އަންކިތް ބަލްޔާން --
އިންޑިއާގެ ހަރިޔާނާ ލަވަކިޔުންތެރިޔާ އަދި ޔޫޓިއުބާ އަންކިތު ބަލްޔާންގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 32 އަހަރުގެ އަންކިތު މަރާލީ ޖިމުން ނިކުތް ވަގުތު އެ ސަރަހައްދަށް ދެ ސައިކަލެއްގައި ދިޔަ ބައެކެވެ. އެމީހުން ވަނީ އަންކިތު ކާރަށް އެރި ވަގުތު ކާރުގެ ދޮރު ހުޅުވައި އޭނާގެ ގަޔަށް އަމާޒުކޮށް ފަސް ފަހަރު ބަޑި ޖަހާފައި އެވެ.
ބަޑީގެ ހަމަލާތައް އަންކިތުގެ ބޮލާއި ބަނޑަށް އަރާފައިވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި އެވެ.
މި ހާދިސާ ހިނގި އުއްތަރް ޕްރަދޭޝްގެ ފުލުހުން މީޑިއާގައި ބުނީ ހަމަލާ ދިން މީހުން ވަނީ ފިލާފައި އެވެ. އެމީހުން ހޯދުމަށް ސީސީޓީވީ ފުޓޭޖުތައް ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި މި ހަމަލާއާއި ސިޔާސީ ގޮތުން އެއްވެސް ގުޅުމެއްވޭތޯވެސް ބަލާނެ ކަމަށް ބުންޏެވެ.
އޭނާގެ މަރާއި ސިޔާސީ ކަމަކާއި ގުޅުން އޮތް ކަމަށް ޝައްކު ކުރަނީ ކުރިޔަށް އޮތް ޑިސްޓްރިކްޓް ޕަންޗާޔަތް ސިޔާސަތަށް ނުކުންނަން އަންކިތް ތައްޔާރުވަމުންދާ ކަމުގެ ވާހަކަ ދެކެވިފައިވާތީ އެވެ. ނަމަވެސް އެ ވާހަކައާ މި މަރާ ގުޅުމެއް އޮތް ކަން ފުލުހުންނާއި އެކުވެރިން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަންކިތުގެ މަރާއެކު އޭނާގެ ސަޕޯޓަރުންވަނީ އެއްވުންތައް ބާއްވައި ބައެއް މަގުތައް ބަންދުކޮށް ހަމަލާދިން މީހުން ހޯދުމަށް ގޮވާލާފައި އެވެ.
އަންކިތުގެ ޔޫޓިއުބުގައި 3.66 ލައްކައަށް ވުރެ ގިނަ ސަބްސްކްރައިބަރުން ތިބި އިރު "ބާރީ ކޯޓް މެއިން މޭރ ޖާން" ފަދަ ލަވަތަކުން އޭނާ މަޝްހޫރުވެފައިވެއެވެ. އޭނާގެ ވީޑިއޯތަކުގައި ވަރަށް ގިނައިން އެސްޔޫވީ ކާރާއި ބަޑި ފެންކަން ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް