ވާހަކަ: ލޯބިވޭ އިންތިހާ – ފަނަރަ ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... ސަކީނާ ވިސްނަން ހުއްޓާ ފޯނަށް އައިކޯލު ކެނޑުނެވެ. ފޯނުގެ ސްކްރީނުގައި މިސްވި ކޯލުތަކާއި ދެތިން މެސެޖާއި އަދިވެސް ކިތަންމެ ނޯޓިފިކޭޝަނެއްހުއްޓެވެ. އެހެނަސް އެއިން އެއްވެސް އެއް...

27 Feb 2025 | 04:50

ކުރީގެ އަދަދާއި ގުޅޭ....

ސަކީނާ ވިސްނަން ހުއްޓާ ފޯނަށް އައިކޯލު ކެނޑުނެވެ. ފޯނުގެ ސްކްރީނުގައި މިސްވި ކޯލުތަކާއި ދެތިން މެސެޖާއި އަދިވެސް ކިތަންމެ ނޯޓިފިކޭޝަނެއްހުއްޓެވެ. އެހެނަސް އެއިން އެއްވެސް އެއްޗަކަށް ސަކީނާގެ ސަމާލުކަމެއް ނުހުއްޓުނެވެ.  އޭނާގެ ބޮޑުވެފައިވާ ދެލޯ އަމާޒުވެފައި ހުރީ ފޯނުގެ ސްކްރީނުން ފެންނަން ހުރި ފޮޓޯއަށެވެ. ފޯނުގެ ލޮކް ސްކްރީނަށް ހަމްޒާ ލާފައިވާ ނޫރާގެ ފޮޓޯއަށެވެ.

ކަޅު ކުލައިގެ ބުރުގާއެއް އަޅައިގެން އިން އަންހެންކުއްޖެއް މޫނެވެ. ރީތި ކުއްޖެކެވެ. ހިތާހިތުން އެ އަންހެންކުއްޖާގެ ރީތިކަމަށް ސަކީނާއަށް ތަޢުރީފް ކުރެވުނެވެ. ކާކުކަން ނޭނގުނަސް މެއެވެ. ރީތީ ދެލޮލެވެ. އެ ދެލޮލަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ ހިމަހިމަ ބުމައެވެ. ހިނިތުން ވެލައިގެން ހުރިއިރު އެމޫނު ފެންނަނީ ނުހަނު މަޢުސޫމް ކޮށެވެ.

ފޮޓޯއަށް ބަލަންހުރި ސަކީނާ އަށް ސިހުން ލިބުނީ ހިފަހައްޓައިގެން ހުރި ފޯނު ވައިބްރޭޓް ވާންފެށުމުންނެވެ. ގުޅަނީ ހަމަ ނޫރާއެވެ. އެއީ ކާކުތޯ ބަލާލަން ކިތަންމެ ވަރަކަށް ހިތް އެދުނަސް ސަކީނާ އެ ކޯލެއް ނުނަގައެވެ. ކޯލު ނެގުން އެއީ ރަނގަޅު ކަމަކަށް ނުވާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ފޯނު އޮތްނުގައި ބަންޑުން ބޭއްވިއެވެ.

އެވަގުތު ބޭރުން މީހަކު ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ސަކީނާ ލަސްވެގެން ވީ ކީއްތޯ ބަލާލަން އައީ ގޭގައި ގެންގުޅޭ މީހުންގެ ތެރެއިން މީހެކެވެ.

''ދަރިފުޅާ.......... ހަމްޒާ...........'' ސަކީނާ ނިކަން ލޯބިން ހަމްޒާއަށް ގޮވާލިއެވެ. ދެތިންފަހަރަކު ގޮވާލުމުން ހަމްޒާއަށް ހޭލެވިއްޖެއެވެ.

''މަންމަތަ.......... ކިހިނެތްވީ............'' ހަމްޒާ ލޯ ހުޅުވާލިޔަސް އޭނާ ވާހަކަ ދެއްކީ ލޯމަރައިގެން އޮވެއެވެ.

''ދަރިފުޅު އައިމަ ސައިބޯންވެގެން ބައްޕަ އެބައިން ކާމޭޒު ކައިރީ........ ދަރިފުޅު ދެން ތެދުވެގެން އަވަސްކޮއްލައިގެން އާދޭ ތިރިއަށް........'' ސަކީނާ ހަމްޒާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

''އަހަރެން ސައިބޯ ހިތެއް ނެތް މަންމާ....... އެހެން ނޫނަސް މިއަދު ހުކުރެއްނު.......... މަންމަމެން ސައިބޯލާ...........'' ހަމްޒާ ފުރޮޅިލަމުން ގައިމަތީގައި އޮތް މަޑުރަޖާގަނޑު ރަނގަޅުކޮއްލިއެވެ.

''ނޫނޭ އެހެން ކަމަކުނުދާނެ........ ބައްޕަ އެއުޅެނީ ހަވީރު ފުރަން ........ އެހެންވީމަ ދަރިފުޅު އެބަޖެހޭ މިއަދު މަންމަ މެންނާއެކު ސައިބޯން........ ތެދުވޭ ދެން..........'' ސަކީނާ ދެއްކި ވާހަކަ ހަމްޒާ އަށް އިވުނުކަމަށްވެސް ހަދާނުލާ އޮތީއެވެ. ބަލާބެލުމަށް ހީވަނީ ގަދަ ނިދީގައި އޮތްހެނެވެ. އެވަގުތު ހަމްޒާގެ ފޯނު ވައިބްރޭޓް ވާން ފެށިއެވެ. ހަމްޒާ ފުރޮޅިލިއެވެ. ލޯ ކުޑަކޮއްލަމުން ފޯނަށް ބަލާލިއެވެ.

''މި ތެދުވަނީ......... މަންމަ ދެން ދޭ ތިރިއަށް ......... ތައްޔާރުވެލައިގެން އެބަ ދަން.......'' ފޯނުގެ ސްކްރީން ސަކީނާއަށް ނުފެންނަ ގޮތަށް ފުށުން ޖަހާލަމުން ހަމްޒާ ބުނެލިއެވެ.

ސަކީނާ ހައިރާންވިއެވެ. އެހާ ކަންނެތްކަމާއެކު ނިދަން ބޭނުންވެ، ނުތެދުވާން އޮތް ހަމްޒާއަށް ވީ ގޮތް ފެނިފައެވެ. އޭނާގެ ހިތުގައި އުފެދެމުން އައި ޝައްކު ޔަޤީނާ ގާތަށް ޖެހިލިއެވެ.

ސަކީނާ ކޮޓަރިން ނުކުމެގެން ސިޑިން ފައިބަން ހިނގައިގަތެވެ. އޭނާގެ ސިކުޑީގައިވަނީ ތަފާތު ޚިޔާލުތަކެއް އުފެދި ހަލަބޮލިވެފައެވެ.

''ހާދަ އިރެއްވީ........ ކޮބާ ހަމްޒާ..........'' ޖޫސްތަށިން އެތިފޮދުފޮދު ބޯލަބޯލާ ހަމްޒާގެ އިންތިޒާރުގައި އިން މުސްތަފާ ސުވާލުކޮއްލިއެވެ.

''އެބަ އާދޭ.........'' ސަކީނާ ދިނީ ކުރު ޖަވާބެކެވެ. އޭނާގެ އަޑުގައި ކުރިން ނެތް އަސަރުތަކެއް ހުރިކަން މުސްތަފާއަށް ފާހަގަ ކުރެވުނެވެ.

''ކިހިނެތްވީ....... ހާދަ ފާޑަކަށް ........'' މުސްތަފާ ސުވާލުކޮށްލީ ސަކީނާގެ މޫނަށް ނަޒަރު ހުއްޓާލަމުންނެވެ.

''މީ އަހަރެން ބިރުން އުޅުނު ކަންތައް ........ ހަމްޒާ ކޮންމެވެސް ކުއްޖަކާ ރައްޓެހިވެއްޖެ....... ދެންމެ އަހަރެން އެތަނުގައި ހުއްޓާވެސް އެކުއްޖަކު ގުޅި ހަމްޒާގެ ފޯނަށް...... ކޮންމެވެސް ނޫރާ އެއް.........'' ސަކީނާ ތަފްސީލް ކިޔައިދިނީ ނުހަނު ފަރިތަކަމާއެކުގައެވެ.

''ސަކީނާ.......ތީ އަހަރެން ބުނާވާހަކަ........ އެއީ މައްސަލައެއް ނޫނޭ....... މިހާރު ހަމްޒާ އެހުރީ މީހަކާ އިންނަންވީ އުމުރަށް ވުރެވެސް މަތިވެފައި...... ހަމްޒާ އާ އެކު އެއްކުލާހުގައި ކިޔެވި ކުދިންގެ ދަރިންވެސް އެބަތިބި މިހާރު...... އެހެންވީމަ  ހަމްޒާވެސް ޖެހޭނެތާ މީހަކާ އިންނަން....... އިނދެވޭނީ ރައްޓެހިވެސް ވެގެންނު........'' މުސްފާ ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ. ސަކީނާއަށް ވިސްނައިދޭ ގޮތަށެވެ.

''އެހެންވިޔަސް........އަދި އެސޮރަށް ފަންސަވީސް އަހަރު ކިރިޔާ ފުރުނީ....... މިޒަމާނަކީ ފިރިހެން ކުދިން އެހާ އަވަހަށް މީހަކާ އިންނަ ޒަމާނެއް ނޫނެއްނު....... . '' މުސްތަފާގެ ތައްޓަށް ކުޅިމަސްކޮޅެއް އަޅައިދެމުން ސަކީނާ ވާހަކަދެއްކިއެވެ.

''ދެން ހުރެބަލަ ނިކަން ހަމްޒާ ހަދާގޮތެއް ބަލަން ........ މިގޭތެރެވެސް ފަޅު ފިލާނެ ހަމްޒާ މީހަކާ އިނީމަ......އޭރުން އަހަރެމެން މިހެން އެކަނިވެފައި ތިބޭކަށް ނުޖެހޭނެ.........'' މުސްތަފާ އިނީ ހަމަޖެހިފައެވެ. ސަކީނާ ދެއްކި ވާހަކަ އަކީ މުސްތަފާ އެއްވެސް ވަރަކަށް ކަންބޮޑުވާ ވާހަކައެއް ހެނެއް ހިޔެއް ނުއެވެ.

''އަހަރެން ކަންބޮޑުވަނީ ހަމްޒާ އަހަރެމެން ހިތްހަމަ ނުޖެހޭ ޒާތުގެ ކުއްޖެއްގެ މަޅީގައި ޖެހިދާނެތީ........ '' ސަކީނާ ބުނެލިއެވެ.

''ދަރިންނަށް އިތުބާރުވެސް ކުރަން ވާނެ ....... އަހަރެމެންގެ އަނެއް ދެކުދިންވެސް ކައިވެނި ކުރީ ނުލާހިކު ރަނގަޅު ކުދިންނާ........ އެހެންވީމަ ހަމްޒާ އަށްވެސް މިހާރު ހުރިހާ ކަމެއްވެސް ވިސްނޭނެ.

''ހަމްޒާ އެކަމެއް ފެށީ ކުޅުދުއްފުށި...........'' ސަކީނާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ހަމްޒާ ސިޑިން ތިރިއަށް ފައިބައިގެން އަންނަތަން ފެނުމުންނެވެ.

''ބައްޕަ ގޭގައި ހުންނަން ލިބޭ މަދު ދުވަހަކުވެސް ދަރިފުޅު ތި ހޭލަނީ މާލަހުން........ އަދި މިއަދު އެބޮތް ކުރަން ވަރަށް ގިނަ ކަންތައް.......... ހަމްޒާގެ ތި ކަންނެތްކަން ކަނޑުވާލަން އެބަޖެހޭ މިހާރު......ތިހެން އުޅެގެން ކިހނެތް ވިޔަފާރީގެ ކަންކަން ކުރެވޭނީ.........'' ހަމްޒާ ގޮނޑީގައި އިށީނުމުން މުސްތަފާ ވާހަކަދެއްކިއެވެ.

''ބައްޕަ މިއަދު ގޭގައި ހުންނާނެކަން ހަނދާން ނެތުނީ........ އެހެންނޫނަސް ރޭގައި މާލަހުން ނިދުނީވެސް.......'' ހަމްޒާ ތައްޓަށް މަސްހުނި އަޅަމުން ވާހަކަދެއްކިއެވެ.

''ލަހުންނޭ...... ދަރިފުޅު ގައިމު ނިދާށޭ ކިޔާފަ ދިޔައިރު ދިހައެއްވެސް ނުޖަހާ........'' އެކަމާ އެއްޗެއް ނުބުނެ ސަކީނާ އަކަށް ނީނދެވުނެވެ.

''އާނ...... އެވީގޮތަކީ....... ނިދި ނައީއޭ މަންމާ.......'' ހަމްޒާ ހެދީ ދޮގެކެވެ. އެހެންކަމުން އޭނާއަށް ވާހަކަ ދެއްކުނީ އެހާ އޮމާންކަމާއެކުގައެއް ނޫނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ދަންވެ މެންދަންމުން އަލިވަންދެން ހަމްޒާ އޮތީ ނޫރާއާ ވާހަކަދައްކާށެވެ. އެކަމަކު އެވާހަކަ ހަމްޒާއަކަށް ނުބުނެވޭނެތާއެވެ.

އެވަގުތު ހަމްޒާގެ ފޯނަށް މެސެޖެތަކެއް އަންނަން ފެށުމުން ކާން އިން ރޮށި ބާއްވާފައި ފޯނާކުޅެން ފެށިއެވެ. ހީވާގޮތުން ކޮންމެވެސް މީހަކަށް މެސެޖް ކުރަނީއެވެ. އޭނާގެ މޫނަށް އަރާފައިބަމުންދާ ކުލަވަރަށް ފަރުވާތެރިކަމާއެކު ބަލަން އިނީ އޭނާގެ މަންމައެވެ. އެކަމެއް ހަމްޒާއަކަށް އިހްސާސެއް ނުވެއެވެ.

ހަމްޒާގެ މޫނަށް ބަލަން އިން އިރު، ސަކީނާ ވިސްނަމުން ދިޔައެވެ. އޭނާގެ ހިތުގައި އުފެދިފައިވާ އެތަކެއް ސުވާލަކަށް ޖަވާބު އެބަ ބޭނުން ވެއެވެ. ވަގުތު ފާއިތު ވުމުގެ ކުރިންނެވެ.

''ދަރިފުޅާ..........'' ސަކީނާ ހަމްޒާއަށް ގޮވާލިއެވެ. ހަމްޒާ ފޯނު ބޭއްވުމަށްފަހު އޭނާގެ މަންމައާ ދިމާއަށް ބަލާލިއެވެ. ކިހިނެތްވީހޭ އަހާ ކަހަލަގޮތަކަށް އެއްބުމަ ހިއްލާލަމުން ނިތް އަރުވާލިއެވެ.

''ނޫރާ އެއީ ކޮންކުއްޖެއް.........'' ސަކީނާ ސުވާލު ކޮށްލިއެވެ. ހަމްޒާއަށް ލިބުނު ސިހުމުގައި އަގަޔަށްލާން ތައްޔާރުކޮއްލި ރޮށިކޮޅު އަތުން ދޫވެގެން ތަށި ތެރެއަށް ވެއްޓުނެވެ. ހަމްޒާގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. އޭނާގެ މަންމައަށް ނޫރާ އާ ބެހޭގޮތުން ސުވާލުކުރަން އެނގުނު ގޮތަކާމެދު ހަމްޒާ ކަންބޮޑުވާގޮތް ވިއެވެ. ކުއްލިއަކަށް އެ ސުވާލު ކުރުމުން ހަމްޒާ އަށް ލިބުނީ ޝޮކެކެވެ. އޭނާގެ ބަސް ހުއްޓި ހަރަކާތްވެސް ހުއްޓިޖެއެވެ.

''ތެދެއް ދަރިފުޅާ....... ބައްޕަމެނަށްވެސް އަންގާލަން ވާނެ އެއްނު.......... '' މުސްތަފާ ވާހަކަދެއްކި އާދައިގެ ގޮތަކަށެވެ. އެހެންނަމަވެސް ހަމްޒާއަށް އޭނާގެ އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލެވޭގޮތެއް ނުވިއެވެ.

''މަންމަ ދަރިފުޅަށް ގޮވަން ދިޔަތަނާ ނޫރާ ގުޅި ދަރިފުޅުގެ ފޯނަށް......... އެހެންވެ މަންމަ މި އަހާލީ އެއީ ކޮންކުއްޖެއްތޯ.......'' ސަކީނާ އިނީ ހަމްޒާއަށް ވާ ގޮތް ރަނގަޅަށް ބަލާށެވެ.

''އޯވ........ އެހެންދޯ......... އެއީ ދޯ ވީގޮތަކީ.........'' ހަމްޒާ ކުޑަކޮށް ހަމަޖެހިލަމުން އިސްޖަހާލިއެވެ. ނޫރާގެ ނަން ހަމްޒާގެ މަންމައަށް އެނގުނު ގޮތް އޮޅުންފިލުމުން ކުޑަކޮށް ހިތްހަމަޖެހޭގޮތް ވިއެވެ. އެހެނަސް ދެން ކުރިމަތިވާނެ ސުވާލެއް ނޭނގޭތީ އޭނާ ކަންބޮޑުވާންފެށިއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، 04 މާރިޗް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް