ކާމިޔާބީގެ ސިއްރު މި ނަމުގައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެއް އާޓިކަލް ގެނެސްދިނުމުގެ އުންމީދުގައި ކުރިއަށްމިގެންދާ ސެގްމެންޓަށް ކިއުންތެރިންނަށް މަރުހަބާ ދަންނަވަމެވެ.
މިއަދު މި ގެނެސްދޭ ވާހަކައަކީ އިންޑިއާގައި ކިޔާ އުޅޭ ފޯކްލޯ ވާހަކަ އެކެވެ. މި ވާހަކައިގާ އިބުރަތުން ފުރިގެންވާ މެސެޖެއް ވެ އެވެ. ވާހަކައަށްފަހު މި މެސެޖާއި ބެހޭގޮތުން ވާހަކަ ދައްކާލާނަމެވެ.
ބީރުބޮލު ވަޒީރޭ ކިޔާ އަޑު ކިޔުންތެރިން އަހަމުތޯ އެވެ. އަސްލު ނަމަކީ މަހޭސް ދާޝް އެވެ. ދުނިޔޭގައި އުޅުނު ކަމަށްވަނީ 1528 އިން 1586 އަށެވެ. ބީރުބޮލު ވަޒީރަކީ އަކްބަރު ރަސްގެފާނުގެ ވެރިކަމުގައި އެ ރަސްގެފާނުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭކަލެކެވެ.
ވާހަކައައިގެން ކުރިއަށްދާނަމެވެ. އެއް ދުވަހަކު އަކުބަރު ރަސްގެފާނު އޭނާގެ ލަޝްކަރު އެއްކުރައްވައި އިއުލާނު ކުރެއްވި އެވެ. މާދަމައަކީ ބުރާސްފަތި ދުވަސް ކަމުގައިވާއިރު ޝިކާރައަށް ދާން ޖެހޭނެ ކަމެވެ. ލަޝްކަރު ލީޑު ކުރާނީ ބީރުބޮލު ވަޒީރު ކަމެވެ.
ޖެހިގެން އައި ދުވަހު އަކުބަރު ރަސްގެފާނު ސިފައިންގެ 20 މީހުންގެ ލަޝްކަރަކާއެކު ބީރުބޮލު ވަޒީރާއެކު ޝިކާރައަށް ނިކުމެވަޑައިގެންނެވެ. ނިކުމެ ވަޑައިގެން އުޅުއްވުމުގެ ތެރޭގައި ދުނިދަނޑިއަކުން ޖެހި ރަސްގެފާނުގެ ޝަހާދަތް އިނގިލީގައި އަޅާފައި އޮތް އަނގޮޓި ކަނޑައިގެން ދިޔަ އެވެ.
ކަންވެރިކަން ރަނގަޅަށް ދަންނަ ހަކީމަކު ވަގުތުން ގެނައުމަށް ސިފައިންނަށް ރަސްގެފާނު އަމުރު ކުރެއްވި އެވެ. ކެނޑިފައި އޮންނަ އަނގޮޓިއެއް އަތުގައި އަޅައިގެން ހުރުމަކީ ނަސީބާއި ގުޅިފައިވާ ކަމެއްކަމުގައި ރަސްގެފާނު ގަބޫލުފުޅު ކުރައްވާތީ އެވެ.
އެހިނދު ބީރުބޮލު ވަޒީރު ވަރަށް އަދަބުވެރިކަމާއެކު ރަސްގެފާނަށް ދެންނެވި އެވެ. ސާހިބާ އެވެ. ޝިކާރަ ކުރުން ނިންމާފައި ގޮސްވެސް ތިޔަ އަނގޮޓީގެ ކަންތަކާ އުޅެވިދާނެ ނޫންތޯ އެވެ.؟ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމުގައިވެސް ބީރުބޮލު ވަޒީރު ވިދާޅުވި އެވެ.
ބީރުބޮލު ވަޒީރުގެ އެ ރައުޔު އަޑު އެއްސެވުމަށްފަހު ސިފައިންނަށް ކުރެއްވި އަމުރު ބަދަލުކުރެއްވި އެވެ. ބީރުބޮލު ވަޒީރު ބަނދެގެން ގެންގޮސް އެކޮޅު ކޮޅުން އެލުވާފައި ބޭއްވުމަށްފަހު މާދަމާގެ އިރު އަރާ ވަގުތު ބީރުބޮލު ވަޒީރުގެ ކަރު ބުރިކޮށްލުމަށް ސިފައިންގެ މައްޗަށް ރަސްގެފާނު އަމުރު ކުރެއްވި އެވެ.އަދި އެއަށްފަހު ހަކީމަކު ހޯދުމަށް އަމުރު ކުރެއްވި އެވެ. ރަސްގެފާނަކީ ރަސްގެފާނުގެ ނިންމެވުމަކާ ޖަދަލު ކުރާ ހަމަ ކޮންމެ މީހަކަށް މަރުގެ އަދަބު އިއްވާ ރަސްކަލެކެވެ.
ކޮންމެއަކަސް ރަސްގެފާނުގެ އަމުރުފުޅަށް ސިފައިން ކިޔަމަންވެ ބީރުބޮލުވަޒީރު ބަނދެގެން ގެންގޮސްފި އެވެ. އެ ސަރަހައްދަކީ ރަސްގެފާނުގެ ގަނޑުވަރާ މާ ދުރުނޫން ސަރަހައްދެއްކަމުގައި ރަސްގެފާނު ގިނިކަންޏާ މަޑުކުރެއްވީ ސިފައިން އެނބުރި އަންނާންދެނެވެ.
ރަސްގެފާނު އެކަނި ހުއްޓާ ޖަންގަލީގެ ތެރޭގައި ދިރިއުޅޭ ގަބީލާއެއްގެ ބަޔަކު ރަސްގެފާނު އަތުލައިގެންފި އެވެ. އެމީހުންގެ ގަބީލާ ދިރިއުޅޭ ސަރަހައްދަށް ގެންގޮސް އެމީހުން ގަސްތުކުރީ ރަސްގެފާނު ގަތުލު ކުރުމަށެވެ. ރަސްގެފާނުގެ ތާޖު ކޮޅު ބާލައި ހެނދުންކޮޅުވެސް އަތުލައި ކަރާއި އަތުގައި ހުރި ރަންތައްވެސް އެމީހުން އަތުލަން ފަށައިފި އެވެ. މިހެން މިކަން ކުރަނިކޮށް ޝަހާދަތް އިނގިލީގައި އޮތް އަނގޮޓިއަކީ ކަނޑައިގެން ގޮސްފައި އޮތް އަނގޮޓިއެއްކަން އެމީހުންނަށް އެނގުނެވެ. އެމީހުންގެ ތެރެއިން ދުވަސްވީ މީހަކު ބުންޏެވެ. ތިމީހާ ވަގުތުން ދޫކޮށްލާށެވެ. ނޫންނަމަ މުޅި ގަބީލާއަށް ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ އެވެ. ރަސްގެފާނަކީ ބަދުނަސީބުގެ ސާލު ވަށާލާފައިވާ މީހެއް ކަމުގައި ސިފަކޮށް އެމީހުން އެންމެ ފަހުން ރަސްގެފާނު ދޫކޮށްލި އެވެ. ޖަންގަލީގެ ތެރެއަށް އެއްލައިލި އެވެ.
ރޭގަނޑުގެ ވަގުތު ކަމަށްވުމާއި ގަނޑުވަރުގެ އަލި ފެންނަ ހިސާބަށް ދެވުމުން އަޑުން އަޑުނަގާ ރޮމުން ގަނޑުވަރާއި ދިމާއަށް ދުވަމުން ދިޔަ އެވެ. އޭރު ރަސްގެފާނު ހިތަށް އަރަމުންދިޔައީ ބީރުބޮލު ވަޒީރު ބުނި ވާހަކަ އެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމުގައި ރަސްގެފާނުވެސް ގަބޫލު ކުރި އެވެ. ރަސްގެފާނުގެ އަނގޮޓި ސަލާމަތުން އޮތްނަމަ ފުރާނަ ސަލާމަތް ނުވީސްކަން ރަސްގެފާނަށް އެނގުނީތީ އެވެ.
ކޮންމެއަކަސް ރަސްގެފާނަށް ގަނޑުވަރަށް ދެވުނު އިރު ބީރުބޮލު ވަޒީރު އޮތީ އެކޮޅުކޮޅުން އެލުވާފަ އެވެ. ބީރުބޮލު ވަޒީރު ދަންޖެއްސުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދިޔައީ ކުރަމުންނެވެ. ރަސްގެފާނު ދުވެފައިގޮސް ބީރުބޮލު ވަޒީރު ތިރިކުރުމަށްފަހު ބީރުބޮލު ވަޒީރުގެ ކިބައިން މައާފަށް އެދިވަޑައިގެންނެވި އެވެ. އަދި ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް ކަމުގައި ގަބޫލުކުރައްވާ ކަމުގައި ވިދާޅުވި އެވެ. ތަކުރާރުކޮށް މައާފަށް އެދިވަޑައިގެންނެވި އެވެ.
ބީރުބޮލު ވަޒީރު ވަރަށް އަދަބުވެރިކަމާއެކު ދެންނެވި އެވެ. ސާހިބާއެވެ. މައާފަށް އެދިވަޑައިގަތުމުގެ ބޭނުމެއް މިކަމުގައި ނެތެވެ. މިކަންވެސް މިވީ ހަމަ އެންމެ ރަނގަޅަކަށެވެ.
މިކަމުން ރަނގަޅަށް މިވީ ކީއްތޯ ހައިރާން ކަމާއެކު ރަސްގެފާނު ސުވާލު ކުރެއްވި އެވެ. އަދި ބީރުބޮލު ވަޒީރު ޖަވާބު ދެއްވި އެވެ. ހަކީމަކު ހޯދަން ރަސްގެފާނާއި "އަޅުގަނޑު" އެކަނިކޮށްފައި ސިފައިން އެހިނދު ދިޔަ ނަމައީ ރަސްގެފާނާއި "އަޅުގަނޑު" އެ ގަބީލާގެ ހައްޔަރަށް ދާނެ ނޫންތޯ އެވެ. މަނިކުފާނުގެ އަނގޮޓި ކެނޑިފައި އިނުމުން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް "އަޅުގަނޑު" ސަލާމަތްވާނީ ކޮން ފަދައަކުން ތޯއެވެ. !؟
-------------------------------------------------
އަހަރެމެން ހަޔާތުގައިވެސް މިއީ ވަރަށް ގިނައިން ދިމާވާ ގޮތެކެވެ. ކަމެއް ހިތާމަވެރި ކަމެއް ދިމާވެއްޖެ ނަމަ މިއީ ހުރިގޮތޭ ހިތާ ހަތަރު އުދަރެސް ފެނުޖެހި އެ ހާލަތުން އަރައިގަތުމަށް ހިތްވަރު ނުކުރެވޭ ގޮތް މެދުވެރި ވެ އެވެ. ނަމަވެސް އެކަމުން އަރައިގަނެވި ކާމިޔާބީގެ އިތުރު ހަރުފަތެއް ހާސިލުވުމުން އެކަމެއް އެ ދިމާވީ އެންމެ ރަނގަޅަކަށް ކަމުގައި ހިތަށް އަރާ ނޫންތޯ އެވެ.
ކާމިޔާބީ އަކީ ބުރަ މަސައްކަތާއި އެ މަސައްކަތެއްގައި ގިނަ ދުވަހު ދެމި ހުރެގެން ހާސިލުވާ ކަމެކެވެ. ކާމިޔާބީ ހާސިލުކުރަން މަސައްކަތް ކުރާއިރު އެތައް ގުރުބާނީތަކެއް ވާން ޖެހިދާނެ އެވެ. އެއީ ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކަމުގައި ވެދާނެ އެވެ. އާހިރުގައި ކާމިޔާބީ ހާސިލު ކުރެވޭނީ ދިމާވާ ވަގުތީ ގޮންޖެހުންތަކުން އަރައިގަނެ، ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމަށް ގަބޫލުކޮށް އެ ކަންކަމާ ކެރިގެން ކުރިމަތިލާ ކާމިޔާބީގެ ހަރުފަތްތައް ގިރާ ކުރާ ފަރާތްތަކަށެވެ.
އަންނަ ހޯމަ ދުވަހުވެސް މި ސެގްމެންޓްގެ އިތުރު ލިޔުމެއް ގެނެސްދިނުމުގެ އުންމީދުގައި ވަކިވެލާނަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް