ކާމިޔާބީގެ ސިއްރު: މާވަޑިއަކަށް ހަވާލު ކުރެވުނު އެންމެ ފަހު މަސައްކަތުގެ ވާހަކަ

އެއް ޒަމާނެއްގައި މަސައްކަތުގެ މާހައުލުގައި ނަން ހިނގާ ކާޕެންޓަރެއް އުޅުނެވެ. ތިރީސް ފަސް އަހަރު ވަފާތެރި ކަމާއެކު މަސައްކަތް ކުރުމަށްފަހު މަސައްކަތުން މުސްކުޅި ވުމުގެ ހިޔާލު ހިތުގައި އުފެދި އެ ހިޔާލު...

06 Nov 2017 | 00:45

އެއް ޒަމާނެއްގައި މަސައްކަތުގެ މާހައުލުގައި ނަން ހިނގާ ކާޕެންޓަރެއް އުޅުނެވެ.

ތިރީސް ފަސް އަހަރު ވަފާތެރި ކަމާއެކު މަސައްކަތް ކުރުމަށްފަހު މަސައްކަތުން މުސްކުޅި ވުމުގެ ހިޔާލު ހިތުގައި އުފެދި އެ ހިޔާލު ކުންފުނީގެ ވެރިމީހާ އާއި ހިއްސާ ކުރި އެވެ.

އެ ނިންމުމަކީ ވިސްނާފައި ނިންމި ނިންމުމެއް ނަމަ ވެރިމީހާގެވެސް އެދުމެއް އެބަ އޮތް ކަމުގައި މާވަޑިއާއި ހިއްސާ ކުރި އެވެ. އެންމެ ފަހު މަސައްކަތެއްގެ ގޮތުގައި ހަމަ އެންމެ ގެއެއްގެ މަސައްކަތް ނިންމާލަދޭން އެ މާވަޑި ކިބައިން ކުންފުނީގެ ބޮޑު މީހާ އެދުނެވެ.

35 އަހަރު ވަފާތެރި ކަމާއެކު މަސައްކަތްކުރި މާވަޑި ހިތާ ހިތުން ބުނެލި އެވެ. ވަފާތެރި ކަމާއެކު މިހާދުވަހު މަސައްކަތް ކުރުމުންވެސް ވެރި މީހާ އެވަރު ނުދަތެއް ނޫންހެއްޔެވެ.

ކޮންމެ އަކަސް އެބުނާ ގެއެއް ބިނާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެހެނަސް މިފަހަރު މި މަސައްކަތުގައި މާވަޑި އެ މަސްއޫލުވަނީ ހިތާއި ދެކޮޅަށް ބުރަ ހިތަކައިގެން ކަމުގައިވުމުން، އެ ގެ އިމާރާތް ކުރަން ބޭނުންކުރި ލަކުޑީގެ ފެންވަރު މާވަޑި ނުބަލަ އެވެ. އޭނާގެ ބުންވަރު މި މަސައްކަތުގައި ބޭނުމެއް ނުކުރެ އެވެ. ހިޔާކުރަން ބޭނުންކުރި ޓިނާއި ބިނާކުރަން ބޭނުންކުރި ސިމެންތީގެ ކޮލިޓީއާއިމެދު މާވަޑި ވިސްނާކަށް ބޭނުމެއް ނުވި އެވެ.

މަސައްކަތް ހަވާލުކުރިތާ މަހެއްހާ ދުވަސް ފަހުން މާވަޑި އަނެއްކާވެސް ވެރިޔާގެ އަރިހަށް ދިޔަ އެވެ. ބިނާކުރަން ހަވާލުކުރި ގޭގެ މަސައްކަތް ނިމިފައިވާކަމުގެ ހަބަރު ވެރިޔާ އަށް ދިނުމަށްފަހު އެ ގޭގެ ތަޅުދަނޑިފަތި ވެރިމީހާއާއި ހަވާލު ކުރުމަށްފަހު މަސައްކަތުން މުސްކުޅި ކުރުމުގެ ހުއްދަ ދިނުމަށް ވެރިމީހާ ގާތު ވަރަށް އަދަބުވެރިކަމާއެކު އެދުނެވެ. ވެރިމީހާ އާނއެކޭ ބުނުމުން މާވަޑި، ވެރިމީހާގެ އޮފީހުން ނިކުންނަށް ފަސް އެނބުރުނުތަނާ ވެރިމީހާ މާވަޑިއަށް ގޮވާލާފައި މަޑު ކޮށްލުމަށް އެދުނެވެ.

ކުންފުނީގައި އިހުލާސްތެރި ކަމާއެކު 35 އަހަރު މަސައްކަތް ކުރީތީ ރިޓަޔަމަންޓް ހަދިޔާއެއްގެ ގޮތުގައި ހަދިޔާއެއް ދޭން ބޭނުންވާ ވާހަކަ މާވަޑިގާތު ވެރިމީހާ ބުނުމަށްފަހު އެއްކަލަ ތަޅުދަނޑި މާވަޑިއާއި ދިމާއަށް ދިއްކޮށްލި އެވެ.

ވެރިމީހާ ބުނީ އެއީ ކުންފުނީގެ ފަރާތުން މާވަޑިއަށް ހަދިޔާއެއްގެ ގޮތުގައި ދޭ ގެއެއް ކަމަށެވެ. މާވަޑި ލޮލުން ކަރުނަ ފޫދެން ފެށި އެވެ. އަދި މަޑުމައިތިރި ކަމާއެކު ވެރިމީހާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރުމަށްފަހު އޮފީހުން ނިކުމެއްޖެ އެވެ.

މާވަޑި ގެއަށް ގޮސް އަޑުން އަޑު ނަގާ ރުއީ ސަބަބެއް ނެތިއެއް ނޫނެވެ. މާވަޑީގެ ބެލުމުގެ ދަށުން އެންމެ ފަހުން ބިނާކުރި ގެއަކީ އޭނާއަށް ލިބޭ ގެއެއްކަން ކުރިން އެނގުނު ނަމަ އެ ގެ އިމާރާތް ކުރުމުގައި ބޭނުންކުރާނީ އެންމެ ކޮލިޓީ ސިމެންތިއާއި ޓިނާއި ލަކުޑި ކަމާއިމެދު ޝައްކެއް ނެތެވެ.

*** *** *** ***

އަހަރެމެންގެ ހަޔާތުގައި ކަންތައް ވަނީ މި އުސޫލުންނެވެ. ކާމިޔާބު ހާސިލުވާން އެދުނު ނަމަވެސް އެ ކާމިޔާބީ ހާސިލު ކުރުމަށްޓަކައި ކަށިން ހިތްވަރު ނެރެ ހަމަ ކޮންމެ ދުވަހަކު އެ ލަނޑުދަނޑި ހާސިލު ކުރުމަށް މަސައްކަތް ކުރަނީ މަދު ބައެކެވެ. ކާމިޔާބު ހާސިލު ވާނީ ގަދަ ހިތްވަރާއެކު ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމާއި ކާމިޔާބު ހާސިލު ކުރުމަށް ކުރާ ދަތުރުގައި ދަތި އުނދަގޫތަކާއި ކުރިމަތިވާނޭކަން ދަނެ އެންމެ ފަހު ވަގުތާއި ޖެހެންދެން މަސައްކަތް ކުރަނީ މަދު ބައެއްކަމީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

ކެނޑިނޭޅި ގަދަ ހިތްވަރެކު ކާމިޔާބު ހާސިލު ކުރުމަށް މަސައްކަތް ކުރާނަމަ މާވަޑިބެ ހިތަށް އެރި "ނަމަ" ހިތަށް އަރުވާކަން ނުޖެހޭނެކަން ޔަގީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް