ހޮލީވުޑް ތަރި ވިލް ސްމިތުގެ 28 އަހަރުގެ ދަރިފުޅު ޖޭޑެން ސްމިތާއި ފެޝަން ދާއިރާގެ 82 އަހަރުގެ ފްރާންސް ރައްޔިތެއް ކަމަށްވާ މިޝެލް ލެމީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކަކީ އޭއައި ބޭނުންކޮށް ހަދާފައިވާ ފޮޓޯތަކެއްގެ މައްޗަށް ބިނާވެފައިވާ ބޮޑު ދޮގެއް ކަމަށް ހާމަވެއްޖެއެވެ.
ނޮވެމްބަރު ނުވައެއް އަދި ދިހައެއްގައި އެކްސް ޕްލެޓްފޯމުގައި ޖެހުނު ބައެއް ޕޯސްޓުތަކުގައި ބުނެފައިވަނީ ޖޭޑެން ސްމިތު މިޝެލް ލެމީގެ ގެއަށް ޒިޔާރަތް ކޮށް، ލެމީގެ ރުހުން ހޯދި ކަމަށާއި، ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށެވެ. ފަހުން މި ވާހަކަ އިތުރަށް ބޮޑުވެ، ދެ މީހުން އެންގޭޖްވެފައިވާ ކަމަށާއި ލެމީ އޭނާގެ މިލްކިއްޔާތުގެ 80 އިންސައްތަ ޖޭޑެންއަށް ދޭން ވައުދުވެފައިވާ ކަމަށް ވެސް ބައެއް ޕޯސްޓުތަކުގައި ދައުވާ ކޮށްފައިވެއެވެ. ދެ މީހުންގެ އުމުރުގެ ފަރަގަކީ 54 އަހަރެވެ.
މި ވާހަކައާ އެކު ދެ މީހުން އަތު ގުޅާލައިގެން ތިބި ފޮޓޯތަކާއި ބޮސް ދޭ ފޮޓޯތައް ވެސް ދައުރުވި ނަމަވެސް، ފަހުން ސާބިތުވީ އެ ހުރިހާ ފޮޓޯތަކަކީ އޭއައި ބޭނުންކޮށް އުފައްދާފައިވާ ފޭކު ފޮޓޯތަކެއް ކަމެވެ. ފެކްޓް ޗެކް ކުރި ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ދައުރުވި ފޮޓޯތަކުގައި ހުރި ފިރިހެން މީހާގެ ބޮލުގައި ކޮށާފައިވާ ކުރު އިސްތަށިގަނޑެއް ހުރި އިރު، ޖޭޑެން ސްމިތު 2026 ވަނަ އަހަރު ބެހެއްޓީ ދިގު ޑްރެޑްލޮކްސް ހެއާ ސްޓައިލެކެވެ. އޭބީސީ 10 ނިއުސް އިން ވެސް އެ ފޮޓޯތަކާއި ވީޑިއޯތަކަކީ ފޭކު ތަކެތި ކަމަށް ކަނޑައަޅާފައިވެއެވެ.
މިޝެލް ލެމީ އަކީ 82 އަހަރުގެ ފްރާންސުގެ ފެޝަން ދާއިރާގެ މަޝްހޫރު ޝަހްސިއްޔަތެކެވެ. ލެމީ 2006 ވަނަ އަހަރުން ފެށިގެން ފެޝަން ޑިޒައިނަރު ރިކް އޯވެންސްއާ ކައިވެނިކޮށްގެން އުޅެއެވެ. ދެ މީހުން ވެގެން އޯވެންސްކޯޕް ކުންފުނި އުފައްދައި، ރިކް އޯވެންސް ބްރޭންޑް ހިންގައެވެ. ޖޭޑެން ވެސް އަދި ލެމީ ވެސް، ކައިވެންޏެއް، ލޯބީގެ ގުޅުމެއް، ނުވަތަ މިލްކިއްޔާތާ ގުޅޭ އެއްވެސް އެއްބަސްވުމެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ޖޭޑެން ސްމިތުގެ ލޯބީގެ ގުޅުމެއް 2026 ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް އާންމުކޮށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އޭނާ އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ މޮޑެލް އަދި މިއުޒީޝަން ސެބް ޒާދާއާ ކަމަށް ވާއިރު، ޖޭޑެންއާ ސެބް 2020 އިން 2024 އާ ހަމައަށް ރައްޓެހިވެގެން އުޅުމަށް ފަހު ވަކިވީއެވެ. ސެޕްޓެމްބަރު 2025 ގައި ޖޭޑެން ވަނީ ލަގްޒަރީ ބްރޭންޑް ކްރިސްޗިއަން ލޫބުޓައިންގެ ފިރިހެނުންގެ ފެޝަން ލައިނުގެ ފުރަތަމަ ކްރިއޭޓިވް ޑައިރެކްޓަރުގެ މަގާމާ ހަވާލުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް