ކާމިޔާބީގެ ސިއްރު: ވަޅަކަށް ވެއްޓުނު 10 އަހަރުގެ ކުއްޖަކު ސަލާމަތްކުރި ހަ އަހަރުގެ ކުއްޖާގެ ވާހަކަ !

ކާމިޔާބީގެ ސިއްރުގެ ނަމުގައި ކޮންމެ ހޯމަ ދުވަހަކު ގެނެސްދޭ މި ސެގްމެންޓްގެ މިއަދުގެ އާޓިކަލް އަށް ކިޔުންތެރިންނަށް މަރުހަބާ ދަންނަވަމެވެ. މި ސެގްމެންޓްގެ މަގްސަދަކީ ކިޔުންތެރިން "މޯޓިވޭޓް" ކުރުމާއި "އ...

03 Dec 2017 | 22:11

ކާމިޔާބީގެ ސިއްރުގެ ނަމުގައި ކޮންމެ ހޯމަ ދުވަހަކު ގެނެސްދޭ މި ސެގްމެންޓްގެ މިއަދުގެ އާޓިކަލް އަށް ކިޔުންތެރިންނަށް މަރުހަބާ ދަންނަވަމެވެ. މި ސެގްމެންޓްގެ މަގްސަދަކީ ކިޔުންތެރިން "މޯޓިވޭޓް" ކުރުމާއި "އިންސްޕަޔަރ" ކުރުމެވެ.

މިއަދުގެ ވާހަކަ އަކީ އިންޑިއާގައި ހިނގި ކަމަށް ދެކެވޭ ކަމެއްގެ ވާހަކަ އެކެވެ. ނަމަވެސް ހަގީގީ ވާހަކައެއްކަން ސާބިތު ކޮށްދޭނެ މާ ބޮޑު ހެއްކެއް ނެތެވެ. އެހެންނަމަވެސް މި ވާހަކައިގާވެސް ފުން މެސެޖެއް ވެ އެވެ. ވާހަކައައިގެން ކުރިއަށް ދާނަމެވެ.

---------------------------------------------------------

އުމުރުން އެންމެ ހަ އަހަރުގެ ބަންޓީ (އަސްލު ނަމެއްނޫން) އަދި އުމުރުން 10 އަހަރު ބަބްލީ (އަސްލު ނަމެއް ނޫން) އަކީ އިންޑިއާގެ އަވަށެއްގައި ދިރިއުޅެމުން ދިޔަ ދެ ކުދިންނެވެ. ސަމާސާކޮށް ސަކަރާތް ޖަހަމުން ގޮސް އެއް ދުވަހަކު މި ދެކުދިންނަށް އަވަށާއި ތަންކޮޅެއް ދުރަށް ދެވުނެވެ.

ދިމާވި ހާދިސާއެއްގައި އުމުރުން 10 އަހަރުގެ ބަބްލީގެ ފައި ކައްސާލައި ވަޅަކަށް ވެއްޓުނެވެ. ފެން ނެގުމަށް ހާއްސަ ކޮށްފައިވާ ވަޅެއް ކަމުގައި ބެލެވެ އެވެ. އުމުރުން ހަ އަހަރުގެ ކުއްޖާ ދެކޮޅު ހޯދާ ބަލާލުމަށްފަހު އެކުއްޖާއަށް އެ ވަޅުގެ އަނެއް ފަރާތުން ފެނުނު ބާލިދީއަކާއި ވާގަނޑެއް އެ ވަޅުގެ ތެރެއަށް އެއްލި އެވެ. އަދި 10 އަހަރުގެ ކުއްޖާ އެ ބާލިދީގައި ހިފުމުން، އުމުރުން ހަ އަހަރުގެ ކުއްޖާގެ މަސައްކަތުން އޭނާގެ އެކުވެރި ބަބްލީ އެ ވަޅުން ސަލާމަތް ކުރި އެވެ.

ދެ ކުދިން އެނބުރި އަވަށަށް ދިޔައީ އެ ވާހަކަ އަވަށުގެ މީހުންނަށް ކިޔައިނުދޭން ނިންމައިގެންނެވެ. ސަބަބަކަށްވީ މައިންބަފައިން ރުޅި އަތުވެދާނެ ކަމަށް ބަލައި އެކަމާ ބިރުންނެވެ.

ނަމަވެސް ބަބްލީ ހުރީ ތެމިފައި ކަމުން ބަބްލީގެ މަންމަ އެ ކުއްޖާ އާއި ސުވާލު ކުރި އެވެ. އަދި ބަބްލީ ވަޅަށް ވެއްޓުނު ވާހަކަ އާއި ބަބްލީ ސަލާމަތް ކޮށްދިނީ ބަންޓީ ކަމުގައި އެކުއްޖާގެ މަންމަ ގާތުގައި ބުންޏެވެ. ބަބްލީގެ ވާހަކަ ގަބޫލުކުރާކަށް ބަބްލީގެ މަންމަ ބޭނުމެއް ނުވި އެވެ. އެހެންކަމުން ބަބްލީ ގޮވައިގެން ދިޔައީ ބަންޓީ އުޅޭ ގެއަށެވެ. ހަ އަހަރުގެ ކުއްޖަކަށް 10 އަހަރުގެ ކުއްޖަކު ވަޅަކުން ނެގިދާނެކަން ބަބްލީގެ މަންމަގެ ސިކުނޑި ގަބޫލު ނުކުރީ އެވެ.

ބަބްލީ ގޮވައިގެން ބަންޓީ މެން ގެއަށް ދިއަ ވަގުތަކީ ބަންޓީ މެންގޭގައި އަވަށުގެ ބައެއް މީހުންވެސް ތިބި ވަގުތެކެވެ. ދިޔަ ގޮތަށް ގޮސް ބަބްލީ ދެއްކި ވާހަކަ ބަންޓީގެ މަންމަގެ ގާތުގައި ބަބްލީގެ މަންމަ ކިޔާދިނެވެ. ބަންޓީގެ މަންމަވެސް ނިންމީ ދެކުދިން ދޮގު ހަދަނީ ކަމުގަ އެވެ. އަދި ހަގީގަތް ކިޔާދިނުމަށް ބަންޓީ ގާތު ބަންޓީގެ މަންމަ ބުންޏެވެ. ތަކުރާރުކޮށް ބަންޓީ ބުނީ އެއީ ކަން ހިނގި ގޮތް ކަމުގަ އެވެ. އެހެނަސް ބަންޓީގެ އަދި ބަބްލީގެ މަންމަ އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ.

އެވަގުތު ބަންޓީ މެންގެ ގޭތެރޭގައި އިން އުމުރުން ވަރަށް ދުވަސްވީ މީހަކު އެ ވާހަކަ ގަބޫލު ކުރި އެވެ. އަދި އެ ދެކުދިންގެ ވާހަކަ ގަބޫލުކޮށް ދެކުދިންވެސް ފެންވަރަން ފޮނުވަން، އުމުރުން ދުވަސްވީ އެމީހާ އިލްތިމާސް ކުރި އެވެ. އުމުރުން ދުވަސްވީ މި މީހާއަކީ ރަށުގައި ބަސްވިކޭ، އަދި ގިނަ ބަޔަކު ބަލައިގަންނަ މީހަކަށް ވާތީ އެމީހާ ދައްކާ ވާހަކަ ރަށުގެ މީހުން އަބަދުވެސް ގަބޫލުކޮށް އުޅެ އެވެ. އެހެންކަމުން ބަންޓީ އަދި ބަބްލީ ފެންވަރަން ފޮނުވާލުމަށްފަހު، ބަންޓީ އަދި ބަބްލީގެ ވާހަކަ ގަބޫލު ކުރަނީ ކީއްވެތޯ ދެކުދިންގެ މަންމަ ސުވާލު ކުރި އެވެ.

އުމުރުން އެންމެ ހަ އަހަރުގެ ކުއްޖަކު، 10 އަހަރުގެ ކުއްޖަކު ވަޅަކުން ނަގާނީ ކިހިނެއްތޯ ސުވާލު އުފެއްދި އެވެ.

ބަންޓީ އަކީ މާ ފަލަ ނޫން ކުއްޖެއް ކަމުގައިވާއިރު ބަރުދަނުގެ ގޮތުން ދެގުނަ ބަރު ކުއްޖަކު ނެގިދާތޯ ސުވާލު އުފެއްދި އެވެ.

އަދި އުމުރުން އެންމެ ހަ އަހަރުގެ ކުއްޖެއްގެ ސިކުނޑިއަށް އެވަރުގެ ކަމެއް އަތުވެދާނެތޯ ސުވާލު އުފެއްދި އެވެ.

އުމުރުން ދުވަސްވީ މީހާ ޖަވާބު ދިނެވެ. މާ ދިގު ޖަވާބެއް ނޫނެވެ. އެމީހާ ބުންޏެވެ.

"ޕޮއިންޓަކީ އެކުއްޖާ އެކަން ކުރީ ކިހިނެއްތޯ އުފެދޭ ސުވާލެއް ނޫނެވެ. ޕޮއިންޓަކީ އެކުއްޖާ އެކަމާ ކުރިމަތިލި އިރު ކޮއްކޯއޭ ކޮއްކޮއަށް ތިކަމެއް ނުވާނޭ ބުނާނެ މީހަކު އެތާނގައި ފެންނާން ނެތް ކަމެވެ"

-----------------------------------------------------------------------

މިކަމާ ކިޔުންތެރިން އެއްބަސް ވަމުތޯ އެވެ.

ކަމެއް ކުރަން ހިތު އަޅައި އެކަމެއްގެ މަސައްކަތް ފަށާއިރު ރައްޓެހި ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންނާއި އެކަން އަހަރެމެން ހިއްސާ ކުރަމު އެވެ. ނަމަވެސް ގިނަ ފަހަރަށް ލިބޭ ޖަވާބަކަށް ވެފައި އޮންނަނީ "ތިކަމެއް ނުވާނެ" ކަމަށް ލިބޭ ޖަވާބެވެ. ނުވަތަ "މިހާރަކު ތިކަމުން ފައިދާ އެއް ނުވާނެ" ކަމަށް ބުނެ ލިބޭ ޖަވާބެވެ. އެއީ އެންމެ ގާތް މީހުން އެކަމެއްގައި ދެކޭ ގޮތް ކަމުން އަހަރެމެންނަށްވެސް އެކަން ގަބޫލު ކުރެވެ އެވެ.

އެހެނަސް "ތިކަމެއް ނުވާނޭ" "ތިކަމުން މިހާރަކު ފައިދާއެއް ނުވާނޭ" ބުނާ މީހާ އެކަން ކުރަނީ އެކަމެއް ތަޖުރިބާ ކުރުމަށް ފަހުގައިތޯ ސުވާލު އުފައްދަން ޖެހެ އެވެ. އަދި ގަދަ އަޅާ މަސައްކަތް ކޮށްފި ނަމަ ހަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެކަން ގަބޫލު ކުރަން ޖެހެ އެވެ. ހޯދާ ބަލާލުމުން ތާރީހު އެކަމަށް ހެކި ދެ އެވެ.

މިހާރަކު ތިކަމަކުން ފައިދާއެއް ނުވާނޭ ބުނާއިރު އެބުނާ މިހާރެއް ފެށެނީ އަދި ނިމެނީ ކޮން އިރަކުތޯ ސުވާލު އުފައްދާލުން ކީއްތޯއެވެ. އެއީ އެބުނާ މިހާރެއްގެ ވާހަކަ އަކީ އަބަދުވެސް މީހުން ދައްކާ އުޅޭ ވާހަކަ އެކެވެ.

ކާމިޔާބީ ސިއްރު، މި ސެގްމެންޓްގައި ކުރިން ގެނެސްދެވިފައިވާ ބައެއް ލިޔުންތައް.

ކާމިޔާބީގެ ސިއްރު: މާވަޑިއަކަށް ހަވާލު ކުރެވުނު އެންމެ ފަހު މަސައްކަތުގެ ވާހަކަ !

ކާމިޔާބީގެ ސިއްރު: ރަން ވަޅަކާއި ތިން ފޫޓު ކައިރިވެ އެ ނަސީބު ނުލިބުނު މީހާގެ ވާހަކަ !

ކާމިޔާބީގެ ސިއްރު: ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމުގައި ބީރުބޮލު ވަޒީރު ގަބޫލު ކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް