އެމެރިކާގެ މަޝްހޫރު ރެޕާ މެކްލެމޯގެ އާ ލަވައިގެ އާމްދަނީ ގައްޒާއަށް!

25 Nov 2026 | 14:12
އެމެރިކާގެ ރެޕާ މެކްލެމޯ --

އެމެރިކާގެ ރެޕާ މެކްލެމޯ --

ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ އެމެރިކާގެ ރެޕާ މެކްލެމޯ ނެރުނު އައު ލަވަ "ވެއާޒް އަވާ ލަވް"ގެ ހުރިހާ އާމްދަނީއެއް ޣައްޒާގައި ޝަހީދުވި ކުޑަކުއްޖެއްކަމަށްވާ ހިންދް ރަޖަބްގެ ހަނދާނުގައި ގާއިމުކޮށްފައިވާ ފަންޑަކަށް ހަދިޔާކުރާނެ ކަމަށް އިޢުލާނުކޮށްފިއެވެ.

ނޮވެމްބަރު 20 ގައި ސްޓްރީމިން ޕްލެޓްފޯމްތަކުގައި ރިލީޒްކުރި މި ލަވައިގެ ވީޑިއޯ ދެ ދުވަސް ކުރިން ޢާންމުކޮށްފައިވެއެވެ. ލަވައިގެ ކަވާ އާޓް ފަރުމާކޮށްދިނީ މެކްލެމޯގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅު ހޫގޯއެވެ.

Advertisement

މޮން ރޯވިއާގެ ވޯކަލްސް އާއި ލިޔުންތެރިކަމާއި، ޖޯޝް ރައުލިންގްސްގެ ޕިއާނޯއާއި އޯގަން، އަދި އެންޑްރޫ ޖޮސްލިންގެ ސްޓްރިންގް އެރޭންޖްމެންޓް މި ޓްރެކުގައި ހިމެނެއެވެ. ޕިއާނޯ އިން ލީޑުކުރާ މި ލަވައިގައި ފަލަޞްޠީނު ރައްޔިތުންގެ ހިތާމައާއި ހަނު ހުރުމާއި، ކެކުޅުން ފެނިފެނި އެކަމާ ދެކޮޅަށް ޢަމަލީ ގޮތުން ނުނިކުތުމުގެ ފަރަގާ މެދު ސުވާލު އުފައްދައެވެ. ޣައްޒާގެ ބޭރުން ސޫދާނާއި، ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކާއި ހެއިޓީ ވެސް ލަވައިގައި ފާހަގަކޮށް، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓަށް ވެސް ފާޑުކިޔައެވެ.

މި ލަވައިގައި އޭނާގެ ވަކާލާތުގެ ސަބަބުން ކެރިއަރަށް ލިބުނު ގެއްލުމަށް ވެސް އިޝާރާތްކޮށް، ސްޓޭޖުން ބޭލިޔަސް ޤަބޫލުކުރާ ހަމަތައް ދޫނުކުރާނެ ކަމަށް ބުނެ "ދޭ ކާންޓް ޓޭކް މައި ފެއިތް" ކަމަށް ލިޔެފައިވެއެވެ.

އޭނާ ސޯޝަލް މީޑިއާގައި ބުނީ މި ލަވައިން ލިބޭ ހުރިހާ އާމްދަނީއެއް ދާނީ ދަ މަދާ އޮފް ހިންދް ފަންޑަށް ކަމަށާއި ޣައްޒާގެ މައިންނާއި ކުދިންނަށް މީގެން ފައިދާ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެ ފަންޑު ޤާއިމުކުރީ ހިންދް ރަޖަބްގެ މަންމަ ވިސާމް ހަމާދާއެވެ. ހިންދަކީ 2024 ވަނަ އަހަރުގެ ޖެނުއަރީ 29 ގައި ޣައްޒާ ސިޓީގައި އިސްތިޢުމާރީ އިޒްރޭލުގެ ހަމަލާ އެރި ކާރެއްގެ ތެރޭގައި ތާށިވި ފަލަޞްޠީނުގެ ކުޑަ ކުއްޖެކެވެ.

ފަލަޞްޠީނު ރެޑް ކްރެސެންޓުގެ އެމަޖެންސީ މުވައްޒަފުންނާ ފޯނުން ވާހަކަ ދެއްކި ރެކޯޑިން ދުނިޔޭގެ ސަމާލުކަމަށް އައެވެ. ހިންދް ސަލާމަތްކުރުމަށް ފޮނުވި އެމްބިއުލާންސަށް ވެސް ހަމަލާ ދީ، ހިންދާއި އާއިލާ މީހުންނާއި ދެ ޕެރަމެޑިކުން ވެސް ފެނުނީ މަރުވެފައި ތިއްބައެވެ. އާއިލާ މެރުމާއި އެމްބިއުލާންސަށް ބޮން އެޅުމުގެ ޒިންމާ އިޒްރޭލު ސިފައިން ނަގަންޖެހޭ ކަމަށް އދ. ގެ ކޮމިޝަން އޮފް އިންކުއަރީން ނިންމާފައިވެއެވެ.

ދަ މަދާ އޮފް ހިންދް ފަންޑުން ޣައްޒާގެ މައިންނާއި ކުދިންނަށް އިޤުތިޞާދީ، ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދެއެވެ.

ސެޕްޓެމްބަރުގައި ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމް ގައި ފަލަޞްޠީނާ އެއްކޮޅަށް ވާހަކަ ދެއްކުމުން، އެޑް ޝީރަންގެ ލޫޕް ޓުއާގެ ބާކީ ހުރި އެމެރިކާ ޝޯތަކުން މެކްލެމޯ ވަކިކުރިއެވެ. މެކްލެމޯ ބުނީ ބިލިއަނަރު ރޮބާޓް ކްރާފްޓް، ޖިލެޓް ސްޓޭޑިއަމްގައި ޕާފޯމް ކުރުން ހުއްޓުވައި، އެހެން ސްޓޭޑިއަމް ވެރީންނަށް ވެސް ޝީރަންގެ ޓީމަށް ޕްރެޝަރު ކުރުމަށް ގޮވައިލި ކަމަށެވެ. ޓުއާ ޕްރޮމޯޓަރު މެސީނާ ޓުއަރިން ގްރޫޕުން ބުނީ ސްޓޭޑިއަމް ވެރީން، މެކްލެމޯ ހިމެނޭ ލައިނަޕެއް ހުއްދަ ނުދޭނެ ކަމަށް އެންގި ކަމަށެވެ. ކްރާފްޓް އެ ނިންމުން ދިފާޢުކޮށް ބުނީ މެކްލެމޯގެ "ޔަހޫދީންނާ ދެކޮޅު ރެޓޮރިކާއި ތަސްވީރު" ގެ ތާރީޚެއް އޮތް ކަމަށެވެ. މެކްލެމޯ އެ ތުހުމަތު ދޮގުކޮށް ބުނީ އިޒްރޭލަށް ފާޑުކިޔުމާއި ޔަހޫދީންނާ ދެކޮޅުވެރިވުމަކީ ވަކި ދެ ކަމެއް ކަމަށެވެ.

ތްރިފްޓް ޝޮޕް (Thrift Shop) ފަދަ ހިޓް ލަވަތަކުން ދުނިޔޭގެ މަޝްހޫރުކަން ހޯދި ސީއެޓަލްގެ މި ރެޕާ، 2023 ގައި ޣައްޒާއަށް ހަމަލާތައް ފެށީއްސުރެ ތަކުރާރުކޮށް ފަލަޞްޠީނު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް