ސިނަމާލެ ބްރިޖު ހައިވޭގެ ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން މިއަދު ފަތިހު ގަސްތުގައި ޖެއްސީ، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާ ދެކޮޅަށް ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރުގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި މި ހާދިސާ ހިނގީ ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލު ފުލުހުން ޖަހާފައި ހުރި ބެރިކޭޑުގައި ޖެހި، އެއާ އެކީ ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހުނީއެވެ. މި ހާދިސާގައި އެ އޮފިސަރުގެ އަނގަމައްޗާއި ދަތްތަކަށް ބޮޑެތި އަނިޔާތައް ލިބި، އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގި ވަގުތު ޖުމްލަ ތިން ސައިކަލެއް މީގައި ބައިވެރިވިކަން ފާހަގަކުރެވިފައިވެއެވެ. ސައިކަލުން ޖެއްސި ދެ މީހުން ހައްޔަރުކޮށް އެ ސައިކަލު ޓޯކޮށްފައިވާ ކަމަށާއި، މީގެ އިތުރުން ބައިވެރިވި އިތުރު ދެ މީހަކާއި ސައިކަލެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބަޔާނުގައިވެއެވެ. ފުލުހުން ސިފަކޮށްފައިވާ ގޮތުގައި މި ހާދިސާ އަކީ، ފުލުހުންގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ އޮފިސަރުން ނަފްސާނީ ގޮތުން ބަލިކަށިކޮށް ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގި އަމަލެކެވެ.
ކޮމިޝަނަރުގެ ބަޔާނުގައި ވަނީ ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފައެވެ. އަދި މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އެޅޭ ގާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި ހާއްސަ އޮޕަރޭޝަނަކީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުން ގެންދާ އޮޕަރޭޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް