ކަންގަނާ ރަނާވަތު --
ބޮލީވުޑްގެ ބަތަލާ އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޮކްސަބާގެ މެމްބަރު ކަންގަނާ ރަނާވަތުގެ ކުރިޔަށް އޮތް ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.
ކަންގަނާ މިހާރު މަސައްކަތް ކުރަމުންދަނީ ފިލްމު "ކުއީން 2" ގައި އެވެ. އެ ފިލްމަކީ 2014 ވަނަ އަހަރު ރިލީޒް ކުރި އޭނާ ލީޑްރޯލުން ފެނިގެންދާ "ކުއީން" ގެ ސީކުއެލްއެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކުއީންގެ ދެ ވަނަ ބައިގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންދާއިރު އިއްޔެ ވަނީ ޝޫޓިން އެއްކޮށް ނިންމާލާފައި އެވެ. އެކަން ފާހަގަ ކުރުމަށް ކަންގަނާ އާއި ޓީމުން ވަނީ ޕާޓީއެއްވެސް ބާއްވާފައި އެވެ.
ފިލްމުގެ ޝޫޓިން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.
ކަންގަނާ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ފެށުމާއި އެކު ސިނަމާތަކަށް ފިލްމު އަންނާނެ ދުވަހެއް ރަސްމީކޮށް އިއުލާނު ކުރާނެ އެވެ. މި ފިލްމުގެ ގިނަ މަސައްކަތްތައް ކުރަމުންދަނީ މީޑިއާއަށް ހާމަ ކުރުން މަދުކޮށެވެ.
މި ފިލްމަކީ އިންޑިއާގައި ގިނަ ބަޔަކު އިންތިޒާރު ކުރާނެ ފިލްމެއް ކަމަށްވެ އެވެ. އެއީ "ކުއީން" ވެގެން ގޮސްފައިވަނީ އެއަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލުވެގެން ދިޔަ އެއް ފިލްމަށް ކަމަށްވާތީ އެވެ. އެ ފިލްމުގައި ފެނިގެންދަނީ އަންހެނަކު މިނިވަންކަމާއި އެކު އަމިއްލަ ފައިމައްޗަށް ތެދުވަން ކުރާ މަސައްކަތެވެ.
ރިޕޯޓުތައް ބުނާގޮތުގައި "ކުއީން 2" ދޭއްގައި ފެނިގެންދާނީ އެ މަސައްކަތަށް ފަހު ދެން އަންހެން މީހާގެ ދިރިއުޅުމަށް ވެގެންދާ ގޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް