ކާމިޔާބީގެ ސިއްރު: ރަން ވަޅަކާއި ތިން ފޫޓު ކައިރިވެ އެ ނަސީބު ނުލިބުނު މީހާގެ ވާހަކަ !

ކާމިޔާބީގެ ސިއްރު މި ނަމުގައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެއް އާޓިކަލް ގެނެސްދިނުމުގެ އުންމީދުގައި ކުރިއަށްމިގެންދާ ސެގްމެންޓަށް ކިއުންތެރިންނަށް މަރުހަބާ ދަންނަވަމެވެ. މިއަދުގެ ވާހަކައަކީ އިބުރަ...

13 Nov 2017 | 06:33

ކާމިޔާބީގެ ސިއްރު މި ނަމުގައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެއް އާޓިކަލް ގެނެސްދިނުމުގެ އުންމީދުގައި ކުރިއަށްމިގެންދާ ސެގްމެންޓަށް ކިއުންތެރިންނަށް މަރުހަބާ ދަންނަވަމެވެ.

މިއަދުގެ ވާހަކައަކީ އިބުރަތުން ފުރިގެންވާ ހަގީގީ ވާހަކަ އެކެވެ. މިއީ އާރު. ޔޫ. ޑާބީ ނަމަކަށްކިޔާ މީހެއްގެ ވާހަކަ އެވެ. ހަޔާތުގައި ދިމާވި ކަމަކުން، ކާމިޔާބީ ހާސިލު ކުރުމަށް އޭނާ ފިލާވަޅު ލިބިގަތް ގޮތުގެ ވާހަކަ އެވެ.

އާރް ޔޫ ޑާބީ އަކީ އެމެރިކާގެ ވަޖިނިއާ ސިޓީގެ ރައްޔިތެކެވެ. މިއީ 1933 ގެ ވާހަކަ އެކެވެ.

އެ ޒަމާނަކީ އެމެރިކާގެ ހުޅަނގުން ގިނަ އަދަދަކަށް ރަން ކޮންނަމުން ދިޔަ ޒަމާނެއް ކަމުން ޑާބީގެ ބޮޑު ބޭބެއަކުވެސް "ރަން ބުއްދީގައި" ރަން ކޮންނާނެ ވަޅެއް ހޯދޭތޯ އަތްފުނާ އަޅަމުން ދިޔަ އެވެ. ރަން ވަޅެއް ފެންނާނެ ކަމުގެ ފުރިހަމަ އުންމީދާއި އަޒުމުގައި ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އޭނާއަށް ރަން އާރެއް ފެންނަން ފެށުމެވެ. އާރު ފެންނަ ނަމަ ރަންވަޅެއް ހުންނާނެ ކަމުގައި ޑާބީގެ ބޮޑުބޭބެ އަޑު އަހަ އެވެ.

ރަންވަޅެއް ކޮނުމަކީ މެޝިނަރީއާއި ނުލާ ވާނެ ކަމަކަށް ނުވާތީ، ފެނުނު ރަންވަޅަށް ފަސް އެޅުމަށްފަހު، ފާހަގަ ކުރުމަށްފަހު އޭނާ އެނބުރި އަވަށަށް ދިޔައީ އެކަމަށް ބޭނުންވާނެ އާލާތްތައް ހޯދުމަށެވެ. އާއިލާ މެމްބަރުންނާއި އަވަށްޓެރިންނަށް އެ އުފާވެރި ހަބަރު ދިނެވެ. އަދި އެ ރަންވަޅު އަތްފޯރާ ފަށަށް ގެނައުމަށް މެޝިނަރީޒް ބޭނުންވާނެ ކަމާއި އެ މެޝިނަރީޒް ގަތުމަށް ހަރަދުތަކެއް ހިނގާނެކަން އޭނާ އާއިލާ މެމްބަރުންނާއި އަވަށްޓެރިންނަށް ވިސްނައިދިނެވެ. އަދި އެކަމަށް ބޭނުންވާނެ ފަންޑު އާއިލާ މެމްބަރުންނާއި އަވަށްޓެރިންގެ އަތުން ހޯދުމަށްފަހު ރަންވަޅު ކޮނުމަށް ބޭނުންވާނެ މެޝިނަރީޒް އާއެކު ޑާބީ އަދި އޭނާގެ ބޮޑުބޭބެ، ބޮޑުބޭބެއަށް ފެނުނު ރަނުގެ އާރު ހުރި ސަރަހައްދަށް ދިޔަ އެވެ.

މެޝިނަރީސްގެ އެހީގައި ކޮންނަމުން ދިޔަ ވަރަކަށް، އެ ވަޅު ފުންވަމުން ދިޔަ ވަރަކަށް ޑާބީ އަދި އޭނާގެ ބޮޑުބޭބެގެ އުންމީދު ދިޔައީ އާ ވަމުންނެވެ. އެހެނަސް ކަންތައް ދިމާވީ އުންމީދު ކުރި ގޮތަކަށް ނޫނެވެ. ވަކި ހިސާބަކުން ރަނުގެ އާރު ގެއްލުނެވެ. ރަނުގެ އާރު އެހިސާބުން ގެއްލުނީ އެވެ. އެ އާރު އަލުން ފެނޭތޯ ކޮންމެވެސް ވަރަކަށް މަސައްކަތްކުރި ނަމަވެސް ޑާބީ އަދި އޭނާގެ ބޮޑުބޭބެ ކަރު އެލުވާލައި އެ މަސައްކަތް ހުއްޓާލި އެވެ. އަދި ނާއުންމީދީގައި ދެން މަސައްކަތްކުރީ ހަރަދުތަކެއް ކޮށްގެން ގަނެފައިވާ މެޝިނަރީޒްތައް ރަނގަޅު އަގެއްގައި ވިއްކާލެވޭތޯ އެވެ. ނަމަވެސް އާހިރުގައި އެ ތަކެތިވެސް ވިއްކާލަން ޖެހުނީ ބައު ދަގަނޑުގެ ގޮތުގަ އެވެ. އެންމެ ދެތިން ސަތޭކަ ޑޮލަރަށެވެ.

ދެން ކަން ހިނގިގޮތް ކިޔުންތެރިންނަށް އެނގޭތޯ އެވެ. ބައު ދަގަނޑުގެ ގޮތުގައި އެ މެޝިނަރީޒް ގަތް މީހާއަށް، ޑާބީ އަދި ޑާބީގެ ބޮޑުބޭބެ ކުރަމުންދިޔައީ ކީއްކަން އެނގުނެވެ. އަދި ރަން ކޮނުމުގައި ތަޖުރިބާކާރު އިންޖިނޭރެއްގެ އެހީތެރިކަން އޭނާ ހޯދި އެވެ. އެ އިންޖިނޭރު ލަފާދިން ގޮތުގައި ރަނުގެ އާރެއް ފެނި އެ އާރު މެދުކެނޑިއްޖެނަމަ އެއީ އުފާވެރިކަމުގެ ހަބަރެކެވެ. އެއީ އެ އާރު މެދުކެނޑޭ ހިސާބުން ސީދާ ތިން ފޫޓު އަޑީގައި ރަން ވަޅު ވާނެކަން އެތައް ބަޔަކު ތަޖުރިބާ ކޮށްފައިވާތީ އެވެ.

އެންމެ ދެތިން ސަތޭކަ ޑޮލަރަށް މެޝިނަރީޒްތައް ގަތް މީހާ އެ ރަންވަޅު ހޯދި އެވެ. އަދި އެ މަސައްކަތުން މިލިޔަން ޑޮލަރުގެ މަންފާ ހޯދި އެވެ. ޑާބީއާއި އޭނާގެ ބޮޑުބޭބެ އާއި އެ މެޝިނަރީޒް ގަތް މީހާގެ ތަފާތަކީ އެންމެ ތަފާތެކެވެ. ކަމުގެ ތަޖުރިބާ ކާރުންގެ ލަފާ ހޯދި ކަމެވެ.

---

އެ މެޝިނަރީޒްތައް ގަތުމުގައި ބޮޑު ހަރަދެއް ކުރީ ޑާބީ، އޭނާގެ އާއިލާ މެމްބަރުންނާއި އަވަށްޓެރިންގެ އަތުން ދަރަންޏަށް ހޯދި ފައިސާ ކަމުން އެ ދަރަނި އަދާ ކުރުމަށްވެސް ޑާބީއަށް އެތައް އަހަރަކު މަސައްކަތް ކުރަން ޖެހުނެވެ. ނަމަވެސް އެ ހިތި ތަޖުރިބާއިން ޑާބީއަށްވަނީ އަގުހުރި ފިލާވަޅެއް ލިބިފަ އެވެ. އެއީ ކާމިޔާބީ ހާސިލު ކުރެވޭނީ ދަތުރުގައި ކިތަންމެ ބޮޑު އަޑިގުޑަންގަނޑެއް ހުރަސް ކުރަން ޖެހުނަސް އެ އަޑިގުޑަންގަނޑު ހުރަސް ކޮށްގެން ކަމެވެ.

ޑާބީއަށް ދިރިއުޅުމުގައި ލިބުނު ފިލާވަޅުން ތަޖުރިބާ ލިބި އޭނާ ދެން ކުރަން ފެށި މަސައްކަތަކީ ލައިފް އިންސުއަރެންސް ވިއްކުމުގެ މަސައްކަތެވެ. އެ މަސައްކަތުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު އޭނާގެ އެ ވިޔަފާރިއަށް ނޫނެކޭ ބުނެ އެވެ. ނަމަވެސް "ރަން ވަޅު ވަނީ ތިން ފޫޓު އަޑީގައި ކަން" ޑާބީ ގަބޫލުކުރާ ހާލު އޭނާ ދިޔައީ އޭނާގެ ވިޔަފާރިއައިގެން ކުރިއަށެވެ. އެ މަސައްކަތުގައި ޑާބީ ދެމިހުރެ މިލިޔަން ޑޮލަރުގެ ފައިދާ ހަމަ އެކަނި އެ މަސައްކަތުން އޭނާ ހޯދި އެވެ.

----------

ކާމިޔާބީ ހާސިލު ކުރަން ކުރާ ދަތުރަކީ އެ ދަތުރެއްގައި އެތައް އަޑިގުޑަންތަކަކާއި ދަތި އުނދަގޫތަކާއި ކުރިމަތި ވާނޭ ދަތުރެކެވެ. އާހިރުގައި ކާމިޔާބު ލިބޭނީ އެ ހުރިހާ ހުރަސްތަކަކާއި އަޑިގުޑަންތަކެއް ގިރާ ކުރާ ފަރާތަކަށެވެ. ބޮޑު ކާމިޔާބީއެއް ހޯދުމަށް ކުރާ ކޮންމެ ދަތުރެއްގައިމެ ކުދި އެތަކެއް ނާކާމިޔާބީ އަންނާނެ ކަމީ ތާރީހު ހެކިދޭ ކަންކަމެވެ. އެފަދަ ކުދި ނާކާމިޔާބީގައި ހިތްވަރު ދޫކޮށް ކަރުއެލުވާލާ މީހާއަށް އާހިރުގައި ކާމިޔާބު ނުލިބެ އެވެ. ލިބެނީ ފިލާވަޅެކެވެ.

އަންނަ ހޯމަ ދުވަހުވެސް މި ސިލްސިލާގެ އައު އާޓިކަލް އެއް ކިޔުންތެރިންނަށް ގެނެސްދޭނެ ކަމުގެ އުންމީދުގައި ވަކިވެލާނަމެވެ.

ކުރީގެ އާޓިކަލް:

ކާމިޔާބީގެ ސިއްރު: މާވަޑިއަކަށް ހަވާލު ކުރެވުނު އެންމެ ފަހު މަސައްކަތުގެ ވާހަކަ ! 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް