ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިން ރޭ ދަންވަރު މިނާއަށް ދިއުމަށް ދަތުރު ފަށާފައިވާއިރު ހައްޖު ކޯޕަރޭޝަންގެ ހުރިހާ ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށް ރާއްޖޭގެ ހައްޖު މިޝަން އިން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖަށްދިޔަ ހާޖީން މިނާއަށް ގޮސްފައިވާކަން ކަށަވަރު ވެފައިވާއިރު ރާއްޖޭގެ އެހެން ޖަމާއަތްތަކުގެ ހައްޖުވެރިން މިނާއަށް ދިޔަ ކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ.
ހައްޖު މިޝަން އިން މައުލޫމާތު ދޭ ގޮތުގައި ހައްޖުވެރިން މިނާއަށް ދަތުރު ފަށާފައިވަނީ ރާއްޖޭގަޑިން ރޭ 2:30 އެހާކަންހާއިރު އެވެ.
ސައުދީ އަރަބިއްޔާއިން ހާމަކުރާ ގޮތުގައި އިއްޔެގެ ނިޔަލަށް މައްކާއަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖުވެރިންގެ ތެރެއިން 60 އިންސައްތަ މީހުން ވަނީ މިނާއަށް ދަތުރު ކޮށްފަ އެވެ. އަދި ބާކީ 40 އިންސައްތަ މިއަދުގެ މެންދުރުކުރިން މިނާއަށް ދަތުރުކޮށް ނިމޭނެ ކަމަށް ސައުދީން ހާމަ ކުރެ އެވެ.
އެގައުމުން ހާމަކުރާގޮތުގައި ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް މިނާ ވަނީ ފުރިހަމައަށް ތައްޔާރު ވެފަ އެވެ. އެގޮތުން ޓެންޓް ތަކުގެ ހާލަތު ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނެސް ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ހައްޖު ސިފައިން މިނާގައި ހަރަކާތްތެރިވާން ފަށާފައި ވާކަމަށް ސައުދީން ހާމަ ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް