ޑިރެކްޓަރު އަދި އެކްޓަރު ނިމާލް -
ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި
ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަހުމަދު ނިމާލް މިއަދު ހެނދުނު
ނިޔާވެއްޖެއެވެ.
އުމުރުން 62 އަހަރުގެ ނިމާލް ނިޔާވިކަން އޭނާގެ ގާތް
މީހަކު ވަނީ ކަށަވަރުކޮށްދީފައެވެ.
ނިމާލް އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ މިދިޔަ
ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ސައިކަލެއްގައި ދަނިކޮށް ސްޓްރޯކެއް ޖެހިގެންނެވެ.
އެ ވަގުތުން ފެށިގެން އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ، ވޭތުވެދިޔަ ދެ މަސް
ދުވަހު ފަރުވާދެމުން އައީ ވެންޓިލޭޓަރުގެ އެހީގައި ކޯމާއެއްގައެވެ. ހާލު
ސީރިއަސްކަމުން ބޭރަށް ގެންދަން އާއިލާއިން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާ
ގޮތް ނުވެފައެވެ. ފިލްމީ ދާއިރާއަށް ނިމާލް ފުރަތަމަ ނުކުތީ 1984 ވަނަ އަހަރު އީސާ
ޝަރީފްގެ "ނުފޫޒު" ފިލްމުން އެކްޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން 1993
ވަނަ އަހަރު އޭނާ ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި "ސިޓީ" އަކީ
ދިވެހި ފިލްމީ ތާރީހުގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.
ނިމާލް ޑައިރެކްޓުކުރި އަދި އިސް ރޯލުތައް އަދާކުރި
ފާހަގަކޮށްލެވޭ އެހެން ފިލްމުތަކުގެ ތެރޭގައި "ޒަލްޒަލާ"، "ޔޫސުފް"
އަދި "ނިއުމާ" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ ފިލްމީ ދާއިރާއަށް
ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަންކޮށް 1991 ވަނަ އަހަރު ވަނީ ހިތްވަރުދިނުމުގެ
ގައުމީ އިނާމު ވެސް އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް