ކާރްތިކްގެ ކަކުލުގެ އޮޕަރޭޝަން ކާމިޔާބު، ވަރަށް އަވަހަށް ޝޫޓިންތައް ފަށާނެ!

ބޮލީވުޑްގެ މަޝްހޫރު ތަރި ކާރްތިކް އާރިޔަން ފިލްމެއްގެ އެކްޝަން މަންޒަރެއް ކުޅުމުގެ ތެރޭގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މުމްބާއީގެ ހޮސްޕިޓަލެއްގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ. އިންޑިއާގެ...

23 Aug 2026 | 04:20
ކާރްތިކް އާރްޔަން --

ކާރްތިކް އާރްޔަން --

ބޮލީވުޑްގެ މަޝްހޫރު ތަރި ކާރްތިކް އާރިޔަން ފިލްމެއްގެ އެކްޝަން މަންޒަރެއް ކުޅުމުގެ ތެރޭގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މުމްބާއީގެ ހޮސްޕިޓަލެއްގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.

އިންޑިއާގެ ނެޝެނަލް އެވޯޑު ހާސިލުކޮށްފައިވާ ކާރްތިކްގެ ތަރުޖަމާނު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާ މިހާރު އޮތީ ގޭގައި ކަމަށާއި ބަލިހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. ވަރަށް އަވަހަށް ޝޫޓިންއަށް އެނބުރި ނުކުންނާނެ ކަމަށް ބުނެފައިވެ އެވެ.

ޑައިރެކްޓަރު ކަބީރް ޚާންއާ އެކު ކާރްތިކް ކުޅެމުންދާ ފިލްމުގެ ޝޫޓިން ތެރޭގައި ލިބުނު މި އަނިޔާއާ ގުޅިގެން އޭނާ ފޯޓިސް ރާހެޖާ ހޮސްޕިޓަލުގައި އެޑްމިޓުކުރީ ކަމަށް ޕްރޮޑަކްޝަނާ ގާތް ފަރާތަކުން މީޑިއާގައި ބުނެފައިވެ އެވެ. ކާރްތިކަށް ކުރިން ވެސް 2023 ވަނަ އަހަރުގެ ފިލްމު ޝެހެޒާދާގެ ޝޫޓިންގައި ކަކުލަށް އަނިޔާވެފައިވެއެވެ.

ފިލްމީ ދާއިރާގެ މަސަައްކަތްތަކަށް ބަލާ ނަމަ 2026 ވަނަ އަހަރަކީ ކާރްތިކަށް ފާހަގަކޮށްލެވޭ އަހަރެކެވެ. ޖުލައި 18 ގައި އިޢުލާނުކުރި 72 ވަނަ ނެޝެނަލް ފިލްމް އެވޯޑްސްގައި ކަބީރް ޚާން ޑައިރެކްޓުކުރި ބައޮގްރަފިކަލް ފިލްމު ޗަންދޫ ޗެމްޕިއަންގައި އިންޑިއާގެ ފުރަތަމަ ޕެރެލިމްޕިކް ރަން މެޑެލް ހޯދި މުރުލީކާންތު ޕެޓްކަރުގެ ރޯލު ކުޅެގެން ކާރްތިކް ބެސްޓް އެކްޓަރ އެވޯޑު ހާސިލުކުރިއެވެ.

މި ޝަރަފުގައި ކާރްތިކާ އެކު ބެސްޓް އެކްޓަރ ބައި އެޅީ މަލަޔާޅަމް ފިލްމީ ދާއިރާގެ ތަރި މަމުީ ކަމަށް ވާ އިރު ބްރަމަޔުގަމްގެ ރޯލަށް ލިބުނު މި އެވޯޑަކީ މަމުީގެ ހަތަރު ވަނަ ނެޝެނަލް އެވޯޑެވެ.

ރަނގަޅުވުމަށް ފަހު ކާރްތިކް ކަބީރް ޚާންގެ އައު ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ އިރު ޑައިރެކްޓަރު އަނޫރާގް ބާސޫ ތަރި ސްރީލީލާއާ އެކު ކުޅޭ ރޮމޭންޓިކް ޑްރާމާގެ ބާކީ ބައިތައް ވެސް ޝޫޓުކުރުމަށް ތާވަލުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް