މިއަދު މިގޭ ސައި ހެދީ މޯނާއެއް ނޫންދޯ..، މިރަހަ އަހަރެންނަށް އޮޅުވައެއް ނުލެވޭނެ..، ތަމަން ބުނެލިއެވެ.
މެޑަމް އަހަރެން ބުނީ ކޮއްކޮ ކައިރީ ކޮއްކޮ ގަބޫލް ނުވަނީ..، މޯނާ ބިރުން ހުރެ ބުނެލިއެވެ.
އަހަރެންނައްވެސް މިއަދު ރަހަތަފާތުކަން އެނގިއްޖެ..،ފަޒްލާ ވެސް ބުނެލިއެވެ. އައި ގޮތައް ބަދިގެއަށް ވަނީ ދޯ ..، މަސަތްކަތެއް ނުކޮށް ހުންނަން ހަމަ އުދަގުލީއޭ ދޯ ...،
އަހަރެން ކިހާ މޮޅު އެހާ ދުވަސް ފަހުންވެސް އަހަރެންނައް އަހަރެން ދޮންތަ ގެ ކެއްކުން އޮޅުވައެއް ނުލެވުން..، ތަމަން އެހެން ބުނެ ގޮނޑިން ތެދުވެގެން އައިސް ގޮޑީ ފުރަގަހުން ތާރާގެ ކަރުގައި ދެއަތުން އަތްއަޅުވާލިއެވެ.
ތާރާވެސް ހިނިތުން ވެލަމުން ތަމަންގެ ދެއަތުގަ ހިފާލިއެވެ.
މީ ދެން އެވަރު ކަމެއް ނޫނެއްނު....، އެންމެން އޭނައާ ދިމާއަށް ބަލާތީ ތާރާ ބުނެލިއެވެ.
ކާމޭޒް ކައިރީ އެންމެން ސައިބޯން ތިބި އިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.
ތާރާ ދައްތައާއި އާޝާ ހާދަ ވައްތަރޭ...، އިސްތަށިގަނޑު ބުޅި ނަމަ މިހާރު ހީވާނީ ހަމަ ޓުވިންސް ހެން ،...،، އަރުކަން އެދެމީހުންނަށް ބަލަން އިނދެ ބުނެލިއެވެ.
އެހެންވިއްޔާ އަހަރެން މިއަދު އިސްތަށިގަނޑު ކުރިން ހުރި ގޮތަށް ހަދާނަން ...، ތަމަން އެހެން ބުނެލުމުން އެންމެން ހޭން ފެށިއެވެ.
އެކި ކަހަލަ ސަކަ ވާހަކާގައި ތިބެ އެންމެން ސައިބޮއި ނިންމާލާފައި ފަހަރަކު މީހެއް ކާގެ ބައިން ނިކުތުމުން މޯނާ އާއި ފަޒްލާ ތަށިތައް ނަގަން މަޑުކުރިއިރު ތާރާވެސް އެމީހުންނަށް އެހީވާން އުޅުނެވެ.
ފަޒްލާ ކިތަންމެ ތާރާ ލައްވާ މަސަތްކަތް ނުކުރުވަން އުޅުނަސް އެގޮތް ތާރާއަކަށް ކަމަކު ނުދެއެވެ.
ހުރިހާ ކަމެއް ނިމުމުން ތަމަން ތާރާއަތުގައި ހިފައިގެން ގޭދޮރުން ނިކުމެ މާގަސްތައްކައިރީ ބަހައްޓާފައިވާ ދަގަނޑު އުނދޯލީގައި އިށީނެވެ.
ހޫމް ކޮބާތަ ދޮންތައަށް ދައްކަން ބުނި ކުއްޖާ؟ މިގޭގައެންނު އޭނަ އުޅެނީ..، ތާރާ ބުނެލިއެވެ.
ދޭތެރެ ދޭތެރެއިން އޭނަ އަންނަނީ އަސްލު މިގޭ މީހެއްނޫން ދައްތަގެ ކޮއްކޮއެއް..، ތަމަން ބުނެލިއެވެ.
ކޮންނަމެއްތަ ކިޔަނީ ؟ ދައްކާލަބަލަ ފޮޓޯއެއް ދޮންތަ ބަލާލަން ...، ތާރާ ބުނެލިއެވެ.
ނާއިކް ކިޔަނީ..، ފޮޓޯއެއް އަދި ނެތް އަހަރެން އަތަކު..، އެކަމަކު ވަރަށް އަވަހަށް ދައްކާލާނަން ..، މިހާރު އޭނަ ވަރަށް ބިޒީ ކޮށް އުޅެނީ....، އެހެންވެ ވާހަކަ ދައްކާލަން ވަގުތުވެސް ވަރަށް ނުވޭ..، ދުވާލު އެއްކޮށް މަސަތްކަތުގަ އުޅެފަ ވަރަށް އަވަހަށް ނިދާ..، އެހެންވެ...، އެކަމަކު ދުވަސް ކޮޅަކުން ރަގަޅުވާނެ ..، ތަމަން ބުނެލިއެވެ.
-ކޮން ރަށެއްގެ ކުއްޖެއްތަ؟ އާއިލާ މީހުން ގަބޫލުތަ؟ ތާރާ ސުވާލު ކޮއްލިއެވެ.
އާއިލާ މީހުން ގޮތެއް ނޭނގޭ...، ބުނީ މަންމަ ދުނިޔޭގަ ނެތްވާހަކަ..، ދެން ބައްޕަ އޭނަގެ އުފަލަކަށް ހުރަސް ނާޅާނެ ވާހަކަ... ދުވަހަކުވެސް ބައްޕައާ ދެކޮޅަށް އެއްވެސް ކަމެއް ކުރަން ނުކެރޭނެޔޯ..، އެކަމަކު އަހަރެން ދުވަހަކުވެސް ދުލެއް ނުކޮއްލާނަމޯ..، ތަމަން ނާއިކުގެ ވާހަކަތައް ހަދާން ކުރަމުން ތާރާއަށް ކިޔައިދިނެވެ.
ދޮންތަ ވަރައް އުފާ ވެއްޖެ ކޮއްކޮ ދެކެ ތިހާ ލޯބިވާ ކުއްޖެއް ލިބުނީމަ..،އަވަހަށް ކިޔަވާ ނިންމާލައިގެން ދޮންތަ ކައިރިއަށް އާދޭ..، ކޮއްކޮއާ ވަކިން އުޅެން ދޮންތައަށް ވަރައް އުނދަގޫ..،
އަހަރެން ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ދޮންތަ ކައިރިއަށް ދާނަން ..، އޭރަށް ދުވަހަކުވެސް އެއްވެސް ތަނަކައް އަހަރެން ދޮންތަ ދޫކޮއްލާފަ ނުދާނަން..، ތަމަން ބުނެލިއެވެ.
ދެމީހުން އެހެން ތިއްބައި މާކިން ނިކުމެގެން އައިސް އެތާ މަޑު ކޮއްލިއެވެ.
ހާދަ އޮލަވާހަކައެއްގަ؟ މާކިން ބުނެލިއެވެ.
ވާހަކަ ހުސްވާނެތަ؟ އަހަރެން ދޮންތައާ ދުރުގަ އުޅޭތާ ހާދަ ދުވަހެއް ވެއްޖޭ...، ތަމަން ބުނެލިއެވެ.
އާނ ދުވަސް ވެއްޖެ..، މީހާއަށްވެސް ވަރަށް ބަދަލު އައިއްސި..،މިގެއަށް އައި ދުވަހު އަހަރެން ނަށް ތަމީކަން ނުވެސް އެނގުނު...، އެހެންނުވާނީ ކުރީގަ މޫނުމަތީ ހުންނަނީ އެނދިކުލަ ވިއްޔަ..،ލައިފަ ހުންނަނީ ގޯނިވަރުގެ ބޮޑެތި ހެދުން..، މިހާރު ތިހިރީ މީހާއަށް އައިސް ހުރި ބަދަލު ދެން ކިހިނެއް އެނގޭނީ..، މާކިން ތަމަންއާ ދިމާކޮއްލާ ގޮތައް އެހެން ބުނެލުމުން ތާރާ ހޭންފެށުމުން ތަމަންވެސް ހީލިއެވެ.
އަސްލުވެސް މިހާރު މިހިރީ ދޮންތަގެ ލޯބި ކޮއްކޮ ހުންނަންވާ ގޮތަށް..، މިހާރު ކިހާ ލޯބި..، ތާރާ ތަމަންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
**
ތާރާމެން އައިފަހުން ތަމަންގެ މޫނުމަތިން ހިނިތުންވުން ފިލާދާ އެންމެ ވަގުތެއްވެސް ނާދެއެވެ. ތާރާއާއި މާކިން އައުމުން ގޭތެރެއަށް އިތުރު ދިރުމެއް އައިކަހަލައެވެ.
ހުރިހާއެންމެން އެކުގައި ތާރާމެން ގޮވައިގެން ބާޒާރުކޮއް އެކި އެކި ތަންތަން ބަލާލަން ދިއުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކައް އޮވެއެވެ.
ފަޒްލާއާއި އެގޭ އެންމެންގެ ހިތްހެޔޮ ކަމުން މާކިންއަށް ވެސް ދުރުބައެއް ކައިރީ އުޅެވޭހެން ހިޔެއްނުވެއެވެ.
ތާރާމެން އައި އިރު މަޑުމަޑުން އިން އާރިންވެސް އެގޮތް ކެނޑި އެންމެންނާއި އެކު އަބަދުވެސް ކޮންމެސް ސަކަރާތެއްގައި އުޅެއެވެ.
ކައި ނިމުމުން އިރުކޮޅަކު ޓީވީ ދޮށުގައި އިނުމަށްފަހު ނާޒިމްއާއި އެކު ފަޒްލާ ކޮޓަރިއަށް ވަނީ ދިހައެއް ޖެހީމައެވެ،
ހިނގާ ފިލްމެއް ބަލާލަން...، އަރުކަން އެހެން ބުނުމުން އެންމެން ވެސް އެކަމައް އެއްބަސްވިއެވެ.
ބިރުވެރި ފިލްމެއްދޯ ބަލާނީ..، އޭރައް މަޖާ ވާނީ..، އާރިން އެހެން ބުނުމުން ތަމަންއާއި ތާރާ އެއްއަޑަކުން ނޫނެކޭ ބުނެވުނެވެ.
ވަރަށް މަޖާ ވާނެ ..، މާކިން ހެމުން އެހެން ބުނެލީ ތާރާއާއި ތަމަން ތިބި ގޮތް ފެނުމުންނެވެ.
އުނހު ..، އަހަރެންނަށް މިރޭ ނިދަންވެސް ނުކެރޭނެ ތިބަލާފަ ގޮސް..، ތަމަން ވަރަށް ބިރުން އިނދެ ބުނެލިއެވެ.
އޯކޭ ..، އެހެން ވީމަ އެއްކަލަ ކޮމެޑީ ފިލްމް އަޅުވާ ...، އާރިން އަރުކަންއަށް ބުނެލިއެވެ.
ބޭނުންވާ ފިލްމު އެޅުވުމަށްފަހު އަރުކަންއައިސް މާކިންއާއި ތަމަންއާ ތާރާ އިން ސޯފާގެ ތަމަން ކައިރީ އިށީނެވެ.
ވަކިން ހުރި ސޯފާގައި އާރިން ދިގުދެމިލައިގެން ބޯދަށަށް ބާލީހެއްލައިގެން ވަރަށް ހަމަ ޖެހިފައި އޮތެވެ.
އަހަރެން އެބަ އަންނަން އެންމެންނަށް ކޮފީ ހިފައިގެން ..، އެންމެން ހަމަ ޖެހިލުމުން ތާރާ ބުނެލިއެވެ.
ފިލްމް ފެށިގެން ކުރިޔައް ދިޔައިރު މުޅި ސިޓިންގްރޫމްގައި ވަނީ ފަސްމީހުންގެ ހުނުމުގެ އަޑެވެ.
މަތީބައިގައި ކޮޓަރިތައްހުރުމުން ކިތަންމެ ވަރަކަށް ސަކަރާތް ޖެހިޔަސް އެއަޑު އެހާ ބޮޑަކަށް ކޮޓަރިތަކަކަށް ނީވޭނެއެވެ.
ފިލްމު ނިމުމުން އެންމެން ނިދަން ކޮޓަރިއަށް ވަނީ ވަރަށް ލަސްވިފަހުންނެވެ.
**
ކޮއްކޮ މިއަދު ހާދަ ލަސްވީ ؟ ކޮންއިރެއް ކޮއްކޮ އާދޭތޯ ހުންނަތާ..، ތަމަން ޔުނިވާސިޓީއިން ގެއަށް އައިލެއް ލަސްކަމުން ތާރާ ބުނެލިއެވެ.
އާނ މިއަދު ކުއްޖެއްގެ ބާތްޑޭ ސެލެބްރޭޓް ކުރީމަ ލަސްވީ...، އެހެންވެ އަރުކަންއަށް ގުޅާފަ ބުނިން ތަންކޮޅެއް ލަހުން ބަލާއަންނަން..، ތަމަން ބުނެލިއެވެ.
އަވަހަށް އާދޭ ..، ވަރައް ބަނޑުހައި ވެފައެއްނު މިހާރު ހުންނާނީ..، ތާރާ ތަމަން އަތުގައި ހިފައިގެން އެތެރެއަށް ހިނގައި ގަންނަމުން ބުނެލިއެވެ.
އާނ ވަރަށް ބަޑުހައި..، ދޮންތަ އެއްޗެއް ކައިފިންތަ ؟ ތަމަން ބުނެލިއެވެ.
ދޮންތަ މިހުންނަނީ ކޮއްކޮ ނާންނަނީސް ނުކެވިފަ ..، ތާރާ އެހެން ބުނެ ތަމަންއާއި ޖެހިގެން އިން ގޮނޑީގައި އިށީދެލިއެވެ.
ކޮބާތަ ދައްތަ؟ ތަމަން ގޭތެރެއަށް ބަލާލަމުން ބުނެލިއެވެ.
ދެންމެ އެދިޔައީ ނަމާދުކޮށްގެން އެބަ އަންނަމޭ ކިޔާފަ....، މިއަދު ބޭރަށް ދާ އިރު ދައްތައަށް ނުދެވޭނެއޯ..، ފައިގަ މާ ގަދަޔައް ރިއްސާތީ..، ތާރާ ބުނެލިއެވެ.
އާނ މާބޮޑަށް ފިނިވާންފެށީމަ ދައްތަ ފައިގަ ވަރަށް ގަދަޔައް ރިހޭނެ..،ތަމަން ބުނެލިއެވެ.
މިއަދު ކިހިނެއް ބޭރށް ދާނީ ހާދަ ފިންޔޭ..، މިހިރީ ގޭތެރޭ ތިބޭ އިރުވެސް ވާވަރު..، ތާރާ ލައިފަ ހުރި ބޯ ކެހެރިހެދުމުގެ ޖީބައް އަތްޖަހާލަމުން ބުނެލިއެވެ
ފިނިވިޔަސް ވަރަށް ރީތިވާނެ ..،ހިނގާބަލަ ދާން..، ތަމަން އާދޭހުގެ ގޮތަކަށް ބުނެލިއެވެ.
މުޅި ފަޒާ ގައި ތެއްފިނިކަމެއް ހިފާފައި ހުރެފައި ހަވީރުވުމާ ގާތްވިތަނާ މަޑުމަޑުން ސުނޯ ފައިބަން ފަށައިފިއެވެ.
ކާރުގައި އަރުކަންއާއި މާކިން އަދި ތާރާއާއި ތަމަން މިސްރާބުޖެހީ ވަކި މަންޒިލެއް ނެތިއެވެ. ކާރު ތެރޭ އިންނަ އިރު މަގުމައްޗަށް ސުނޯ ފައިބާ މަންޒަރު ބަލަން ތާރާ އިނީ އަޖައިބު ވެފައެވެ،
މުޅި މަގުތައް ސުނޯއިން ފުރެމުން ދިޔައިރު މަގުގެ ދެފަރާތައް ސުނޯތައް ކަހަން އެއްބަޔަކު އަވަދި ނެތި އުޅެއެވެ..
ގަސްތަކުގައިވާ ހުރިހާ ފަތްތައް ފައިބައިގެން ގޮސް އެންމެ ފަތެއްވެސް ގަހަކު ނެތެވެ.
ހުރިހާ ގަހެއްގައިވެސް ހުރީ ފަތްތައް ނެތި ހުސް ގަސްގަނޑެވެ. ދުވަހަކުވެސް މިކަހަލަ މަންޒަރެއް ފެނިފައި ނުވާ ތާރާ އިނީ އަނގައިން ބަހެއް ބުނަންވެސް ނޭގިފައެވެ.
ހިނގާ މިނަ ޕާކް ތެރެއަށް ވަންނަން ....، މިތާ އޮންނާނެ ސުނޯ މަތީ ބައިވަރު ކުޅިވަރުތައް ..، އަރުކަން އެހެން ބުނުމުން އެންމެން އެކުގައި ކާރުން ފޭބިއެވެ.
ޕާކު ތެރެއަށް ވަދެގެން ދިޔައިރު ފިނިވެގެން ގޮސް ތާރާގެ މޫނު ހުދުވާ މަންޒަރު ބަލަން މާކިން ހުރި އިރު އެރީތިކަމައް ތައުރީފު ކޮށްލެވުނެވެ.
މުށިކުލައިގެ ކެހެރި ޖެކެޓް ބޮލާއެއްކޮއް ނިވާ ކޮއްލާފައިވާ އިރު ވަކިން ފުރިހަމަ ކަމަށް ދައްކައެވެ.
އެއްވެސް ހިޔާލެއް ފިކުރެއްނެތި ސުނޯ ކޮޅުތަކުގައި ހިފަމުން ތާރާ އެތާ ތެރޭ އުޅުން ގޮތް ބަލަން މާކިން އިން އިރު އެމަންޒަރު ތަމަން ގެ ލޮލުގައި އަޅައިގަތެވެ.
ދޮންތަ ދެކެ މާކިން ވާ ލޯބި ފެނުމުން ތަމަންގެ ހިތް އުފަލުން ފޮޅުނެވެ.
ކުއްލިއަކަށް ޖީބުގައި އޮތް ފޯނުނަގާ ތާރާއަށް ނޭގޭނެހެން މާކިން ފަހަރަކު ފޮޓޯއެއް ނަގަމުން ދިޔައިރު ތާރާއަށް އޭގެ ހިލަމެއްވެސް ނުވެއެވެ.
މާކިންއާއި ތާރާއަށް ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައި ތަމަން އަރުކަންއާއި އެކު ތާރާމެންނަށް ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ.
ހިނގާބާ މިތަނުން ކުޅިވަރެއް އަހަރެމެންވެސް ކުޅެލަން ..، އަރުކަން ސުނޯ މަތީގައި ކުދިންތައް މަޖާ ކުރާ މަންޒަރު ފެނުމުން ބުނެލިއެވެ.
އަހަރެން މިތާ މަޑުކޮއްލާނަން ..، އަރުކަން ދޭބަލަ..،ތަމަން ބުނެލިއެވެ.
މަޖާވެފައި ސުނޯތަކާ ކުޅެމުންދިޔަ ތާރާ އަށް މާކިން ހުރިގޮތް ފެނުމުން ލަދުން މުޅި މޫނު ރަތްވެގެން ދިޔައެވެ.
އެމަންޒަރު ފެނުމުން މާކިންއައިސް ސުނޯކޮޅެއް ނަގާ ތާރާއާ ދިމާއަށް އެއްލިއެވެ.
ދެމީހުން މަޖާވެ ޖެހި ހުރިހާ ސަކަރާތެއް ތަމަންގެ ފޯނުގައި ރައްކާކުރަމުން ދިޔައީ ހިނިއައިސް ހުރެއެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް