ފީފާ ވޯލްޑް ކަޕް: ބްރެޒިލް އިން 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާނުކޮށްފި

ރަޝިޔާގައި އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލް އިން ނެގި 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާނު ކޮށްފިއެވެ. 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް ހާމަ...

15 May 2018 | 03:29

ރަޝިޔާގައި އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލް އިން ނެގި 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާނު ކޮށްފިއެވެ.

23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް ހާމަކުރުމަށް ފީފާ އިން ޖޫން 4 ގެ ނިޔަލަށް މުއްދަތު ދީފައިވާއިރު، އަދި ގިނަ ގައުމުތަކުން މި ވަގުތު 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑްގެ ބަދަލުގައި ޕްރޮވިޝަނަލް ސްކޮޑް އިއުލާނު ކުރަމުން ދާއިރު، ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލް އިން މި ވަނީ ވޯލްޑް ކަޕަށް ދާނެ ކުޅުންތެރިން ކުރިއާލާ ކަށަވަރުކޮށް، ހާމަކޮށްފައެވެ.

ބްރެޒިލް އިން ވޯލްޑް ކަޕަށް ގެންދާނެ ފައިނަލް ސްކޮޑް ކުރިއާލާ އިއުލާނު ކުރިއިރު، މީގެ ކުރިން މި ދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކޯޗު ޓިޓޭ ވަނީ ޖާގަ ކަށަވަރު 16 ކުޅުންތެރިއެއްގެ ނަން އާންމު ވެސް ކޮށްފައެވެ.

ބްރެޒިލްގެ ފައިނަލް ސްކޮޑުން އެންމެ ފާހަގަ ކޮށްލެވުނު އެއް ކަމަކީ ކަކުލު ހުޅަށް އަނިޔާ ވެފައިވާ ޕީއެސްޖީގެ ކަނާތު ބެކް ޑެނީ އަލްވޭސްގެ ބަދަލުގައި މެންޗެސްޓާ ސިޓީގެ ޑަނީލޯއަށް ޖާގަ ދީފައިވުމެވެ. ޑަނީލޯއަށް ވޯލްޑްކަޕަށް ދާން ފުރުސަތު ލިބުނަސް ފުރަތަމަ 11 ގައި ހިމެނެން އޭނާ ޖެހޭނީ ފެގްނާ އާ ވާދަކުރާށެވެ.

ކުރިން ވެސް ލަފާކުރެވުނު ގޮތަށް ކޯޗު ޓިޓޭ ވަނީ ޔުވެންޓަސްގެ ފޯވާޑް ޑަގްލަސް ކޮސްޓާ އާއި ޝަކްތާގެ މިޑްފީލްޑަރ ފްރެޑް ވެސް ސްކޮޑްގައި ހިމަނާފައެވެ.

ބްރެޒިލްގެ ސަޕޯޓަރުންނަށް އޮތް އުފާވެރި ޚަބަރަކީ ގިނަ ދުވަސްތަކެއް ވާންދެން އަނިޔާގައި ހުރި ބްރެޒިލްގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޭމާ ވެސް ފޯވާޑުންގެ ގޮތުގައި ނެގި ކުޅުންތެރިންގެ ތެރޭގައި ހިމެނުމެވެ. ނޭމާ އާއި ޑަގްލަސް ކޮސްޓާގެ އިތުރުން ފޯވާޑުންގެ ގޮތުގައި ދެން ހިމެނެނީ މެންޗެސްޓާ ސިޓީގެ ޖަބްރިއަލް ޖީސަސް އާއި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އެވެ.

މާކުއިނޯސް، ތިއާގޯ ސިލްވާ އަދި މިރަންޑާ ފަދަ ބްރެޒިލްގެ ސްކޮޑުން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ޑިފެންޑަރުންނާއެކު ފަހު ވަގުތު ގްރެމިއޯގެ ޕެޑްރޯ ގެރޮމެލް އަށް ވެސް ވަނީ ފުރުސަތު ދީފައެވެ. ހަމައެފަދައިން ކޮރިންތިއަންސްގެ ގޯލްކީޕަރ ކަސިއޯ އަށް ވެސް ވަނީ ފުރުސަތު ދީފައެވެ.

ކޯޗު ޓިޓޭ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާނު ކުރިއިރު، އޭނާ ވަނީ ކޯޗުކަމާ ހަވާލުވި ފަހުން އެކިއެކި މެޗުތަކުގައި ތަފާތު 64 ކުޅުންތެރިއަކަށް ފުރުސަތު ދީ އެ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށްފައެވެ.

ބްރެޒިލްގެ ރަސްމީ ޓީމް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ހަފުތާއެއް ވާންދެން އެ ގައުމުގެ ގްރަންޖާ ކޮމަރީ ގައި ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ. އޭގެ ފަހުން 27 ވަނަ ދުވަހު ކޭމްޕް ކުރުމަށް ލަންޑަނަށް ފުރާނެއެވެ. ޗެމްޕިއަންސް ލީގާއި، ޔުރޮޕާ ލީގުގެ ފައިނަލްގައި ވާދަކުރާ ބްރެޒިލްގެ ކުޅުންތެރިން ޓީމާ ގުޅޭނީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.

ބްރެޒިލްގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް:

ގޯލްކީޕަރުން: އެލީސަން (ރޯމާ)، އެޑާސަން (މެންޗެސްޓާ ސިޓީ)، ކަސިއޯ (ކޮރިންތިއަންސް)

ފުލް-ބެކުން: މާސެލޯ (ރެއާލް މެޑްރިޑް)، ޑަނީލޯ (މެންޗެސްޓާ ސިޓީ)، ފިލިއްޕޭ ލުއިޒް (އެތުލެޓިކޯ މެޑްރިޑް)، ފެގްނާ (ކޮރިންތިއަންސް)

ސެންޓަރ-ބެކުން: މާކުއިނޯސް (ޕީއެސްޖީ)، ތިއާގޯ ސިލްވާ (ޕީއެސްޖީ)، މިރާންޑާ (އިންޓަ މިލާން)، ޕެޑްރޯ ގެރޮމެލް (ގްރެމިއޯ)

މިޑްފީލްޑަރސް: ވިލިއަމް (ޗެލްސީ)، ފެނާންޑީނޯ (މެންޗެސްޓާ ސިޓީ)، ޕައުލީނޯ (ބާސެލޯނާ)، ކަސެމީރޯ (ރެއާލް މެޑްރިޑް)، ފިލިއްޕޭ ކުޓީނިއޯ (ބާސެލޯނާ)، ރެނާޓޯ އޮގަސްޓޯ (ބެއިޖިން ގުއޯން)، ފްރެޑް (ޝަކްތާ)

ފޯވާޑުން: ނޭމާ (ޕީއެސްޖީ)، ގެބްރިއަލް ޖީސަސް (މެންޗެސްޓާ ސިޓީ)، ރޮބާޓޯ ފިރްމީނޯ (ލިވަޕޫލް)، ޑަގްލަސް ކޮސްޓާ (ޔުވެންޓަސް)، ޓައިސޮން (ޝަކްތާ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް