N/A
ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ
ރިހާނާ މަރާލަން މަސައްކަތްކުރި ކަމުގެ ދައުވާއަށް ފްލޮރިޑާގެ އަންހެނަކު ލޮސް އެންޖެލެސް
ކޯޓުގައި އިންކާރުކޮށްފިއެވެ.
އިވާނާ ލިސެޓް އޯޓީޒް ނަމަކަށް ކިޔާ 35 އަހަރުގެ މި
އަންހެން މީހާ ލޮސް އެންޖެލެސް ސުޕީރިއާ ކޯޓަށް ހާޒިރުކުރެވުނީ ރީނދޫ ކުލައިގެ ޖަލު
ޔުނީފޯމެއްގައެވެ. އޭނާގެ މައްޗަށް 14 ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި
މީހަކު މެރުމަށް މަސައްކަތްކުރުމުގެ ދައުވާއަކާއި ސެމީ އޮޓޮމެޓިކް ހަތިޔާރަކުން ހަމަލާ
ދިނުމުގެ 10 ފެލޮނީ ދައުވާ ހިމެނެއެވެ. އޭނާގެ ވަކީލު ވަނީ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފައެވެ.
ފަނޑިޔާރު ތެރީސާ މެކްގޮނިގަލް ވަނީ 1.875 މިލިއަން އެމެރިކާ ޑޮލަރަށް ކަނޑައެޅިފައިވާ
ކަފާލާތު ކުޑަކުރުމުގެ އެދުން ބޭރުކޮށްފައެވެ. އަދި މައްސަލަ ނިމެންދެން ކެލިފޯނިއާގައި
ސްޕީޗް ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ފަނޑިޔާރު ކަނޑައެޅިއެވެ.
ކުށް ސާބިތުވެއްޖެ ނަމަ އޯޓީޒްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، އޯލެންޑޯއަށް ނިސްބަތްވާ
އޯޓީޒް ވަނީ ލޮސް އެންޖެލެސްގެ ބެވަލީ ކްރެސްޓް ސަރަހައްދުގައި ހުންނަ ރިހާނާގެ ގެ
ކައިރިއަށް އާދީއްތަ ދުވަހު މެންދުރު ފަހު ކާރެއްގައި ގޮސް ބަޑީގެ ގާތްގަނޑަކަށް ހަމަލާ
ދީފައެވެ. އެ ވަގުތު ރިހާނާ އާއި އޭނާގެ ބައިވެރިޔާ އޭސެޕް ރޮކީ އަދި އެ ދެމީހުންގެ
ތިން ދަރީން ގޭގައި ތިބި ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ. ނަމަވެސް ބަޑީގެ ހަމަލާގައި
އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
"މިއީ ފަސޭހައިން ގިނަ ބައެއްގެ ފުރާނަ ގެއްލުމަށް މެދުވެރިވެދާނެ ފަދަ ޢަމަލެއް،"
ކަމަށް ޑެޕިއުޓީ ޑިސްޓްރިކްޓް އެޓާނީ އެލެގްޒެންޑާ ބޮޓް ކޯޓުގައި ވިދާޅުވިއެވެ.
އޯޓީޒް ހާދިސާ ހިނގި ތަނުން ފިލި ނަމަވެސް، ކުޑަ ވަގުތުކޮޅެއް
ފަހުން ލޮސް އެންޖެލެސް އިން ހައްޔަރުކުރެވުނެވެ. އޭނާ ހައްޔަރުކުރެވުނު އިރު ކާރުގައި
ރައިފަލަކާއި ވިގެއް (ސިފ ބަދަލުކުރުމަށް) އޮތް ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.
ނުވަ ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ރިހާނާ އަކީ ވީ ފައުންޑް ލަވް (We Found Love) އާއި އަމްބްރެލާ (Umbrella) ފަދަ މަޝްހޫރު ލަވަތައް
ކިޔާފައިވާ ފަންނާނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް