ސޯޝަލް މީޑިއާ މެދުވެރިކޮށް ޑްރަގް ވިއްކާ ބޮލީވުޑް ތަރިއަކު ޝޫޓިންގައި ހުއްޓަ ހައްޔަރުކޮށްފި

ބޮލީވުޑް ފިލްމު "ދީވާ"ގައި ޝާހިދު ކަޕޫރާ އެކީ ހަރަކާތްތެރިވި އެކްޓަރު އަދި މޮޑެލް ރޫޙުﷲ މެހެދީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ ނެޓްވޯކެއްގެ މައްސަލައިގައި އިން...

23 Aug 2026 | 17:40
ރޫހުﷲ މެހެދީ --

ރޫހުﷲ މެހެދީ --

ބޮލީވުޑް ފިލްމު "ދީވާ"ގައި ޝާހިދު ކަޕޫރާ އެކީ ހަރަކާތްތެރިވި އެކްޓަރު އަދި މޮޑެލް ރޫޙުﷲ މެހެދީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ ނެޓްވޯކެއްގެ މައްސަލައިގައި އިންޑިއާގެ ކަޝްމީރު ފުލުހުން ހައްޔަރުކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި އޮޕަރޭޝަނުގައި 5.60 ލައްކަ އިންޑިއަން ރުޕީސް އަގުހުރި 28 ގްރާމް އެމްޑީ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މި ވިއުގައިގެ މުގުލުގައި ހުރީ އަދި މައްސަލަ ރައްދުވާ ފަރާތަކީ އޭނާ އެވެ. އޭނާގެ ނެޓްވޯކުން ވަނީ ސްނެޕްޗެޓާއި ވަޓްސްއެޕް ފަދަ ޕްލެޓްފޯމްތައް ބޭނުންކޮށްގެން މަސްތުވާތަކެތި ވިއްކާފައި އެވެ.

ފުލުހުން މީޑިއާގައި ބުނީ މެހެދީ ހައްޔަރު ކުރީ ލިބުނު ރިޕޯޓަކާއި ގުޅިގެން މަސްތުވާތަކެތި ގަންނަ ކަސްޓަމަރަކަށް ފުލުހަކު ހެދިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި ފުރަތަމަ ހައްޔަރު ކުރީ އެ ފުލުސް މީހާއަށް މަސްތުވާތަކެތި ޑެލިވަރީ ކޮށްދިން ކާސިފް ކިޔާ މީހެއް ކަމަށާއި މެހެދީގެ ނަން ތަހުގީގުގައި ބުނީ އެމީހާކަމަށެވެ.

ފުލުހުން މެހެދީ ހައްޔަރު ކުރީ ސްޓޫޑިއޯއެއްގެ ބޭރުގައި ޝޫޓިންއެއްގައި ހުއްޓަ އެވެ. މެހެދީ މުމްބާއީން ހައްޔަރު ކުރި ނަމަވެސް އޭނާއަކީ ޖައްމޫ ކަޝަްމީރަށް ނިސްބަތްވާ މީހެކެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު މިހާރު ކަޝްމީރު ފުލުހުން ދަނީ މެހެދީގެ ނެޓްވޯކް މެދުވެރިކޮށް މަސްތުވާތަކެތި ސަޕްލައި ކުރީ ކޮން ބަޔަކަށްތޯ ބަލައި އެ ނެޓްވޯކް ތެރޭގައި ފިލްމް އިންޑަސްޓްރީއާ ގުޅުން ހުރި ބަޔަކު ޝާމިލް ވޭތޯ ބަލަމުންނެވެ.

މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ދީވާ"ގައި މެހެދީ ކުޅެފައި ވަނީ ރޯހަންޖް ބާއީގެ ކެރެކްޓާއެވެ. އޭގެ އިތުރުން ގިނަ ވެބް ސީރީޒްތަކެއްގައި ވެސް އޭނާ ހަރަކާތްތެރިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް