އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ސޯސަލް މީޑިޔާ ކަމުގައިވާ ޓްރޫތް ސޯސަލްގައި ކުުރި ޕޯސްޓެއްގައި އިރާނުގެ ވެރިރަށް ޓެހްރާން ”ވަގުތުން ހުސްކުރުމަށް“ ގޮވާލައިފިއެވެ. އިސްރާއީލުންވެސް ވަނީ ޓެހްރާންގެ ބައެއް ހުސްކުރުމަށް އަންގައި އިންޒާރުދީފައެވެ. ޓެހްރާނަކީ 9.5 މިލިއަން މީހުން ދިރިއުޅޭ ރަށެކެވެ.
މި ޕޯސްޓުގައި އިރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ޓްރަމްޕް ކުރިން ވެސް ދީފައިވާ އިންޒާރު ތަކުރާރުކޮށްފައިވެއެވެ. އޭނާގެ ޕޯސްޓުގައި، މިހާރު ހިނގަމުންދާ ހަނގުރާމައާއި، މީހުންގެ ފުރާނަ ގެއްލެމުންދަނީ އޭނާ ހުށައެޅި އެއްބަސްވުމަށް އިރާނުން އިންކާރުކުރުމުން ކަމަށް ޓްރަމްޕް ތުހުމަތުކޮށްފައިވެއެވެ. މިގޮތުން އޭނާ އިޝާރާތްކުރައްވާފައިވަނީ ފާއިތުވި ހަފްތާގައި އިސްރާއީލުން އިރާނުގެ އަމާޒުތަކަށް ދިން ރަހުމްކުޑަ ހަމަލާތަކަށެވެ.
”މިއީ ލަދުވެތި ކަމެއް، އަދި ބޭކާރު ލޭ އޮހޮރުވުމެއް“ ޓްރަމްޕް ލިޔެފައިވެއެވެ. އަދި ”އެންމެން ވަގުތުން ޓެހްރާން ހުސްކުރަންޖެހޭ!“ މިހެން ލިޔެ ޕޯސްޓް ނިންމާލައިފާވެއެވެ.
މި އިންޒާރު އައިސްފައިމިވަނީ އިސްރާއީލާއި އިރާނާ ދެމެދު ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ކުރިން އެމެރިކާއާއި އެކު އާންމުގޮތެއްގައި މަޝްވަރާ ކުރެއެވެ. އިސްރާއީލުން ކުއްލިއަކަށް އިރާނުގެ ނިއުކްލިއަރ އަދި ސިފައިންގެ ތަންތަނަށް ދިން ހަމަލާއަށްފަހު، ދެ ފަރާތުން ވައިގެ ހަމަލާތަކާއި މިސައިލް ހަމަލާތައް ދޭން ފަށާފައިވެއެވެ.