ސިޓީ ކައުންސިލްގެ 14 ބިން ދައުލަތަށް ނަގާ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި

ސިޓީ ކައުންސިލްގެ 14 ބިމެއް ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމި މައްސަލައިގައި ވަގުތީ އަމުރެއް ހޯދުމަށާއި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ދިއުމަށް ކައުންސިލްގެ ކުއްލި ޖަލްސާއިން ފާސްކޮށްފިއެވެ.

17 Oct 2026 | 06:08
ސިޓީ ކައުންސިލްގެ 14 ބިން ދައުލަތަށް ނަގާ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމި މައްސަލައިގައި ޝަރީއީ މަރުހަލާއަށް ދިއުމަށް ސިޓީ ކައުންސިލްގެ ކުއްލި ޖަލްސާއަކުން ފާސްކޮށްފިއެވެ.

ރޭގައި ބޭއްވި ކުއްލި އެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ގާލިބް ހުށަހެޅުއްވީ ވަގުތީ އަމުރެއް ހޯދުމަށް ކޯޓަށް ދިއުމަށެވެ. އެއާއެކު ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓާ ހަމައަށް ގެންދެވޭ ގޮތަށް ވެސް ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. ދައުލަތަށް ނެގުމަށް ނިންމި ބިންތަކުގެ ތެރޭގައި މާލޭ މަސް ބާޒާރާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނެއެވެ. ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިއުލާނުގައި ވަނީ ޝަކުވާއެއް އޮތްނަމަ 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެދިފައެވެ.

ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒް ޖަލްސާގައި ވިދާޅުވީ ކައުންސިލްގެ ބިންތައް ނަގައިގެން ސަރުކާރުން ކުރަން އުޅެނީ ތަރައްގީ ނޫން ކަމަށާއި، އެއީ ގަސްތުގައި ލާމަރުކަޒީ ނިޒާމު ފުނޑައިލުމަށް ހިންގާ "ސްކޭމެއް" ކަމަށެވެ. ސަރުކާރަށް ގާނޫނު ހަނދާންކޮށްދިނުމަށް ޓަކައި ކޯޓަށް ދާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު ހުސެއިން ފުރުޝާން ފާހަގަކުރެއްވީ ފިނޭންސް މިނިސްޓްރީން 94.5 މިލިއަން ރުފިޔާ ދީގެން ހުޅުމާލެއިން ބިމެއް ގަނެފައިވާ ކަމަށެވެ. ނަމަވެސް މާލެއިން ބިމެއް ބޭނުންވީމާ އެއްވެސް ބަދަލެއް ނެތި ނަގަންވީތޯ ފުރުޝާން ސުވާލު އުފެއްދެވިއެވެ. ގެޒެޓުގައި އާންމު ޝަކުވާ އޮތްތޯ ބެލުމަށް އެދޭ ކަމަށް ލިޔެފައި އޮތް ނަމަވެސް، ކައުންސިލްގެ ބަހެއް ހޯދާފައި ނުވާ ކަމަށާއި ހިޔާލު ހުށަހެޅުމަށް 14 ދުވަހުގެ މުހުލަތެއް ވެސް ކައުންސިލަށް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު އާދަމް އާޒިމް ވިދާޅުވީ ނެގި ބިންތަކަކީ ކައުންސިލަށް އާމްދަނީ ވައްދައިދޭ ބިންތަކެއް ކަމަށާއި، އެ ބިންތައް ގެއްލުމުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކުރިމަގުގައި ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

ކައުންސިލް ބިންތައް ދައުލަތަށް ނެގެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް