ހިތް އެދޭވަރުން…. 17 ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ .. ޒީޝާން ތައްޔާރުވަމުންދަނީ ހޮސްޕިޓަލަށް ދިޔުމަށްޓަކައެވެ. މިހާރު ދެތިން ފަހަރަކު ޝާހިދާ ސައިބޯން އަންނަށް ވެސް ގޮވާލައިފިއެވެ. ނަމަވެސް އޭނާއަށް އަޑުއިވުނުހެނެއް ހިއެއް ނުވެއެވެ...

23 Aug 2017 | 03:00

ކުރީގެ އަދަދާއި ގުޅޭ ..

ޒީޝާން ތައްޔާރުވަމުންދަނީ ހޮސްޕިޓަލަށް ދިޔުމަށްޓަކައެވެ. މިހާރު ދެތިން ފަހަރަކު ޝާހިދާ ސައިބޯން އަންނަށް ވެސް ގޮވާލައިފިއެވެ. ނަމަވެސް އޭނާއަށް އަޑުއިވުނުހެނެއް ހިއެއް ނުވެއެވެ. ލޯގަނޑުކުރިމަތީގައި ހުރެގެން ފަރާތް ފަރާތަށް އެނބުރި ފަރިބަލަމުންދާއިރު ހީވަނީ ނުދާތާކަށް ދާން އުޅޭހެންނެވެ. ކޮލެޖުޔުނީފޯމްގައި މިއަދު އޭނާ ފެންނައިރު ހީވަނީ ހޫރުޕަރީއެއް ހެންނެވެ. އެހެން ނަމަވެސް އެޔުނީފޯމް އެއީ އޭނާ ގަޔަށްލީ ފުރަތަމަ ދުވަހެއް ނޫނެވެ.

''ސާބަހޭ ޒީ. ތިވަރަށް ފަރި ނުބެލިޔަސް ދެން ޒީ ރީއްޗޭ.'' ނޫރާ ކޮޓަރީގެ ދޮރުހުޅުވާލަމުން ބުއްޏެވެ. ''ޖޭ ވީދޯ.'' ޒީޝާން ހިނިތުން ވެލަމުން ބުއްޏެވެ.

''ނޫނޭ. ޖޭވީއެއްނޫން. ހަމަ ރީތިކަމުން ރީތިވާހަކަ މިބުނީ. ހީވަނީ ޑިއުޓީއަށް ދާން ތިއުޅެނީ މުޅިން އަލަށްހެން. މިހާރު ތިއްތަ ސައިބޯން އަންނާށޭ ގޮވާތާ ކިހާއިރެއް. މިހާރު އެއޮތް ފަހެއްޖަހަނީ. އެންމެ ފަހުން މިއަދުވެސް ދާނީ ސައިނުބޮއިކަން ނޭނގެ.'' ނޫރާ ހިނިތުން ވެލަމުން ބުއްޏެވެ. ''އެހެންތަ. ހަމަ ރަނގަޅަށް މިބުނީ. ތިއްތަ ގޮވިއަޑެއް ނާހަން.'' ޒީޝާނު ބުއްޏެވެ.

''ވަރެއްވެފަތާ ތިހިރީ އެހެންވީއިރު. ދެންވެސް އަވަހަށް ސައިބޯން ހިނގާ. މިހާރު ދޮންތަބޭވެސް ގޮސްފިކަން ނޭނގެ. މިއަދު ދާންޖެހޭނީ ޓެކުސީއެއްގައި ކަން ނޭނގެ.'' ނޫރާ ހިނގައިގަތެވެ. ޒީޝާނުވެސް ދަބަސް ނަގާކޮޑުގައި އަޅުވާލަމުން ނޫރާގެ ފަސް ފަހަތުން ހިނގައިގަތެވެ.

ޒީޝާނު ސައިބޮއިގެން ނިކުންއިރު ހިޝާމުބެވީ ޔޫހާ ބަލާ ސްކޫލު ދޮށަށް ގޮހެވެ. މަޑުކޮށްފިއްޔާ ގަޑިޖެހޭނެތީ އޭނާ އަވަސް އަވަހަށް މަގުމައްޗަށް ނިކުތެވެ. އޭނާ ދޮރާށި ދޮށަށް ނިކުންއިރު ދޮރާށި ދޮށުގައި ސައިކަލެއްގައި ރިޢުމާން އިނެވެ. އޭނާ ގާތުގައި ނޫރާވެސް ހުއްޓެވެ.

''އޭތް. އަހަރެން ހޮސްޕިޓަލަށް ލައިދީފާނަށްތަ؟'' ޒީޝާނު ގޮސް ރިޢުމާން ގާތަށް ހުއްޓެމުން ބުއްޏެވެ. ''ކަމަނާ. ތީ އެއްވެސް ކަމެއް ނޫނެއްނޫންތޯ؟ ހަމަ ވިދާޅުވެލެއްވި ގޮތެއް. އަވަހަށް އަރާ.'' ރިޢުމާން ހިނިތުންވެލަމުން ބުއްޏެވެ. ރިޢުމާން އެހެން ބުނުމާއެކު ޒީޝާންވެސް މަޑުކުރުމެއް ނެތި ސައިކަލުގެ ފަހަތަށް އަރާ އިށީއްނެވެ. ރިޢުމާންވެސް ނޫރާ ގާތުދަނީއޭ ބުނެފައި ސައިކަލް ދުއްވާލައިފިއެވެ. ނޫރާއަށް ވެސް އެދުވަހު ޒީޝާނާއި ރިޢުމާންގެ ގާތްއެކުވެރިކަން ފެނިގެން ދިޔައެވެ. މިއިން ދުވަހަކުވެސް ނޫރާއަށް ފިރިހެންކުއްޖެއްގެ ސައިކަލްގެ ފަހަތުން ނުފެންނަ

ޒީޝާން ރިޢުމާންގެ ސައިކަލް ފަހަތަށް އެއެރީ އެއީ އޭނާ ނުހަނު އިތުބާރުކުރާ މީހަކަށް ވީމަކަން ޔަޤީނެވެ. އެއީ ނޫރާ ޤަބޫލުކުރާ ތެދު ހަޤީޤަތެކެވެ.

ރިޢުމާން ޒީޝާން ގޮވައިގެން ގޮސް ހޮސްޕިޓަލުގެ ގޭޓު ކައިރިއަށް މަޑުކޮށްލި ވަގުތުވީ ޝާހިލަށްވެސް ހޮސްޕިޓަލުން ބޭރަށް ނުކުމެވުނު ވަގުތަށްށެވެ. އެވަގުތު ޒީޝާން ޒުވާން ފިރިހެން ކުއްޖެއްގެ ސައިކަލު ފަހަތުގައި އިން މަންޒަރު ފެނުމުން ޝާހިލުގެ ހިތަށް ނުކޮށް ނުދާނެފަދަ އަސަރު ތަކެއް ކުރުވިއެވެ. އަނެއްކާ އޭނާގެ އެކުވެރި ޝާފީއަށް ވީގޮތަށް އޭނާގެވެސް ޑުރީމްގާރލް ގެއްލުނީބާއޭ ހިތަށް އެރިއެވެ. އެހެން ވެއްޖެ ނަމަ...........................................................

ޒީޝާން ރިޢުމާނަށް ޝުކުރު އަދާކުރުމަށް ފަހު އައިސް ހޮސްޕިޓަލަށް ވަންއިރުވެސް ޝާހިލަށް ހުރެވުނީ އެފަދަ ޚިޔާލެއްގައެވެ. ޝާހިލް ސިއްސައިގެން ދިޔައީ ޒީޝާން އައިސް އަރާ ހަމަވެފައި ގޮވާލުމުންނެވެ.

''އޭނ. ކީކޭ؟'' ޝާހިލް ސިހިފައި އަހާލިއެވެ. ''އަބަދުވެސް ޝާހިލްމެންގެ ޚިޔާލު ތިހުންނަވަނީ ކޮންމެވެސް ބަލިމީހަކަށްޓަކައި ގޮސް ހުސްވެފަ. އެކަމަކު ތީ ތަންފުކެއް ބޮޑުވަރެއް.'' ޒީޝާން ޝާހިލަށް ބަލާލަމުން ބުއްޏެވެ.

''އަހަރެމެންނަކީ ޑޮކުޓަރުންނޭ. އެހެންވީ އިރު ބަލިމީހުންނާއި މެދު ވިސްނުމަކީ އަހަރެމެންގެ އިންސާނީ ވާޖިބެއްނު.'' ޝާހިލް ޒީޝާނުގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''ރަނގަޅު ވާހަކައެއްތީ. ދަނީއިނގޭ'' ޒީޝާނު އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ދެފަޔަށް ބާރުލާފައި ހިނގައިގަތެވެ.

ޒީޝާނު ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް ހީވަނީ ޝާހިލްގެ ހިތުގައި އަޅަމުންދާ ހެންނެވެ. އޭނާއަށް ހުރެވުނީ ޒީޝާން ދާމަންޒަރު ބަލާށެވެ.

''ސަޅި ބިޓެއްދޯ.'' ހޫދު އައިސް ޝާހިލް ގާތަށް ހުއްޓެމުން ލާނެއް ވައްތަރެއް ޖައްސާލަމުން ބުއްޏެވެ. ''ކޮބާތަ؟'' ޝާހިލް ޤަސްދުގައި ނޭނގޭކަމަށް ހެދިއެވެ. ''ދެންމެ ޝާހިލާއި ވާހަކަދައްކަން ހުރެފަ އެދިޔައީއެއްނު. ''ހޫދު ހީގަންނަމުން ބުއްޏެވެ. ''އަހަރެން ހިތަށް އަރާ ހޫދުގެ ތިލާނެއް

ގޮތްގަނޑު ކެޑޭނީ ކޮންދުވަހަކުންބާއޭ؟'' ޝާހިލް ހިނގައިގަތީ ގޯތިތެރޭގައި ހުރި ޖޯލިފައްޗަކާއި ދިމާއަށެވެ. ހޫދުވެސް ޝާހިލާއެކު ހިނގައިގަތެވެ.

''ދެން ބުނެބަލަ. ޝާހިލް ބުނީމެއްނު އައްޑޫ ކުއްޖަކާއި ނުއިންނާނަމޭ. އެހެންވީއިރު އެކުއްޖާ ކިހިނެއްތަ؟'' ހޫދު އަހާލިއެވެ. ''ކޮން ކުއްޖެއްގެ ވާހަކައެއްތަ ފަށަފަށައިގެން ހޫދު ތިދައްކަނީ.'' ޝާހިލް ހޫދަށް ބަލާލަމުން ބުއްޏެވެ. ހޫދު އަހާވަރުން ހީވަނީ އޭނާއަށް ޝާހިލުގެ ހިތުގެ ހާލު އެނގޭހެންނެވެ. ''މިދައްކަނީ ޓުރައިނިންނަން އައިސް ގެން އެއުޅޭތަނުން ކުއްޖެއްގެ ވާހަކަ.''

''ތިކުއްޖާއަށް ކިޔާ ނަމެއްވެސް އޮންނާނެތާ؟'' ޝާހިލް އަހާލިއެވެ. ''ޝާހިލްވެސް ހާދަވަގޭދޯ. ހީ ނުކުރާތި އަހަރެންގެ ބޮލަކަށް މިހިރީ މީދާކޭ އުބެއް ޖަހާފަކަމަށް.މަށަށް ޔަޤީން..............''

''ދަންބެރަށް ވުރެ ތަގުޅި ދިގުނުކޮށް ހޫދު ބުނަށް ތިއުޅޭއެއްޗެށް ސާފު ޢިބާރާތުން ބުނެބަލަ.'' ޝާހިލް ހޫދަށް ބަލާލަމުން ބުއްޏެވެ. ''ސާބަހޭ. މިދައްކަނީ ''ޒީޝާން ޝިޔާމް'' ގެ ވާހަކަ. ''ހޫދުގެ ދުލުން ޒީޝާނުގެ ނަން އިވުމުން ޝާހިލް ދިޔައީ ސިއްސައިގެންނެވެ. ހޫދަށް އޭނާގެ ހިތުގެ ހާލު އެގުނީ ކީއްވެބާއޭ ޝާހިލްގެ ހިތަށް އެރިއެވެ.

''ޒީޝާން ކިހިނެއްވީތަ؟'' ޝާހިލް އަހާލިއެވެ. ''ޒީޝާނަކަށް ކަމެއް ނުވޭ. އަހަންނަށް ހީވަނީ އެއީ ޝާހިލަށް ވަރަށް ކަމުދާކުއްޖެއް ހެން. އަނެއްކާ އަހަންނަށް މިބުނެވުނީ ދޮގަކަށް ވާނަމަ ވަރަށް ބޮޑަށް ސޮރީ އިނގޭ. ''ހޫދު ޝާހިލްގެ މޫނަށް ބަލާލަމުން ބުއްޏެވެ.

''ހަޤީޤަތަށް ބުނަށްޏާ ބުނެވޭނީ.................................''

''ޒީޝާނަކީ ވަރަށް ކަމުދާ ކުއްޖެއްދޯ.އެހެންވީއިރު ޝާފީއަށް ޖެހުނު ހާލު ނުޖެހެންދެން އެކަމާއި އުޅެންވީނު. މަވަރަށް ތާއީދު ކުރާކަމެއްތީ.'' ހޫދު ޖޯލިން ތެދުވަމުން ބުއްޏެވެ. ''ދެން ހޫދުވެސް ދައްކާވާހަކަ ދޯ.'' ޝާހިލް ހީލަމުން ބުއްޏެވެ. ''އަހަރެން ދައްކާ ވާހަކައޭ ނުކިޔާ ދެންވެސް އެކަމާއި އުޅެބަލަ.ޒީޝާންމެން ކަހަލަ ކުދިން އަބަދަކު ހުހެއް ނުވާނޭ.'' ހޫދު ހިނިތުންވެލިއެވެ.

''ހީވަނީ ހޫދަށް ޒީޝާންގެ ހުރިހާކަމެއް އިގޭހެން. އަނެއްކާ ރަނގަޅަށްތަ މަށަށް މިހީވީ.''ޝާހިލް އަހާލިއެވެ.''މާރަނގަޅަކަށް ނޭގެއޭ ބުނެވޭނީ.އެކަމަކު........................'' ''ކޮންމެވެސް

ވަރަކަށް އެގޭދޯ.''ޝާހިލް އަހާލިއެވެ.ހޫދުވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.''ދެން އެވާހަކައެއް ނޫނޭ.އަހަރެން މިދަނީ ކޮފީއަކަށް.ޝާހިލް ދާނަށްތަ؟'' ހޫދު ވާހަކަ ބަދަލުކޮށްލިއެވެ. ''އާނ. މަވެސް ދާނަމޭ.'' ޝާހިލްވެސް ތެދުވެގެން ހޫދުއާއި އެކުހިނގައިގަތެވެ.

''އަސްލު ޒީޝާންތީ ކޮންއަތޮޅެއްގެ ކުއްޖެއްތަ؟'' ޝާފީ ވާހަކަދެއްކީ ޒީޝާނާއެވެ. ''ލ.އަތޮޅު. ދަންނަ މީހަކު އުޅޭ އަތޮޅެއްތަ؟'' ޒީޝާން ޝާފީގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''އާން. އުޅޭނެ ދަންނަ ކުއްޖެއް.''

''އެކުއްޖާއަށް ކިޔަނީ ކޮންނަމެއްތަ؟'' ޒީޝާން އަވަސް އަވަހަށް އަހާލިއެވެ. ''އެއީ އައްޑޫ ކެމްޕަހުން ކޯހެއް ހަދަމުންދާ ކުއްޖެއް.............'' ޝާފީ ހިނިތުންވެލަމުން ބުއްޏެވެ. ''ތިކުއްޖާއަށް ކިޔާނަމެއްވެސް އޮންނާނެތާ؟''ޒީޝާން ދެވަނަ ސުވާލެއްވެސް ކޮށްލިއެވެ. ''އެކުއްޖާއަށް ކިޔަނީ..........................'' ''އެކުއްޖާއަށް ކިޔަނީ ފައިހާ ރަޝީދު.''އައި ނައި ދިމާއެއް ނޭގި އެތަނަށް އައިސް ހުއްޓުނު ހޫދު ބުނެލިއެވެ.

''ހޫދު. ދެންތީ ކޮންކަމެއް؟ އަބަދުވެސް މީހުންނާއި ދިމާކުރުންދޯ އޮންނަނީ. އެހެން ނޫނަސް ފައިހާ ދައްތައެއް އެބައުޅޭ ކުއްޖަކު ބަލިވެގެން އައިސް. އޭނައަށް އަޑުއިވިއްޖެއްޔާ ހިތަށް އަރާނީ ކީކޭ؟'' ޝާފީ ދެރަވެލާފައި ބުއްޏެވެ. '' ފައިހާ އެއީ ކާކު؟'' ޒީޝާން އަހާލިއެވެ.

''އެއީ........ އެއީ.....ޝާފީގެ.....''''ދެން ހެޔޮ ނުބުއްޏަސް. އެކަމަކު ކީއްވެތަ ހޫދު ހަމަ އެހެން ބުނާ އިރަށް ޝާފީ ތިތެޅިގަތީ. އަނެއްކާ އެއީ...........''

''މިހާރު އޭނާ އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެންނޭ. ދެން ކީއްކުރަން އެވާހަކަ ފަށަފަށައިގެން ދައްކަންވީކީ.'' ޝާފީ ވާހަކަދެއްކީ އިސްދަށަށް ޖަހާލައިގެން ހުރެއެވެ. ''އަސްލު ބުނެބަލަ. ކާކު ތީގަ ކުއްވެރިޔަކީ.....'' ޒީޝާން ހީވަނީ ތަހުޤީޤެއް ކުރާހެންނެވެ.

''އަހަރެން ދެކޭގޮތުގަ ކުއްވެރިޔަކީ ޝާފީ.'' ހޫދު ބުއްޏެވެ.' 'ހޫދު ކީއްވެ ޝާފީ ތިކުށްވެރި ކުރީ. ''ޒީޝާން އަހާލިއެވެ.''އެއީ ލޯބީގަ............... ''އެވަގުތު ޝާފީ ހޫދުގެ އަތުގައި ހިފާ ފިތާލުމުން ހޫދު ޝާފީއާއި ދިމާއަށް ބަލާލިއެވެ. ޝާފީ ބޮލުގެ އިޝާރާތުން އިތުރަށް އެވާހަކަ ކުރިއަށް

ނުގެންދިޔުމަށް އެދުނެވެ. އެ މަންޒަރު ޒީޝާނަށްވެސް ފެނުނެވެ.ވުމާއެކު އޭނާވެސް އިތުރު ސުވާލެއް ނުކުރެއެވެ.

''ކޮން އިރަކު ޒީޝާންގެ ޑިއުޓީ ނިމެނީ.'' ހޫދު އަހާލިއެވެ. ''އަނެއްކާ ކިހިނެއްވީ؟ މާޙާއްޞަކަމެއް އޮތީތަ؟'' ޒީޝާން ހިނިތުންވެލަމުން އަހާލިއެވެ.''ނޫނޭ. މާޙާއްޞަކަމެއް އޮތީއެއް ނޫން. ގެއަށް ލައިދޭން ދާންކަމަށް.''

''ހޫދު...........ޒީޝާން ގެއަށްލައިދޭން ދާން......ކެރޭނެތަ؟'' ޝާފީ ހައިރާންވެފައި ބުނެލިއެވެ. ''އަހަރެންވީމަ ކީއްތަވީ......... ގައިމުވެސް ޝާފީއަށް ވުރެ ކެރޭނެ.'' ހޫދު ޝާފީއަށް ބަލާލަމުން ކެރޭކަން ހާމަކޮށްލިއެވެ. ''ދެން އެންމެ ރަނގަޅޭ.ތިހެން ކެރިގެން އުޅެނިކޮށް އަންހެނުން ރުޅިއައިސްފާނެ ދޯ ޒީޝާން.'' ޝާފީ ޒީޝާނަށް ދޯ ދެމުން ބުނެލިއެވެ.ޒީޝާންވެސް މިފަހަރު ޝާފީއާއި އެއްބައިވުމުގެ ގޮތުން ހިނިތުންވެލިއެވެ.

''ދެން އެންމެ ރަނގަޅޭ. އެވާހަކައެއް ނޫނޭ.ކޮބާ އެއުޅޭ ނިޒާމް. ''ހޫދު ވާހަކަ ބަދަލުކޮށްލިއެވެ. ''ބަލާބަލަ ވާހަކަ ބަދަލުކޮށްލިވަރު ދޯ ޒީޝާން.'' ޝާފީ ހީގަންނަމުން ބުއްޏެވެ. ''އަންހެނުން ދެކެ ހޫދު ނުލާހިކު ލޯބިވެއޭ. ޝާފީ ހަނދާންކޮށްދިނީމަ މާބޮޑަށް ވައިފުމަތިން މިސްވީއޭ ދޯ ހޫދު.'' ޒީޝާންވެސް ދިމާކޮށްލިއެވެ. ''ދެން ނޭގެ މަށަކަށް. ދެމީހުން ތިބޭ ފޮނިކަނޑަށް.އަހަރެން މިދަނީ.'' ހޫދު ހިނގައިގަތީ ލެބޯޓަރީއާއި ދިމާއަށެވެ. ޝާފީވެސް އޭނާގެ މަސައްކަތަށް އެނބުރި ދިޔައެވެ. ޒީޝާންވެސް މިސްރާބުޖެހީ ވޯޑާއި ދިމާއަށެވެ.

******** ނުނިމޭ ************

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް