ފީފާ ވޯލްޑް ކަޕް: ޗެލްސީގެ މޮރާޓާ އާއި ފެބްރެގަސް އަށް ސްޕެއިން ސްކޮޑުން ޖާގައެއް ނެތް

ސްޕެއިން އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެގި 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑުން ޗެލްސީގެ ފޯވާޑް މޮރާޓާ އާއި ފެބްރެގަސްއަށް ފުރުސަތު ނުލިބި ބާކީ ވެއްޖެއެވެ. އިއްޔެ ސްޕެއިން އިން ސްކޮޑް އިއުލާނު...

22 May 2018 | 06:17

ސްޕެއިން އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެގި 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑުން ޗެލްސީގެ ފޯވާޑް މޮރާޓާ އާއި ފެބްރެގަސްއަށް ފުރުސަތު ނުލިބި ބާކީ ވެއްޖެއެވެ.

އިއްޔެ ސްޕެއިން އިން ސްކޮޑް އިއުލާނު ކުރިއިރު، ކުރިން ޔުވެންޓަސް އާއި ރެއާލްއަށް ކުޅުމަށްފަހު މި ސީޒަނަށް ރެކޯޑް އަގަކަށް (60 މިލިއަން ޕައުންޑް) ޗެލްސީއަށް ބަދަލުވި މޮރާޓާއަށް ފުރުސަތު ގެއްލުނީ ސީޒަންގެ މެދެއްކަންހާ ހިސާބުން ފެށިގެން އޭނާގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައި ވާތީއެވެ. ސެންޓަރ ފޯވާޑަކަށް ކުޅޭއިރު، އޭނާއަށް މި ސީޒަންގައި ޗެލްސީއަށް ކުޅެދިން 47 މެޗުން ޖެހުނީ އެންމެ 15 ލަނޑެވެ.

މީގެ ކުރިން ސްޕެއިންއަށް ކުޅެދިން 23 މެޗުން 13 ލަނޑު ޖަހާފައިވާ މޮރާޓާއަށް ފުރުސަތު ދީފައިނުވާއިރު، ފޯވާޑުން ގޮތުގައި ނަގާފައިވަނީ މި ސީޒަންގައި ރަނގަޅު ފޯމެއްގައި ހިފަހައްޓަމުން އަންނަ ޑިއޭގޯ ކޮސްޓާ، އިއާގޯ އާސްޕަސް އަދި ރޮޑްރިގޯ މޮރޭނޯއެވެ.

ސްޕެއިންގެ މެދުތެރެއަށް ކުޅޭ އުފެއްދުންތެރި، ހުނަރުވެރި އަދި އެއް ފެންވަރެއްގައި ކުޅުން ހިފަހައްޓަމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ތިބުމާއެކު މި ފަހަރުގެ ސްކޮޑުން ފެބްރެގާސްއަށް ވެސް މި ވަނީ ފުރުސަތު ގެއްލިފައެވެ. ބުސްކެޓް، އިނިއެސްޓާ، ސިލްވާ އަދި އިސްކޯ މެދުތެރެއަށް ކުޅުވަން އިސްކަން ދޭނެކަމަށް ބެލެވޭއިރު، މީގެ އިތުރުން ނަގާފައިވާ މިޑްފީލްޑަރުންނަކީ ކޮކޭ، ސައުލް، ތިއާގޯ، އެސެންސިއޯ އަދި ވަޒްކުއޭޒް އެވެ.

ސްޕެއިންއިން ވެސް ޕްރިލިމިނަރީ ސްކޮޑްގެ ބަދަލުގައި ފައިނަލް ސްކޮޑް އިއުލާނު ކޮށްފައިވާއިރު، ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ބްރެޒިލް، އާޖެންޓީނާ، ޕޯޗުގަލް، އިންގްލެންޑް، ފްރާންސް ފަދަ ގައުމުތަކުން ވަނީ ފައިނަލް ސްކޮޑް ނުވަތަ ޕްރިލިމިނަރީ ސްކޮޑް މިހާރު އިއުލާނު ކޮށްފައެވެ.

ވޯލްޑް ކަޕަށް ރަޝިޔާއަށް ދަތުރު ކުރުމުގެ ކުރިން ސްޕެއިން އިން ސްވިޒަލޭންޑާއި ޓިއުނީޝިއާ އާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެއެވެ.

ފީފާ ވޯލްޑް ކަޕް 2018 ސްޕެއިންގެ ފައިނަލް ސްކޮޑް:

ގޯލްކީޕަރުން: ކޭޕާ އަރިޒަބަލާގާ (އެތުލެޓިކް ކްލަބް)، ޑޭވިޑް ޑެ ހެއާ (މެންޗެސްޓާ ޔުނައިޓެޑް)، ޕެޕޭ ރެއިނާ (ނަޕޯލީ)

ޑިފެންޑަރުން: ޖޯޑީ އަލްބާ (ބާސެލޯނާ)، އެޒިޕްލިކުއޭޓާ (ޗެލްސީ)، ޑެނީ ކަވަހާލް (ރެއާލް މެޑްރިޑް)، ނަޗޯ ފެނާންޑޭޒް (ރެއާލް މެޑްރިޑް)، ނަޗޯ މޮންރެއާލް (އާސެނަލް)، އަލްވާރޯ ރޮޑްރިއޮޒޯލާ (ރެއާލް ސޮސައިޑާޑް)، ޖެރާޑް ޕީކޭ (ބާސެލޯނާ)، ސާޖިއޯ ރާމޯސް (ރެއާލް މެޑްރިޑް)

މިޑްފީލްޑަރުން: ތިއާގޯ އަލްކަންޓަރާ (ބަޔާން މިޔުނިކް)، ސާޖިއޯ ބުސްކެޓް (ބާސެލޯނާ)، އަންދްރޭ އިނިއެސްޓާ (ބާސެލޯނާ)، އިސްކޯ (ރެއާލް މެޑްރިޑް)، ކޮކޭ (އެތުލެޓިކޯ މެޑްރިޑް)، ސައުލް ނިގުއޭޒް (އެތުލެޓިކޯ މެޑްރިޑް)، ޑޭވިޑް ސިލްވާ (މެންޗެސްޓާ ސިޓީ)

ފޯވާޑުން: މާކޯ އެސެންސިއޯ (ރެއާލް މެޑްރިޑް)، އިއާގޯ އާސްޕަސް (ސެލްޓަ ވިގޯ)، ޑިއޭގޯ ކޮސްޓާ (އެތުލެޓިކޯ މެޑްރިޑް)، ރޮޑްރިގޯ މޮރޭނޯ (ވެލެންސިއާ)، ލޫކަސް ވަޒްކުއޭޒް (ރެއާލް މެޑްރިޑް)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް