އެވަގުތު ނާޝިދަށް ސިއްސައިގެންގޮސްފައި ލޯހުޅުވާލެވުނެވެ. އެއީ ނާޝިދުއަށް ނިދީގައި ފެނުނު ބިރުވެރި ހުވަފެނެކެވެ. ހޭލެވުމާއެކު ނާޝިދު ވިސްނާލިއެވެ. ފަހަކަށް އައިސް ހުމޭދާއަށް ދިމާވަމުންއެދާ ކަންކަމަކީ ނާޝިދުގެ ސަބަބުން ދިމާވާ ކަންކަން ކަމުގައިވާތީ އެކަމާ ނާޝިދު ވަރަށް ބޮޑަށް ދެރަވިއެވެ. ހުމޭދާއަށް ކުޑަކުޑަ ކަމެއް ދިމާވިޔަސް އެކަމާ ނާޝިދު ވަރަށް ދެރަވާނެއެވެ. ހުމޭދާއަކީ ނާޝިދުގެ ފުރާނަމައަށްވުރެވެސް ލޯބިވާ ކުއްޖެކެވެ.
ޖެހިގެން އައިދުވަހެވެ. ހުމޭދާ އާއި ނާޝިދު ނުކުތީ ކާރު ދުއްވާލާށެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތު ކަމުގައިވާތީ ނާޝިދު ގަސްދުކުރީ ބީޗް ކައިރިއަށްގޮސް ކާރުން ފައިބައިގެން ކުޑަކޮށް ހިނގާލާށެވެ. ކާރުން ފައިބައިގެން މަޑުމަޑުން ހިނގަމުންގޮސް ނާޝިދުމެން އިށީނީ ބީޗުގައި ބަހައްޓާފައިހުރި ލަކުޑި ގޮނޑިތަކުން ގޮނޑިއެއްގައެވެ.
"ހާދަ ހިތްގައިމު ދުވަހެކޭދޯ...." ގޮނޑީގައި އިށީންނަމުން ހުމޭދާ ވާހަކަ ދެއްކިއެވެ.
"ހުމޭ.... ނާޝިދު، ހުމޭދެކެ ވަރަށް ލޯބިވޭ.... ނާޝިދު މިހުރިހާ ކަމެއްވެސް މި ކުރަނީ ހަމަ ހުމޭދެކެ އިންތިހާއަށް ލޯބިވާތީ.... ހުމޭ ޙާޞިލް ކުރުމަށްޓަކައި ހުމޭއަށް ނޭނގުނަސް ނާޝިދު ވަރަށް ގިނަ ކަންކަން އެބަކުރަން..... އޭގެ ތެރޭގައި ހުމޭ ހިތްހަމަ ނުޖެހޭ ކަންކަންވެސް ނާޝިދަށް ކުރެވިފައި ހުރެދާނެ..... އެފަދަ ކަމެއް ކުރެވިފައި އޮތިއްޔާ ހުމޭގެ ކިބައިން ނާޝިދު ވަރަށް ބޮޑަށް މަޢާފަށްވެސް އެދެން..... އާދޭސްކޮށްފައި މިބުނަނީ..... ދުވަހަކުވެސް ނާޝިދު ދޫކޮށްނުލައްޗޭ.... ދިމާވާގޮތުން ހުމޭއަށް ޖެހިދާނެ ނާޝިދު އާއި ވަކިވާން.... އެހެން ވިޔަސް ނާޝިދުގެ މީހެއްގެ ގޮތުގައި ހުމޭ އަބަދުވެސް ހުންނައްޗޭ.... ހުމޭދާގެ އަތުގައި ހިފުމަށްފަހު ދުރު ބަލަހައްޓައިގެން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.
"ނާޝިދު، ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ.... ހުމޭވެސް ބޭނުމެއްނޫނޭ ދުވަހަކުވެސް ނާޝިދުއާއި ވަކިވާކަށް..... މިހާރު އަބަދު ކީއްވެތަ ތިހެން ތިކިޔަނީ...." ނާޝިދުގެ ކޮނޑުގައި ބޯއަޅައިލައިގެން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.
"ނާޝިދުއާއި ވަކިވާން ހުމޭއަށް މަޖުބޫރު ވެއްޖިއްޔާޔޯ.....؟" ހުމޭދާ އާއި ދިމާއަށް ބަލަންއިނދެ ނާޝިދު ސުވާލުކޮލިއެވެ.
"މަންމަވެސް ބޭބެވެސް މިހާރު ޤަބޫލެއްނު.... ދެން ކީއްވެ ނާޝިދުއާއި ވަކިވާން ހުމޭއަށް މަޖުބޫރުވާންވީ.... ހުމޭއަށް މަޖުބޫރު ކުރާނެ އިތުރު މީހަކު ނުހުންނާނެއެއްނު....." ނާޝިދުގެ ކޮނޑުގައި ބޯއަޅާލައިގެން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.
"ނާޝިދުވެސް ބޭނުންވާ ގޮތަކީ ތީ.... ވާގޮތެއް ބަލަމާ ދެން...." ނާޝިދު، ހުމޭދާގެ އަތުގާ ހިފާލަމުން ބުނެލިއެވެ.
އަހަރުމެންގެ ކައިވެނީގެ ވާހަކަ ނާޝިދުގެ މަންމަމެންނާ ދައްކައިފިންތަ....؟ ނާޝިދުގެ ކޮނޑުން ބޯ ހިއްލާލަމުން ހުމޭދާ ބުނެލިއެވެ.
"ރޭގައި މަންމަ ގުޅި.... އެކަމަކު ވަރަށް ދެރަ..... މަންމައަށް މިކޮޅަށް އާދެވޭކަށް ނެތޯ..... ކޮންމެސް ބޮޑު ކަމެއް ދިމާވެގެން އުޅެނީ.... ރާއިދުވެސް ބުނީ އޮފީހުން ޗުއްޓީއެއް ނުލިބޭނެޔޯ....." ދުރަށް ބަލަހައްޓައިގެން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.
"މަންމަވެސް އަދި ރާއިދުވެސް ބޭނުންވާނެއެއްނު އަހަރުމެންގެ ކައިވެނީގެ ކަންތައްތަކުގައި ބައިވެރިވާން..... އެހެންވީމަ މަންމަމެންނަށް މިކޮޅަށް ނާދެވެންޏާ މާލެ ގޮސް ކައިވެނި ކުރަންވީނު....." ނާޝިދުއާއި ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"ނޫނޭ.... މިކޮޅުގައި ކައިވެނިކޮށްގެން މާލެދާނީ.... މަންމަވެސް އެގޮތް ޤަބޫލޭ....." ހުމޭދާއާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
"ނާޝިދު ތިގޮތް ބޭނުމިއްޔާ ހުމޭއަށް އޯކޭ..... އެކަމަކު ހުރިހާ މީހުން ތިބިއްޔާ މަޖާވާނީ....." ނާޝިދުއާއި ދިމާއަށް ބަލަން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.
"ނާޝިދު ބުނަންތަ ވާހަކައެއް.... އުފާވެރި ދިރިއުޅުމެއް އުޅެން އެންމެންވެސް ބޭނުންވާނެ. އެފަދަ ދިރިއުޅެއް ނުލިބޭނެކަން އެނގޭ މީހުން އެފަދަ ދިރިއުޅެއް ހޯދަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ.... އުފާވެރި ކާމިޔާބު ދިރިއުޅުމެއް ހޯދުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީ ބޭނުންވާނެ.... އެ އެހީ ޢާއިލާގެ ފަރާތުން ލިބެން ނެތިއްޔާ ޢާއިލާ ދޫކޮށް އެބޭނުންވާ ކަމެއް ކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަންވެސް އެމީހުން ތިބޭނީ ތައްޔަރަށް.... އެކަމަކު މިއީ، ދުނިޔޭގެ ގާނޫނުގާ ލިޔެވިފަވާގޮތެކޭ ނާޝިދު ނުބުނާނަން.... އެކަމަކު ލޯބިވާ މީހަކު ހުރިއްޔާ އެމީހަކު ޙާޞިލް ކުރުމަށްޓަކައި އެމީހަކު ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ ކަމަށް ވިސްނަންވާނެ...." ނާޝިދު ދުރަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ.
"ނާޝިދު މިހާރު ހާދަ ތަފާތު ވެއްޖެއޭ....." ނާޝިދުގެ ވާހަކަތައް އަޑުއަހަން، ނާޝިދުގެ މޫނަށް ބަލަން އިނދެ ޙައިރާންވެފައި ހުމޭދާ ބުނެލިއެވެ.
"މީހަކާ އިންނާކަށްނު މިއުޅެނީ..... އެހެންވީމަ، ކައިވެނި ކުރަންއުޅޭއިރު ވަރަށް ހަރުދަނާ މީހަކަށް ވާންވާނެތާ....." ހުމޭދާގެ ކޮލުގައި ޖަހާލަމުން ހިނިތުންވެފައި އިނދެ ނާޝިދު ބުނެލިއެވެ.
"ކައިވެނި ކުރުމަށްފަހު ހުމޭގެ ޝަރުޠެއް އެބައޮތް......" ހިނިތުންވެފައި އިނދެ މަޖާ ރާގަކަށް ހުމޭދާ ބުނެލިއެވެ.
"ކޮން ޝަރުޠެއް..... ހުމޭގެ ކޮންމެ ޝަރަޠުއްވެސް ނާޝިދު ޤަބޫލު ކުރާނަން..... އެވަރަށް ހުމޭދެކެ ލޯބިވެޔޭ....." ހުމޭދަގެ ކޮލުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.
"ފުރަތަމަ ޝަރުތަކީ، ނާޝިދު ނަމާދަށް ފަރުވާތެރިވާންވާނެ..... ހެނދުނު އެހާގިނައިރު ނިދަން އޮވެގެން ނުވާނެ.... ރޭގަނޑު ބާރައިގެ ފަހުން ގެއިން ބޭރަށް ގޮސްގެން ނުވާނެ.... !" ނާޝިދުއާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ޝަރުޠުތައް ކިޔައިދިނެވެ.
"އައްދޭ.... ތިއީ ހާދަވަރުގަދަ ޝަރުޠުތަކެކޭ..... ތިޝަރުޠުތައް ކޮންމެހެން ނުކުރިޔަސް ތިއީ ކޮންމެ މީހަކުވެސް އުޅެންޖެހޭނެ ގޮތެއްނު.... ނޫންތަ....؟ ހުމޭދާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ނާޝިދުވެސްކޮށްލީ ސުވާލެކެވެ.
"ހިނގާދެން ގެއަށްދަމާ.... މިހާރު ބޭރުގައި އުޅޭތާ ވަރަށް ގިނައިރުވެއްޖެއެއްނު....." ނާޝިދުގެ އަތުގާ ހިފާލަމުން ހުމޭދާ ބުނެލިއެވެ.
"އެހާ ލަސްވެއްޖެތަ....؟ ހުމޭއާއި އެކީ ހުންނައިރު ނާޝިދަކަށް ނޭނގޭ ގަޑިދާގޮތެއްވެސް....." ތެދުވެގެން ކާރާއި ދިމާއަށް ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.
"ގެއަށް ދިޔުމުގެ ކުރިން ކޮޕީ ޝޮޕަކަށްވަދެ ކޮފީއެއް ބޯލައިގެން ދާންވީނު......" ކާރު ދުއްވާލަމުން ނާޝިދު ބުނެލިއެވެ.
ޖެހިގެން އައި ދުވަހެވެ. ރަން ރީނދޫ ކުލައިން ދުނިޔެމަތި އަލިކުރަމުންގޮސް އިރުއަރައިފިއެވެ. ފެންވަރާ ތާޒާ ވެލައިގެން ހުމޭދާ ފޭބީ ތިރިއަށެވެ.
"ދަރިފުޅާ ސައިބޯން އާދޭ....." ހުމޭދާ ފެނުމުން ހަސީނާ ބުނެލިއެވެ.
"ކޮބާ ޢާއިޝާ.....؟" އާއިޝާ ފެންނަން ނެތުމާއެކު ޒާހިރާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"އަދި ނުހޭލާ ކަންނޭނގެ....." ހުމޭދާގެ ސުވާލަށް ޒާހިރާ ޖަވާބު ދިނެވެ.
"އެބައަންނަން ބަލާލާފައި....." ހުމޭދާ ތެދުވެގެން ހިނގައިގަންނަމުން ބުނެލިއެވެ.
ހުމޭދާ ގޮސް ޢާއިޝާ ކޮޓަރީގެ ތަޅުގައި ހިފާލިއިރު ދޮރު ހުޅުވާފައި ހުރުމުން ކޮޓަރިތެރެއަށް ވަނެވެ. ޢާއިޝާ އޮތީ ނިދާފައެވެ. ހުމޭދާ ޢާއިޝާއަށް ގޮވަމުންގޮސް ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު ކުޑަކޮށް ތިރިއަށް ދަމާލުމަށްފަހު ޢާއިޝާއަށް ގޮވަން ފެށިއެވެ. އެވަގުތު ހުމޭދާއަށް ފެނުނީ ޢާއިޝާގެ މޭމަތީގައި ބާއްވާލާފައިވާ ފޮޓޯލޯގަނޑެވެ. ހުމޭދާ ފޮޓޯ ލޯގަނޑު ނެގުމަށްފަހު ލޯގަނޑުގައިވާ ފޮޓޯއަށް ބަލާލިއެވެ. ހުމޭދާ ދިޔައީ ސިއްސައިގެންނެވެ.
ވާހަކައިގެ ސާޅީސް ހަ ވަނަ ބައި، މި ލިންކުން ކިޔާލަން ލިބިލައްވާނެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް