ހިތް އެދޭވަރުން ... 18 ވަނަ ބައި ..

ކުރީގެ އަދަދާއި ގުޅޭ ޝާހިލް ޑިއުޓީ ނިއްމާލާފައި ގެއަށް ދާންވެގެން ނިކުންއިރު ދެތިން ނަރުހަކުވެސް އެމީހުންގެ ޑިއުޓީނިމިގެން ގެއަށް ދާން ނިކުމެ ތިއްބެވެ. އޭގެތެރޭގައި ޒީޝާނާއި އޭނާއާއި އެކު ޓުރޭނިންނަށް...

29 Aug 2017 | 06:34

ކުރީގެ އަދަދާއި ގުޅޭ

ޝާހިލް ޑިއުޓީ ނިއްމާލާފައި ގެއަށް ދާންވެގެން ނިކުންއިރު ދެތިން ނަރުހަކުވެސް އެމީހުންގެ ޑިއުޓީނިމިގެން ގެއަށް ދާން ނިކުމެ ތިއްބެވެ. އޭގެތެރޭގައި ޒީޝާނާއި އޭނާއާއި އެކު ޓުރޭނިންނަށް އައިސް އުޅޭ އިތުރު ކުއްޖަކުވެސް ހުއްޓެވެ. އެމީހުން ތިބީ ވާރޭ ވެހޭތީ ގެއަށް ނުދެވިފައެވެ. އެހެންނަމަވެސް ކޮންމެ މީހެއްގެ މޫނުމަތިންވެސް އަވަހަށް ގެއަށް ދާން ބޭނުންވެފައިވާކަމުގެ އަސަރުތައް ދިޔައީ ފާޅުވަމުންނެވެ. ޒީޝާންވެސް އިރުއިރު ކޮޅާ އާފުރިލައެވެ.

''ލީން. ކީއްވެތަ ގެއަށް ނުގޮސް ތިތިބީ.'' ޝާހިލް ގޮސް ލީން ގާތަށް ހުއްޓެމުން ބުނެލިއެވެ. ''ހަމަ ނޭނގޭތީތަ ތިއަހަނީ.'' ލީން އަނގައަށް ވައްތަރެއް ޖައްސާލަމުން ބުއްޏެވެ. ''އަހަރެން ހީކުރީ މާއަވަސް އަރުވާލާފައި އައިމަ މިހާރު ހުންނާނީ ގޭގަކަމަށް. ޔާސިރުވެސް މިރެއަކު ބަލައެއް ނައެއްނު ދޯ.'' ޝާހިލް ހިނިތުންވެލަމުން ބުއްޏެވެ. ''ސާބަހޭ. އޭނަވީ ޑިއުޓީގައޭ. މާދަމާ އަށެއްޖަހާއިރު އަންނާނީ.'' ލީން ބުނެލިއެވެ.

''ދެން މާދަމާ އަށެއް ޖަހަންދެން ތިތާ ހުންނަނީތަ؟'' ޝާހިލް އަހާލިއެވެ. ''ޝާހިލަށް އަޅެ ކީއްތަ އަހަރެން މިތާ ހުރިއްޔާ.'' ލީން ވައްތަރެއް ޖައްސާލަމުން ބުއްޏެވެ. ''ދެރަވާތީ.'' ޝާހިލް ހިނިތުންވެލަމުން ބުއްޏެވެ. ''ތިހާ ދެރަވައްޏާ ދެން އަހަރެމެން ގެން ގޮސް ގެއަށް ލައިދޭންވީނު ދޯ ލީން.'' މަރިޔަމަށް ނުހުރެވިގެން ބުނެވުނެވެ. ލީންވެސް މަރިޔަމްއާއި އެއްބަސް ވުމުގެ ގޮތުން ހިނިތުން ވެލިއެވެ.

''މަރީމެންނަށް ކެރޭނެތަ އަހަރެންނާއި އެކު ދާން.'' ކީއްވެ ނުކެރެން ވީކީ. ތީ އަރާކާ އެއްޗެއް ނޫން ވިއްޔާ.'' މަރިޔަމް އެހެން ބުނުމާއެކު އެތާގައި ތިބި އެންމެންވެސް ކަކަކަކަ އަޅާފައި ހީނގަތެވެ.

''ބަލަ މަރީ ނުޖެހޭނޭ މަށާއެކު ދާކަށް. ޝާޑު އެއޮއްއައީނު މަރީ ބަލާ.'' ޝާހިލް ހޮސްޕިޓަލުގެ ގޭޓުކައިރިއަށް އައިސް މަޑުކޮށްލި ކާރުދައްކާލަމުން ބުއްޏެވެ. ކާރުފެނުމާއެކު މަރީގެ މޫނުމައްޗަށް އުފާވެރިކަން ވެރިވެގެން ވެއެވެ. ''ލީން އާއި ޝައިނާ އާދޭ މަށާއެކު ދާން.'' މަރީ ކާރާ ދިމާއަށް ހިނގައިގަންނަމުން ބުއްޏެވެ.

''ދެން ޒީޝާނޯ.'' ލީން ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ''ޒީޝާން ހިނގައިދާނެ ޝާހިލާއި އެކު. ޒީޝާން ހުންނަނީ ޝާހިލްމެންގޭގައޭ ދޯ.'' މަރިޔަމް ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ޒީޝާން އެދަންވަރުގައި ޝާހިލާއި އެކު ދާން ބޭނުން ނުވިނަމަވެސް މަރީއާއި އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

''ކޮންމެރެއަކުވެސް ޒީ އަހަރެން މަޑުކުރާށޭ އަހަންނާއި އެކު ދާން ބުނީމަ ދަމެއްނު. ދެންކީއްވެ މިރޭ ގެއަށް ނުގޮސް ތިހިރީ.'' ޝާހިލް ޒީޝާން ގާތަށް ޖެހިލަމުން ބުއްޏެވެ. ''ކަމެއް ނުވޭ. ހިޝާމްބެއަށް ގުޅީމަ ހިޝާމުބެ ފޯނެއް ނުނަގާ. ހީވަނީ ގަމުގަހެންވީ. އެހެންވެ.........................''

''ދެންވެސް މަޑުނުކޮށް ހިނގާ ގެއަށް ދާން. މިހާރު އެހެރަ ދޭއްޖަހަން އުޅެނީ.'' ޝާހިލް ހިނގައިގަތީ ކާރާ ދިމާއަށެވެ. ޒީޝާނުވެސް ކުޑައިރުކޮޅަކު ވިސްނާލުމަށް މަޑުކޮށްލުމަށް ފަހު ކާރާ ދިމާއަށް ހިނގައިގަތެވެ. ޒީޝާން ގޮސް ކާރުކައިރިއަށް ހުއްޓުމުން ޝާހިލް ކާރުގެ ކުރީ ޝީޓުގެ ދޮރުހުޅުވާލަ ދިނެވެ.

ޒީޝާން ނާރަންވެސް ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. އެހެން ނަމަވެސް އިތުރުގޮތެއް ނެތުމުން ވާރެއާއި ތެމިފޯމުގެ ކުރިން އަރާ އިށީނެވެ. ޝާހިލަށް އެކަން ފާހަގަކުރެވުނުވެސް މެއެވެ.

''އަހަންނަށް އިތުބާރެއް ނުކުރަންދޯ.'' ޝާހިލް ކާރުދުއްވާލަމުން އަހާލިއެވެ. ''ކި....ކި... ކީއްވެތޯ ތިހެން ތިބުނުއްވީ.'' ޒީޝާނަށް އަހާލެވުނެވެ. ''އަހަންނަށް ހީވަނީ ޒީ އަހަންނަށް އިތުބާރު ނުކުރާހެން. އެކަމަކު އަހަރެން ޒީއަށް......................................''

''އަހަރެން ޝާހިލަށް އިތުބާރު ކުރަމޭ. އެކަމަކު އެންމެނަކަށް އިތުބާރުކުރާކަށް ވެސް ނުވާނެ.'' ''ތީގެ މާނައަކީ ޒީ މީހަކަށް ވަރަށް އިތުބާރު ކުރީމޭތަ؟'' ޝާހިލް ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ''މުޅިއަކުން ތިހެނެއްވެސް ނޫން.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''ދެން ކިހިނެއްތަ؟'' ޝާހިލް އަހާލިއެވެ. ''މިޒަމާނުގަ ނުވާނެ މީހަކަށް އިތުބާރުކުރާކަށް. ގިނަ ފަހަރަށް މާބޮޑަށް އިތުބާރުކުރީމަ ލިބެނީ..............''

''ލިބެނީ ލަނޑުދޯ.'' ޝާހިލް ޖުމުލަ ފުރިހަމަ ކޮށްލިއެވެ. ޒީޝާންވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

''ދެން ބުނެބަލަ. އަހަރެންނާއި މެދު ދެކެނީ ކިހިނެއް؟'' ޝާހިލް އެ ސުވާލުކުރީ ޒީޝާން އޭނާއާއި މެދު ދެކޭގޮތެއް ބަލާލާށެވެ. ''އަހަރެން ދެކޭގޮތުގަ ޝާހިލަކީ ހަމަ ވަރަށް ރަނގަޅު މީހެއް.'' ޒީޝާން ބުނި އެއްޗަކުން ޝާހިލް އިނީ ހައިރާންވެފައެވެ. ''އަހަރެން އަހައިފިންތަ އަހަރެން މީގޯސްމީހެއް ހެއްޔޭ؟ އަހަރެން މިއެހީ އަހަންނާއި މެދު ޒީ ދެކެނީ ކިހިނެއްހޭ؟'' ޝާހިލް ސުވާލުތަކުރާރު ކޮށްލިއެވެ.

''އަހަރެން ޝާހިލް ދެކެނީ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގަ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''ތިނޫން މަޤާމެއް ހަމަ ނުލިބޭނެތަ؟'' ޝާހިލް ހިތުގައިވާ އިޚްސާސްތައް ޖުމުލައެއްގެ ސިފައިގާ ދުލުން ބޭރުކޮށްލިއެވެ.

ނަމަވެސް ޒީޝާން އެސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. އޭނާ ހައިރާންވެފައި ޝާހިލަށް ބަލާލުން ފިޔަވައި އިތުރު އެއްޗެއް ނުބުނެއެވެ.ޝާހިލްވެސް އިނީ ޒީޝާންގެ ޖަވާބެއް ނުލިބުމުން ދެރަވާގޮތްވެފައެވެ. ޝާހިލްގެ އެޖުމުލައިގެ ސަބަބުން އެދެމެދަށް ހަމަހިމޭންކަންވެރިވިއެވެ. ޒީޝާން އެއްޗެށް ނުބުނެ ހަނުހިމޭނުން އިނުމުން އެކަމުން ޝާހިލަށް އުނދަގޫތަކެއް ވިއެވެ.

''ސޮރީ އިނގޭ.'' ޝާހިލް ކާރު މަޑުކޮށްލަމުން ބުއްޏެވެ. ''އިޓުސް އޯކޭ.'' ޒީޝާންވެސް އަވަސް އަވަހަށް ކާރުން ފައިބަން ވެގެން ދޮރުހުޅުވާލިއެވެ. ''ކަމެއް ކޮށްދީފާނަށްތަ؟'' ޝާހިލް އަހާލިއެވެ. ''ކޮންކަމެއްތޯ؟'' ޒީޝާން އަވަސް އަވަހަށް ބުއްޏެވެ. ''އަހަރެން ކާރު ގަރާޖަށް ވައްދާފަ އަންނަށް ދެން މިތާ މަޑުކޮށްލަ ދީފިއްޔާ ވަރަށް ރަނގަޅު. މިހެން މިބުނީ ޒީ ދިޔައިމަ އަހަރެން ގެއަށް ދާން ޖެހޭނީ ތެމިގެން ވީމަ.ޒީ އަތުގަ ކުޑައެއްވެސް އޮތީ.އެކަމަކު............''

''އަހަރެން މަޑުކޮށްފާނަމޭ.''ޒީޝާން އާ ފުރިލަމުން އަވަސް އަވަހަށް ބުއްޏެވެ.

ގަރާޖު ހުންނަނީ ގޭގެ އަނެއް ފަރާތު މަގުގައެވެ. ގަރާޖަށް ކާރު ވައްދާފައި ޝާހިލް އައިސް ޒީޝާން އަތުގައި އޮތް ކުޑަދަށަށް ވަނެވެ. ކުޑަދަށުގައި ދެމީހުންނަށް ތިބެން ޖެހުނީ ޖެހިފިތިގެން ކަމުން އެކެއްގެ ހަށިގަނޑުގެ ހޫނުކަން އަނެކަކަށް ދިޔައީ އިޚްސާސް ކުރެވެމުންނެވެ. މަގުމަތީގައި ހެދިފައިވާ ފެންގަނޑުތަކުން ރެކެމުން ދެމީހުންވެސް އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގެއަށް ވަނެވެ.

ދޮރުހުޅުވާލުމާއެކު ޒީޝާނު ދިޔައީ ސިއްސައިގެންނެވެ. ކާގެއިން ނިކުން ނަވީލް ފެނުމާއެކު އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. މިގަޑީގައި ނަވީލް ނުނިދާ އެކުރަނީ ކީއްހެއްޔެވެ؟ އަނެއްކާ މިރޭވެސް .......................

ނަވީލް ފެނުމުން ކުރިއަށް ފިޔަވަޅެއް އަޅަންވެސް ހަނދާނަނެތިފައި ހުރި ޒީޝާން ސިއްސައިގެން ދިޔައީ އޭނާގެ ފަސް ފަހަތުން ގެއަށް ވަން ޝާހިލް ނަވީލަށް ގޮވާލުމުންނެވެ. އޭނާ ސިހިފައި ކުރިއަށް ހިނގައިގަތެވެ. އޭރު ޝާހިލް ގޮސް ނަވީލާއި އަރާހަމަ ވަނީއެވެ. ނަވީލްގެ ނަޒަރު ހުރީ ޒީޝާނަށްށެވެ. ނަވީލްގެ ނަޒަރުން އެއްކިބާވުމަށްޓަކައި ޒީޝާން އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

ޒީޝާނަށް ހޭލެވުނީ ދިހައެއް ޖަހާވެސް ދިޔަފަހުންނެވެ. އޭރު ބަނޑުހައިގަނެގެން ގޮސް މުޅިމީހާ ތުރުތުރު އަޅައެވެ. އޭނާ އެހެރީ އިއްޔެ މެންދުރު ނީލާމެންނާއެކު ގޮސް ކޭގޮތަށެވެ. ރޭވެސް އޭނާ ނިދީ ނުކައެވެ. ގެއަށް އާދެވުނީ ބާރަޖަހާ ދިޔަފަހުންނެވެ. ކިތަށްމެ ބަނޑުހައިވެފައި ހުރި ނަމަވެސް އެގަޑީގައި އޭނާއަށް ކާގޭގައި އެކަނި އިންނާކަށް ނުކެރުނެވެ. ވުމާއެކު ފެންތައްޓެއް ބޯލައިގެން އަރާއޮށޯވެ ނިދީއެވެ.

''ޒީޝާނަށް މިހާރު ތިވަނީ ކިހިނެއްތަ؟ ދުވަހަކުވެސް ހެނދުނު ހެނދުނާ ހޭލެވޭކަމަކަށް ނުވޭ.'' ޒީޝާން ފެނުމުން ބޮޑުދައިތަ ބުނެލިއެވެ. ބޮޑުދައިތަ ހުރީ ހިސާބަކަށް ނުރުހިފައެވެ. ''ބޮޑުދައިތާ. ރޭ ނިދުނީ ވަރަށް ލަހުންނޭ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ.

''ތިނޫން ވަރެއް މިހާރު ޒީޝާނަށް އެބަވޭތަ؟ އަބަދުވެސް ބުނާނީ ލަހުން ނިދުނު ވާހަކަ. ތިކަހަލަ ކޮންމެވެސް ބަހަނާއެއް ދައްކާތި.'' ބޮޑުދައިތަގެ ރާގުގައި ހިސާބަކަށް ނުރުހުން ވެފައިވާގޮތް އެކުލެވިގެންވެއެވެ. ޒީޝާނަށް އެކަން ފާހަގަ ކުރެވުނެވެ. ބޮޑުދައިތަ އޭނާއާއި ވާހަކަދައްކާ ރާގާއި ގޮތް ބަދަލުވަމުން ދާކަން އޭނާއަށް ފާހަގަ ކުރެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

ޒީޝާން މަޑުމަޑުން އިނދެ ސައިބޮމުން ގެންދިޔައެވެ. ބޮޑުދައިތަ ކާގެއިން ނިކުތްތާ މާގިނަ އިރެއް ނުވެ އައިސް ކާގެއަށް ވަނީ ޝާހިލެވެ. ހީވަނީ އޭނާވެސް ހޭލައިގެން އެއައީ އަދި ކިރިޔާހެންނެވެ. ޝާހިލް އައިސް އިށީއްނީ މޭޒުގެ އަނެއް ފަރާތުގައެވެ. ޒީޝާނުގެ ދިމާކުރިމަތީގައެވެ.

''މަށަކަށް ސައިތައްޓެއް ހަދައެއް ނުދޭނަށްތަ؟'' ޝާހިލް ސޭންޑުވިޗެއް ނަގަމުން ބުއްޏެވެ. ޒީޝާން މަޑުމަޑުން ތެދުވެގެން ގޮސް ތައްޓެއް ނަގައިގެން ސައިގިރަން ފަށައިފިއެވެ. ''ހަކުރު ނާޅައްޗޭ.'' ''އެކަމަކު............''

''ހަކުރު އެޅީދޯ. ތިހެންނޭ ވާނީ މަންމަން ވެގެން އުޅެއްޏާ. ގެނޭ ދެން މިފަހަރު ބޯލާނީ.'' ޝާހިލް ޒީޝާންގެ މޫނަށް ބަލާލަމުން ބުއްޏެވެ. ޒީޝާން ސައިތަށި ހިފައިގެން އައިސް ޝާހިލް ގާތު ބެހެއްޓުމަށް ފަހު އަނގައިންވެސް ނުބުނެ ގޮސް އިށީނެވެ. އަދި މަޑުމަޑުން އިނދެ ސައިބޮމުން ގެންދިޔައެވެ.

ޒީޝާނަށް ވިސްނެނީ ބޮޑުދައިތައާއި މެދުގައެވެ. ބޮޑުދައިތަ ނުރުހޭކަމަކަށް އޭނާއަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ގައިމުވެސް އޭނާއަށް އެގިގެން އެފަދަ ކަމެއް ކުރެވިފައެއް ނުވެއެވެ. އޭނާ އެފަދަ ކަމެއް ކުރާކަށްވެސް ބޭނުމެއް ނުވެއެވެ.

ރޭގަނޑު ކެއުމަށް ފަހު ނަވީލް ބެލްކައްޏަށް ނިކުތީ އާދައިގެ މަތިން ގޭތެރޭގެ ހަލަބޮލި މާހައުލުން އެއްކިބާވެލާ ދުނިޔެއާއި މެދު ވިސްނާލުމަށްޓަކައެވެ. އެހެން ރޭރެއާއި ޚިލާފަށް އެކަނިވެރިކަމުން ފަޅުވެފައިވާ ބެލްކަނީގައި އޭނާ ނޫން އެހެން މީހަކުވެސް މިރޭ ހުރިހެން އޭނާއަށް ހީވީ ކީއްވެބާއެވެ. އެއީ ކާކުކަން ނޭގޭ ހާލުގައި އޭނާ އެމީހާއާއި ގާތަށް ޖެހިލިއެވެ. އެއީ އޭނާއަށް ހީވި ހީވުމެއް ނޫނެވެ. ބެލްކަނީގެ ތަބެއްގައި ލެގިލައިގެން އުޑާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން އެހެރީ ޒީޝާން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އެކަމަކު ޒީޝާން މިގަޑީގައި އެކަނި މާއެކަނި އެތާގައި ހުންނަށްވީ ކީއްވެބާއެވެ؟

ނަވީލްގެ ހިތް ސުވާލުތަކުން ފުރިގެން ދިޔައެވެ. ޒީޝާން އެވިސްނަނީ އަނެއްކާ ކޮންކަމަކާ ބާއެވެ. އޭނާއަށް އެކަނިވެރިކަން ގެނެސްދިނީ އަނެއްކާ ކޮންކަމަކުން ބާއެވެ؟

''ޒީ. މިގަޑީގަ މިތާގަ ކީއްތިކުރަނީ.'' ނަވީލް ޒީޝާން ގާތަށް ޖެހިލަމުން ބުއްޏެވެ. ''ކަމެއް ނުކުރަން.'' ޒީޝާން ސިހިފައި ބުނެލިއެވެ. ''އެކަމަކު މިގަޑީގަ ޒީ............................''

''އަހަރެން މިތަނުން މިގަޑީގަ ފެނުނީމަ ހައިރާންވީދޯ.'' ޒީޝާން ނަވީލަށް ބަލާލަމުން ބުއްޏެވެ. ނަވީލް އެއްބަސްވުމުގެ ގޮތުން ބޯހަލުވާލިއެވެ. ''އެހެންތަ. އެހެންވީރު އަހަރެން ދަނީ. އަހަރެން ބޭނުމެއް ނޫން އަހަންނާއި ހެދި ނަވީލަށް އުދަގޫވާކަށް.'' ޒީޝާން ހިނގައިގަތެވެ. އެވަގުތު ނަވީލް ޒީޝާންގެ އަތުގައި ހިފޭއްޓިއެވެ. ނަވީލްގެ ފަރާތުން އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ނުވިސްނާ ހުރި ޒީޝާނަށް ނަވީލްގެ އެޢަމަލުން ލިބުނީ ކުއްލި ސިހުމެކެވެ. އެގޮތަށް ކަންތައް ވުމުން ޒީޝާން ހުރީ ބިރުގަންނަގޮތްވެފައެވެ. ނަވީލް އެގޮތަށް އޭނާ އަތުގައި ހިފަހައްޓައިގެން ހުއްޓާ ގޭމީހަކަށް ފެނިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟

''ނަވީލް. ދޫކޮށްލާ އަހަރެން އަތުން. މީހަކަށް ފެނިދާނެ.'' ޒީޝާން އާދޭހުގެ ރާގަކަށް ބުއްޏެވެ. ''ގައިމުވެސް ތިހެން ނުބުނާނެ ދޮންބެއަށް ވީނަމަ.'' ނަވީލް ޒީޝާނުގެ އަތުން ދޫކޮށްލާ ޚިޔާލެއް ނުކުރިއެވެ. ''ކީއްވެ ތިހެން ތިބުނީ.'' ޒީޝާން އަވަސް އަވަހަށް ބުއްޏެވެ. ''ހަމަ ނޭނގޭތީ ތަ ތިހެން ތިއަހަނީ.'' ނަވީލް ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ޒީޝާންގެ އަތަށް ދިޔައީ ތަދުވަމުންނެވެ.

''އަޅެ ޕުލީޒް. އަހަރެންގެ އަތުން ދޫކޮށްލަބަލަ. ތަދުވެޔޭ.'' ޒީޝާނަށް ރޮއިގަނެވުނެވެ. ''ތަދުވޭތަ. އަހަރެން ހީކުރީ ތަދުވާނީ ހަމަ އެކަނި އަހަރެންގެ ހިތާއި މެޔަށް އެކަނި ކަމަށް. އެހެން މީހުންނަށް އެއިޚްސާސް ނުކުރެވޭނެ ކަމަށް.'' ނަވީލްގެ އަޑުގައި ރުޅިވެރިކަން އެކުލެވެއެވެ. ''އަހަންނަކަށް ނޭނގެ ނަވީލް ތިކިޔާ އެއްޗެށް.''

''ނޭނގޭނޭ. އެގުނަސް ނޭގޭކަމަށްށޭ ހަދާނީ. ތީ އިންސާނުންގެ ވައްތަރެއްނު..............................''

''ހެޔޮނުވާނެ އަހަރެންގެ އަތުން ދޫކޮށްލަބަލަ.'' އެންމެފަހުން ޒީޝާން އާދޭސްކުރަން ފެށުމުން ނަވީލް އޭނާގެ އަތުން ދޫކޮށްލިއެވެ. އޭރު ޒީޝާނަށް ހަމަ ހަޤީޤަތުގައި ވެސް ހުރީ ރޮވިފައެވެ. އޭނާއަށް އަތުގައި ފިރުމާލެވުނެވެ. ނަވީލް ހުރީ ޒީޝާނަށް ފުރަގަސްދީގެންނެވެ. ޒީޝާން ނަވީލްގާތަށް ދާން ޖެހިލުންވިއެވެ. އޭނާ މިހާރު ނަވީލް ދެކެ ބިރުގަންނަށް ފަށައިފިއެވެ. ވުމާއެކު އޭނާ އަތުގައި ފިރުމަމުން ފިރުމަމުން މަޑުމަޑުން ގޭތެރެއަށް ދިޔުމަށް ހިނގައިގަތެވެ.

*********** ނުނިމޭ **********

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް