އަޒާންގެ ދިފާޢުގައި ޑެޕިއުޓީ މޭޔަރު: ފުރައްސާރަކޮށް ބިރުދެއްކުން ހުއްޓާލައި، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލާފައިވޭ

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤުގެ ދިފާޢުގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ނިކުންނަވައިފިއެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުގައި އަޒާން އާ ވާދަކުރި ކެނޑިޑޭޓު ކަމުގައިވާ ޝުއާއު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވިދާޅުވެފައިވަނީ ހިތަދޫ މެދު ދާއިރާގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދިޔަ ދުވަސްވަރާއި އެ ދުވަހުގެ ކަންތައްތަކަކީ މިހާރުގެ މާޒީ ކަމަށާއި ރައްޔިތުން ހޮވާ މެންބަރު، ޕާޓީގެ ވިސްނުމާ ދެކޮޅުވެއްޖެނަމަ މެންބަރުކަމުން ވަކިކުރުމަށް މެދު ދާއިރާގެ މެންބަރު ވޯޓު ދެއްވި ދުވަސްތަކަކީވެސް މާޒީ ކަމަށެވެ.

”ކޯޓުތަކަށް ނުފޫޒު ފޯރުވުމާ ދެކޮޅަށް އަދި ޤާނޫނުއަސާސީއާ ސީދާ ޚިލާފު ކަމަކާ ދެކޮޅަށް ހިތަދޫ މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު ދެއްކެވި ހިތްވަރުން އެނގިގެންދަނީ މާޒީގައި ހެދިފައިހުރި ގޯސްތަކުން އަރައިގަނެ، މާތް ﷲ ގެ ހެޔޮ ރަޙުމަތުން ހެޔުން ވިސްނުން ލިބި، ހިތްވަރާއެކު ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް އެ މެންބަރުގެ ވިސްނުން ބަދަލުވެފައިވާކަން“ ޝުއާއުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ހިތަދޫ މެދު ދާއިރާގެ ރައްޔިތުން ވޯޓު ދެއްވައިގެން އިންތިޚާބުވެފައިވާ މެންބަރު އަޒާން، ސްޓިއަރިންގ ކޮމިޓީއަކުން ނުވަތަ ރައީސް ބޭނުންވާ އިރަކު ބޭނުން ގޮތަކަށް ބަދަލުކުރަން ޖެހިއްޖެނަމަ، ސްޓިއަރިންގ ކޮމިޓީގެ ލަފާއާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ، އައު މެންބަރަކު ޢައްޔަންކުރާ ގޮތަށް ޤާނޫނަށް ބަދަލު ގެނެސްގެން ވެސް ކޮށްފާނެކަމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ.

”އެހެންކަމުން، ޑިމޮކްރަޓިކް އުސޫލްތަކާއި ޙިލާފަށް ކުރަމުންދާ ކަންތައްތައް ހުއްޓާލުމަށާއި، ސްޓިއަރިންގ ކޮމިޓީއިން ހިތަދޫ މެދު ދާއިރާގެ މެންބަރަށް ފުރައްސާރަކުރުމާއި، ބިރުދެއްކުން ހުއްޓާލައި، މިނިވަންކަމާއެކު މަސައްކަތް ކުރެވޭން މަގު ފަހިކޮށް ދިނުމަށް ގޮވާލަން“ ޝުއާއު ވިދާޅުވެފައިވެއެވެ.

ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕުގެ ވަޓްސް އެޕް ގްރޫޕުން އަޒާން ބޭރުކޮށް އަދި މިހާރު އަޒާންގެ މެންބަރުކަންވެސް ގެއްލުވާލުމުގެ މަސައްކަތް ފަށާފާނެ ކަމުގައި ބެލެވިފައިމިވަނީ ކޯޓުތަކުގެ ޤާނޫނަށް ބަދަލު ގެނެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް ގެނައި އިސްލަށް އަޒާން ވޯޓު ނުދެއްވި ހިސާބުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *