެކެމުން އައި ހުވަފެން ވިއްސި ވިހާލިވި ކަމުގެ ހިތާމަ އެވެ. ވަޒީފާ ގެއްލި، އޭނާގެ "ބެސްޓް ހޭންޑް" ވެސް އޭނާއަށް ގެއްލުނީ އެވެ.

އާންމު އުސޫލަކުން ބަލާނަމަ މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިންސާނާ ކަރު އެލުވާލައި، ދެކެމުން އަންނަ ހުވަފެން ކަފުންކޮށް ވަޅުލައި ދިރިއުޅުން މަތިން ފޫހިކޮށްލަ އެވެ. އެހެންނަމަވެސް ޓަކާޗް ހޮސްޕިޓަލުން ނިކުތީ އިތުރު އަޒުމަކާއި ހިތްވަރަކައިގެންނެވެ.

ގެއްލުނު އެއްޗަކާމެދު ވިސްނާކަށް ޓަކާޗް ބޭނުމެއް ނުވި އެވެ. އޭނާގެ ކަނާތަކީ "ބެސްޓް ހޭންޑަށް" ހެދީ ހުދު އޭނާކަން އޭނާއަށް އެނގެ އެވެ. އެހެންކަމުން ހަމަ އެބީދައިން އޭނާގެ "އޮންލީ ހޭންޑް" ފައްކާ ނުކުރެވޭންވީ ސަބަބެއް ނެތްކަން އޭނާ ގަބޫލު ކުރި އެވެ.

އޭނާ އެކަން ކުރަމުން ދިޔައީ އެއްވެސް މީހަކަށް އެކަން ނުއެނގޭ ގޮތަށެވެ. ބަޔަކަށް އެކަން އެނގިއްޖެނަމަ ދެން ވާނޭގޮތް ކިޔުންތެރިންނަށް އެނގޭ ނޫންހެއްޔެވެ. ހަމްދަރުދީވާނެ އެވެ. ނުވަތަ ހަމްދަރުދީ ވާކަމަށް ހެދޭނެ އެވެ. ތިކަން ތިބާއަށް ނުވާނެތޭ އެމީހުން ބުނާނެ އެވެ. ނުވާނެ ކަމުގެ ހެއްކާއި ދަލީލުވެސް ދައްކާނެ އެވެ. ޓަކާޗް މުޅި ދުނިޔެއަށް ސިއްރުން އޭނާގެ ވައަތް ޓްރެއިން ކުރަމުން ގެންދިޔައީ މީހުން ދައްކާ ވާހަކައިން އޭނާ "ޑިމޯޓިވޭޓް" ކޮށްލަފާނެ ކަމަށް ވިސްނައިގެންނެވެ.

ޖެހިގެން އައި އަހަރު ކަމުގައިވާ 1939 އަށް ޖެހިލަމާ ހެއްޔެވެ.

ހަންގޭރީގެ ގައުމީ ފިސްތޯލަ ޝޫޓިން ޗެމްޕިއަންޝިޕް ކުރިއަށްދަނީ އެވެ. އަމާޒަށް ބަޑި ޖެހުމުގައި ގައުމުގެ އެންމެ ކުރީ ސަފުގައި އުޅޭ ނޯޖަވާނުން ތިބީ އެކަކު އަނެކަކު ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށް ކެތްމަދުވެފަ އެވެ. އެވަގުތު އެތަނަށް ޓަކާޗް ދިއުމުން އެމީހުން ޓަކާޗް އަށް ހަމްދަރުދީވެ ޓަކާޗް ހިތްހަމަ ޖައްސާލުމުގެ ނިޔަތުގައި ބުންޏެވެ.

"ދިމާވި ހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހުވެސް އަހަރެމެންގެ މި މުބާރާތް ޝަރަފުވެރިކޮށްދީ، އަހަރެމެންނަށް ހިތްވަރު ދޭން އައީތީ ޝުކުރިއްޔާ އެވެ." ޖަވާބުގައި ޓަކާޗް ބުންޏެވެ. "އަހަރެން މިއައީ ޝަރަފުވެރި ކޮށްދޭކަށް ނޫނެވެ. އަދި ހިތްވަރު ދޭކަށްވެސް ނޫނެވެ. މިއައީ މި މުބާރާތް ކާމިޔާބު ކުރާށެވެ" މުބާރާތުގައި ބައިވެރިވި މީހުންނަށް އިތުރު ހައިރާން ކަމެއް ލިބުނީ މުބާރާތުން ޓަކާޗް އެއްވަނަ ހޯދުމުންނެވެ.

ޓަކާޗް ދެކެމުން އަންނަ ހުވަފެނަކަށް ބަދަލެއް ނާދެ އެވެ.

ބޮޑު ހަނގުރާމައިގެ ސަބަބުން 1940 އަދި 1944 ގެ އޮލިމްޕިކް ކެންސަލް ކުރަން ޖެހުނެވެ. އެހެންނަމަވެސް ޓަކާޗް ކުރަމުން އައި އިންތިޒާރަށް ބަދަލެއް ނުގެނެ އެވެ. ހަމަ ކޮންމެ ދުވަހަކު އޭނާ ދިޔައީ ޕްރެކްޓިސް ކުރަމުންނެވެ.

ޓަކާޗް އަށް އޮލިމްޕިކްސް ގައި ބައިވެރިވެވުނީ 1948ގައި އެވެ. ދުނިޔޭގެ އެކި ގައުމުތަކުން، އަމާޒަށް ބަޑިޖެހުމުގައި އެންމެ މޮޅު ކުޅުންތެރިން ބައިވެރިވި އެވެ. އެ މުބާރާތުގައި އެ އެންމެހާ ބައިވެރިން އަމާޒަށް ބަޑިޖެހީ އެމީހުންގެ "ބެސްޓް ހޭންޑް" އިންނެވެ. ޓަކާޗް އެ މުބާރާތުގައި ބަޑިޖެހީ އޭނާގެ "އޮންލީ ހޭންޑް" އިންނެވެ. ނަތީޖާ އަކީ ތޯއެވެ. އުމުރުން 38 އަހަރުގައި އޭނާގެ ހުވަފެން ސީދާ ކުރި އެވެ. އޭނާ އޮލިމްޕިކް ރަން މެޑަލް ހާސިލު ކުރި އެވެ. ދުނިޔޭގެ ރެކޯޑެއްވެސް ގާއިމް ކުރުމަށްފަހުގަ އެވެ. އަދި އެވަރުންވެސް ހުއްޓާލީކީ ނޫނެވެ. ޖެހިގެން އައި، 1952 އޮލިމްޕިކްސްގައި ބައިވެރިވި އެ އަހަރުވެސް ރަން މެޑަލް ހާސިލު ކުރި އެވެ.

ޓަކާޗްގެ ވާހަކަ އިތުރަށް ހޯދަން ބޭނުން ނަމަ ގޫގަލްގައި the man with the only hand މިހެން ޖެހުމަށްފަހު ސާޗް ކޮށްލާށެވެ.

-----------------------------------------------------------------------

ކާމިޔާބީއަށް ވާސިލުވާން އަޒުމް ކަނޑައަޅާ، އެކަމަށް ގަދައަޅާ މަސައްކަތްކުރާ މީހާގެ އަޒުމް، ޓަކާޗް ހާ ވަރުގަދަ ވާންވާނެ އެވެ. އާހިރުގައި ކާމިޔާބީ ހާސިލު ކުރެވޭނީ އެކަމަށް ގަދަ އަޅައި މަސައްކަތްކޮށް ދިމާވާ ކޮންމެ ގޮންޖެހުމެއް ގިރާކުރުމުގެ ހިތްވަރު އެމީހެއްގެ ކިބައިގާ ހުރި މީހަކަށެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހުވެސް ކިޔުންތެރިންނާއި ބައްދަލު ކޮށްލުމުގެ އުންމީދުގައި ވަކިވެލާނަމެވެ.

-------------------------

މި ސެގްމެންޓްގެ އިތުރު ލިޔުންތައް:

ކާމިޔާބީގެ ސިއްރު: މާވަޑިއަކަށް ހަވާލު ކުރެވުނު އެންމެ ފަހު މަސައްކަތުގެ ވާހަކަ !

ކާމިޔާބީގެ ސިއްރު: ރަން ވަޅަކާއި ތިން ފޫޓު ކައިރިވެ އެ ނަސީބު ނުލިބުނު މީހާގެ ވާހަކަ !

ކާމިޔާބީގެ ސިއްރު: ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމުގައި ބީރުބޮލު ވަޒީރު ގަބޫލު ކުރިއެވެ.

ކާމިޔާބީގެ ސިއްރު: ވަޅަކަށް ވެއްޓުނު 10 އަހަރުގެ ކުއްޖަކު ސަލާމަތްކުރި ހަ އަހަރުގެ ކުއްޖާގެ ވާހަކަ !

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް