ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަމަށް ބުނި އަރީޖީތު ލައްވާ އާމިރް ޚާން ފިލްމަކަށް ލަވައެއް ކިޔުއްވައިފި

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރީޖީތު ސިންގް ފިލްމުތަކަށް ލަވަކިޔުން ހުއްޓާލާފައިވާ ކަމަށް އިއުލާނުކުރިތާ ދުވަސްކޮޅެއް ފަހުން، ސުޕަސްޓާ އާމިރް ޚާން، އަރީޖީތުގެ އުފަން ރަށް ކަމުގައިވާ ހުޅަނގު ބ...

23 Feb 2026 | 19:03
އާމިރް ޚާން އަރިޖިތާއެކު -

އާމިރް ޚާން އަރިޖިތާއެކު -

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރީޖީތު ސިންގް ފިލްމުތަކަށް ލަވަކިޔުން ހުއްޓާލާފައިވާ ކަމަށް އިއުލާނުކުރިތާ ދުވަސްކޮޅެއް ފަހުން، ސުޕަސްޓާ އާމިރް ޚާން، އަރީޖީތުގެ އުފަން ރަށް ކަމުގައިވާ ހުޅަނގު ބެންގާލުގެ މުރުޝިދާބާދަށް ގޮސް، "އެކް ދިން" ފިލްމުގެ ޓައިޓަލް ޓްރެކް އޭނާ ލައްވާ ކިޔުއްވައިފިއެވެ.

އާމިރް ޚާން ޕްރޮޑަކްޝަންސްގެ ދަށުން އުފައްދާ މި ފިލްމުގައި ލީޑް ރޯލުން ފެންނާނީ އާމިރް ޚާންގެ ދަރިފުޅު ޖުނައިދް ޚާން އާއި ސައި ޕައްލަވީއެވެ. ސައި ޕައްލަވީއަށް މިއީ ބޮލީވުޑަށް ތައާރަފުވާ ފުރަތަމަ ފިލްމެވެ. ސުނިލް ޕާންޑޭ ޑައިރެކްޓްކުރާ މި ފިލްމަކީ 2016 ވަނަ އަހަރުގެ ތައި ފިލްމެއް ކަމުގައިވާ "ވަން ޑޭ" އަސްލަކަށް ބަލައިގެން ހަދާ ރޮމޭންޓިކް ޑްރާމާއެކެވެ. ފިލްމު ސިނަމާތަކުގައި އަޅުވާނީ މޭ 1، 2026 ގައެވެ.

މިއަދު އާންމުކުރި ޓައިޓަލް ޓްރެކް ވީޑިއޯގައި ފެންނަނީ އާމިރް ޚާން، މުރުޝިދާބާދުގައި ހުންނަ އަރީޖީތުގެ ގެއަށް ޒިޔާރަތްކޮށް، ލަވައިގެ މަސައްކަތުގައި ގާތުން ބައިވެރިވި މަންޒަރުތަކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އާމިރް ޚާން 4 ދުވަސް ވަންދެން އަރީޖީތުގެ ގޭގައި މަޑުކޮށް، ލަވައިގެ ކޮންމެ ތަފްސީލެއް ގާތުން ބަލަމުންދިޔައެެވެ. ވީޑިއޯގައި ދެ ތަރީން ގުޑި އެރުވުމާއި ރެސިޕީ ތައްޔާރުކުރުމާއި ސްކޫޓީގައި ދުއްވުން ފަދަ އާދައިގެ ކަންކަމުގައި އެކުގައި ވަގުތު ހޭދަކުރާ މަންޒަރު ފެނެއެވެ.

ވީޑިއޯގައި އާމިރް ޚާން، އަރީޖީތުގެ ރިޓަޔާމެންޓާ ބެހޭގޮތުން ސުވާލުކޮށް "އެއްވެސް ޕްރޮޖެކްޓެއް ނުނަގަނީތަ؟ ހިންދީ ފިލްމުތަކަށް ލަވަ ނުކިޔަނީތަ؟ ތިހެން ނަހަދާ، އޭރަށް އަހަރެމެންގެ ހާލަކީ ކޮބާ؟" ކަމަށް ބުނާ މަންޒަރު ވައިރަލްވެފައިވެއެވެ. ލަވައިގެ މިއުޒިކް ހެދީ ރާމް ސަމްޕަތެވެ. ލިރިކްސް ލިޔުނީ އިރުޝާދު ކާމިލެވެ.

އަރީޖީތު ސިންގް ޖެނުއަރީ 27، 2026 ގައި ސޯޝަލް މީޑިއާގައި ފިލްމުތަކަށް ލަވަކިޔުން ހުއްޓާލާކަން އިއުލާނުކުރީ "ވަރަށް ހިތްގައިމު ދަތުރެއް" ގެ ގޮތުގައި ސިފަކޮށެވެ. ނަމަވެސް މިއުޒިކް ހެދުން ހުއްޓާ ނުލާނެ ކަމަށާއި، އިންޑިއަން ކްލެސިކަލް މިއުޒިކަށް އެނބުރި ދާން ބޭނުންވާ ކަމަށް ބުންޏެވެ. ސްޕޮޓިފައިގައި 150 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބޭ އަރީޖީތު ސިންގް އަކީ ދުނިޔޭގެ އެ ޕްލެޓްފޯމުގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ ލަވަކިޔުންތެރިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް