ހައްޖުމަހުގެ އަށްވަނަ ދުވަހު (އައްތަރުވިޔާ ދުވަހު) ހައްޖުވެރީން މިނާއަށް ޒިޔާރަތް ކުރަން ވާއިރަށް މިނާ ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ސައުދީން ހާމަކޮށްފި އެވެ.
ޓެންޓް ސިޓީގެ ގޮތުގައި މަޝްހޫރުވެފައިވާ މިނާ އޮތީ ހައްޖުވެރިންނަށްޓަކައި ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ސައުދީން ބުނެފައިވާއިރު ސައުދީގެ ޑިރެކްޓަރޭޓް އޮފް ޖެނެރަލް ހާމަކުރާ ގޮތުގައި ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެކި ގައުމުތަކުން މިހާތަނަށް 1،372،148 މީހުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް މައްކާއަށް ގޮސްފައި ވެ އެވެ. އޭގެ ތެރެއިން 308 މީހަކު މިހާތަނަށް ނިޔާވެފައިވާއިރު މި އަހަރުގެ ހައްޖުގެ އަޅުކަން ތިން މިލިޔަނަށްވުރެ ގިނަ މީހުން އަދާކުރާނެ ކަމަށް ސައުދީންވަނީ ބުނެފަ އެވެ.
ހައްޖުގެ އަޅުކަން ކުރިއަށްދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެއްލައްކަ ހައްޖުސިފައިންގެ މައްޗަށް އެކުލެވޭ ފައުޖެއް ސައުދީން އެކުލަވާލާފައި ވެ އެވެ. ހައްޖުވެރީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެ ފައުޖު ހަރަކާތްތެރިވަމުން އަންނައިރު 24 ގަޑިއިރު 5000 ސީސީޓީވީ ކެމެރާ މޮނީޓާ ކުރަމުންދާނެ ކަމަށް ހައްޖުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފައުޖުން ވަނީ ބުނެފަ އެވެ.
ސައުދީން ބުނެފައިވަނީ މިނާގައި އެކަނިވެސް 3000 ހައްޖު ސިފައިން ހަރަކާތްތެރިވާނެ ކަމަށާއި އެ 3000 ހައްޖު ސިފައިން ހަރަކާތްތެރިވާނީ 49 ޔުނިޓަކަށް ބަހާލެވިގެން ކަމަށެވެ.
ހައްޖުވެރިން މިނާއަށް ދާން ނިކުންނާނީ އަށްވަނަ ދުވަހު މެންދުރު ވުމުގެ ކުރިންނެވެ. މިނާގައި މެންދުރުނަމާދާއި އަޞްރުނަމާދާއި މަޣްރިބްނަމާދާއި ޢިޝާނަމާދު، މި ހުރިހާ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި ޖަމްޢުކުރުމަކާއި ނުލައި ޤަޞްރުކޮށް ކުރުމަށްފަހު ޙައްޖުމަހުގެ ނުވަ ވަނަ ވިލޭރޭ މިނާގައި ރޭކޮށް އެރޭގެ ފަތިސްނަމާދުވެސް ކުރާނީ މިނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް