ބޮލީވުޑުގެ ތަރި ނިހާ ޝަރްމާ 39 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ރަށް ގިލި ރިޒޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
ނިހާ ވަނީ އޭނާގެ އުފަންދުވަހުގެ ދަތުރުގެ ފޮޓޯތަކެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުގައި ޕޫލު ކައިރީގައި ހަމަޖެހިލައިގެން އިން މަންޒަރު ފެނެއެވެ. ނިހާ ޕޯސްޓުގައި ލިޔެފައިވާ ގޮތުގައި ރަށް ގިލި ރިޒޯޓުގެ ވެށި ރީތި ކަމަށާއި، އެތަނުގެ މެހެމާންދާރީ ވަރަށް ފުރިހަމަ ކަމަށެވެ.
ނިހާ ޝަރްމާ އުފަންވީ 1987 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު، އިންޑިއާގެ ބިހާރުގެ ބަގަލްޕޫރުގައެވެ. ނިހާ އަކީ އިންޑިއާގެ ފިލްމް އެކްޓްރެސް އަދި މޮޑެލެކެވެ. އޭނާ ފިލްމީ ދާއިރާ ފެށީ 2007 ވަނަ އަހަރު ޕޫރީ ޖަގައްނާތު ޑައިރެކްޓް ކުރި ތެލުގު ފިލްމް ޗިރުތާ އިންނެވެ. އެއަށްފަހު ޔަމްލާ ޕަގްލާ ދީވާނާ 2 (2013)، ސޯލޯ (2017) އަދި ތާންހާޖީ (2020) ފަދަ ފިލްމުތަކުގައި ހަރަކާތްތެރިވެފައިވެއެވެ.
ރަށް ގިލި މޯލްޑިވްސް އަކީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދެކުނު މާލެ އަތޮޅުގައި ހުޅުވި އައު ލަގްޒަރީ ރިޒޯޓެކެވެ. ސިކްސް އެންޑް ސިކްސް ޕްރައިވެޓް އައިލެންޑްސް ގެ ފުރަތަމަ ރިޒޯޓު ކަމުގައިވާ މި ތަން ފަރުމާކޮށްފައިވަނީ ތިމާވެށީގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދީގެން، ޑޮލްފިން ސެންކްޗުއަރީއެއް ހިމެނޭ ގޮތަށެވެ.
މިއީ ނިހާ ރާއްޖެއަށް ޗުއްޓީއަކަށް އައި ފުރަތަމަ ފަހަރެއް ނޫނެވެ. 2025 ވަނަ އަހަރުގެ އެޕްރީލް މަހު ވެސް އޭނާ ރާއްޖޭގެ ބެލިއޯނީ ރިޒޯޓުގައި ޗުއްޓީ ހޭދަކޮށް، އެ ދަތުރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް